"އައި ހޭވް އަ ޑްރީމް" އާދޭހެވެ! އަހަރެންގެ ހުވަފެނެއް އެބަ އޮތެވެ. މިއީ ވާހަކަދެއްކުންތެރިކަމުގެ ފަންނުގެ އަސާސްތަކާއި އުސްލޫބުތަކުގެ ނަމޫނާ އެތައް އުކުޅެއް ފެންނަ ވަރަށް މަޝްހޫރު ކަލާނެކެވެ. ދުނިޔޭގެ އެންމެ މަޝްހޫރު 10 ކަލާނުގެ ތެރޭން "އަހަރެންގެ ވެސް ހުވަފެނެއް އެބަ އޮތެވެ" މި ކަލާނު ހިމެނެނީ އެއްވަނައިގައެވެ. https://youtu.be/F7_91y6-vtE?feature=shared މި ލިންކުން ބައްލަވައިލައްވާށެވެ. ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކުރަމެވެ. އެ ތިން ކަލާނެއްގެ ސަބަބުން ދުނިޔެއަށް އާދަޔާ ޚިލާފު ބަދަލުގެނައި ތިން ކަލާނެއްގެ ތެރެއިން ވެސް އެއްވަނައިގައި ވިދަނީ "އަހަރެންގެ ވެސް ހުވަފެނެއް އެބަ އޮތެވެ." މި ކަލާނެވެ. https://virtualspeech.com/blog/learn މި ލިންކުން ވިދާޅުވާށެވެ.
"އައި ހޭވް އަ ޑްރީމް" މި ކަލާނަކީ 1963ވަނަ އަހަރުގެ އޮގަސްޓު މަހުގެ 28ވީ ބުދަ ދުވަހު މާޓިން ލޫތަރ ކިންގް ޖޫނިޔަރ ދެއްވި ކަލާނެވެ. މި ކަލާނު ބިނާކުރައްވައިފައި އޮތީ މަދަނީ ހައްގުތަކާއި ވަޒީފާތަކާއި ނަސްލީތަފާތުކުރުންތަކުގެ ސަބަބުން ކަޅު ނަސްލުގެ މީހުންގެ ގެއްލެމުންދާ ހައްގުތަކުގެ މައްޗަށެވެ. ކަލާނު ދެއްވީ ވޮޝިންގްޓަންގައި ބޭއްވުނު މުޒާހަރާއެއްގައެވެ. ކިންގަކީ އެ މުޒާހަރާގައި ވާހަކަދެއްކެވި 18 ބޭފުޅުންގެ ތެރެއިން 16ވަނައަށް ވާހަކަދެއްކެވި ޒަޢީމެވެ. އޭނާ ގޮވައިލެއްވީ އެމެރިކާގައި ނަސްލީ ތަފާތުކުރުން ނައްތާލުމަށާއި މަދަނީ އަދި އިޤްތިޞާދީ ޙައްޤުތައް ކަށަވަރުކޮށްދެއްވުމަށެވެ. ވޮޝިންގްޓަންގައި ހުންނަ ލިންކަން މެމޯރިއަލްގެ ސިޑިތަކުން ފެށިގެން މުޅި އެ މައިދާން އޮތީ މީސްތަކާއިގެން ފުރި ބާރުވެފައެވެ. ތަފާސްހިސާބުތަކުން ކަށަވަރު ވާ ގޮތުގައި ދެ ލައްކަ ފަންސާސް ހާހަށް ވުރެ ގިނަ މީހުން މަދަނީ ހައްގުތަކަށް ތާއީދުކުރުމުގެ ގޮތުން އެ މައިދާނަށް އެއްވެ މި މުޒާހަރާގައި ބައިވެރިވެފައި ވެއެވެ. މާރޓިން ލޫތަރ "އައި ހޭވް އަ ޑްރީމް" މި ކަލާނު ދެއްވި ވަގުތު ވީ އެމެރިކާގެ މަދަނީ ޙައްޤުތަކަށް ޓަކައި ކުރިޔަށް ގެންދިޔަ އެ ހަރަކާތުގެ މުހިންމު ހިނދުކޮޅަކަށެވެ.
ޖެހިގެން އައި ދުވަހު، ނިއު ޔޯކް ޓައިމްސްގެ ލިޔުންތެރިޔާ ޖޭމްސް ރެސްޓަން ލިޔުއްވައިފައި ވެއެވެ. "ޑރ. ކިންގ އެ ދުވަހުގެ ހުރިހާ މައުޟޫއެއްގައި ވާހަކަދެއްކެވި ފަދައެވެ. އެހެން ނަމަވެސް އެހެން އެންމެންނަށްވުރެ އޭނާގެ ވާހަކަދެއްކެވުން ހަރުދަނާވެފައި މޮޅެވެ. މާބޮޑަށް ވެސް ރަނގަޅެވެ. ރަނގަޅަށެވެ. އޭނާގެ ވާހަކައިގައި ލިންކަންއާއި ގާންދީގެ ކުލަވަރުތައް ފެނެއެވެ. އޭނާއަކީ ހަމައެކަނި ހަރުކަށި މީހެއް ނޫނެވެ. އަދި އޭނާއަކީ މަޑުމޮޅި މީހެއް ވެސް ނުމެ ނޫންމެއެވެ. އެ މުޒާހަރާއަށް އެއްވެފައި އޮތް ބިޔަ ބޮޑު ލަޝްކަރު އެ މައިދާނުން ފޮނުއްވައިލެއްވީ މި ދިގު ދަތުރު ފައިދާހުރި ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގެ އިޚްލާޞްތެރި ޝުޢޫރުތަކާއެކުގައެވެ". މި ޚިޠާބާ ބެހޭ އިތުރު ތަޙްލީލު ނިއު ޔޯކް [ޓައިމްސް] https://www.nytimes.com މި ލިންކުން ވިދާޅުވެލައްވާށެވެ.

މާޓިން ލޫތަރ ކިންގ ޖޫނިއަރ އުފަންވީ 1929ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15ވަ ދުވަހުއެވެ. ލޫތަރއަކީ އެމެރިކާގެ ސިޔާސީ ފަލްސަފާވެރިއެކެވެ. އޭނާ ސިޔާސީ މަަައްކަތްޕުޅު ފެށްޓެވީ 1955ގައެވެ. އަސި 1968ގައި އަވަހާރަކޮށްލެވުނު ދުވަހާ ހަމައަށް މަދަނީ ޙައްޤުތަކުގެ ޙަރަކާތުގެ އެންމެ ފާހަގަކުރެވޭ ޒަޢީމުންގެ ތެރެއިން އެއް ބޭފުޅަކީ ކިންގއެވެ. ކިންގއަކީ އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ މަދަނީ ޙައްޤުތައް ކުރިއެރުވުމަށް ޓަކައި ޖިމް ކްރޯ ޤާނޫނުތަކާއި އެހެނިހެން ޤާނޫނީ ތަފާތުކުރުންތަކާ ދެކޮޅަށް މާރާމާރީއާއި ތަޅައިފޮޅުންތަކުން މިނިވަން އިދިކޮޅު ހަރަކާތްތަކާއި މަދަނީ އިސްނެންގެވުންތަކުގެ ހަރަކާތައް ހިންގެވި ކުޅަދާނަ އިސްވާރެކެވެ.
މާރޓިން ލޫތަރ ކިންގ އަވަހާރަވީ 1968ވަނަ އަހަރުގެ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އެމެރިކާގެ ޓެނެސީގެ މެމްފިސްގައި ބަޔަކު ދިން ސިއްރުވެރި ރޭވުންތެރި ހަމަލާއެއްގައެވެ. ކިންގ އަވަހާރަކޮށްލުން ވީ އެ ގަމުގެ މިނިވަންކަމުގެ ހަރަކާތުގައި ކަޅު ސާލު ލެވުން ފަދަ ކަމަކަށެވެ. މިނިވަންކަމަށް ޓަކައި މަސައްކަތްކުރަމުން އައި ޖިޙާދީންނާއި ކަޅުނަސްލުގެ މީހުންގެ މެދުގައި އެ ކަމާ މެދު އުފެދުނު ނަފުރަތު ވީ އެމެރިކާގެ އެތައް ނަގަރެއްގައި ހަމަނުޖެހުންތަކާއި އިހުތިޖާތުތައް ހިނގަން އަލުން ފެށުނު ކަމަކަށެވެ.

މާރޓިން ލޫތަރ ކިންގގެ ވަޠަނީ އަދި ރޫޙީ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި 1977ގައި އޭނާގެ ޚިދުމަތުގެ ޝަރަފަށް ވަނީ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ދެއްވައިފައެވެ. އަދި 2003ވަނަ އަހަރުގައި ކޮންގްރެޝަނަލް ގޯލްޑް މެޑަލް ވެސް ވަނީ ދެއްވައިފައެވެ. އޭނާގެ ޚިދުމަތުގެ ޒިކުރާ އައު ކުރުމުގެ ގޮތުން 1971ވަނަ އަހަރުން ފެށިގެން "މާޓިން ލޫތަރ ކިންގ ޖޫނިއަރ ޑޭ"ގެ ނަމުގައި ޚާއްޞަ ދުވަހެއް ވެސް ރަސްމީ ކޮށް އެމެރިކާގައި ފާހަގަކުރެތެވެ. މި މުޅި އެމެރިކާގެ ހުރިހައި ސިޓީތަކާއި ސްޓޭޓްތަކުގައި ޤާއިމުކުރެވުނު ޗުއްޓީއެކެވެ. ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި މި ދުވަސް ފުރަތަމަ ފާހަގަކުރެއްވީ 1986ވަނަ އަހަރުގައެވެ. ލޫތަރގެ ނަންފުޅުގައި ވޮޝިންގޓަން ޑީ.ސީ.ގެ ނޭޝަނަލް މޯލްގައި "މާޓިން ލޫތަރ ކިންގ ޖޫނިއަރ މެމޯރިއަލް"ގެ ނަމުގައި ޚާއްޞަ ބިނާއެއް ވެސް 2011ވަނަ އަހަރު ވަނީ ހުޅުއްވައިފައެވެ.
"އަޅުގަނޑުގެ ވެސް ހުވަފެނެއް އެބަ އޮތެވެ." އެއީ މާރޓިން ލޫތަރ ކިންގގެ "އައި ހޭވް އަ ޑްރީމް" މި މޮޅު ކަލާނު ދިވެހިބަހަށް ތަރުޖަމާކޮށް ދިވެހި އިސްވާރުންނަށް ފިލާވަޅެއް ނަގައިދިނުމުގެ ހުވަފެނެވެ. މި ކަލާނުން ވާހަކަ ދެއްކުންތެރިކަމުގެ ފަންނަށް އިތުރު ފާގަތިކަމަކާއި އުޖާލާކަމެއް ގެނެސް ދިނުމުގެ ހުވަފެނެވެ. ދިވެހިއަދަބިއްޔާތަށް އިތުރު ތަނަވަސްކަމަކާއި މުއްސަނދިކަމެއް ގެނެސް ދިނުމުގެ ހުވަފެނެވެ. ދިވެހިބަހުގެ މުއްސަނދި ބަސްކޮށާރުން ބުނެ ބަޔާން ކުރަން ދަތިވާ އެއްވެސް ވާހަކައެއް ނެތްކަން ހާމަކޮށް ދެއްކުމުގެ ހުވަފެނެވެ. މާތް ﷲގެ ހަޒުރަތުން ވާގި އެދި މި މަސައްކަތް ފެށީމެވެ. އެއްވެސް ތަރުޖަމާއަކީ ހުއްޖަތެއް ނޫން ކަމާއި އެއްވެސް ދެ މީހެއްގެ ތަރުޖަމާއެއް އެއް ގޮތަކަށް އެއް އުސްލޫބަކުން އެއް ލަފުޒުތަކަކުން އެއް އިބާރާތްތަކަކުން ބަޔާންވެފައެއް ނުހުންނަ ކަން ހަނދުމަފުޅުކޮށް އަރުވަމުންނެވެ.
އަޅުގަނޑު ބެލީ ދިވެހިބަހުން އެންމެ ސާދާކޮށް އެންމެ ފަސޭހައިން މި ކަލާނުގެ މެސެޖުތަކާއި ވާހަކަތައް ބަޔާންކުރެވޭތޯއެވެ! ބަލާޣާތުގެ އަސަރު އަޅުގަނޑަށް ލެވުނު އެންމެ ރީއްޗަކަށް ހިމެނޭތޯ ވެސް ބެލީމެވެ. އުނިކަމެއް ހުރި ނަމަ އެ އުނިކަމަކީ އަޅުގަނޑުގެ ހުރި އުނިކަމެއް ކަމުގައި ބައްލަވާށެވެ. ކިންގގެ މި ކަލާނަކީ ތަރުޖަމާއަކުން ބަޔާންކޮށް ތިލަކޮށްލެވޭ ވަރަށް ވުރެ މާ ފުން ޚިޔާލުތަކާއި ޝުޢޫރުތަކެކެވެ. އަޅުގަނޑު ބަޔާންކޮށް ތަފްސީލުކޮށްދެވޭތޯ ބަލައިފައި މިވަނީ މި ކަލާނުގެ ބޭރު ފުށުގެ މިޔުޒިކުން އަޅުގަނޑުގެ ކޮށި ވިސްނުމަށް ދޭހަވި މިންވަރާއި އެނގުނު މިންވަރެވެ. މިއިން ތިޔަބޭފުޅުންނަށް އެއްޗެއް އޮޅުންފިލައިވަޑައިނުގެންފި ނަމަ އެއީ އަޅުގަނޑުގެ ހުރި ދެރަވަރުކަމެއްކަމަށް ބައްލަވާށެވެ. އަދި އަޞްލު ކަލާނުން ވިދާޅުވާށެވެ. އެންމެ އުފާވާނީ އެހެން ހެއްދެވީމެވެ. ކޮންމެއަކަސް އަޅުގަނޑު ކޮށްލި މި ކުޑަކުޑަ މަސައްކަތް އަންނަނިވި ފޮޅުވަތްތަކުގައި މި ލިޔަނީއެވެ. މި ކަމުގެ އަޅުގަނޑުގެ މި ބާވަތުގެ އަދަބީ ވަރަށް ގިނަ ކަންކަމުގައި ނުހަނު އިޚްލާޞްތެރި ހިތްވަރާއި ތަރުހީބު ދެއްވާ މިތުރުވެރި އެކުވެރިޔާ ޝަމްޢޫނު ޖަލީލް އާދެ މަޝްހޫރު ނަމުން ނަމަ "ލޫކަސް ޖަލީލް" ދެއްވި ފަންނީ އެހީތެރިކަން ފާހަގަކޮށް އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ. މިއީ ބޭފުޅަކު ދެއްވައިފައިވާ ކަލާނެއް ކަމަށް ވާތީ އިބާރާތްކުރުމުގެ އުސްލޫބު ބިނާކުރީ ވާހަކަދައްކާ އުސްލޫބަށެވެ. ލިޔުމުގެ އުސްލޫބަކަށް ނޫނެވެ. މި ފުރިހަމަ ކަލާނު މި ލިންކުން ބައްލަވައިލައްވާށެވެ. އަދި އަޑު އައްސަވައިލައްވާށެވެ. ވާހަކަދެއްކުންތެރިކަމުގެ ފަންނުގެ މީރުކަން އިހުސާސް ވެސް ކޮށްލައްވާށެވެ! https://youtu.be/vP4iY1TtS3s?feature=shared
"އަހަރެންގެ ހުވަފެނެއް އެބަ އޮތް"
މާރޓިން ލޫތަރ ކިންގ ޖޫނިޔަރ
އާދެ! މިނިވަންކަމަށް ޓަކައި މި ޤައުމުގެ ތާރީޚުގައި ވެސް ބޭއްވޭ އެންމެ ބޮޑު އިންތިފާޟާގައި މިއަދު އަޅުގަނޑު ބައިވެރި މިވީ ނުހަނު އުފަލާއެކު. އަޅުގަނޑުމެން އެންމެ ނުހަނު ލޯބިވާ އަހުރަވެތި އެމެރިކާގެ ރައްޔިތެއް އެ ބޭފުޅެއްގެ ހިޔަނިފުޅުގައި އަޅުގަނޑުމެން މި ތިބި މިނިވަންކަމުގެ ފަތްތޫރާއެއްގައި މީގެ ސައްތަ އަހަރު ކުރިން ސޮއިކުރެއްވި!
މި މުހިންމު ފަތްތޫރާ ދުނިޔެއަށް ވުޖޫދުވެ ނޭވާލީ ބޭއިންސާފާއި އަނިޔާގައި ނެތެމުންދާ ކަޅު ނަސްލުގެ އެތައް މިލިއަން މީހުންގެ ހަޔާތަށް އަލިކޮށްދިން ވޮށެއްގެ ގޮތުގައި. އެ ފަތްތޫރާ ވީ ކަޅުނަސްލުގެ މައްޗަށް ވެރިވެފައި އޮތް އަޅުވެތިކަމުގެ އަނދިރި ރޭތަކަށް ނިމުން ގެނެސް އުފާވެރި އަމާން ފަތިހަކަށް އަލިވިލުން ކަމުގައި.
އެހެނަސް ސައްތަ އަހަރު ފަހުން، އަދިވެސް ކަޅު ނަސްލުގެ ރައްޔިތުން މި ވަނީ އަނދިރި އަޅުވެތިކަމުގެ ދުވަސްތަކުގައި. ސައްތަ އަހަރު ފަހުން، ކަޅު ނަސްލުގެ ރައްޔިތުންގެ ހަޔާތް މި ވަނީ ކަސްތޮޅުއެޅިފައި. ނަސްލީ ތަފާތުކުރުންތަކާއި އަނިޔާގެ ޗޭނުން ބަނދެވިފައި. ސައްތަ އަހަރުފަހުން ވެސް، ކަޅުނަސްލުގެ ރައްޔިތުން ދިރިއުޅެމުން މި ދަނީ، ތަނަވަސް، މުއްސަނދި ގައުމެއްގައި އޮތް ފަގީރު އަވަށްގަނޑެއްގައި.
ސައްތަ އަހަރުފަހުން، ކަޅު ނަސްލުގެ ރައްޔިތުން މި ދަނީ އެމެރިކާގެ ކަނެއްގައި ތިބެ ނެތެމުން. އަމިއްލަގައުމުގައި ކަޅު ނަސްލުގެ ރައްޔިތުންނަށް އުޅެން ޖެހިފައިވަނީ އަމިއްލައަށް އަރުވާލެވިގެން. މިއަދު އަޅުގަނޑުމެން މި މައިދާނަށް ޖަމާވެ މި ތިބީ، މި ލަދުވެތި ހާލަތު މުޅި ދުނިޔެއަށް ދައްކާން. މި ނިކަމަތި ދަތި އުނދަގޫ ދުވަސްތައް މުޅި ދުނިޔެއަށް ކަޝްފުކޮށް ހާމަކޮށްދޭން.
އެއް ނަޒަރަކުން ބަލާ އިރު، އަޅުގަނޑުމެން މިއަދު ގައުމުގެ ވެރިރަށަށް އައިސް ޖަމާވެ މި ތިބީ، ޗެކަކަށް ލިބެން ޖެހޭ ފައިސާއެއް ޖަމާކުރާން. މި ގައުމުގެ ގާނޫނު އަސާސީއާއި މިނިވަންކަމުގެ ޤަރާރު ފަރުމާ ކުރެއްވި ފަރާތްތަކުން، އެ އިޤުރާރުވެވަޑައިގަތީ ކޮންމެ ރައްޔިތަކަށް ވެސް ހައްގުތަކެއް ލިބިގެން ވާކަމަށާއި އެ ހައްގުތައް ހަމަ ކޮންމެ ރައްޔިތަކަށްމެ ލިބިދޭން ޖެހޭނެކަމަށް.
ޝައްކެއް ވެސް ނެތް އެ ވެވަޑައިގަތީ ވައުދެއް. އާދެ! އެ ވަޢުދަކީ ކަޅު މީހުންނާއި ދޮންމީހުންނަށް، ވެސް އެމެރިކާގައި މިނިވަންކަމާ އެކު ބިރުވެރިކަމެއް ނެތި ހިތްހަމަޖެހިގެން އުޅެވޭނެ ކަމުގެ ވައުދު.
އެކަމަކު، އެމެރިކާގައި އަދިވެސް ދަނީ ނަސްލީ ތަފާތުކުރަމުން. މިއިން އަޅުގަނޑުމެންނަށް އެނގެނީ އެމެރިކާ ވަނީ ޤާނޫނު އަސާސީއާއި މިނިވަންކަމުގެ ޤަރާރު ނެގެހެއްޓުމުގައި ފެއިލްވެފައި ކަން.
އެމެރިކާއަކުން އަޅުގަނޑުމެން ކަޅު ނަސްލުގެ މީހުންނަކާ އަޅައެއް ނުލާ! އެމެރިކާއިން، ކަޅު ނަސްލުގެ ރައްޔިތުންނާ އަޅައިލުމުގެ ބަދަލުގައި، އެ ރައްޔިތުންނަށް ދީފައިވަނީ ނުބައި ޗެކެއް. ފައިސާ ލިބެން ނެތް ޗެކެއް.
މިހެންވުމުން އިންސާފުގެ ބެންކު ވަނީ ބަނގުރޫޓްވެފައި ކަމަށް އަޅުގަނޑުމެން ދެކޮޅު ހަދަން. މި ގައުމުގެ ފުރުސަތުތަކުގެ ފުރާޅުގެ ދަށުގައި އެ ފުރުސަތުތަކަށް ޚަރަދު ކުރާނެ ފައިސާ ނެތް ކަމަކަށް އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން. މިއަދު އަޅުގަނޑުމެން މި ޗެކަށް ފައިސާނަގަން މިއައީ އެހެން ވެގެން. މިއީ، މިނިވަންކަމާއި އަދުލްއިންސާފު ހޯދައިދޭނެ ޗެކެއް. އެމެރިކާގެ މި މަތިވެރި މައިދާނަށް އެއްވެ މިއަދު އަޅުގަނޑުމެން މިތިބީ، މި ވަގުތާއި ހާލަތުގެ ނާޒުކު ކަން އެމެރިކާއަށް ހަނދާންކޮށްދޭން.
މިއީ ހާލަކުން ފަހަރަކު ކަމަކަށް ކަމެއް ކުރާ ހެން އިސްލާހީ ބަދަލުތައް ގެންނަންވީ ވަގުތެއް ނޫން. އާދެ! މިއީ ޑިމޮކްރްސީގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބެންވީ ވަގުތު. މިއީ، ހައްގުތައް މިއަދުން މިއަދަށް ފުރިހަމަވެ ގަރާރުވާންވީ ވަގުތު. އާދެ! މިއީ ކަޅު އަނދިރި ރޭގަނޑު އުޖާލާވި އަލި ފަތިހަކަށް އަލިވިލެންވީ ވަގުތު.
ވިއްސިވިހާލިވެފައިވާ މި ވާދީ ނަސްލީ ތަފާތުކުރުންތަކުން މިންޖުވެ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު. އާދެ، މިއީ، އެމެރިކާގައި ނަސްލީ ތަފާތުކުރުންތައް ނައްތާލައި ކަޅު މީހުންނާއި ދޮންމީހުން އަޚުވަންތަކަން ދައްކާންވީ ވަގުތު. މިއީ އިންސާނީ ދަރިފަސްކޮޅަށް އަދުލް އިންސާފުގެ ފޮނި މީރުކަން ލިބިދޭންވީ ވަގުތު. މި ވަގުތުގެ ނާޒުކުކަން އެމެރިކާއަށް ނުވިސްނިއްޖެ ނަމަ އެއްވެސް ޝައްކެއް ނެތް ގޮތުގައި، އެމެރިކާގެ މުސްތަގްބަލަށް ނުރައްކާ ވާނެ.
އާދެ! މިނިވަންކަމާއި ސުލްހަވެރިކަން ގާއިމް ނުކުރެވޭހައި ހިނދަކު، އެމެރިކާއަކަށް ބަހާރު މޫސުމެއް ނާންނާނެ. ހަމަހަމަކަން ގާއިމު ނުކުރެވޭ ހައި ހިނދަކު ހަރީފް މޫސުމްގެ ދުވަސްތަކަށް ނިމުމެއް ނާންނާނެ.
އާދެ! 1963 މިއީ ނިމުމެއް ނޫން. މިއީ ފެށުމެއް. ކަޅު ނަސްލުގެ މީހުން މިނިވަންކަމަށާއި ސުލްހައަށް އެދި ކުރަމުން މި ގެންދާ މިނިވަންކަމުގެ ހަނގުރާމަ ހުއްޓާލާނެ ކަމަށް ދެކޭ މީހުންނަށް ދަންނަވަން.
ބޭއިންސާފުގެ ދޯދިތައް އަޅުގަނޑުމެންގެ މައްޗަށް އެޅޭހައި ހިނދަކު އާދައިގެ ދުވަހަކަށް މި ގައުމަކަށް އިރެއް ނާރާނެ. ކަޅު ނަސްލުގެ ރައްޔިތުންގެ ހައްގުތައް ނުލިބޭހައި ހިނދަކު، އަޅުގަނޑުމެން އެމެރިކާއަކަށް އަރާމު ނިންޖެއް ނިދިޔަ ނުދޭނަމު. އަދުލް އިންސާފުގެ އިރު ނާރާހައި ހިނދަކު އެމެރިކާގެ ބިންގާތައް ގުޑުވާނަމު.
އާދެ! އަޅުގަނޑު މި މައިދާނަށް އެއްވެ ތިބި ރައްޔިތުންނަށް ދަންނަވަން ބޭނުންވާ ވާހަކައެއް އެބަ އޮތް. މި ވާހަކަ އަޅުގަނޑު މި ދަންނަވަނީ އިންސާފުގެ ގަނޑުވަރަށް ދާ މަގުގައި ތިބި ހުރިހާ ރައްޔިތުންނަށް. އާދެ! އަޅުގަނޑުމެންގެ ހައްގުތައް ހޯދުމުގެ މި އިންތިފާޟާގައި ކުރެވޭ އެއްވެސް ކަމަކާ މެދު ފަހުން އަޅުގަނޑުމެން އެކަކު ވެސް ހިތާމަކޮށްގެން ނުވާނެ. މިނިވަންކަމަށް ފެންބޮވައިގަތުމުގެ އަލާ ކަނޑުވަން ނަފުރަތުގެ ތަށިން ފެން ބޮއެގެން ނުވާނެ.
މިނިވަންކަމުގެ ހަރަކާތްތައް އަހަރުމެންގެ ކުރިއަށް ގެންދަން ވާނީ ސުލްހަވެރިކަމާ އެކު، ރިވެތި އަޚުލާޤުގެ މަތީގައި. ކަޅު ނަސްލުގެ ރައްޔިތުންގެ މި ބިނާކުރަނިވި މުޒާހަރާތަކުގައި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް، ތަޅައިފޮޅުމެއް ހިންގައިގެން ނުވާނެ.
އަދިވެސް ދަންނަވަން. އަދިވެސް ދަންނަވަން! އަޅުވެތިކަމުގެ ޖައްބާރުންނާ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނީ ރޫޙާއި ފުރާނައިން. ތަޅާފޮޅުމަކުން ނޫން. ކަޅު ނަސްލުގެ ރައްޔިތުންނަށް މިއަދު ލިބިފައިވާ އާދަޔާ ހިލާފް ހިތްވަރަކީ ދޮން ނަސްލުގެ މީހުންނަށް ނިކަމެތިކަމެއް ލިބިދޭ އެއްޗަކަށް ވެގެން ނުވާނެ.
ދޮން ނަސްލުގެ އަޚުންނަށް، މިތާނގައި ވެސް ދޮން ނަސްލުގެ ރައްޔިތުން ގިނަ އަދަދަކަށް އެބަ ތިބި. އެ ރައްޔިތުންނަށް ދަންނަވަން އޮތީ ދޮން މީހުންނާއި ކަޅު މީހުންގެ މަންޒިލަށް ދެވެން އޮތީ ދެ ނަސްލު ވެސް އެކީގައި މަސައްކަތްކޮށްގެނޭ. ދޮން މީހުންގެ ވެސް އަހަރުމެން ކަޅު މީހުންގެ ވެސް މިނިވަންކަން ވަނީ އެކުއެކީގައި ކަމޭ. އާދެ! މި ވާދީގައި އަޅުގަނޑުމެނަށް އެކަންޏަކުއެއް ނުހިނގޭނެ.
އާދެ! އިންސާފަށް ޓަކައި އަޑު އުފުލަމުން އަޅުގަނޑުމެން ހިނގަމުން ދާއިރު، އަޅުގަނޑުމެން ހިނގާނީ ކުރިއަށް. ފަސް އެނބުރި ބަލައިގެން ނުވާނެ. މި ކަންކަމަށް ވައުދުވާން ވާނެ.
އާދެ! ހައްގުތަކަށް މަސައްކަތްކުރާ މީހުންނާ ދިމާއަށް ބައެއް މީހުން ފުރައްސާރަކޮށް ބުނެއެޅޭ. "ކަލޭމެން ހިތް ހަމަ ޖެހޭނީ ކިހާ ވަރެއް ވީމަ ހެއްޔޭ؟"
އެފަދަ ކޮންމެ މީހަކަށް ރައްދު ދެމުން ބުނޭ! އަހަރުމެން ހިތް ހަމައެއް ނުޖެހޭނެ. ފުލުހުންގެ އަނިޔާވެރިކަމުގައި ކަޅު ނަސްލުގެ މީހުން ނެތެމުން ދާހާ ހިނދަކު އަހަރެމެން ހިތްހަމައެއް ނުޖެހޭނެއޭ ބުނޭ! ހިތްހަމައެއް ނުޖެހޭނެ.
މި ރަށުގެ ހޮޓާތަކުގައި ކަޅު ނަސްލުގެ މީހުންނަށް އަރާމް ނުކުރެވޭ ހާ ހިނދަކު އަހަރެމެން ހިތްހަމައެއް ނުޖެހޭނެއޭ ބުނޭ! ކަޅު ނަސްލުގެ މީހުންނަށް ފަގީރު އަވަށްގަނޑުން ވެރިކަން ކުރާ ނަގަރުތަކަށް ނާދެވޭހާ ހިނދަކު، ބުނޭ! ދުވަހަކުވެސް ހިތް ހަމަ އެއް ނުޖެހޭނެޔޭ!
ކަޅު ނަސްލުގެ ދަރިންގެ ކަރާމާތް ނަގައިލާ، ހަމަ އެކަނި ދޮން މީހުންނަށް” މި ޝިއާރު އޮތް ހާ ހިނދަކު ބުނޭ! ދެން ވެސް ހިތްހަމަ އެއް ނުޖެހޭނެޔޭ! މިނިވަން ކަމާއި އެކު ވޯޓްލުމުގެ ހައްގު ކަޅު ނަސްލުގެ މީހުންނަށް ނުލިބޭހާ ހިނދަކު، ބުނޭ ނޫން، ނޫން، ދުވަހަކުވެސް ހިތްހަމައެއް ނުޖެހޭނެ! އަދިވެސް ބުނޭ އަދުލް އިންސާފް ގާއިމްވެ ހައްގުގެ މަގަށް ނަސްރު ނުލިބޭހައި ހިނދަކު ހިތްހަމަ ޖެހުމެއް ނުލިބޭނެޔޭ ބުނޭ!
އާދެ! މިތާނގައި ތިބި ބައެއް ރައްޔިތުންނާ މެދު މިހާރު ވެސް އެ ދަނީ ޝަރީއަތްކުރެވެމުން. މި ކަމެއް އަޅުގަނޑެއް ހަނދާނެއް ނުނެތޭ! ބައެއް ރައްޔިތުން އައިސް މިތިބީ ޝަރީއަތްތަކުގެ ތެރޭން. އަނެއް ބައި ރައްޔިތުން މިތަނަށް އައިސް މިތިބީ ސީދާ ޖަލުގެ ކުޑަގޮޅިތަކުން. އަދި ބައެއް ރައްޔިތުން އައިސް މި ތިބީ ފުލުހުންގެ އަނިޔާވެރިކަމުގެ ތެރޭ ބަންދުވެ ތާށިވެފައި ތިބެގެން.
ލޮބުވެތި ރައްޔިތުން! ތިޔައީ ގުރުބާނީގެ ޝަހީދުން. މިނިވަންކަމަށް ޓަކައި މި ކުރާ ހަނގުރާމަ ބާރަށް ކުރިއަށް ގެންދޭ! އެނބުރި މިސިސިއްޕީއަށް ދޭ! އެނބުރި އަލަބާމާއަށްދޭ! ދެކުނު ކެރޮލީނާއަށް ދޭ! ޖޯރޖިޔާއަށް ދޭ! ލުއިޒިޔާނާއަށް ދޭ! އުތުރުގެ ފަގީރު އަވަށްގަނޑުތަކާއި ޖިފުޓިތަކަށް ދޭ! ދަންނާތި! މި ހާލަތު އަދި ބަދަލުވާނެ. އުއްމީދުގެއްލިފައި އޮތް މި ވާދީގައި އުއްމީދުގެ ހުޅުކޮޅު ރޯކުރޭ!
ލޮބުވެތި ރައްޔިތުންނޭ! އަޅުގަނޑު މިއަދު މި ބަސް ބުނެ އިއްވަން. މިއަދު އަޅުގަނޑުމެންނަށް ދުއްތުރާލަކަށް ވީ ނަމަވެސް މާދަމާއަށް ޓަކައި އަޅުގަނޑުގެ ހުވަފެނެއް އެބަ އޮތް. އެއީ، އެމެރިކާގެ ހެވަފެނާ ގުޅިފައިވާ ހުވަފެނެއް.
އާދެ! އަޅުގަނޑުގެ ހުވަފެނެއް އެބަ އޮތް. ކޮންމެވެސް ދުވަހަކުން އަދި އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް އެ މީހުންގެ ހައްގުތައް ލިބި، އެމެރިކާގެ ހުވަފެން، އަޅުގަނޑުގެ ވެސް ހުވަފެން ހަގިގަތަކަށް ވާނެ. އަޅުގަނޑުމެންގެ ޢަޤީދާއަކީ ނުގުޑާނެ ޢަޤީދާ! މާތް ރަސްކަލާނގެ ހުރިހައި އިންސާނުން ހައްދަވާފައި ވަނީ ހަމަހަމަ ބައެއްގެ ގޮތުގައި.
އާދެ! އަޅުގަނޑުގެ ހުވަފެނެއް އެބަ އޮތް! އަޅުގަނޑުގެ ހުވަފެނަކީ، ޖޯޖިއާގެ ރަތް ފަރުބަދަ މަތީ ކަޅު ނަސްލުގެ އަޅުންނާއި ބިންތަކުގެ ވެރިންގެ ދަރިން އަޚުވަންތަކަމުގެ މޭޒުތައް ދޮށުގައި ކޮފީ ބޯން ތިބޭނެ ދުވަހެއް ފެނުން.
އަޅުގަނޑުގެ ހުވަފެނަކީ މިސިސިއްޕީ ނަގަރު، ނާއިންސާފުގެ ނަގަރު، ދެކޮޅުހެދުންތަކުން ފުރިފައިވާ ނަގަރު ކޮންމެވެސް ދުވަހަކުން، މިނިވަންކަމާއި ހަމަހަމަކަމާއި އަދުލް އިންސާފުގެ ފެން އާރަކަށް ވުން.
އަޅުގަނޑުގެ ހުވަފެނެއް އެބަ އޮތް. އެއީ ކުލައަކަށް ބެލުމެއް ނެތި އަދުލް އިންސާފު ލިބޭނެ ގައުމެއްގައި އަޅުގަނޑުގެ މައުސޫމް ހަތަރު ދަރިން އުޅުން. އެއީ މުސްތަގްބަލުގެ އެކުވެރި ނަގަރުތަކުގެ އެމެރިކާއަށް ވުން. އާދެ! މިއަދު، އަޅުގަނޑުގެ ހުވަފެނެއް އެބަ އޮތް.
އަޅުގަނޑުގެ ހުވަފެނަކީ އެކުވެރި ނަގަރުތަކުގެ އެމެރިކާ، މިނިވަންކަމާއި އަދުލް އިންސާފުގެ ވާދީ ތަކަކަށް ވުން. އެކުވެރި ނަގަރުތަކުގެ ވެރި އެމެރިކާއަށް ބަހާރު މޫސުން އައުން. އުސްބިންތަކާއި ފަރުބަދަތައް މަޑުމޮޅިވަމުން ދާނެ. ހާވިޔާވެފައިވާ ވާދީތަކަށް ބާހާރު މޫސުމް އަންނާނެ. އަޑިގުޑަން ރާސްތާ ތެދުސީދާ ރާސްތާއަކަށް ބަދަލުވާނެ. މާތް ރަސްކަލާނގެ މަތިވެރިކަން ހާމަވާނެ! ކޮންމެ އިންސާނަކު ވެސް މި ކަންކަން ލޮލުންދެކި މި ކަންކަމަށް ހެކިވާނެ.
އަދިވެސް އަޅުގަނޑުގެ ހުވަފެނެއް އެބަ އޮތް. މިއީ އަޅުގަނޑު ދެކުނަށް ގެންގޮސްދިން އީމާންތެރިކަން. މި އީމާންތެރިކަމުން އުންމީދުގެ ހުޅުކޮޅު ރޯކޮށްދީފި. މިއީމާންކަން، އެމެރިކާ ނަގަރުތަކުގެ އަޅުވެތި މާޒީ ފޮހެލާނެ. އާދެ! އުޖާލާ މުސްތަގްބަލަކަށް އަލިވިލޭނެ. މި އީމާންކަން އަޅުގަނޑުމެން އެންމެން އެކުގައި ލައްވާނެ! އެންމެ އެކުގައި ދުޢާކުރޭ! އެކުގައި ހަނގުރާމަކުރޭ! މިނިވަންކަމަށް ޓަކައި، އެކުގައި ޖަލަށް ދާން، މިނިވަންކަމަށްޓަކައި އެކުގައި ތެދުވާން އަޒުމާއެކު ހިތްވަރު ކުރޭ! ކޮންމެވެސް ދުވަހަކުން މިނިވަންކަމުގެ އުދަރެހުން ފަޖުރުތަރި އަރާނެކަމުގެ އުއްމީދު އާކުރޭ!
ގައުމުގެ ހުރިހާ ރައްޔިތުން އެއް އަޑަކުން މި ލަވަ ކިޔާ!
އަހަރެންގެ ލޭފަވެތި ހަންހާރަވެތި ގައުމު،
ތިބާއީ އަހަރެންގެ ލޮބުވެތި ގައުމު،
މިނިވަންކަމާއި ހަމަހަމަ ކަމުގެ ރަމްޒަކަށްވި ފޮނި ގައުމު،
ތިބާއަށްޓަކައި މި ލަވަ ކިޔަން،
މި ގައުމުގެ ކާބައިންގެ ލެޔާ އެ ކަށިތައް އެކުވެދިޔަ ބިން،
ގައުމީ ޝަރަފުވެރިކަމުގެ ބިން
ފަރުބަދަތަކާއި ވާދީތަކުގެ ބިން
އާދެ! މިނިވަންކަމުގެ ރަނގަބީލު ޖަހަން ފަށައިފި!
ލޮބުވެތި އެމެރިކާ ހަމަހަމަ ކަމާއި މިނިވަންކަމުގެ ރަމްޒަކަށް އަދި ވާނެ.
އާދެ! މިނިވަންކަމުގެ ރަނގަބީލް އާ ހެމިސްފިޔާގެ ފަރުބަދަތަކުގެ މަތިން ޖެހިޔަ ދީ! ނިއުޔޯރކްގެ މަތިވެރި ފަރުބަދަތަކުގެ މަތިން މިނިވަންކަމުގެ ރަނގަބިލް ޖެހިޔަ ދީ، ޕެންސުލްވޭނިޔާގެ ހުޅަނގު އައްޕަލަޗިއަން ފަރުބަދަތަކުގެ މަތިން ވެސް މިނިވަންކަމުގެ ރަނގަބީލް ޖެހިޔަ ދީ.
މިނިވަންކަމުގެ ރަނގަބީލް ކޮލޮރާޑޯއިން!
މިނިވަންކަމުގެ ރަނގަބީލް ކެލިފޮރނިޔާއިން!
އަދި ޖޯޖިޔާގެ ހިލަ ފަރުބަދަތަކުގެ މަތިން ވެސް މިނިވަންކަމުގެ ރަނގަބީލް ޖެހިޔަދީ!
ޓެންނީސްގެ ފަރުބަދަތަކުގެ މަތިންނާއި މިސިސިއްޕީގެ ކޮންމެ ފަރުބަދައެއްގެ މަތިންނާއި ކޮންމެ ވާދީއަކުން ވެސް މިނިވަންކަމުގެ ރަނގަބީލް ޖެހިޔަދީ!
އާދެ! ޒަމާން މި މިނިވަންކަން ދެކޭ ހިނދު، އެމެރިކާގެ ކޮންމެ ނަގަރަކާއި އަވަށްގަނޑަކުން މިނިވަންކަމުގެ ރަނގަބީލް ޖަހާ އިރު، އާދެ! މި އުފާވެރި ދުވަހުގެ އިރު ފެނުން ތޮޅިލަމުން ދާ ހިނދު، ކަޅު ނަސްލުގެ މީހުންނާއި ދޮން ނަސްނުލުގެ މީހުން، ޔަހޫދީންނާއި ނަޞާރާއިން އަތާއި އަތް ގުޅުވާލައި، ކަޅު ނަސްލުގެ ރޫހުން މި ލަވަ ކިޔާނެ.
"އެންމެ ފަހުން މިނިވަންވީ!. މިނިވަންވީ! މާތް ރަސްކަލާނގެއަށް ހަމްދު ހުރި. މިނިވަންކަމުގެ ވާދީގެ އުދަރެހުން ފަޖުރުތަރި އަރައިފި. އަލިވިލުނީ އުޖާލާ ފަތިހަކަށް!

