Support Us

"ދާނެ ތާކަށް ދޭ! ވާނެ ކަމެއް ނޯންނާނެ!"

"މިވެނި މީހެއްގެ ސައިކަލެއް އެވެނި މަގެއްގައި ބަހައްޓައިފައި ހުއްޓައި ވަގަށް ނަގައިފިއެވެ."

މި ޖުމުލަ މިއީ މީގެ އެތަކެއް އަހަރު ކުރިން ރާއްޖޭގެ ނޫހަކުން ފެނުން އެކަށީގެންވާ ސުރުޚީއެކެވެ. އެދުވަސްވަރަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށާއި އެނޫން ރަށްރަށުގައިވެސް އެކަކު އަނެކަކު ދަންނަ ދުވަސްވަރެކެވެ. އެހެންކަމުން، ސުރުޚީގައި އެބުނާ "މިވެނި މީހާ" އެއީ ސާދާ ދިރިއުޅުމެއްގައި ހަމަބިމުގައި އުޅޭ އާދައިގެ މީހަކަށް ވިޔަސް، އެއީ ކާކުކަން ގިނަ ބަޔަކަށް އެނގޭނެއެވެ. އެކަމަކު، މިއަދު  މިއީ އެހެން ދުވަހެކެވެ. މިއަދު އެކަހަލަ ސުރުޚީއަކަށް ނޫހެއްގެ ޞަފުޙާޔަކުން ޖާގައެއް ލިބޭނީ "މިވެނި މީހާ" އެއީ މާލީ ގޮތުން ބާރު ގަދަ، ނުވަތަ ސިޔާސީ ރޮނގުން ތަނަވަސް، ނުވަތަ އެނޫންވެސް ބީދަޔަކުން ރުއް ގިނަ މީހަކަށް ވާނަމައެވެ. އާދައިގެ މީހާ ގެ ސައިކަލެއް އަދި ވަގަށް ނެގިޔަކަސް އެކަމަކާ ނޫސްތަކަކާ ކީކީތޯއެވެ! އޭނާގެ ސައިކަލު ކުޑަ ހަރަށް ލައިފައި ގަވައިދުން ބަހައްޓައިފައި ހުއްޓައި އެއީ ވަކި ވައްތަރެއްގެ ބައެއްގެ ކުޑައަށްޓަށް ހެދިޔަސް، އެއީ އަނެކާޔާ ބެހޭ ކަމެއް ނޫނެވެ. އަދި އެހެން މީހަކަށް އެކަމުން ކަހަރުވަކެކޭވެސް ހީވާކަށް ނުޖެހޭ ދެއްތޯއެވެ؟

އާދައިގެ މީހެއްގެ ސައިކަލެއް ގެއްލިގެން އެ ސައިކަލު ހޯދަން އޭނާ ބޭނުންނަމަ، މިއަދު އޭނާޔަށް ޖެހޭ ކަމަށްވަނީ ލިޔުމުގައި އޮތަސް ކިޔުމުގައި އޭނާޔަށް ފަރުވާ ކުޑަކުރެވިފައިވާތީ ނޭނގި އޮންނަ އެތަކެއް ހަމައެއްގެ މަތީން ޢަމަލު ކުރާށެވެ. ކަނޑައެޅިފައިވާކަން އޭނާޔަށް އެންގެން ޖެހޭ ކަމަށް ބުނެވޭ ގަޑިިތަކުން ކުރެ ވަކި ގަޑިޔެއްގައި، އެ ކަހަލަ ކަންކަމާ ބެހޭ ޝިކާޔަތު އަޑުއަހަށް އެވަގުތަކަށް ކަނޑައެޅިފައި އޮންނަ ވަކި ތާކަށް ހާޒިރުވާށެވެ. އަދި ވަކި ކަހަލަ ކިތާބީ ކަންތައްތަކެއްވެސް ފުރިހަމަ ކޮށްގެން "މައްސަލަޔައިގެން ކުރިޔަށް" ދާށެވެ. އެކަން އޭނާޔަށް ކުރެވިއްޖެ ނަމަ، މައްސަލަ ދަފުތަރު ކުރެވި، ކަމަރާތަކާއި ކެމެރާތައް ހުޅުވޭނެ ކަން އޭނާޔަށް އެންގޭނެއެވެ. ކަންކަން ހިނގައިގަންނަތަން އާދައިގެ މީހަކަށް އަދި ވަގުތުން ނުފެނުނަސް، މައްސަލަޔައިގެން ކުރިޔަށް ދެވޭނެ ކަމުގެ ތަސައްލީ އޭނާޔަށް ލިބިދެވޭނެއެވެ. ސައިކަލުގެ ވެރިމީހާޔަކީ ހިނގަން އޮންނަ މަގުތަކުން ބަރާބަރަށް ހިނގައި، ފަރުދީ ޒިންމާ އަދާ ނުކުރެވޭ ޒާތުގެ ފަރުވާކުޑަ މީހަކަށް ވާނަމަ، އޭނާގެ ސައިކަލު އޭނާޔަށް މުހިންމު ނޫނީއެވެ.  ވައްކަމެއް ކުރެވުނުކަމަށް އަދި ބުނެވުނަކަސް، ތުހުމަތެއް ކުރެވުނަސް، އެވަރަކުން ނުފުދޭނެ ދެއްތޯއެވެ؟ ދެން މިގޮތާ ހިތް ހަމަނުޖެހޭ މޮޔަޔަކު ދާނެ ތާކަށް ގޮސް، ދައްކާނެ ވާހަކައެއް ދައްކައިފާނެ، ދެއްތޯއެވެ!

އަދި ބައެއް ފަހަރު ކަންކަން ވާ ގޮތުން، ދާންވީ މަގުން ނުގޮސް އެހެން ގޮތްގޮތަށް އުޅެވިއްޖެނަމަ، "ކަލޭ ދާނެ ތާކަށް ގޮސް، ޖައްސާނެ މައްސަލައެއް ޖައްސާ!" މިހެން ބުނެވިފައިވެސް އެބަ ހުއްޓޯލައެެވެ. އެކަހަލަ ޔޯލަކޯލައިގެ ތެދުދޮގު ބަލާކަށް އަޅުގަނޑު އަތަކު ހުސްވަގުތެއް ނޯވެއެވެ. އަޅުގަނޑު ލިޔާ ކަހަލަ ފުލޯކު ވާހަކަ ބިދޭސީ ބަހަކުން ލިޔެގެން އެވާ ފައިދާއެއް ހޯދުން އަޅުގަނޑަށް މިވަގުތު މާ މުހިންމެވެ. އެހެންކަމުން، އެހެން ކަމުން މިދެންނެވިހެން ބުނެވޭ ކަމެއް އަޅުގަނޑަކު ވާ ނުދެނެހުރީމެވެ.

ލިޔެވިފައި އޮންނަ ޤާނޫނެއްގެ ކުރިމަތީގައި އެންމެން ހަމަހަމައެވެ. އެނޫން ތަންތާނގައި، އަދި އެނޫން ކަންކަމުގެ ކުރިމަތީގައި، ފަސް އިނގިލި އެއްވަރެއް ނުވާނެޔޭ މުޙާވަރާގައި އެއޮންނަނީ ކީއްވެގެންކަން ނޭނގޭ މީހާޔަށް ވާނީ ވަރަށް ދެރަ ގޮތެކެވެ. މިސާލެއް ދަންނަވާނަމެވެ. ތަންކޮޅެއް ކުރީގައި ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއްް ފަހި ކޮށްދެއްވުމުގެ ޒިންމާ އިސްތަށިފުޅުގައި އަޅުއްވައިގެން، ކިލެގެ ކަމާއި ކަންގަތި ކަމުގެ ކޮލި ލެއްވިގެން، ނުހަނު އަވަދިނެތި އުޅުއްވަން ޖެހިވަޑައިގަންނާ ބޭބޭފުޅުންނަށް ކިޔައި އުޅުނީ ޚާއްޞުންނޭއެވެ. އެ ބޭބޭފުޅުން ކަށިގަނޑުކޮޅު ހިއްޕަވަން ވީމައި ދުވާލަކު ދެ ދަމު ދުންފަތު ކިޔޫގައި މަޑުކޮށްލައްވަން ޖެހިވަޑައިގަންނަވަންޏާ، ރައްޔިތުންގެ ކަންކަން ހުންނާނީ ފަހި ނުވެ ނޫންތޯއެވެ! އެހެން ވީމައި، އެ ބޭބޭފުޅުންނަކީ ކިޔޫޖެހިވަޑައިނުގަންނަވާ ބޭފުޅުން ކަމަށް އެޒަމާނުގައިވެސް އޮތީ ހަމަޖެހިފައެވެ. އެއީ އެންމެންގެ ފައިދާޔަށްޓަކައި އެއިރު ހަމަޖެހިފައި އޮތް ގޮތް ނޫންތޯއެވެ!

ކޮލީގެ ޒަމާން މާޒީވެ ދިޔުމާއެކު، ދެން އައީ ރައްޔިތުންގެ ޚާދިމުން ކަމުގައި އެކި ކަންކަމަށް ޢައްޔަން ކުރެވޭ ބޭބޭފުޅުންނަށް އިނގިރޭސި ބަހުން އެކި ލަޤަބު އެރުވޭ ޒަމާނެވެ. މި ދެންނެވި ފަދަ ބޭބޭފުޅުންނަކީ އިހުގައި އެކިޔުނު ޚާއްޞުންނަށް ވިޔަސް، ނުވިޔަސް، އެއީވެސް ވަރަށް މުހިންމު ފަންތިއެއްގެ ބޭފުޅުންކަން އެންމެންވެސް ދަނެއެވެ. މިޒަމާނުގެ ބަހުރުވައިންނަމަ، އެ ބޭބޭފުޅުންނަކީ އިނގިރޭސި ބަހުގައިވެސް އޮންނަ "ވީ.އައި.ޕީ" ފަންތީގެ ބޭފުޅުން ކަމުގައި ވެއްޖެއެވެ. އެ ކަންވެސް ހަމަޖެހިގެން އެ ދިޔައީ ރަނގަޅެވެ. "ވީ.އައި.ޕީ" ބޭފުުޅުންވެސް ކިޔޫ ޖެހިވަޑައެއް ނުގަންނަވާނެއެވެ. ޙަފުލާތަކާއި ޖަލްސާތަކަށް ވަޑައިގަތަސް، އެ ބޭބޭފުޅުން ވަދެވަޑައިގަންނަވަން ހުންނާނީ ވަކި ދޮރޯށި ކޮޅެކެވެ. އެތެރޭ މާލަމުގައި ހުންނާނީ، އިސް ސަފުގައި، ވަކި ގޮނޑިކޮޅުތަކެކެވެ. އެކަން އޮންނަން ވާނީވެސް އެހެންނެވެ. އަޅެ، ނޫންތޯއެވެ؟

ކަމުގެ ހަމަ މިހައި ރީތިކޮށް ހަމަޖެހިފައި އޮއްވައި، ރައްޔިތުންގެ އެއްވެސް މަޞްލަޙަތަކަށް އެބައެއްގެ ފަރާތުން ސީދާ މަންފާއެއް ޢަމުދުން ނުކުރާ ބަޔަކަށްވެސް "ވީ.އައި.ޕީ" ޖަގަހައިން ޖާގަ ލިބޭތަން ވަކި ކަހަލަ މީހަކަށް ފެނިދާނެއެވެ. ބޮޑެތި ވިޔަފާރި ވެރިންނާއި މަހުޖަނުންވެސް "ވީ.އައި.ޕީ" ގިންތީގައި ގުނޭތަން އެމީހަކަށް ފާހަގަ ކުރެވިދާނެއެވެ. އެއީ ކިހިނެއް ވާ ކަމެއްތޯ ބަލައިލަން ސުވާލެއްވެސް ކޮށްލައިފާނެއެވެ. އެކަމަކު އެ ސުވާލުގެ ޖަވާބުގައި "ދާނެ ތާކަށް ދޭ! ވާނެ ކަމެއް ނޯންނާނެ!"  މިޖަވާބު ލިބިއްޖިއްޔާ، މިގޮތަށް ސުވާލުކުރާ މީހާޔަކީ އެ ވީ އަނގަ ގަދަ، ނުބެހޭ ކަންކަމާ ބެހޭ، ހިފިނުހުރެގެން އުޅޭ ސޮރަަކަށް ތޯއެވެ؟ އޭނާ ދާނެ ތާކަށް ގޮސް، ދައްކާނެ ވާހަކައެއް ދައްކައިފާނެ، ދެއްތޯއެވެ!

ދެންވެސް މިސާލެއް ދަންނަވައިލާނަމެވެ. ދިމާވާ ޚާއްޞަ ޙާލަތަކާ ވިދިގެން، ރައްޔިތު އެންމެންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި، ހަވީރު ފަހަކުން ހެނދުނު އަށަކާ ދޭތެރޭ ޢިމާރާތް ކުރުމުގެ މަސައްކަތް މަނާ ކުރެވިދާނެއެވެ. އެކަހަލަ ދުވަސްވަރެއްގައި މަޣުރިބު ނަމާދު ކީއްކުރަންތޯއޭ، ޢިޝާނަމާދުން ފައިބައިގެން އަންނަ މީހާޔަށްވެސް ލޮލުން ދެކެ، އަތުން ހިފައި، ކަންފަތަށް ނުކުޅަދާނަ ވާވަރަށް އިވޭ ވަރަށް ވަކި ޚާއްޞަ މީހެއްގެ މޮޅު ޢިމާރާތެއްގެ ގުންގުރޭޓު މަސައްކަތް ކުރިޔަށް ދާތަން ބަޔަކަށް ފެނިދާނެއެވެ. އިވިވެސް ދާނެއެވެ. އެހެންނަމަވެސް، އެއީ އިޢުލާން ކޮށްފައިވާ ޢާންމު ހަމައިން އިސްތިސްނާވާ ކަމަކަށްވެސް ވެދާނެ، ނޫންތޯއެވެ؟ އެހެންނަމަވެސް، އެއީ އަނެއްކާ ކޮންކަހަލަ ޚާއްޞަ އުޞޫލަކުން ހަމަޖެހިގެން ހިނގާ ކަމެއްބާއޭ އަހައިލަން ހިތަށް އެރިޔަސް، އަހައިލަން ބޭނުން މީހުންނަށްވުރެ ގިނަވާނީ އަޅައިނުލައި، މަޖުބޫރުން ކެތް ކޮށްލާ މީހުން ކަމަށްވެސް ވެދާނެއެވެ. ސަބަބެއް އަޅުގަނޑަކަށް ހަމަ ނޭނގެއެވެ. އެކަމަކު އެއީވެސް "ދާނެ ތާކަށް ދޭ! ވާނެ ކަމެއް ނޯންނާނެ!" ކަމަށް ވަންޏާ އެއީ ދެރަ ކަމެކެވެ.

އަދި އެހެން މިސާލެކެވެ. މީހުން ދިރިއުޅޭ ސަރަޙައްދުގައި ވަޑާންގެ ހިންގަން ހުއްދަ ދިނުމަކީ ދެން ކުރެވޭނެ ކަމެއް ނޫނޭ އެއް ދިމާއިން ބުނާތާ އަހަރެއްވެސް ވާފަހުން، ބައިބޯ ހިސާބެއްގެ މެދުގައި ވަޑާންގެއެއް ވުޖޫދަށް އަތުވެދާނެއެވެ. ރޭގަނޑާއި ދުވާލު ކަރަންޓު ކީހުން ލަކުޑި ކީހާ އަޑު އިވެމުން ހިނގައިދާނެއެވެ. މެންދަމުން އަލިވާ ފަހުންވިޔަސް ރޭގަނޑު ނިދަން ބޭނުންވާ އާދައިގެ މީހާގެ ކަންފަތަށް ކަފަ އުނގުރި ޖަހަން ޖެހިދާނެއެވެ. އަވަށްޓެރި ގޭގޭގައި އުޅޭ ކުދިންގެ ލޮލަށް ކީސްކުނޑި އެޅުމަކީ އާދަޔަކަށް ވެދާނެއެވެ. އެކަމަކު އެ ވަޑާންގެޔަކީ ޤަވާޢިދާ ޚިލާފަށް ދެވުނު ހުއްދަޔެއްގެ ދަށުން ހިންގާ ތަނެކޭ ބުނަން ހެޔޮވެސް ނުވާނެއެވެ. އެއީ ޤަވާޢިދާ ޚިލާފަށް ހިނގާ ތާކަށްވެސް ވެދާނެ ނޫންތޯއެވެ؟ އެހެން ވިޔަސް، އެކަމާވެސް މީހުން އަޅައިނުލައި ހިންދިރުވައި އެ ލަނީ، "ދާނެ ތާކަށް ދޭ! ވާނެ ކަމެއް ނޯންނާނެ!" މި އަޑުއަހަން ވަގުތު ބޭކާރު ކުރަން ބޭނުން ނުވެގެން ކަމަށް ވަންޏާ، އެއީވެސް ދެރަ ކަމެކެވެ.

އަދިވެސް އެކަހަލަ މިސާލެކެވެ. މަގުމަތީ ބަހައްޓައިގެން، ދުއްވާ އެއްޗިހި މަރާމާތު ކުރުމަކީ ކަނޑައެޅިގެން ޤާނޫނާއި ޤަވައިދާ ޚިލާފު ކަމެކޭ އެއް ދިމާއެއްގައި ބަޔާން ވެފައި އޮވެޔޯލައެވެ. އެހެންނަމަވެސް، މައި މަގެއްގައި އަލަށް ހުޅުވި ގަރާޖެއްގެ ދޮރުމަތި ކަޅުތެެލުން ކަޅިވެފައި އެ އޮންނަނީ ކީއްވެ ބާއޭ އަހާނެ މީހަކު ނުވެއެވެ. ނުވަތަ މަގުމަތީގައި ރީނދޫ ކުލައިގެ ދެ ރޮނގު ދަމައި، އެވަރުން ނުވެގެން އޮރެންޖު ކުލައިގެ ކޯރި ބަހައްޓައި، ރީނދޫ ފީތާ ދަމައިފައި އޮންނަ ސަރަޙައްދެއްގައި އެއްދުވަހު ހުންނަ ކޯރި އަނެއް ދުވަހު އިރު އަރާއިރު ދުވާރު މައްޗަށް އަރައިގެން ހިނގައިދާނެއެވެ. ކުރީގައި އެ ކޯރި ހުރި ތާނގައި ވަރަށް ކަންފަސޭހަ ގޮތަކަށް މަގުމަތީގައި ބާއްވައިފައި އޮންނަ ބޮޑު ލޯރިޔެއްގެ ބޭރުފަރާތުގައި ރެންޗު ފޮށި ހިފައިގެން އިށީނދެގެން އެއިންނަ ބިދޭސީ މީހާގެ ގައިން ނައްޓަމުން އެދުއްވާ ރަސްމީ އަދި ނުރަސްމީ އުޅަނދުތައް އެދަނީ އެމީހާ ނުފެނި ކަމަށް ވަންޏާ އެކަމުގެ ސަބަބު ތަކެއްވެސް އޮންނާނެއެވެ. އެ ސަބަބު ތަކުގެ ތެރޭގައި "ދާނެ ތާކަށް ދޭ! ވާނެ ކަމެއް ނޯންނާނެ!" ހިމެނޭ ކަމަށް ވަންޏާ، ހިތާމަ ހުއްޓެވެ!

ވަގުންނާއި ފޭރޭ މީހުންނާއި ޤަވާޢިދާ ޚިލާފަށް ކަންކަން ކުރާ މީހުންގެ އުނދަގުލާއި ދުއްތުރާ ފޯރާ ނިކަމެތި މީހާ ދާނެ ވަކި ތަނެއް ނެތިފައި، ތާކަށް ދިޔަޔަސް އެމީހަކު ޙައްލުކުރަން ބޭނުންވާ ކަންތައް ޙައްލު ނުވަންޏާ، އެ ބުނާ "ދާނެ ތާކަށް ދޭ! ވާނެ ކަމެއް ނޯންނާނެ!" އެ ވަނީ ޙަޤީޤަތަކަށެވެ. އެ ނިކަމެތިކަމާ ކުރިމަތިލާން ޖެހޭ މީހަޔަށް ދެން ޖެހޭނީ އަމިއްލަ ނިކަމެތިކަމާއި، މޮޔަކަން ޤަބޫލު ކުރާށެވެ. ތިމާ އުޅޭ ޤައުމާއި މުޖުތަމަޢުގައި ތިމާޔަކީ އަގެއްނެތް ކުނިގަނޑަކަށް ވާކަމުގެ އިޙްސާސް ކުރާށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ހިތުގައި އުފެދޭ މާޔޫސް ކަން ތަޙައްމަލް ކުރާށެވެ. އަދި އެހައިވަރުގެ "ތަހުޒީބެއް" ނެތް މީހާޔަށް ޖެހޭނީ އެކަމާ އަންނަ ރުޅިޔާއި، ވާ ފޫއްސާއި، ހިތުގައި އުފެދޭ ނާޖާއިޒު ނަފުރަތާއި ނުރުހުން ހަނދާން ނައްތައިލައިފައި، އާވާރާވެގެން، މާސްކުވެސް ނާޅައި، މަގުހިނގަން ނިކުންނަން ތޯއެވެ؟

ނޫނެކެވެ! އެކަމަކު މިދެންނެވި ސުވާލު ތަކުގެ ސީދާ ޖަވާބެއް އަޅުގަނޑުގެ ކިބައެއްގައި އަދިއެއް ނެތެވެ.

އެހެންނަމަވެސް، ނިކަމެތި ފަޤީރު މޮޔައިގެން ތެރޭގައިވެސް، ބައެއްފަހަރު ނަމަވެސް، ދުރުވިސްނޭ ބަޔަކު ތިބޭނެއެވެ. "ކަލޭވެސް ދާނެ ތާކަށް ގޮސް، ޖައްސާނެ މައްސަލައެއް ޖެއްސުމުގެ މިނިވަންކަން ކަލެޔަށް އެބަ އޮތެއްނު؟ އަހަރުމެންނަށް ވާނެ ކަމެއް ނޯންނާނެ! އެކަމަކު ދޭބަލަ ކަމެއްވޭތޯ ބަލައިލަން!" މިކަހަލަ ޢިބާރާތަކުން ދިމާޔަށް އެ އިވޭ "އަހަރުމެންނަށް ވާނެ ކަމެއް ނޯންނާނެ!" އެއީ ވަރަށް ނުރައްކާތެރި ޖުމުލައެކެވެ. ކުރިމަތި ކުރެވޭ ގޮންޖެހުމެކެވެ. އެ ޖުމުލައިގައި އެެވާ ދެރަ މަލާމާތަކީ ނިކަމެެތީންގެ ތެރޭގައި ތިބޭ، އެ ނިކަމެތިކަން ދާއިމަށް ތަޙައްމަލް ކުރަން ޤަބޫލު ނުވާނެ ބަޔަކަށް ލިބިދެވޭ ހިތްވަރެކެވެ. އެ ޖުމުލައިގައި އެވާ  ގޮންޖެހުން ހިންދިރުވައިލުމަކާ އެކު ބަަލައިގަންނާނީ ވަރަށް ބޮޑަށް އަޅުވެތި ވެފައިވާ މީހެކެވެ. އެނޫން މީހުން އެ ގޮންޖެހުން ބަލައިގަންނާނީ އާނދޮގޭއޭ ބުނަމުންނެވެ. އަދި މައްސަލަޔެއް ޖެއްސިޔަސް އަޑު އަހާނެ ބަޔަކު އެންމެންނަށް ފެންނަ ހިސާބުގައި ނެތިއްޔާ، ތިމާމެން ދެން ދާނެ އާ އެހެން ތަނެއް، ނުވަތަ އާ އެހެން ދިމާއެއް އެބަ އޮތްތޯ ބަލަން ފެށުމަކީވެސް އެ މީހުން ކުރަން ފަށައިފާނެ ކަމެކެވެ.

ދަަނބޮއްފުޅު ގަހަކު ތޮފަޅަ ތާށިވީމައި، އެކަމުން އޭނާ މިންޖުކުރަން އެ ކުރާ މަސައްކަތުގައި ބޭބެ ވަޅީގައި ތުނޑެއް ނެތޭ ބުނާ ކޮންމެ ބޭބެއަކާ ދުރަށް ގޮސް، ވަޅީގައި ތުނޑުހުރީ ކޮން ބޭބެޔެއްގެތޯ ހޯދަން ނިކުތުމަކީވެސް މިދެންނެވި ގޮންޖެހުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު އަޑު އިވުނު ބަޔަކަށް ވުން ވަރަށް ގާތް ކަމެކެވެ. މި ކަހަލަ ގޮންޖެހުންތައް ކުރިމަތިވަނީ މާލީ ގޮތުން، ނުވަތަ ސިޔާސީ ގޮތުން އެކަނި ތިބި، ނުވަތަ ނިކަމެތީންނަށް ކަމަށް ފެނިއްޖިއްޔާ، ތިމާމެންގެ އެ ނިކަމެތިކަން އެހެން ގޮތަކަށް ބަދަލުކުރަން ކުރެވުނުހައި މަސައްކަތެއް ކުރެވުނުހައި މަގަކުން ކުރުމަކީވެސް އާޚިރުގައި ވަރަށް ގާތުގައި އޮންނާނެ ކަމެެކެވެ. ލިޔެވިފައި އޮންނަ މަގުން ހިނގައިގެން ކަށިކުނބުރު ޖަންގައްޔަކުން ނުނިކުމެވިއްޖިއްޔާ، މުޅިން އެހެން މަގަކުން ހިނގައިގެން ނަމަވެސް އަލި ރާސްތާއެއް ފެނޭތޯ ބަލަން ހަމަ އެމީހުން ނުކުތުމަކީވެސް ވެދާނެ ކަމެކެވެ. މިނޫން ގޮތަކަށް،  އަމިއްލަ ނިކަމެތިކަމާއި، އެބުނެވޭ މޮޔަކަމާއި،  އަންނަ ރުޅިޔާއި، ހިތުގައި އުފެދޭ ނާޖާއިޒު ނަފުރަތު ހަނދާން ނައްތައިލައިފައި، އާވާރާވެގެން މާސްކުވެސް ނާޅައި މަގުހިނގަން ނިކުންނާނީ ހަމަ ގައިމުވެސް މޮޔައިންނެވެ. ވިސްނޭ މީހުން އުޅޭނީ އަދި އެހެން ގޮތަކަށެވެ.

"ދާނެ ތާކަށް ދޭ!" އެއީ އެންމެނަށްވެސް އޮންނަ މިނިވަން ކަމެކެވެ. މީހަކު ކޮންމެހެން ބުނެނުދިނަސް ގިނަ މީހުންނަށް އެނގޭ ކަމެކެވެ. އެކަން އަޅުގަނޑަށް ޔަޤީނެވެ.

"ވާނެ ކަމެއް ނޯންނާނެ!" މިހެން ބުނާ މީހަކު އެހެން ބުނެލާއިރު އެއީ ކުރެވޭ ކުށް ހީއެއްގެ ސަބަބުން ބުނެވޭ އެއްޗަކަށް ވުން ގިނަ ފަހަރަށް އޮންނާނީ ވަރަށް ގާތުގައެވެ. ދުނިޔެއަކީ އަބަދު އެއް ގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. މިއަަދު ނުވި ކަމެއް މާދަމާ ވުން އެއީ އިންސާނީ ކަންކަމުގައި ވަރަށް ގާތުގައި އޮންނަ ހަމައެކެވެ. އެކަންވެސް އަޅުގަނޑަށް ޔަޤީނެވެ.