(15) فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ
އަޅެ ފަހެ، އިންސާނާ(ގެ ތަބީއަތް، ނިކަން ދެކިބަލާށެވެ!) އޭނަގެ ސާހިބުވަންތަ ރަސްކަލާނގެ އޭނަ އިމްތިހާނުކުރައްވައި، (އެކަލާނގެ ދީލަތިވަންތަ ކަމުގެ ސަބަބުން ތަނަވަސްކަން ދެއްވައި) އޭނައަށް މާތްކޮށް ހިއްތަވައި އޭނައަށް (މަގާމުތަކާއި މުދަލާއި ފައިސާގެ) ގިނަގުނަ ނިއުމަތްތައް ދެއްވައި (އޭނައަށް ފަސޭހަ ދިރިއުޅުމެއް މެދުވެރިކުރައްވައި)ފި ނަމަ އޭނަ ބުނެތެވެ: އަހަރެންގެ ސާހިބުވަންތަ ރަސްކަލާނގެ (އަހަންނަށް އެ ގޮތް ހައްގުވުމުން) އަހަންނަށް މާތްކޮށް ހިއްތަވައިފިއެވެ.
(16) وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ
އެހެން ނަމަވެސް، އޭނަ(ގެ ސާހިބުވަންތަ ރަސްކަލާނގެ) އޭނަ އިމްތިހާނުކުރައްވައި އޭނަގެ ރިޒުގު މަހުދޫދުކޮށްލައްވައިފި ނަމަ، އޭނަ ބުނެތެވެ: (އެއްވެސް ކަމަކުން ކަމަކާ ނުލައި، އާދެ، ނުހައްގު ގޮތުގައި، އަހަރެންގެ ތަނަވަސްކަން ނިގުޅައިގެންނަވައި) އަހަންނަށް އެކަލާނގެ އިހާނެތިކޮށް ހިއްތަވައިފިއެވެ.
(17) كَلَّا ۖ بَل لَّا تُكْرِمُونَ الْيَتِيمَ
ނަމަވެސް، ފަހަރެއްގައި ވެސް (ހަގީގަތަކީ) އެއެއް ނޫނެވެ. (އޭނައަށް ތަނަވަސްކަން ލިބުނު ވަގުތުގައި، ބޮޑާވެގަނެ،) ޔަތީމުންނާ އޭނަ އަޅައެއް ނުލައެވެ.
(18) وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِينِ
އަދި ނިކަމެތިންނަށް (އެހީތެރިވެ، އެ މީހުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ ގޮތުން، އެންމެ ކުޑަވެގެން) ކާއެތިކޮޅެއް (ހާ ހިސާބު ވެސް) ފޯރުކޮށްލުމަށް، ބާރު ނާޅައެވެ.
(19) وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا
އަދި ކިއެއް ހެއްޔެވެ؟ (ހަލާލު ހަރާމަށް ބެލުމެއް ނެތި، އެހެން މީހުންގެ ހައްގުތައް ފަދަ) ވާރުތަ މުދާ ހަމަ އެއްކޮށް އެމީހުން ކައި (ބޭނުންކޮށްލިއެވެ.)
(20) وَتُحِبُّونَ الْمَالَ حُبًّا جَمًّا
(އެއްވެސް ޝައްކެއް ނެތް ގޮތުގައި، މުދަލާއި ފައިސާއަށް އެއްވެސް ހިފެހެއްޓުމެއް ނެތި އެ މީހުން ލޯބި ކުރިއެވެ.
ކުރު ބަޔާނެއް
އަލްފަޖްރު ސޫރަތުގެ، މަތީގައި އެވާ އާޔަތްކޮޅު އިންސާނާގެ ތަބީއަތުގެ ބައެއް ކަޝްފުކޮށް ހާމަކޮށްދެއެވެ. މަތީ މަގާމުތަކާއި އެކަމާ ގުޅިފައި އޮންނަ މުދަލާއި ފައިސާއާއި ތަނަވަސްކަމާއި އަދި ޖާހު ލިބޭ ވަގުތުތަކުގައި އޭނަ ބޮޑާވެގަނެއެވެ. އަދި، މިކަންކަމީ އޭނަގެ ސާހިބުވަންތަ ރަސްކަލާނގެ އިމްތިހާނެއް ކަމުގައި ހަނދާންނެތި، މިކަންކަމަކީ އޭނައަށް ހައްގުކަންކަން ކަމުގައި ދައުވާކޮށް އެކަމާ ފަޚުރުވެރި ވެއެވެ.
މިއާ ޚިލާފަށް، މަގާމުތަކާއި އެކަމާ ގުޅިފައި އޮންނަ ތަނަވަސްކަމާއި ޖާހު ގެއްލޭ ވަގުތު، މިވެސް އިމްތިހާނެއްކަން ހަނދާންނެތި، އޭނައަށް މި ގޮތް މެދުވެރިވީ ނުހައްގުންކަމަށް ދެކި، އެހެން މީހުން ކުށްވެރިކުރެއެވެ.
މިހެން ދެކޭ އިރު، އޭނަގެ އާރާއި ބާރު އޮތް އިރު އޭނައަށް ކަންތައް ކުރެވުނު ގޮތުގެ މަތިން އޭނަ ހަނދާނެއް ނުހުރެއެވެ. ބޮޑާކަމާއި ކިބުރުވެރިކަން އިސްކޮށް، މުދަލާއި ފައިސާގެ އިންތިހާއީ ދަހިވެތިކަމުގައި، ހަލާލު ހަރާމެއް ބެލުމެއް ނެތި، ނިކަމެތިން މަތިން ހަނދާންނައްތާލައި އެ މީހުންގެ ހައްގުތަކަށް އަރައިގަތް ގޮތް ހިތުން ފޮހެވިގެން ދިޔަ ގޮތް ވެސް ހަނދާނެއް ނެތެވެ.
އާދެ، ވަރަށް ގިނަ ފަހަރު، އިންސާނާގެ ކިބައިން ފެންނަ ގޮތަކީ މިއެވެ. ތަނަވަސްކަމާއި ޖާހު ލިބިގެންވާ ވަގުތުތަކުގައި ބޮޑާވެގަނެ، ނިކަމެތިންގެ މަތިން ހަނދާންނައްތާލެވެއެވެ. އެކަންކަން ގެއްލުމުން، ޝަކުވާކޮށް އެހެން މީހުން ބަދުނާމު ކުރެއެވެ!
މިއިން ލިބޭ އިބުރަތަކީ ކޮބައި ހެއްޔެވެ؟ ތަނަވަސްކަމާއި ޖާހު ލިބޭ ވަގުތު އެކަމަށްޓަކައި މާތްﷲއަށް ޝުކުރުކުރުން މަތީ ދެމިހުރުމެވެ. އަދި، އެހެން މީހުންނަށް ވެސް އަޅާލައި މި ޝުކުރު އަމަލީ ގޮތުން ފާޅުކުރުމެވެ. ޖާހު ގެއްލި އަތްމަތި ދަތިވާ ހިނދު، ކެތްކޮށް، މާޔޫސް ނުވެ، ހެޔޮ ގޮތް އެދި މާތްﷲގެ ހަޟުރަތުގައި ދުއާ ދެންނަވައި، މި ގޮތުގެ މަތިން ކެތްތެރިކަން ފާޅުކުރުމެވެ. އާދެ، ތަނަވަސްކަން ލިބޭ ވަގުތު ޝުކުރުކޮށް، ދަތިތައް ކުރިމަތިވާ ވަގުތު ނާއުއްމީދު ނުވެ ކެތްކުރުމެވެ.
އޭނަގެ ލޮލާއި ހިތް ހުޅުވާލައިގެން ބަލައިފި މީހަކަށް މިފަދަ މަންޒަރުތައް ފެނިފެނި ހުރެއެވެ. މިފަދަ މަންޒަރުތަކުން އިބުރަތް ލިބިގަނެ، ޝުކުރުވެރިވެ އަދި ކެތްތެރިވާ ބައެއްކަމުގައި އަޅަމެން ލައްވާށިއެވެ. އާމީން!

