Support Us

ބަބުރު މަންޖެއާއި ޝަރަފުވެރިކަމުގެ އިނާމު

ދިވެހިންގެ ހުރި ކުޅަދާނަކަމާއި ގާބިލުކަމާއި މޮޔަކަން އެނގޭނީ ކަންތައްތަކާ ކުރިމަތިވުމުންނެވެ. ކުޅުދުއްފުށީ ޝަހީދު ހުސޭން އާދަމްގެ ކުޅަދާނަކަން އެނގުނީ ނޮވެމްބަރު ތިނެއްގެ ހާދިސާ ކުރިމަތިވުމުންނެވެ. ރާއްޖޭގެ ފަޅުރަށެއްގައި ތިބި ބަންގާޅީންތަކެއްގެ ހުރި ބިރުކުޑަކަން އެނގުނީ އެމީހުންނަށް މުސާރަނުދީ ފަސް މަސްވުމުން ދިވެހީންގެ ބަޔަކު ރަހީނުކުރުމުންނެވެ. ދިވެހިރާއްޖެ އިސްލާމްވުމަށް ދަރުމަވަންތަ ރަސްގެފާނު ނިންމެވީ ރާއްޖެއަށް ރަންނަމާރި ނާރާގޮތަށް ވަލީވެރިއަކު ހެއްދެވުމުންނެވެ.

އެކަމަކު ރަސްކަން ޖުމުހޫރިއްޔަތަކަށް ބަދަލުވެ ޖުމުހޫރިއްތަޔު ބަރުލަމާނީއަކަށް ބަދަލުކުރާހިތްވާ ޒާތުގެ މީހުންގެ އަޑުގަދަވެ ބަސް ގިނަވެ ކުޅުދިޔާވިޔަސް ރަންނަމާރިއެރުމަކީ ސަގާފީ ކަމެއްގެ ގޮތުގައި ވަނީ ދިރިދެމިގެން ގޮސްފައެވެ.

ރާއްޖޭގެ ރަށްތަކަށާއި ވަލުތެރެއަށާއި ސަފާރީތަކަށް ރަންނަމާރި އަރަމުންދާކަމުގެ ޚަބަރުދަބަރު ލިބެމުން އެބަދެއެވެ.

ރަންނަމާރީންގެ ތެރޭގައި އެކިވައްތަރުގެ ރަންނަމާރީން އުޅެއެވެ.

ރާއްޖޭގެ ތާރީޚު ދިރާސާ ކުރުމުން ބިކުރުވެރި އަންހެން ކުދީން މަރާލައި ރަންނަމާރީން ފެނިފައި އެބަހުއްޓެވެ. އެޒަމާނުގައި ޓީވީއާއި ޑަކުޓަރުން ނޫޅޭތީ އަންހެނުންގެ އިއްފަތްތެރިކަމަށް ލިބޭ ގެއްލުން ލައިވްކޮށެއް ނުބެލެއެވެ. އަދި ކުޑަކަމުދިއުމުގެ ނިޒާމު ޓެސްޓު ނުކުރެވޭތީ މަސްތުގެ ހާލަތެއް ނޭނގެއެވެ.

ރަންނަމާރީގެ ޚަބަރުތައް ދިރާސާކުރާ ނޫހަކުން މެންދުރު މައުލޫމާތު ދިންގޮތުގައި އެންމެފަހުން ދެ ރަންނަމާރި އެރީ ސަފާރީއެއްގައި އިން ބަބުރު މަންޖެއެއްގެ ގަޔަށެވެ.

އެ މަންޖެއާ ހަވާލާދީ ޚަބަރު ފެތުރުނު ގޮތުގައި ރަންނަމާރީން ބޭނުންވި ގޮތަށް ހުރިހާ ކަމެއް ނުދިޔައީ މެންދަމުން އަލިވެ ފަތިސްދަމަށް ދުނިޔެ ދަތުރުކުރަމުން ދަނިކޮށް ކަނު އަނދިރިކަމުގެ ތެރޭގައި ބަބުރު މަންޖެ މޫދަށް ފުންމާލުމުންނެވެ.

ދުނިޔޭގެ ކަންތައްތައް ބަދަލުވެގެންދާ އުސޫލުން 48 ގަޑިއިރުފަހުން މެންދުރުގެ ހޫނު ޚަބަރު ދޮގަކަށްވެ، ރަންނަމާރީތައްވީ ބަޠަލުންނަށެވެ.

ބަބުރު މަންޖެއެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ ހިތްވަރުގަދަކަމުގެ އިނާމު ރަންނަމާރީންނަށް ހައްގުވިއެވެ. ދެރައީ އެމީހުން ހިންގި ހިތްވަރުގަދަ އަމަލު ބޭރުގެ އެންމެ ގައުމަކުން މީސް މީޑިއާގައި ކުލަގަދަކޮށް ފާހަގަކުރުމެވެ.

ޕާޓީކޮށް މަސްތުވުމަށް ދެވިހިފާފައި ހުރި ބޯގަޅި ބަބުރު އަންހެނެއްގެ ފުރާނަ ސަލާމަތްކުރުމުގެ ހިތްވަރުގަދަކަމުގެ އިނާމު ދިވެހި ރަންނަމާރި ފިރިހެނުންތަކަކަށް ހައްގުވެއްޖެއެވެ. އެ މީހުންނަކީ ޖީބުގައި ވަރުހުރި "ރޮޔަލް" އަދި ސިޔާސީ ގޮތުން ހިމާޔަތްކަން ލިބިގެންވާ ޖިސްމާނީ ގޮތުން ވަރުގަދަ ދެއަތާއި އުނަގަނޑުގައި ބާރުހުރި ހަމައިން ނެއްޓެން ޖެހޭ ވަގުތުގައި ވެސް ހަމަހޭގައި ތިބި ބައެކެވެ.

ބަބުރު މަންޖެއަށް ޕާޓީކުރުމުގެ ޚިދުމަތް ދިނުމުގެތެރޭގައި އެ މަންޖެގެ ކަރުގައި ހިފުމާއި ފޫކޮޅުގައި އަތްޖެއްސުމާއި ހަށިގަނޑުގެ އެހެން ބައެއް ނާޒުކު ތަންތަނުގައި އިނގިލި ޖެހުމަކީ އެފަދަ ވަގުތެއްގައި ލާޒިމުކަމެކެވެ.

ބަބުރު މަންޖެ ސަފާރީން ރޭގަނޑުގެ ކަނު އަނދިރީގައި ވިލަށް ފުންމާލީ ރަންނަމާރީންގެ އަތްދޮށުން ސަލާމަތްވާންކަން ނުވަތަ އިއްފަތްތެރިކަން ރައްކާތެރިކުރަންކަން، ނޫންނަމަ ދަންޖެހެންކަން ތަހުގީގަކަށް ސާބިތެއްނުވެއެވެ. އަދި އޭނާ މޫދަށް ފުންމާލީ ކީއްވެގެންކަން ފުލުހުންނަކަށް އަމުދުން ނޭނގެއެވެ. އަދި އޭނާގެ ފުރާނަ ސަލާމަތްކުރަން އޭނާ ޑިންގީއަކަށް ލައިގެން އެއްގަމަށް ގެންދިޔަ މީހުން ތިބީ މަސްތުވެގެންކަން ފުލުން ބަލަން ޖެހޭކަމަށް ވިޔަސް ފުލުހުންނަކަށް އެކަން ބަލާކަށް ވެސް ނޭނގުނެވެ.

އަމިއްލަ ތަހުގީގަށް ސާބިތުވާ ކަމަކީ ޕާޓީކުރަން ސަފާރީއަކަށްދިޔަ އަންހެނަކު ރޭގަނޑު މެންދަމު ވިލަށް ފުންމާލައިގެން އުޅެނިކޮށް އޭނާގެ ފުރާނަ ސަލާމަތްކުރުމަކީ ހިތްވަރުގަދަކަމުގެ ނަމޫނާއެއްކަމެވެ. އެވަރުގެ ކަމެއް ކުރި ބަޔަކަށް "އައްސުލްޠާން ސިރީ ސަފާރީ ޕާޓީ ކުޅެ ބޮވުނު މަހާރަދުންގެ ޝަރަފުވެރިކަމުގެ ރަންހާރު" ވެދުމަށް އެރުވުމަކީ ނުހަނު ހައްގު ކަމެއްކަމެވެ.

އިންޑިއާގެ މުސްލިމުންގެ ދުޝްމަން "ސަރެންޑަރ" މޯދީއަށް ވެސް ވަނީ ދިވެހި ސަރުކާރުން ޝަރަފުވެރިކަމުގެ "ރަންހާރެއް" ވެދުންކުރައްވާފައެވެ.

ސުޕްރީމް ކޯޓަށް ވައްދާފައިވާ ސިއްރު ހެކި ބަލައިގަތުމާއި ބަލައިނުގަތުމާ ގުޅޭ މައްސަލައަކަށް "ނިޔާ"އެއް ކަނޑަނޭޅިގެން އުޅޭތީ ރާއްޖޭގެ ކޯޓުތަކުގައި ހިންގަންޖެހޭ ޝަރީޢަތްތަކަށް "ތަށަށް ކިޔަނީ މަރިޔަނބު ހޭވެސް" އަހާނުލައި، ގުޑުމެއް ނާރައި، މަލަރުވެގެން އުޅޭތާ ހަތަރު ފަސްމަސް ދުވަސް ވެއްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1114

2 Responses

  1. ވަޖުދީ މިއީ ގަދަ ގޮލައެއް. ދުރުންދުރުން ނުބުނެ. ސީދާ މޫނަށް ތިޔަ ކަނޑައިލީ! ގްރޭޓް! ޕްލީޒް ކީޕިޓަޕް! ކޮންގްރޭޓްސް!

  2. varah jehilun kudakoh ….Hama dhimaa seedhalah dhookalaa theeru thakeh
    fadha basthah kithanme rangalhavavves amaazah vaasiluvaane. Hithaamayakee haqeeqaiy haama kuraa fenvaru huri, ottareh huri liyumeh liyanyaa… maadhama bodu thalhualhuvaanethee….thiya kuraa masaiykathah saabas…thi gothugai kuriah dhey!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *