ނަވާރަ ސަތޭކަ ފަންސާސް ހަތް ވަނަ އަހަރު، އެ ޤަރުނުގެ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ "އާނަލްޑް ޓޮއިންބީ" ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވިއެވެ. ޓޮއިންބީގެ އެ ދަތުރުފުޅުގައި، ޕާކިސްތާނުގައި ބޭއްވި ތާރީޚާ ބެހޭ މަހާސިންތާއެއްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮންމެއަކަސް، މި މަހާސިންތާ ނިންމުމުގެ އިޙުތިފާލުގެ ތެރޭގައި، ޕާކިސްތާނުގެ ސިވިލް ސަރވިސްގެ މަތީ މަގާމެއްގައި ހުންނެވި އިސްވެރިޔަކު، އެ ބޭފުޅާގެ ޑައިރީ ހިއްޕަވައިގެން، ޓޮއިންބީގެ އަރިހަށް ވަޑައިގެން އޮޓޯގްރާފެއް ދެއްވުމަށް އެދިވަޑައިގަތެވެ. ޓޮއިންބީ ގަލަންކޮޅު ނަންގަވާ ސޮއިކޮށްލައްވަމުން، އޭނާގެ މޫނަށް ބައްލަވާ ލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ބޭނުންވަނީ ހިޖުރީ ތާރީޚު މީގައި ޖަހާށެވެ. މިއަދުގެ ހިޖުރީ ތާރީޚަކީ ކޮބައިކަން ބުނެ ދެއްވަފާނުތޯއެވެ؟" ކޮންމެއަކަސް، ސިވިލް ސަރިވިސްގެ، އެ ބޭފުޅަކު ލަދުން އިސްދަށަށް ޖެއްސެވިއެވެ. އޭނާއަކަށް އެ ދުވަހުގެ ހިޖުރީ ތާރީޚު އެނގިވަޑައެއް ނުގެންނެވިއެވެ.
ޓޮއިންބީ، ހިޖުރީ ތާރީޚު، އެ ޑައިރީގައި ލިޔުއްވުމަށްފަހު، ކުޑަކޮށް ހިނިފުޅުވެޑުވަމުން، އޭނާއާ ދިމާއަށް ބައްލަވާލައްވަމުން ވިދާޅުވިއެވެ.
"މީގެ ކުޑައިރުކޮޅެއް ކުރިން މިތަނުގައި، އިސްލާމްދީނުގެ މުސްތަގުބަލާ ބެހޭ ގޮތުން ލައްކަ އަޑުގަދަކޮށް ތަގުރީރުތައް ކުރެވުނެވެ. އެބައެއްގެ އަމިއްލަ ތާރީޚު ހަނދުމަ ނެތް ބަޔަކަށް ތާރީޚެއް އުފެއްދޭނީ ކިހިނެއް ހެއްޔެވެ؟ ތާރީޚު އުފެއްދެނީ އަނގަޔަކުން ނޫނެވެ. އަދި ކިއެއްތަ ޢަމަލުންނެވެ."
ސިވިލް ސަރވިސްގެ، އެ އިސްވެރިޔާ ލަދުން އިސްދަށަށް ޖައްސަވައިގެން ހުންނަވާ އެތަނުން ވަޑައިގެންނެވިއެވެ.
ޓޮއިންބީ އެ ވިދާޅުވީ ކިހާބޮޑު ތެދުފުޅެއް ހެއްޔެވެ؟ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ތާރީޚު ނޭނގުމަކީ ކިހާބޮޑު ލަދުވެތި ކަމެއް ހެއްޔެވެ؟ އަޅުގަނޑުމެންނަށް އަމިއްލަ ތާރީޚު ނޭނގޭއިރު، ތާރީޚެއް އުފައްދާނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދަރިންނަށް، ދަރިންގެ ދަރިންނަށް ގައުމުގެ ތާރީޚާއި، މިނިވަންކަމާއި، ސިޔާދަތާއި، ގައުމިއްޔަތު ބުނެދެވޭނީ ކިހިނެއް ހެއްޔެވެ؟
ދެހާސް ފައްސަތޭކަ އަހަރުގެ ދިގު ތާރީޚެއް އޮތް، އަޅުގަނޑުމެންގެ މި ގައުމަކީ ހަތް ޕަޓްނާގެ މައްޗަށް ނުވަތަ ހަތް ދީބުގެ މައްޗަށް އެކުލެވޭ ބިޔަ ބޮޑު ގައުމެކެވެ. މަތީ ފޮޓޯ އިން އެ ފެންނަ ގޮތަށް އެއީ އަމިނިދީބު، ލަކުޑިދީބު، ނުވަތަ ލަކްޝަދީބު، މަހަލްދީބު، ސުވައިދީބު، ފެހެންދީބު، ތޭންގަދީބު، އަދި ސުވަރުނަދީބެވެ.
މީލާދީން ފަސް ވަނަ ޤަރުނާއި ހަ ވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖޭގައި ރަސްކަމެއް އޮތް ކަމަށް ތާރީޚު ޢިލްމުވެރިން ވިދާޅުވެއެވެ. ތާރީޚީ ހެކިތަކާއި ވާހަކަތަކުން އެނގޭ ގޮތުގައި ދިވެހިރާއްޖެއަކީ 2،500 އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީޚެއް އޮތް ގައުމެކެވެ.
ޢަރަބި މުވައްރިޚުންގެ ލިޔުއްވުންތަކުގައި، 1965 އާ ހިސާބަށް ދިވެހިރާއްޖޭގެ ރަދުންގެ ރަސްމީ ލަގަބުފުޅަކީ އެއްގަމާއި ކަނޑު ހިމެނޭހެން 12،000 ޖަޒީރާގެ ވެރި ރަދުންނެވެ. އެކަމަކު، މިއަދުގެ ޖީލަކަށް އެކަމެއް ނޭނގެއެވެ. މިއަދު އެވާހަކަ ދެއްކުންވެސް، ޒަމާނީ ތަޢުލީމުގެ ޖީލަށް ވަނީ ކަޓުކަމަކަށެވެ. އެ ބައެއްގެ ތާރީޚު ނޭނގޭ ބަޔަކަށް އޮންނާނީ ކޮން ގައުމިއްޔަތެއް ހެއްޔެވެ؟
One Response
تاريخ އަދި އެނގުނަކަސް تأريخ ނޭނގި ހިނގައިދާނެ ނޫންތޯ؟