Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ލިބޭނެއެވެ. ހޯދޭނެއެވެ. ހޯދާނަމެވެ.

ފޯޅައްސަކީ ދިވެހީންގެ ފަޅުރަށްތަކެކެވެ! އެކަމަށް ދިވެހި ތާރީޚާާއި ބޭރުގެ އެކިއެކި ލިޔުންތެރީންގެ ލިޔުންތަކުންވެސް ސާފު ހެކި ލިބެއެވެ. އެހެން އެކަން ހުރިނަމަވެސް ފޯޅަވައްސަކީ މޮރިޝަސްގެ ތަނަކަށް ހެދުމަށްޓަކައި ރާއްޖެއާއި ފޯޅަވައްސާ ހުރި ގުޅުންތަކުގެ އެންމެހައި އަސަރެއް ނައްތާލައި އޮޅުވައިލައި ހަގީގަތް ވަންހަނާ ކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް ވާގިވެރިވެދޭ މީހުން ދިވެހީންގެ ތެރޭގައި ތިބިކަން ގަބޫލު ކުރަން ޖެހެއެެވެ. ދިވެހި ތާރީޚް ބުނާ ގޮތުން އެއްވެސް ޒަމާނަކު ދިވެހި ދައުލަތުގެ ސިޔާދަތަށް ބޭރުގެ ނުފޫޒެއް ދިވެހީންގެ ބައެއްގެ ބައިވެރިވުން ނެތި ފޯރާފައި ނުވާކަމީ ހަގީގަތެކެވެ.

އެހެން އެކަން ނުވެއެއްވެސް ނުދާނެތާއެވެ. ފޯޅަވައްސަކީ ދިވެހީންގެ ތަނެއްކަމަށް ބަޔާން ކުރައްވައި ޕޯޗްގީޒްގެ ރަސްގެފާނަށް ސިޓީފުޅެއް ފޮނުއްވި، ދިވެހިރާއްޖޭގެ ރަސްކަލަކީ ހިލާލީ ދަރިކޮޅުގެ ޙަސަން ރަސްގެފާނު (ނުވަވަނަ) ކަމާއި، އެރަސްގެފަނަކީ މީލާދީ ސަނަތުން 1550 ވަނަ އަހަރުން ފެށިގެން 1632 ވަނަ އަހަރާ ދެމެދުން، 1558 ވަނަ އަހަރުގެ ތެރޭގެ ކުޑަކުޑަ ހިނދުކޮޅެއް ފިޔަވައި 82 އަހަރު ދުވަހު ރާއްޖޭގެ ރަސްކަން ކުރެއްވި ރަސްކަލެއްކަން ދިވެހި ތާރީޚުން ސާފުކޮށް އެނގޭއިރުވެސް، ކޮންމެހެން ފޯޅަވަހި ދިވެހީންގެ ތަނެއް ނޫންކަމަށް ހެދުމަށްޓަކައި، އެެސިޓީފުޅެއް ފޮނުއްވި އިރު ހަސަން ރަސްގެފާނަކީ ރަސްކަލެއްވެސް ނޫނޭ ބުނުންފަދަ ބޮޑަތި ބުހުތާން ވާހަކަތައްވެސް ޓީވީތަކަށް އަރައިގެންނާއި މަޒުމޫނުތައް ލިޔެގެންވެސް ހާމަކުރާން އުޅޭތީ އެބަ ފެނޭ ވިއްޔާއެވެ.

ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ވަކިބަޔަކަށް ހަދައިދޭންވެގެން ނުވަވަނަ ޙަސަން ރަސްގެފާނަކީ، ކާފަރެކޭ، އެހެންވީމާ އެރަސްގެފާނުގެ ވާހަކަ ގަބޫލެއް ނުކުރެވޭ ކިޔައިގެންވެސް އެރަސްގެފާނު ވިދާޅުވި ފޯޅަވަހީގެ ވާހަކަފުޅު ނަފީކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރަނީކަންވެސް ފަޅާއަރާ ވިއްޔާއެވެ.

ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ އެއް ދައުލަތުން އަނެއް ދައުލަތަށް ފޮނުވާ ލިޔުންތަކާއި ކުރެވޭ އެގްރީމަންޓްތަކާއި މުޢާމަލާތުތައް ޞައްޙަވަނީ ގައުމުގައުމުގެ ވެރީންގެ ދީނަށް ބަލައިގެން ކަމަކަށް ކަނޑަޅާފައި އޮންނަ އުޞޫލެއް ދުނިޔޭގައި އޮވޭބާވައެވެ.

އެކަމަކު އަޖައިބަކީ، އެފަދަ މީހުން ދިވެހިރާއްޖޭގެ ތާރީޚީ ކަންކަން ސާބިތުކުރުމަށް ދަލީލު ދައްކާން ލިޔާ ތަކެތީގައި އެޗްސީޕީބެލް އެވެކިޔާ އިނގިރޭސިޔަކު ލިޔެފައި ހުންނަ ހުރިހައި ލިޔުމެއް ޞަޙީޙް ތަކެތި ކަމަށް ހަދައި މުޤައްދަސްވެސް ކުރާ ފަދައެވެ. އެކަމަކު އެ ބުނާ އެޗްސީޕީބެލް އަކީވެސް، ހަމަ ޙަސަން ރަސްގެފާނު ފަދަ ބޮޑުސިންގާ ކާފަރެކެވެ. އެކަމަކު އެކަމެއްވެސް އެވެރިންނަކަށް ރޭކައިލާ ކަމަކަށް ނުވެއެވެ. ތަޢައްޞުބީ ޙަސަދައަކީ އެކަހަލަ ކަމަކީތާއެވެ. ޔަހޫދީން ތައުރާތު އޮޅުވައި ހެދީވެސް އެމީހުން ހަދާ ބުހުތާނުތައް ދެކޮޅު ނުޖެހި ފަޅާއެރީމާ އެކަން ފޫބައްދާން ވެގެން ދެން ހެދޭނެ ގޮތަކަށް އޮންނަނީ ފޮތަށް ބަދަލު ގެނައުން ކަމަށް ވޭތާއެވެ.

އަމުދުން ތާރީޚީ ކަންކަމުގެ ތެރޭގައި އުޅޭ މީހުން ސިއްރިޔާތުގައި އެކަމަށް ވާގިވެރިވެދޭކަން ފާހަގަ ވާނެއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ތިލަވެގެން އައި މޮރިޝަސްގެ މައްސަލައިގައި ދިވެހި ސަރުކާރުން ބަހެއް ބުނާން ޖެހުނު ދަނޑިވަޅުގައި އަމިއްލަ ގައުމާ ދެކޮޅަށް ފާޅުގައި ރައީސް ސޯލިހު ބަސްވިދާޅުވެ ސިއްރު ސިޓީފުޅެއް ފޮނުއްވުނު ކެހި ލިބިވަޑައިގަތް ސަބަބަކީވެސް އެެއެވެ. އެހެން ނޫންނަމަ ދިވެހި ރައްޔިތުންގެ ވެރިއަކަށް ހުންނަވައިގެން ދިވެހި ގައުމާ ދެކޮޅަށް އެނގިވަޑައި ނުގަންނަވާ ކަމެއްގައި އަމިއްލަފުޅު ގައުމާ ދެކޮޅަށް ފާޅުގައި އެފަދަ ބަސްފުޅެއް ވިދާޅުވެވަޑައިގަންނަވާން ޖެހިވަޑައެއްވެސް ނުގެންނެވީހެވެ. އަދި އެފަދަ ކަންކަމަކީ ގައުމަށް ޣައްދާރުވާ މީހުންގެ ކަޅު ލިސްޓުގައި ލިޔެވިގެން ހިނގައިދާފަދަ ކަމެއްކަމަށް ވާއިރު އެފަދަކަމެއް ގައުމާ ދެކޮޅަކަށް ގައިމުވެސް ނުކުރެއްވީހެވެ.

އެހެންވީމާ، ވެރިކަމަށް ވަޑައިގެންނެވޭ ބޭފުޅުންވެސް ގައުމީ ތާރީޚުގެ މައްޗަށް ހޭފުޅުލެއްވުމަކީ މުހިއްމު ކަމެއްކަމަށް، އަދި ވެރީންނަށް ތާރީޚީ ލަފާ އަރުވާ މީހުންނަކީވެސް ގައުމަށް ވަފާތެރީންކަމަށް، ވުމަކީ، ލާޒިމު ކަމެއް ކަމަށް ހަދާން އެބަ ޖެހެއެވެ. ތާރީޚީ މީހަކަށް އަމިއްލަޔަށް ވެގެންއުޅޭ މީސްމީހުންނަކީ ދައުލަތަށް އަދި ދައުލަތުގެ ވެރީންނަށް ތާރީޚީ ލަފާ އެރުވޭ ބަޔަކަށް ނަހަދާން ވެއްޖެއެވެ. ގައުމީ ބޮޑަތި ކަންކަން ކުރެއްވުމުގެ ކުރީން ނުވަތަ ނިންމެވުމުގެ ކުރީން ތާރީޚު ރަނގަޅަށް ދަންނަ އަދި ގައުމަށް ވަފާތެރިކަން ހުންނަ ތާރީޚުވެރީންގެ ރައުޔާއި ލަފާ، ވެރީން ހޯއްދެވުމަކީ ގައުމުގެ ސަލާމަތާއި ސިޔާދަތަށްޓަކައިވެސް ވަރަށް މުހިންމު ކަމެއްކަން ގަބޫލުކުރާން އެބަ ޖެހެއެވެ. އެހެން ނޫނީ ކޮންމެ ވެރިއަކަށްވެސް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވިފަދަ ދެރަވަރުގެ ލަނޑެއް ލިބިވަޑައިގަތުން އޮންނާނީ ދާދި ގާތުގައެވެ.

ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަމުގެ އިން ހަނިކުރުމަށް މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުން ފޯރުވާ ނުފޫޒާއި އެކަމަށްޓަކައި އެފަދަ ފަރާތްތަކުން ކުރާ ބޮޑަތި ހޭދަޔާއި ގުރުބާނީގެ ދަލުގައި ޖެހި ބޭރު ފަރާތްތަކުގެ އެޖެންޓަކަށް ނުވަތަ ވާގިވެރިއަކަށް ވެވޭ މީހުން ދިވެހީންގެ ތެރޭގައި މަދުންނަމަވެސް އުޅޭކަމީ ހަމައެކަނި ކުރެވޭ ކުށް ހީއެެއް ކަމަށް ވާނެހެނެއް ހީއެއްނުވެއެވެ.

ގައުމީ ސަލާމަތަށްޓަކައި ފާރަވެރި ވާންޖެހޭ (އިންޓެލިޖެންސް) ފަދަ ފަރާތްތަކަށް އެފަދަ ކަންކަން ރޭކައިނުލައި އޮވެގެން އެފަދަކަމެއް ހިނގާނަމަ އެފަދަ ކަންކަމުގެ ސަބަބުން ގައުމީ ސަލާމަތްތެރިކަމަށް ފޯރާނީ ކިހައި މިންވަރެއްގެ ނޭދެވޭ އަސަރެއް ބާވައެވެ.

ދާދި މިދާކަށްދުވަހާ ޖެހޭންދެން މަލިކުގައި ހުރި، ކަކާގޭ ހުސައިން ޙިލްމީއާއި އާއިލީ ބޭފުޅުންގެ މަހާނަތަކުގައި ދިވެހީންގެ ފަރުމާގައި ކުރެހުން އަޅައިގެން ތާނަ އަކުރާއި ޢަރަބި އަކުރުން ލިޔެފައި ޖަހާފައި ހުރި މަހާނަގާތައް މިހާރު ކޮބައިހެއްޔެވެ. އެ ގާތަކުން ރަމްޒުކޮށްދޭ ރާއްޖޭގެ ތާރީޚީ އަސަރުތަކާއި ހެކިތައް ވުޖޫދުން ފޮހެލީ ކޮން މަގްސަދެއްގައި ތޯއެވެ. ފޮރުވަން ބޭނުންވީ ކޮން ސިއްރެއް ތޯއެެވެ.

ބިހުރޯޒުކަމަނާ މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި ދަންޑެހެލުގެ މަހާނަ ކޮބައި ހެއްޔެވެ. ޒިޔާރަތް މިސްކިތުގައި އޮތް ފަޤީހު ސުލައިމާނުގެ މަޤްބަރާ ކޮބައި ހެއްޔެވެ. މާލޭ ހުކުރުމިސްކިތުގެ ހަރިންމައިގެ ތެރޭގައި ހުރީ ހަމައެކަނި އިސްލަމުންގެ ގަބުރުސްތާނެއްކަން ރަމްޒުކޮށްދޭ މަހާނަތަކެކެވެ. އެތާނގައި ވަޅުލާފައިވަނީ އިސްލާމުންކަން އެނގޭނޭ ގޮތަށެވެ. އުތުރަށް ބޯކޮޅެވެ. ދެކުނަށް ފައިކޮޅެވެ. އެގޮތަށް މީހުން ވަޅުލާފައިވާ މަހާނަތަކެއް އެ ހަރިންމައިގެ ތެރޭގައި ހުއްޓައި، އެ ގަބުރުސްތާނުގެ ހުޅަނގު ދެކުނުކަމުގައި އިރުން ހުޅަނގަށްވާ ގޮތަށް މަހާނަގާތަކެއް އަތުރާފައި އެ ހުރީ ކޮން ބޭނުމެއްގައި ބާއެވެ. ކޮންކަމެއްގެ އަޞްލު އޮޅުވައިލުމަށް ބާވައެވެ. ޒަމާންތަކަކަށް ފަހުން އެތާނގައި ވަޅުލާފައިވަނީ ހަމައެކަނި އިސްމުންކަމަށް ނުބުނެވޭނޭ ބިޔަ ދޮރެއް ހުޅުވައިލުމުގެ ބޭނުމުގައި އެ ތުހުމަތަށް ޖާގަ ދިނުމަށްޓަކައިނޫން ކޮން މަގްސަދެއްގައި ބާވައެވެ.

މިފަދަ ކަންކަމަކީ، ހަމައެކަނި ތާރީޚް އެނގޭކަމަށް ބެލެވޭ މީހުން ދެކޭގޮތަށާއި ދޭ ލަފާގެ މައްޗަށް ބުރަވެގެން ދައުލަތުން ކަން ފުއްދައިލުމަށް ވުރެން މާ ސީރިޔަސް ބޮޑަތި ކަންކަމެވެ. އެފަދަ ކަންކަމުގެ ސަބަބުން ކުރިމަގުގައި ދިވެހިގައުމަށް އެތައް ކަމެއްގެ ހަގީގަތާއި އަޞްލުތައް ނޭނގުމެއްގެ ތެރެއަށް ވެއްޓިގެން ދާނެއެވެ. އެފަދަ ކަންކަމަކީ، ބޭރުގެ ނުފޫޒު އެކަމުގެ ވަތުގައި ފޮރުވިގެން ނެތްކަމެކޭ ހީކުރާނީ މޮޔަކަމުންނެވެ.

މިއީ، ޑީއެންއޭގެ ވަސީލަތުން އިންސާނީ ނަސްލު ދެނެގަނެވޭ ޒަމާނެކެވެ. އެހެންކަމަށް ވާއިރު އެފަދަ މަހާނައެއްގައި ދުނިޔޭގެ އެންމެ ގަދީމީ ޒަމާނެއްގައި އުޅުނު ބޭރުގެ ފަރަންޖީއެއްގެ ކަށިކޮޅެއް ގެނެސް ވަޅުލާފައި މާފަހުން އެއިންތަނެއް ކޮނެގެން ނެގޭ ކަށިކޮޅަަކީ ދިވެހި ނޫންނަސްލެއްގެ ފަރަންޖީއެއްގެ ކަށިކޮޅެއްކަން ސާބިތު ކޮށްފައި މާލޭ ހުކުރު މިސްކިތުގެ ހަރިންމައިގެ ތެރޭގައި އިރުން ހުޅަނގަށްވާ ގޮތަށް ހުރީ އިސްލާމުން ނޫން މީހުންގެ މަހާނަތަކެއް ކަމުގައި ހެދުމުގެ ތުހުމަތު އުފަން ނުކުރެވޭނެ ހެއްޔެވެ.

މިހާރު ކުރިމަތިވެފައި އޮތް ފޯލަވަހީގެ ކަންތަކުގައިވެސް މިއޮތީ އެފަދަ ހާލަތެއް މެދުވެރި ވެފައެވެ.

ފޯލަވައްސަކީ މީގެ 250 ވަރަކަށް އަހަރު ކުރީގައި ދިވެހި ދައުލަތުގެ ސިޔާދަތުގެ ދަށުގައި އޮތް ސީދާ ދިވެހި ރާއްޖޭގެ ފަޅުރަށްތަކެކެވެ. ފަޅުތަކެކެވެ. ފަރުތަކެކެވެ. އަތޮޅުތަކެވެ. އެކަމަކު އެހައި ކުރު މުއްދަތެއް ވޭތުވެ ދިޔައިރަށްވެސް އެއީ، ދިވެހިރާއްޖޭގެ ތަނެއްކަން ދަންނަ މީހަކު ނެތްފަދައެވެ. އެކަން ދަންނަ ތާރީޚްވެރިއަކުވެސް ނެތް ފަދައެވެ. އަމުދުން ސަރުކާރަށް އެކަން އެނގެނޭ ރަސްމީ ލިޔުމެއްވިޔަސް މިހާރަކު ފެންނާނޭ ގޮތެއް ނެތޯލައެވެ. އެނގޭންވެސް ނެތްކަމަށްވެސް ވެރީންނާއި އެފެންވަރުގެ ބޭފުޅުން އެބަ ވިދާޅުވެއެވެ.

އެކަމަކު ގައުމެއްގެ އުމުރުން 250 ވަރަކަށް އަހަރަކީ ވަރަށް ކުރު ކުޑަކުޑަ ހިނދުކޮޅެކެވެ. އެވަރުގެ ހިނދުކޮޅެއް ފާއިތުވެ ދާއިރަށް ގައުމުގެ ސިޔާދަތުގައި އޮތް ބޮޑުސިންގާ ސަރަހައްދެއް އެއީ، ދިވެހި ދައުލަތުގެ ތަނެއްކަމުގެ އެނގުން (ބޭރު ފަރާތްތަކުގެ ގަދީމީ ލިޔުންތަކުން ފިޔަވައި) ދިވެހި ސަރުކާރަށް އެނގޭނޭ ވަސީލަތެއް ނެތްނަމަ، ތާރީޚުވެރީން އެވެރީންގެ ތާރީޚް ލިޔުމުގެ ގައުމީ އަމާނާތް އަދާކޮށްފައިވަނީ ހަމަ ހެޔޮކޮށް ބާވައޭ ހިތަށް ނާރަންވީހެއްޔެވެ.

އެހެންވީމާ، ތާރީޚަކީވެސް ދައުލަތުގެ ރަސްމީ ކަމަކަށް ނަހަދައި ވާނެގޮތެއް އެބަ އޮތް ހެއްޔެވެ. ނޯންނާނެއެވެ. ހަމައެކަނި އެކަމުގެ ގޮތްޕެއް ހިމެނޭ ގޮތަށް ވުޒާރާއެއް އުފެދިގެން ވުމަކީ، އެކަމުގެ ވާޖިބު ސަރުކާރުން އަދާކުރެއްވުނީ ކަމަކަށެއް ނުވާނެއެވެ.

ތާރީޚާބެހޭ ގައުމީ މަރުކަޒެއް އުފައްދަވައިގެން ބޮޑުން އިސްކުރައްވައިގެން ކަންކަން ކުރެވުނު ޒަމާނެއް އިހަކަށް ދުވަހަކު ފެނިގެން ދިޔަނަމަވެސް، ގައުމަށް ތަރީޚީގޮތުން ހެކި ބޭނުންވާ ބޮޑު ކަމެއް ޖެހުނު އިރު ކަމުފޮޅާ ފަދަ އެއްވެސް އެއްޗެއް އެވަނީ ނުލިޔެވިތާއެެވެ. ފޯޅަވަހީގެ މައްސަލާގައި ލިޔުމެއް ހޯދިފައި އެ މަރުކަޒަކަށް ނެތެވެ. އެތާނގައި ޚިދުމަތް ކުރެއްވި ބޭފުޅުން އެބޭފުޅުންގެ އިހުމާލު ދިފާއު ކުރައްވަންވަނީ ޖެހިވަޑައިގެންފައެވެ. ވިދާޅުވާކަމުގައި ވެޔޯލައެވެ. ފޯޅަވައްސަކީ ދިވެހީންގެ ތަނެއް ނޫނޭއެވެ. ވާނީ އެހެންތާއެވެ. އެކަމަކު އެހެން ވިދާޅުވާނަމަ އެ ވިދާޅުވެވެނީ އަމިއްލަފުޅު ގައުމަށް ކިހާވަރެއްގެ ގެއްލުމެއް ލިބޭފަދަ ވާހަަކަފުޅެއްކަން ވިސްނަވައެއް ނުލައްވައެވެ. ކަމުގެ އެއްވެސް އަޞްލެއް އެނގިވަޑައި ނުގަންނަވާނަމަ އެފަދަ އިތުރުފުޅެއް ލަދުބޭޒާރުން މިންޖުވެވަޑައި ގަތުމަށްޓަކައި ވިޔަސް އަމިއްލަފުޅު ގައުމާ ދެކޮޅަށް ވިދާޅުވެގެން ނުވާނެކަން ނުވިސްނަވައެވެ. އަދި އެއީ، ގައުމުގެ ޙައްްޤުގައި ކިހައިވަރެއްގެ ނުބައިކަމެއްކަންވެސް ނުވިސްނެވީތާއެވެ. މިހާލަތުގައި ފޯޅަވައްސަކީ ދިވެހީންގެ ތަނެއް ނޫނޭ މުޠްލަޤަށް ވިދާޅުނުވެ ތިމަންނާމެނާ ހަމަޔަށް އެފަދަ ލިޔުމެއް ފޯރާފައި ނެތޭ ވިދާޅުވުން ގައުމުގެ ހައްގުގައި މާ އައުލާކަން ބޮޑެއް ނޫންހެއްޔެވެ. އެކަމަކުވެސް ގައުމީ ޙައްޤު އަމިއްލަ މަޞްލަޙަތަށް ވުރެން އިސް ނުކުރެވެންޏާ ދެން ހެއްދެވޭނީ އެފަދަ އިތުރުފުޅެއްތާއެވެ.

އެހެނަސް މައްސަލައެއް ނެތެވެ. ފޯޅަވައްސަކީ، ދިވެހީންގެ ތަނެއްކަން ކިތާބީ ހެކިތަކުން ހާމަކޮށްދޭނަމެވެ. އިދާދަފުޅާއެކު ފޯޅަވަހިވެސް އަދި އެހެންވެސް ގެއްލިފައިވާ ކަނޑެއް ވިޔަސް ތަނެއް ވިޔަސް އަދި ދިވެހީންނަށް ލިބޭނެއެވެ. ހޯދޭނެއެވެ. ހޯދާނަމެވެ.

އެކަމަކު ނުކުރާ ބަޔަކު ކަމަކަށްޓަކައި ގަދައަޅައި މަސައްކަތެއް ނުކުރާ ކަމެއް ކާމިޔާބެއް ނުވާނެތާއެވެ. ކޮންމެވެސް ބަޔަކު މަސައްކަތެއް ކުރަންވާނެތާއެވެ. އެސަބަބަށްޓަކައި އެފަދަ ގައުމީ ކަންތައްތަކުގެ ތެރެއިން ފޯޅަވަހި އަނބުރައި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިރާދަކުރެއްވިއްޔާ ކާމިޔާބަށް ވާސިލު ވެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

  1. ފޯޅަވައްސަކީ ދިވެހިންގެ ތަނެއް. އިރާދަކުރެއްވިޔާ އަހަރެމެންގެ ފޯޅަވަހި އަހަރެމެންނަށް ލިބޭނެ.

  2. ދިނަށަ ކޮލަމްގެ ލިޔުންތަކަކީ ސަމާސާ ލިޔުންތަކެއް ނޫންކަން ހާމަވާ ލިޔުމެކެވެ. ހަގީގަތް ހާމަކޮށް ބިނާކުރަނިވި ފާޑުކިއުންތައް ހުންނަންވާނީ މިފަދަ ބީދައަކުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *