Support Us

ކޮލަމް ކަލާވެހި: ދެ ކަށްބޮލުގެ ވާހަކަ (ފުރަތަމަ ބައި)

އޮޅުދޫކަރައިގެ މިހައިރުގެ ވެރިރަށް ކަމުގައި ކިޔައި އުޅޭ ކޮޅުނބާ ދުއިސައްތައެއްހައި ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށްގަނޑެއް ކަމުގައިވާ މީމުރޭގައްޔާއި އެ އަވަށުގެ ވަށަވަށައިގެން އެކި ކަންކަމު ވަޒަންވެރިވެގެން އުޅުނު މީހުންގެ ތެރެއިން މަރުވާ މީހުންގެ ގާތްތިމާގެ މީހުން އަންދައިނުލައި ވަޅުލާން ބޭނުންވާ މައްޔިތުންނަށްޓަކައި ކެންޑީގެ އެންމެ ފަހުގެ ރާޖާ ސިރީ ވިކްރަމަ ރާޖަސިންހަގެ ހެޔޮފުޅުކަމުން ދެއްވައިފައި އޮތް ބިންކޮޅެއް އަވަށުގެ ބޭރުގައި އޮތޯލައެވެ. އަދި އެ ތަނަކީ ނާމާން، އަނދިރި ތަނެއް ކަމުގައި އެ ހިސާބުގައި އުޅޭ މީހުންނާއި އެ ހިސާބަށް ގޮސްއުޅުނު ގިނަ މީހުން ދެކެއުޅުނު ކަމަށް ވާތީ، އެ ތާނގައި ހުރި ބައެއް މަހާނައިގެ މައްޗަށް އަރުވައިފައި ހުރި މަހާނަގައުތަކަކީ ބެހެއްޓުނުތާ އެތައް ޤަރުނެއް ވެފައި ހުރި އެއްޗިއްސަށް ވިޔަސް، ހިފިނުހުރެގެން އުޅޭ ޒާތުގެ ލާނެއް ކުދީންނާއި އާސާރީ ތަކެތީން ވައްކަންކޮށްގެން އެކިއެކި ވިލާތްތަކަށް ގެންގޮސްއުޅުނު ޒާތުގެ ޤަބުރު ކޮންނަ ސައިންސުވެރީންގެ ކިބައިންވެސް ސަލާމަތްވެފައި ހުރި ތަކެއްޗަށް ވިޔޯލައެވެ.

ކަން މިހެން އޮއްވައި، ދުނިޔޭގެ ޣައިރު-އިސްތިޢުމާރީ އެކި ކަންކޮޅުތަކުގައި އަނގަޔާ އަތާ ދިމާކުރުމާއި އަމިއްލަ މުހުތާދުތައް އަމިއްލަޔަށް ފުއްދުމުގައި އަމިއްލަ ހިތްވަރާއި ފަންވަރާއި މަސައްކަތުން ކަންކަން ދެކޮޅުޖައްސައިލައިގެން ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމުގައި ދެމިތިބި ބައެއްގެ މައްޗަށް އެ ނޫން ނަޒަރިއްޔާ ތަކުގެ ތަޢުލީމާއި ފިކުރު ފަތުރާނޭ ބަޔަކު އެކި ސިފަސިފައިގައި އައިސް، ނުވަތަ ބާރު ފޯރުވައި، ނުވަތަ ފާވެގެން ނަމަވެސް، ކަންކަން ބަދަލުވެގެން ދިޔުމުގެ ކޮޅުމަތި މީގެ ފަންސާހަކަށް ފަސްދޮޅަހަކަށް ކުރީން މީމުރޭއިން ވެސް ފެންނާން ފެށިއެވެ. ތަނުގައި ހުރި ބައެއް ތަންތަނާއި ކަންކަމާއި އާދަކާދަޔަކީ ބޯދާ ޒަމާނުގެ ކަޓު ތަންތަނާއި ކަންކަމާއި އާދަކާދަޔަށް ހަދައި، ޒަމާނީ ޢަޞަރިއްޔަތުގެ ކުލަތައް މީމުރޭގައިވެސް ޖައްސާން ބޭނުންވި ބަޔަކު އެ އަވަށްގަނޑުގައިވެސް އެޔާ ވިދިގެން ފައިދާވެއްޖެއެވެ.

މިދެންނެވި ޒަމާނީކުރުމުގެ ރޫޙު މީމުރޭގައި ހިފައި، ވަކިހިއްޕައިލައި، ވަޒަންވެރިވި ހިސާބުން، މީމުރޭގެ ކަންކަން ޒަމާނީ ކުރުމުގެ ގޮތުން މިފަހަކަށް އައިސް ހިންގުނު ޙަރަކާތްތަކުގެ ތެރޭގައި، އަވަށުގައި ތިބި ފޯރާ ޒާތުގެ ބައެއް މީހުން އަވަށުގައި ކެފޭތަކާއި ސައިހޮޓާތައް ހެދުމާއި، ފައިސާގެ މިންގަނޑުން އަތްމަތި ދަތި ބައެއް މީހުންގެ ބިންބިމާއި ގޯތިގެދޮރު އަގުގައްޔާއި ނުއަގުގައި، ރުހުމުގައްޔާއި ނުރުހުމުގައި ނަމަވެސް ގަނެ،ޖަހައިގަނެ، އެ ތަންތާނގައި ހުރި ފިޔަފާޅިތައް ނައްތައިލައި، ޒަމާނުގެ މިންގަނޑުން އެކި ޢަދަދުގެ ތަރީގެ ހޮޓާތައް އެޅުމުގެ ހުވަފެންވެސް އެ މީސްމީހުން ދެކޭން ފަށައިފި މެއެވެ. އަދި މީގެ ތެރެއިން ބައެއް ހުވަފެނަށް ޙަޤީޤީ ކުލަޔާއި ރަހަޔާއި ވަހާއި ސިފަ އަންނާންވެސް ފަށައިފި މެއެވެ.

ދެންފަހެ، މި ދެންނެވި ޒާތުގެ ހުވަފެންތަކުގައި މި ދެންނެވި ސިފަތައް ހިފާން ފެށުމާއެކު، އަގުބޮޑު އަހެއްގައި އަވަށަށް އަލަށް އައިސް، ތަނުގައި ދާއިމަށް ވަޒަންވެރި އަދި ނުވިޔަސް އޭނާގެ ޢާއިލާއިން ބަޔަކު ނަމަވެސް ތަނުގައި ދާއިމަށް ތިބޭނޭ ކަމަށް ބުނަމުން ދިޔަ މަހުޖަނެއްގެ ލޮލުގައި ރާޖާ ސިރީ ވިކްރަމަ ރާޖަސިންހަ މީމުރޭޔަށް ދެއްވި ކަށްބިން އަޅައިގެންފިއެވެ. އަދި އެއީ ޒަމާނަށް ނުފެތޭ ބޮޑު އިސްރާފެއް ކަމަށާއި، އެ ތަނަކީ މުޅި އަވަށަށް ފައިދާވާނޭ މަގުން ހަތް ތަރީގެ ހޮޓަލެއް އަޅާން ހަމަ އެންމެ އެކަށީގެންވާ ތަނޭ އޭނާ ބުނާން ފަށައިފިއެވެ. އަދި މީމުރޭގެ ކަންކަން ބޮލަރުވައިގެން ހިންގާ ޕްރަދޭޝިޔާ ސަބާ ކައުންސިލުގެ އެންމެހައި މެންބަރުންނަށް އެ ކަން އެކި ގޮތްގޮތާއި މަގުމަގުން އަންގައި، ކިޔައިދީ، އޮޅުންފިލުވައިދީ ހެދުމުގެ މަސައްކަތް ފަށައިފި މެއެވެ. އަދި އެޔާ ވިދިގެން، ލަސްތަކެއް ނުވެ، އެ މަސައްކަތުގެ ފިނި ފޮނި މޭވާ އޭނާޔަށް ދާދި އަވަހަށް ލިބޭނޭ ކަމުގެ ފުރިހަމަ ކަށަވަރުކަން ވެސް އޭނާޔަށް ލިބިއްޖެ މެއެވެ.

މީމުރޭގެ ބޭރުގައި އޮތް ކަށްބިމުގައި ހުރި މަހާނަގައުތައް ނަގައި، އޭގެ ތެރިން ސައިންސުގެ ދިރާސާތަކަށް ވިލާތަށް ގެންދާން ކަމުދާކަމަށް ވިލާތުން އެކަމަށް އައި މީހުން ގެންދާން ބޭނުންވި އެއްޗިހި ހަލާކުނުކޮށް ގެންގޮސް، ކަށްބިމުގައި ހުރި ސަންދޯއްތަކުން ސަލާމަތުން ހުރި އެއްޗިއްސާއި ފީ ލަކުޑިއާއި، ކަށިފުރޭނިފައި ހުރި ގަބުރުތަކުގެ ބައިތައް ނަގައި، އުކައިލާން ދެއްކި ތާކަށް އުކައިލައި ހަދާން އަވަށްގަނޑަށް ގެންނާން ނިމުނު އެންމެ މިޒަމާނުގެ ފާޑުފާޑުގެ ނަންނަން ކިޔާ އުޅަނދުތަކާއި އާލާތައް ގެނައުމުގައި މަގު ހަދާން ވެއްޖިއްޔާ އެކަންވެސް ކޮށްގެން ގެނައި އެއްޗިހީގެ މަސައްކަތް އިސާހިތަކު ފަށައިގެންފިއެވެ.

އަޅުގަނޑުމެންގެ ވާހަކަ ފެށޭ ހިސާބަކީ މިއީއެވެ.

(ވާހަކައިގެ ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!)