އަމީނޭ މަޒާރަކީ ޅެމެކެވެ. ދިވެހިރާއްޖެ ޒަމާނީ ތަރައްގީއާއި ތަހުޒީބާއި ތަމައްދުންތަކަށް ހުޅުއްވައިދެއްވި ގައުމީ ޒަޢީމު އަންނަބީލް މުޙައްމަދު އަމީން ދީދީގެ ހަނދާނުގައި ހ. ކަރަންކާމާގޭ މުޙައްމަދު ރަފީޢު ރަޙިމަހުﷲ ހެއްދެވި ޅެމެކެވެ. މި ރީތި ޅެމަށް ފުރާނަ އަޅުއްވައި ލަވައެއްގެ ރޫހާއި ޖޯޝުގައި ވަރަށް އަސަރު ހުރި ގޮތަކަށް ވިދާޅުވެ ހުށަހަޅުއްވައިފައި ވަނީ ރޯނުގޭ ޙަސަން މަނިކެވެ. އޭނާ ލަވައެއްގެ ގޮތުގައި މި ޅެން ހުށަހެޅުއްވީ 2016ވަނަ އަހަރު ސަރުކާރުން ފާހަގަކުރެއްވި ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެ ޖަލްސާ އޮތީ ހއ. ހޯރަފުށީގައެވެ. އެ އަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްޞީޞްކުރެއްވީ ދިވެހި ޅެންވެރިކަމުގެ "ގުލިސްތާން" އާދަމް ސަލީމް ރަޙިމަހުﷲ، އާދެ ސަލީމްބޭގެ ލޮބުވެތި ނަންފުޅަށެވެ.
އަމީނޭ މަޒާރު އިވުމުން ބަޔާންކުރަން ދަތި އިހުސާސްތަކެއް ހިތުގައި ހިނގަންފެށިއެވެ. ޝުއޫރުތަކެއް ކެކެން ފެށިއެވެ. ބަލައިލާ ހިތްވީ ލަވައިގެ ޅެމަށެވެ. ޅެމުގައި ހުރި އަސަރުގަދަ ވާހަކަތަކަށެވެ. ރީތި ސިފަކުރުންތަކަށެވެ. ލަޠީފީ ބަޔާންކުރެއްވުން ތަކަށެވެ. އަމީނުގެ މަޒާރަށް ޝާއިރަކު ކުރައްވައިފައިވާ މާނަވީ ޒިޔާރަތަށެވެ. އިޚްލާޞްތެރިކަމާ އެކު ކުރައްވައިފައިވާ މަޑުމޮޅި ތަޚްޞީޞަށެވެ. ވިދާޅުވަމުން ގެންދަވާށެވެ!
ޅެންވެރިޔާ މުޙައްމަދު ރަފީޢު ރަޙިމަހުﷲ "އަމީނޭ މަޒާރު" މި ޅެން ބިނާކުރައްވައިފައި އޮތީ މުޙައްމަދު އަމީން ދީދީގެ މަޒާރުގެ މައްޗަށެވެ. އާދެ އެ މަނިކުފާނުގެ މަޤުބަރާގެ މައްޗަށެވެ. ޒިޔާރަތުގެ މައްޗަށެވެ. މާލެއަތޮޅު ވިހަމަނާފުށީގައި އެކަނިވެރިކަމާއި ހިމޭންކަމުގައި އެ ހުރި މަހާނަފުޅުގެ މައްޗަށެވެ.

ޅެންވެރިޔާ އެ މަޒާރާއި އެ މަޒާރު ހުރި ކުޑަކުޑަ ރަށް ސިފަކުރައްވައި އަމީންގެ ފަނޑުވުމެއް ނެތް ޒިކުރާ އާކުރައްވައި ޅެމުން ކުރައްސަވައިފައިވާ މަންޒަރު ވަރަށް ފުރިހަމައެވެ. މިއަދު އެއީ ވަރުގަދަ ފަތުރުވެރި ރަށެކެވެ. ކުރުނބާ އައިލެންޑް ރިސޯޓެވެ. އެއީ ދިވެހި ފަތުރުވެރިކަމުގެ ފުރަތަމަ ބިންގަލެވެ. ދިވެހި އިގުތިސާދުގެ އެންމެ މަތީ އިންސައްތައެއް މިއަދު ހިއްސާކުރާ މަސައްކަތުގެ އަސާސީ ފެށުމަކީ ވެސް އެއީއެވެ. ދިވެހިރާއްޖެ އަދަށް ހުޅުއްވައިދެއްވި ފުރަތަމަ ޒަޢީމުގެ މަޒާރު މި ރަށުގައި ހުރިހުރުން މިއީ ކޮންފަދަ ބޮޑު އިއްތިފާގެއް ހެއްޔެވެ؟ މިކަމާ ވިސްނުމުން ހިތުގައި އުފެދެނީ އުފާވެރިކަމުގެ އިހުސާސްތަކެވެ.
އަމީން ދީދީގެ ނަންފުޅު އިވުނަސް އުތުރި އަރަނީ ގައުމީ ޝުޢޫރެވެ. ދިރެނީ ގައުމީ ލޯބީގެ އިހުސާސެވެ. އެހެނީ ހުއްބުލްވަޠަންގެ ރޫހު ދިވެހިންގެ ހިތްތަކުގައި އާލާކުރެއްވި އެއީ ދިވެހި ގައުމުގެ މުހިއްބުލްވަޠަނެވެ. އެ މަނިކުފާނާމެދު ދިވެހީން ކަންކުރި ގޮތްތައް އެހެރީ ތާރީޚުން ފެންނާށެވެ. އެ ސަފުހާތައް ކިޔާ ހިތެއް ނުވެއެވެ. އެއީ ދުވަހަކު ވެސް އަލުން އިއާދަކުރާން ދިވެހީންގެ އެކަކު ވެސް ނޭނދޭ މާޒީއެކެވެ. އެއީ އިންސާނީ މުޖުތަމައެއްގެ ހަމަ ހެޔާއި ހެޔާ ދެމެދު އުފެދުނު ގަޑުބަޑެއްގެ ގޮތުގައި ނޫނީ އަޅުގަނޑު ނުދެކެމެވެ. އެއީ އިންސާނަކާ މެދު އަނެއް އިންސާނުންތަކެއް އެއްވެސް މާނައެއްގައި ކަން ކުރާންވީ ގޮތެއް ކަމުގައެއް އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކެރެއެވެ. އަމުދުން އެއީ ރުޅިޔާއި ނަފުރަތުގެ ބަދަލަކަށް ކުރާން ހެޔޮ ވެސް ނުވާނެ ޒާތު ކަންކަމެވެ. ކޮންމެއަކަސް އެއީ މާޒީއެވެ. އަމީންގެ ޒިކުރާ އާވިއާވިހެން އެ ކުޅަދާނަ އިސްވާރަށް ހިތުން ކުރެވޭ ކުރުނީސް ހައްތާ ވަނީ ބޮޑެވެ. އެ ގާއިދަށް ބަރުތީލަވެވޭ ވެދުންތައް ހައްތާ ވަނީ ގިނައެވެ.
އަޅުގަނޑުގެ މައުޒޫއަކީ އަމީންގެ ޚިދުމަތުގެ ސިލްސިލާގެ ފުރިހަމަކަން ނިއުޅައި ވާހަކަދެއްކުމެއް ނޫނެވެ. އެހެނަސް އެ މަނިކުފާނުގެ މައްޗަށް ޝާއިރަކު ކުރެއްވި ޒިކުރާގެ ބަސްތަކެއްގެ މައްޗަށް ފީނައިލުމެވެ. އާދެ ވިހަމަނާފުށްޓަށް ދަތުރުކޮށްލުމެވެ. ވިހަމަނާފުށި މިއަދު ކިތަންމެ ބޮޑަސް، ކިތަންމެ ހަލަބޮއްޔަސް އެ ލޮބުވެތި ޒަޢީމުގެ ޖިސްމު އެ ފަސްގަނޑުގައި ވަޅުފުޅުލެވުނު އިރު އެއީ އެކަހެރީން އޮތް ފަޅުރަށެކެވެ. ޅެންވެރިޔާ އެ ރަށް ސިފަކުރައްވަމުން ވިދާޅުވެފައިވެއެވެ.
އާދެ! ދެލޮލަށް ސިފަވަނީ ނޫކަނޑެކެވެ. ރިހި ފަޅެކެވެ. ހަނދުވަރުގެ އަލީގައި ފެންނަ ކުޑަކުޑަ ރަށެކެވެ. ފެހިކުލައިގެ އެކިވަރުގެ ރުއްގަސްތަކެއް ހެދިފައި ހުއްޓަސް އެއްވެސް މީހެއްގެ ހިލަމެއްބިލަމެއް އެ ތާކަށް ނުވެއެވެ. އެ ރުއްތަކުގެ ފަންތަކަށް ވައިރޯޅިވުމުން އެ އުފެދޭ ހަރަކާތުން ރޯލާ އަޑުން ކުރަނީ ދަންނަވަން ދަތި އަސަރެކެވެ.
އެކަނިވެރިކަމާ އެކު އެ ފަޅުރަށުގައި އެ އޮތީ މަތިވެރި ޚިދުމަތްތަކެއް އެކި ރޮނގުތަކުން ދިވެހިރާއްޖެއަށް ކުރެއްވި އަގުމާތް ޒަޢީމެއްގެ ހަށިކޮޅެވެ. އެއީ މާޒީގެ ހުތުރު ސަފުހާތެއްގެ ވާހަކަ ކިޔައިދޭ މަޒާރެކެވެ. ހަމައެހެންމެ ގައުމަކަށް އެތައް ރޮނގަކުން ތަރައްގީއާއި ތަހުޒީބު އައި ގޮތުގެ ރަންދެލީގެ ސަފުހާތަކެއް ކިޔައިދޭ މަޒާރެއް ވެސް މެއެވެ.

އެ މަޒާރުގައި އެ އޮތީ ދިވެހިގައުމު ޒަމާނީ އުފެއްދުންތެރިކަމަށް ހުޅުއްވައިލި ފުރަތަމަ ބާނީގެ ހަށިކޮޅެކެވެ. އެ މަޒާރުގައި އެ އޮތީ ދިވެހި ބަހާއި އަދަބަށް ހިނިތުންވުމުގެ ކުލަގަދަ ބަހާރެއް ގެނެސްދެއްވި ކުޅަދާނަ އަދީބުގެ ހަށިކޮޅެކެވެ. އެ މަޒާރުގައި އެ އޮތީ ދިވެހިތާރީޚާއި ދިވެހި ސަގާފަތާއި އާދަކާދައަށް އަގުނުކުރެވޭނޭ ފަދަ ޚިދުމަތްކުރެއްވި ލޮބުވެތި މުއައްރިޚުގެ ހަށިކޮޅެކެވެ.އެ މަޒާރުގައި އެ އޮތީ ދިވެހިރާއްޖެ ދުނިޔޭގެ އިރާއި ހުޅަނގާއި ދެކުނާއި އުތުރަށް ތައާރަފްކޮށްދެއްވައި ހުޅުއްވައިދެއްވި ކުޅަދާނަ ޒަޢީމުގެ ހަށިކޮޅެކެވެ. އެ މަޒާރުގައި އެ އޮތީ ދިވެހި އަންހެނުން ގައުމީ އިސްފަށް ނެރުއްވައި ވަޠަނީ ގޮތުންނާއި ރޫހީ ގޮތުންނާއި ތަހުޒީބުގެ ގޮތުންނާއި އިޖުތިމާއީ ގޮތުން ބާރުވެރިކުރެއްވި ގައުމީ ޤާއިދުގެ ހަށިކޮޅެވެ. އެ މަޒާރުގައި އެ އޮތީ ދިވެހިރާއްޖެ ތައުލީމުގެ ނޫރަން އަލީން ހުޅުދާން ކުރެއްވި މަކުތަބުތަކާއި ގުލްޝަންތަކުގެ އިސް މޭސްތިރި މުދައްރިބުގެ ހަށިކޮޅެވެ. އޯގާވެރި ކުޅަދާނަ މުދައްރިސްގެ ހަށިކޮޅެވެ. އެ މަޒާރުގައި އެ އޮތީ ދިވެހިރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށް ޓަކައި ރާއްޖޭގެ އިގުތިސާދީ އިންފާރުތަކާއި އޭގެ ބިންގާތައް ވަރުގަދަކުރައްވައި ޖިހާދީ ޚިދުމަތްކުރެއްވި ކުޅަދާނަ މުޖާހިދުގެ ހަށިކޮޅެކެވެ. އެ މަޒާރުގައި އެ އޮތީ ބޮޑުއިސްޓޯރުގެ ބާނީގެ ހަށިކޮޅެކެވެ. އެ މަޒާރުގައި އެ އޮތީ ދާރުލްއުލޫމުގެ ބާނީގެ ހަށިކޮޅެވެ. އެ މަޒާރުގައި އެ އޮތީ މަޖީދިއްޔާއާއި އަމީނިއްޔާގެ ބާނީގެ ހަށިކޮޅެވެ.
އާދޭހެވެ! އާދޭހެވެ! އެ މަޒާރުގައި އެ އޮތީ ވިރާސީ ގޮތުން މޫލައިފައި އޮތް ރަސްކަން ޖުމުހޫރިއްޔަތަކަށް ބަދަލުކުރެއްވި ދިވެހި ގައުމުގެ ފުރަތަމަ ޖުމުހޫރިއްޔާގެ ބާނީގެ ހަށިކޮޅެވެ ދިވެހިރާއްޖޭގެ ޖުމުޙޫރީ ހަޔާތުގެ ފުރަތަމަ ރައީސުލްޖުމުހޫރިއްޔާގެ ޢިއްޒަތްތެރި ހަށިކޮޅެކެވެ. ބޭއިންސާފާއި ބޭއިހުތިރާމާއި ބޭޤަދަރުކޮށް އެ ހަށިކޮޅަކަށް ދިވެހި އަތްތަކުން އަނިޔާ ދީ ޒަޚަމްކުޅަ ލޮބުވެތި ޒަޢީމުގެ ހަށިކޮޅެވެ. އާދެހެވެ! މުޙިއްބުލްވަޠަނުގެ ލޯބިވެތި ހަށިކޮޅެވެ. ފަނޑުވުމެއް ނެތް ކުލަ ގަދަ އޯކިޑުގެ ހަށިކޮޅެވެ. ހިންގުންތެރި އގއގެ ހަށިކޮޅެވެ. އާދޭހެވެ! އައްނަބީލް މުޙައްމަދު އަމީން ދީދީ ރަޙިމަހުﷲގެ ލޮބުވެތި ހަށިކޮޅެވެ.
އެއީ މާޒީގެ ހުތުރު ސަފުހާތަކެވެ. އިބުރަތާއި ފިލާވަޅުން ފުރުނު ކަޅު އަނދިރި ދުވަސްތަކެވެ. ޅެންވެރިޔާ އިތުރަށް ވިދާޅުވިއެވެ. އެ ހަނދާނީ މަޒާރު ހުރި ރަށުގެ ދޮންވެލި ގޮނޑުދޮށަށް ވެސް ލިބިފައިވަނީ ފޫހިކަމެކެވެ. ދޫނިސޫފާސޫފިތައް ވެސް ތިރިކޮށްލަނީ ނިދިބުރަކައިގެންފައިވާ ހާލުގައެވެ. މިަހއިވެސް އެކަނިވެރިކަން ބޮޑެވެ. ވިސްނާށެވެ! އެއީ ގައުމީ ޚިދުމަތްތެރިއެއްގެ ޒިކުރާ ދިރޭ ހަނދާނީ މައިދާނެކެވެ. އެހެނަސް ވެރިވެފައިވަނީ އެކަނިވެރިކަމެވެ. އެއީ މަތިވެރި ޒައީމެއްގެ މަގުބަރާއެއް ކަމުގައި ވިޔަސް، މަހާނައިގެ ގޮތުން އެހެން މަހާނަތަކާ މާބޮޑު އެހެން ތަފާތެއް ފެންނާކަށް ނެތެވެ. އެ ހިތްދަތި މަންޒަރު ފެނިވަޑައިގަންނަ ހިނދު އޮހިގަންނަނީ ކަރުނަ ކަމުގައި ޅެންވެރިޔާ ވިދާޅުވެފައިވެއެވެ.
މިއީ ދުނިޔެއެވެ. މިތާނގައި އަބަދަށް ދާއިމަށް އެކަކަށް ވެސް ދެމިއެއް ނުހުރެވެއެވެ. މިއީ ވަގުތީ ދުނިޔެއެކެވެ. މާމޮޅުތަކެއް ލިބޭނޭކަމަށް ހީކޮށް ބޮޑާވުމާއި އަނިޔާވެރިވުމާއި ބޭއިންސާފު ހިންގުން މިއީ އެއްވެސް މީހެއްގެ މައްޗަށް އޮތް ކަމެއް ނޫނެވެ. ކޮންމެ މީހަކު ވެސް އަޖަލާ ކުރިމަތިލާން ޖެހެއެވެ. ޅެންވެރިޔާ ސުވާލުކުރައްވައިފައިވެއެވެ. މި ހަޔާތުގައި ކުރާ ހިތުގެ އުންމީދުތައް ދިރުވައި އާކުރަން ދުނިޔޭގެ ފާލަމުގައި އަބަދު ދެމިހުންނަނީ ކާކުތޯއެވެ؟ ތެދެކެވެ. އެއެއްވެސް މައުޚުލޫޤަކަށް އެއީ ލިބިގެންވީ ސިފައެއް ނޫނެވެ. ވަގުތު ޖެހުމުން ޖެހޭނީ ދާށެވެ. ޅެން ނިންމަވައިލައްވަމުން ޅެންވރިޔާ އެ މަޒާރު ސިފަކުރައްވައިފައިވަނީ "ތަޚުތު"އެއްގެ ސިފައިގައެވެ. ވިދާޅުވަނީ ފުރާނަފުޅާ ވަކިން ތަޚުތުގައި ހަށިކޮޅު ފަނާވިޔަސް، އަރަގެން އަންނަނީ ފަޚުރުވެރި އެ ޒިކުރާގެ އަލިގަދަ ހަނދުކަމުގައެވެ.
ތެދެކެވެ. ލޮބުވެތި އަމީންގެ ޒިކުރާއަކަށް ނިމުމެއް ނެތެވެ. ދިވެހި ވަޠަން އޭގެ ނޭވާލާހައި ހިނދަކު އަމީނީ ޒިކުރާ ދިރުވާނެއެވެ. ގައުމުގެ އަންހެން ދަރީން އެ ހަނދާން އާލާކުރާނެއެވެ ދިވެހި އަދަބާއި ބަހާއި ޅެންވެރިކަން އެ ޒިކުރާ ދިރުވާނެއެވެ. ދިވެހި ކަނޑުފަޅުތަކާއި ރަށްތައް އެ ޚިދުމަތް އާކުރާނެއެވެ. މުޙައްމަދު އަމީންނަށް ވެވޭ ގައުމީ ކުރުނީހަކަށް ނިމުމެއް ނުދައްކަވާށިއެވެ. އަމަނިކުފާނު ދިވެހި ގައުމަށް ކޮށްދެއްވި އަގުހުރި ދިރިހުރި ޚިދުމަތްތަކަށް އިރުއޮއްސުމެއް ނުދައްކަވާށިއެވެ. އެމަނިކުފާނުގެ ފުރާނަފުޅު ޖަންތުލްފިރުދައުސްގެ މަތިވެރިވެގެންވީ ނިޢުމަތްތަކުގައި ލައްވާށިއެވެ.
މި ރީތި ޅެމުގެ ޝާއިރު މަރުޙޫމް މުޙައްމަދު ރަފިޢުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށިއެވެ. މި ޅެން ލަވައެއްގެ ސޫރައިގައި ރީތިރީތިކޮށް ވިދާޅުވެދެއްވައި މި ޒަމާނަށް މި ވާހަކަތަކާއި އަމީނުގެ ޒިކުރާ ހުޅުއްވައިދެއްވި ކަމަށް ޓަކައި އަޚް ރޯނުގޭ ޙަސަންމަނިކަށް ނުހަނު އިހުތިރާމާއި ލޯތްބާއެކު ޝުކުރު ދަންނަވަމެވެ. އޭނާގެ މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާކުރަމެވެ. ލިބުވެތި ޝާޢިރު މުޙައްމަދު ރަފީޢު ހެއްދެވި މި ރީތި ޅެމާއި ޙަސަންމަނިކުގެ އަޑުފުޅުން ލަވައެއްގެ ގޮތުގައި ހުށަހަޅުއްވައިފައިވާ ހުށަހެޅުން، އަޅުގަނޑުމެންގެ ހަނދާނުގެ ސަފުހާތަކުގައި ނޯޓުކޮށްލުމުގެ ބޭނުމަށް ޓަކައި ހިއްސާކުޅައުމުގެ އުފާ ލިބިގަތީމެވެ. ޅެން ވިދާޅުވެ ލައްވާށެވެ. ލަވަ ބައްލަވަމުން އަޑު ވެސް އައްސަވައިލައްވާށެވެ! އެއަށްފަހު، އެ މަޒާރަށް ރޫޙީ ގޮތުންނާއި މާއްދީ ގޮތުން ވެސް ޒިޔާރަތްކޮށްލައްވާށެވެ! މުޙިއްބުލްވަޠަން ދިރުއްވި ގައުމީ ލޯބީގެ ޙައްޤުގައެވެ. ދިވެހި ގައުމާއި ދިވެހި އަދަބިއްޔާތާއި ދިވެހިވަންތަކަމުގެ ހައްގުގައި ވެސް މެއެވެ.
އަމީނޭ މަޒާރު
މުޙައްމަދު ރަފީޢު، ހ. ކަރަންކާމާގެ
ނޫކަނޑެއް ސިލްވަރު ފަޅެއް ނޫރުލް ކަޝާފަށް ސިފަވަނީ
ސޫރަވާ ކުޑަކުޑަ ރަށެއް ހަނދުވަރުގެ އަލިކަމުގައި ވަނީ
ރުއްތަކެއް ފެހި ގަސްތަކެއް އެކިވަރުގެ ހެދިފައި މި ރަށުގައި
ހުއްޓަކަސް މީހެއްގެ ހިލަމެއް ނުފެނިގެންނޭ ދެރަވަނީ
ފަންތަކަށް ވައިރޯޅިދޭ ހަރަކާތުގައި ރޮއިލާ އަޑުން
ދަންނަވަން ވެސް ނުކުޅެދޭ ހިތި އަސަރެކޭ ކުރަމުން ދަނީ
ފޫހިކަން ލިބިގެން އެވާ ފަޅު ރަށުގެ ދޮންވެލި ގޮނޑުދޮށަށް
ދޫނި ސޫފާސޫފި ނިދިބުރަކައިގެނޭ ތިރިކޮށްލަނީ
ފެންނަ ފެނުމެއްގައި އެހެން މާބޮޑު ތަފާތެއް ނުވިޔަކަސް
އެންމެ މަތިވެރި އެއް ޒަޢީމުގެ މަޤުބަރާއޭ ފެންނަނީ
ކޮޅުކޮޅަށް ހިތުގައި ހިނގާ ގަދަ އަސަރަކުން ފެނިފައި މިތަން
ލޮލުގެތެރެއަށް އެއްވެފައިވާ ކަރުނަތައް އޮހިގަންނަނީ
އާކުރަން މި ޙަޔާތުގައި ކުރެވޭ ހިތުގެ އުންމީދުތައް
ކާކުތޯ ދުނިޔޭގެ ފާލަމުގައި އަބަދު ދެމިހުންނަނީ
ތަޚުތުގައި ވެ ފަނާވިޔަސް ހަށިކޮޅު ފުރާނަފުޅާ ވަކިން
ފަޚުރުވެރި ޒިކުރާގެ އަލިގަދަ ހަނދުއަރައިގެން އަންނަނީ

2 Responses
"އަމީނޭ މަޒާރު"ތޯ ނުވަތަ "މަޒާރެ އަމީން"ތޯ؟
"އުސްތާޛުލްޖީލު" ކިޔާންވީ ތާކަށް "ޖީލުލްއުސްތާޛު" ކިޔުމުން ވެސް އޯކޭވީމާ، މި އޮތީ އެހެންވެފައެއްނޫންބާ؟
"ހިންމަތާ އެކުގާ ޤަލަމްކޮޅު ހިންގަވާ މިޔަދަށް ޓަކައި،
ބިންގަލެއް ނާޅުއްވަވާ ހަމަ އެންމެ ފަންނެއް ވެސް ނެތޭ ދީބުގާ ދިއްލެވި ޢުލޫމުގެ ބައްތިތައް،އެކި ކަންކޮޅުތަކުން،
ފާޅުކޮށްދޭ ނޫރަކުން މެނުވީ ލިބޭ އައްޔެއް ނެތޭ."
މިއީވެސް އެ ޅެމުގައި އެކުލެވޭ ބައިތުތަކެއް.