Support Us

ކޮލަމް ސީދާ ވިސްނުން

އެއީ އެމީހަކު އެކަނި ކުރާ ހަނގުރާމައަކަށް ނުހަދާށެވެ.

އެއްވެސް އިންސާނަކަށް ދިރިއުޅުން ފަސޭހައެއް ނޫނެވެ. ތަފާތު އަޑިގުޑަންތައް ގިނައެވެ. އޭގެ ސަބަބުން ތަހަންމަލު ކުރަންޖެހޭ މާޔޫސްކަމާއި ހިތްނުތަވަސްކަން ވެސް އިންތިހާއެވެ. ކޮންމެ ދިރިއުޅުމެއްގައި ވެސް ދިމާވާ ކަންކަން ތަފާތު ވެދާނެއެވެ. އެ ކަންކަމުގެ ތެރެއިން އުފެދޭ ތަފާތު އިހުސާސްތަކާއި ވިސްނުންތަކުގެ ސަބަބުން މީހާއަށް ނަފްސާނީ ގޮތުން އަސަރުތަކެއް ކުރާނެއެވެ. އެކި ފަހަރު އެކި މިންވަރަށެވެ. އަދި އެ ކުރާ އަސަރު ދެމިގެން ދަނީވެސް އެކިފަހަރު އެކި މުއްދަތަށެވެ. ބައެއް ފަހަރު ހިދުކޮޅެއްގެ ތެރޭ ދިމާވާ ހިތްނުތަނަވަސްކަން ފިލައިގެން ދެއެވެ. ބައެއް ފަހަރު ގިނަ ދުވަސްތަކަށް ހަފްތާތަކަށް އަދި މަސްތަކަށް ވެސް ބަދަލުވެގެނެ ދެއެވެ. ސިކުޑިއަށް ބައެއް ފަހަރު ލިބޭ ހާސްކަމާއި ނުތަވަސްކަން އަމިއްލައަށް ވެސް ބުނެދޭން ނޭނގޭ ފަހަރު އާދެއެވެ.  އަދި ތިމާއަށް މި ވަނީ ކީތްކަންވެސް ނޭނގި އެބަހުރެއެވެ.

ނަފްސާނީ ގޮތުން އެކި ސަބަބުތަކާއި ހުރެ އުނދަގޫވާ ކޮންމެ ފަހަރަކީ އެމީހާ ނަފްސާނީ ބައްޔެއް ތަހަންމަލު ކުރާ ފަހަރެއް ނޫނެވެ. އެއީ ވަރަށް އާދައިގެ، ފަސޭހައިން ހައްލު ކޮށްލެވޭ ކަމަކަށްވެސް ވެދާނެއެވެ. އެހެނަސް އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ނަފްސާނީ އެހީ ހޯދުމާއި ދޭތެރޭ ވިސްނިފައި އޮންނަނީ ވަރަށް ގޯސްކޮށެވެ. ކައުންސިލަރެއް ކައިރިއަށް ނުވަތަ ސައިކޮލޮޖިސްޓެއްގެ އެހީ ހޯދަނީ ވަރަށް ބޮޑުވަރުވެ ބައްޔަކަށް ބަދަލުވީމަ ކަމަށް ވިސްނިފައި އޮންނަ ވިސްނުން ގޯހެވެ. ނަފްސާނީ އުނދަގޫތަކާއި ދިމާވުމުން އެމީހަކު އެކަނި ކުރާ ހަނގުރާމައަކަށް އެކަން ހަދާކަށް ނުޖެހެއެވެ. އެކަމުގެ ތަޖުރިބާކާރަކާއި ހިއްސާކޮށް އެހީ ހޯދުމުން ދުރު ރާސްތާ އަށް ނުހަނު ފައިދާ ކުރެއެވެ.

ބައެއް ފަހަރު ދިމާވާކަންކަމުގެ މާޔޫސްކަން މީހަކަށް ކިޔައިދޭން ބޭނުން ނުވެ ސިކުނޑި އެކި ކޮޅުކޮޅަށް ދުވާ "ރޯލަރ ކޯސްޓަރ" އަކަށް ބަދަލުވެއެވެ. އެފަދަ ހާލަތުގަ ސިކުނޑި އެކި ކޮޅުކޮޅަށް ދުވާއިރު އަމިއްލަޔަށް ކޮންޓްރޯލް ކުރަން އުނދަގޫ ވާނެއެވެ. އޭގެ ސަބަބުން ވަރަށް ގިނަ އިތުރު ކަންކަންވެސް ވެއެވެ. ބައެއް ފަހަރު ކާހިތް ނުވެ، ނިދަން އުނދަގޫވެ، ރުޅިގަދަވެ، އަބަދު ކަންކަމާ ފޫހިވެފައި ހުރެވެއެވެ. އެހެނަސް މިއީ އެހީތެރިކަމެއް ހޯދަން ޖެހޭ ހާލަތެއް ގޮތުގައި ވިސްނެނީ ވަރަށް މަދު ފަހަރަކުއެވެ.

ޖިސްމާނީ ބަލިމަޑުކަމާއި ސިކުޑީގެ ނުވަތަ ނަފްސާނީ ބަލިމަޑުކަމާއި ދޭތެރޭ މުޖުތަމައުގެ ވިސްނުން ހުންނަގޮތް ވަރަށް ތަފާތެވެ. ތަނެއްގައި ރިއްސާތީ އުނދަގޫވާނަމަ ގިނަ ފަހަރު ޑޮކްޓަރަކަށް ދާނެއެވެ. ނުވަތަ އަމިއްލަޔަށް ތަދުފިލުވުމަށް ބޭސްގުޅައެއް ކާލުން އެއީ އާންމު ކަމެކެވެ. ބޮލުގައި ރިއްސާލާ ކޮންމެ ފަހަރަކު ޕެނެޑޯލް ގުޅައެއް ކާލުން އެއީ އަދައިގެ ކަމެކެވެ. އެހެނަސް ބޮލުގަ ރިއްސާ ކޮންމެ ފަހަރަކު އެ ރިއްސަނީކީ ބޮޑު ބައްޔެއް ގައިގައި ހުރެގެން ކަމަށް ނުވެދާނެއެވެ. ހަމަ އެފަދައިން ނަފްސާނީ ގޮތުން އުނދަގޫވާ ހާލަތުގައި ކައުންސިލަރެއް ނުވަތަ ސައިކޮލޮޖިސްޓަކާއި ވާހަކަ ދައްކާލަން ފަސްޖެހޭކަށް ނުޖެހެއެވެ. ނަފްސާނީ މާހިރެއްގެ އެހީތެރިކަން ހޯދާލުމުން ދިމާވާ އުނދަގޫތަކާއި އަމިއްލައަށް ކުމަތިލާ ހައްލުކުރާނެ ހުނަރުތައް ދަސްވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ކަންކަމާއި ކުރިމަތިލާއިރު ނުވަތަ ހިތްނުތަނަވަސްވާ ފަދަ ކަންކަމާއި ކުރިމަތިލާ ކޮންމެ ފަހަރަކު، ސިކުނޑި ކޮންޓްރޯލް ކުރަން އުނދަގޫވާ ސްޕީޑްގަ ކޮޅުކޮޅަށް ނުދުވެ އަމިއްލައަށް ހައްލު ކޮށްލެވެއެވެ.

ނަފްސާނީ ގޮތުން އުނދަގޫވާ ކޮންމެ ހާލަތަކީ ނަފްސާނީ ބައްޔެއް ތަހައްމަލު ކުރާ ހާލަތެއް ނޫނެވެ. އެހީތެރިކަން ހޯދަން ފަސްޖެހެން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މުޖުތަމައުގެ އާންމު ވިސްނުން މި މައްސަލައިގައި ބަދަލު ކުރަން ޖެހެއެވެ. ނަފްސާނީ އެހީތެރިކަން ހޯދާ މީހުން ލޭބަލް ކުރުން ހުއްޓާލަން ޖެހެއެވެ. މީހެއްގެ ސިކުނޑިތެރޭ ކަންކަން ހިނގާ ހާލަތެއް އަނެއް މީހާއަކަށް ނޭނގޭނެއެވެ. އޭގެ ސަބަބުން އެމީހަކަށް ކޮށްފާނެ އަސަރު ވެސް އަނެކާ އަށް ހަމަ ނޭނގިދާނެއެވެ. އަދި އެމީހެއްގެ ސިކުނޑީގެ ހާލަތު އޭނާ އުޅޭ އުޅުމުން ނުވަތަ އަމަލުތައް ހުންނަ ގޮތުން އެއްގޮތަކަށް ވެސް އަނެކާއަށް ހިލަމެއް ނުވެދާނެއެވެ. އެހެން ކަމުން އެކަނި އަމިއްލަޔަށް ހިތްނުތަވަސްކަން ތަހަންމަލު ކުރަން، ނަފްސާނީ އެކި ހަލާތްތައް ތަހަންމަލު ކުރުން ހުއްޓާލާށެވެ. އެހީ ހޯދުމަކީ މައްސަލައެއް ނޫނެވެ. ކައުންސިލަރެއް ނުވަތަ ސައިކޮލޮޖިސްޓުން ކައިރިޔަށް ދަނީ ތިމާ "މޮޔަ" މީހަކަށް ވެގެނެއް ނޫނެވެ. އަދި އެގޮތަށް އެހެން މީހުން ވިސްނާކަށްވެސް ނުޖެހެއެވެ.

ސައިކޯތެރަޕީ ނުވަތަ ނަފްސާނީ އެހީ ދިނުމުގެ ގޮތުން ދޭ ތެރަޕީގެ އެހީ އަކީ ނަފްސަށް ދެވޭ ވަރަށް ތަނަވަސް ފަރުވާއެކެވެ. އެފަދަ ތެރަޕީ ތަކުން އެހީތެރިވަނީ ހަމައެކަނި އެވަގުތު ދިމާވެފައިވާ ހާލަތަށް އެކަންޏެއް ނޫނެވެ. ނަފްސާނީގޮތުން ދުޅަހެޔޮކޮށް އަބަދު ހުރުމަށް ވަރަށް ގިނަ އުކުޅުތައް ދަސްވާނެއެވެ. އެމީހަކަށް އެންމެ އެކަށީގެންވާ އަދި އެމީހެއްގެ ނަފްސާނީ ހާލަތު ބަދަލުކޮށްލާނެ ފަދަ ހުނަރުތައް ދަސްވާނެއެވެ. ކޮންމެ މީހަކީ ތަފާތު މީހެކެވެ. ތެރަޕިސްޓްގެ ޒިންމާ އަކީ އެމީހަކަށް އެންމެ އަސަރުކޮށް ހާލަތު ބަދަލުވާނެ ގޮތް އެމީހަކަށް ހޯދައިދިނުމެވެ.

މި ވާހަކަތައް މި ދައްކަނީ ގާތް އެކުވެރި ކިތަންމެ ބައެއްގެ ވާހަކަތައް އަޑު އަހާފައެވެ. އެތައް ދުވަސްތަކަކު އުނދަގޫ ހާލަތުގައި ގިނަ ބަޔަކު ދުވަސްތައް ހޭދަކުރާކަން އެނގޭތީއެވެ. ކޮންމެ މީހަކަށްވެސް ފުރަތަމަ ފިޔަވަޅު ވަރަށް އުނދަގުލެވެ. ތެރަޕިސްޓްގެ ކޮޓަރިޔާ ހަމަޔަށް ދިއުމަށް އަޅަންޖެހޭ ފިޔަވަޅު މީ އެންމެ އުނދަގޫ ފިޔަވަޅެވެ. އަމިއްލަޔަށް ތިމަންނަ އެހީ ބޭނުންވާ ކަމަށް ވިސްނަން ވަރަށް ވަގުތު ނަގައެވެ. އެއީ އަމިއްލަޔަށް ތިމަންނަ މީ މޮޔައެއް ބާއޭ ނުވަތަ އެހެން މީހުން ހީކުރާނީ ތިމަންނާއަކީ މޮޔައެކޭ ބާއޭ ހިތައް އަރާވަރުންނެވެ. އަދި އެހީތެރިކަން ހޯދުމަކީ ތިމަންނާއަށް ތިމަންނާގެ މައްސަލަތައް ހައްލު ނުވާތީބާއެއް ހިތައް އަރާ ވަރުންނެވެ.

އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ.  ތިމާގެ ވިސްނުމާއި ފިކުރު ގެންގުޅޭނެ ގޮތް ކަމުގެ މާހިރަކު ރާވައިދިނުމަކީ ވަރަށް ބޮޑު އެހީތެރިކަމެކެވެ. އެމީހުން ހަދަނީ ޖާދުލެއް ނޫނެވެ. އެހެނަސް އެމީހުންގެ މަސައްކަތުން ނަފްސާނީ އެހީ ބޭނުންވާ މީހާއަށް ޖާދުލެއް ފަދަ ނަތީޖާ ލިބެއެވެ. މުޅި މީހާ ބަދަލުވެގެން ދެއެވެ. ހިނިތުންވާން ހަނދާން ނެތި އެތައް ދުވަސްތަކެއް ކަޑައްތުކުރާ ފަހުން ހިނިތުންވުން އިޔާދަވެއެވެ. ނިދި ނުލިބި އެތައް ދުވަހެއް ކަޑައްތުވާ ފަހުން އަރާމު ނިދި އިޢާދަވެއެވެ. ދިރިއުޅުމުގައި އުންމީދު ގެއްލި އެތައް ދުވަހެއް ހޭދަވާ ފަހުން އުންމީދު އާވެ އެވެ. އާ ހިތްވަރަކާއި އަޒުމަކާއެކެ ދިރިއުޅުމުގެ ހަނގުރާމައިގައި ކާމިޔާބު ފިޔަވަޅުތަކެއް އަޅަން މަގުފެނިގެންދެއެވެ. ފަސް ނުޖެހޭށެވެ. އެހީ ހޯދާށެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ﷲ އަންގަވައިފަވަނީ އެވެސް ނަފްސަކަށް ނުއުފުލޭވަރުގެ މުސީބާތެއް ނުޖައްސަވަމެވެ. ކުރަންވި ކަމަކީ މުސީބާތުގެ ވަގުތުތަކުގައި ސަޖިދައިގަ ދުއާކޮށް ﷲއަށް ކުށްތަންވުން ގިނަކުރަންވީއެވެ.. ސައިކޮލަޖިސްޓަށްވެސް ނޭނގީ ހުއްޓާ ފިލައިދާނެއެވެ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *