Support Us

ކުރު ވާހަކަ: ވަސްވާސް

މާރުކޭޓަށް ފިޔާކޮޅަކާ އެއްޗެހި ގަންނަން ދިޔައިމެވެ. ބޭނުންވި ތަކެތި ގޮޅިން ނަގައި، ހިސާބު ނިންމުމަށްޓަކައި، ވަތްގަނޑު ބަލަހައްޓަން އިން ބުރުގާ އެޅި އަންހެނެއްގެ އަތަށް އެ ތަކެތި ދިނީމެވެ.

އޭނާ ބުނި އަޑު އިވުނެވެ. 'ކޮއިފުޅާއެކު މިރޭ ނިދާނަމެވެ! ކަން ބޮޑު ނުވާށެވެ!'

އަހަންނަށް ހައިރާން ކަމެއް ލިބުނެވެ. ކުއްލިއަކަށް ހިތަށް އެރީ މަންމަމެން އަބަދުވެސް ބުނާ ވާހަކައެވެ. އަހަރެންގެ ރީތި ކަމުގެ ވާހަކައާއި ހުރިހާ އަންހެނުން ވެސް އަހަންނަށް ލޯބީކުރާނޭ ކަމާއި އަހަންނަށް އެދޭނޭ ކަމުގެ ވާހަކައެވެ! އަހަރެންގެ ހިތް އާސްމާނަށް އެރިއެވެ. އަދި ހިތާހިތާ ބުނީމެވެ. އަހަރެން ހަމަ ރީތީތާއެވެ! އެކަމަކު މަށަކު މީނައަކާ އަޅައެއް ނުލާނަމެވެ.

ދެންވެސް، އެ އަންހެން މީހާ ބުނި އަޑު އިވުނެވެ. 'ކޮއިފުޅު ވަރަށް ވެސް ލޯތްބެވެ! ކޮއިފުޅަށް ވުރެ ވަކިން ލޯބީ އެހެން ކާކުހެއްޔެވެ؟'

އެހެން ބުނެލާފައި، ލަދުވެތި ގޮތަކަށް، އެކަނބުލޭގެ ހިނިތުންވެލިހެން ހީވިއެވެ. އަދި، ބުނި އަޑު އިވުނެވެ. 'ދެން ދޮނެއް ދޭށެވެ!'

މި އެދުނު އެދުން، އަހަންނަށްވީ، ވަރަށް ވެސް އާދަޔާ ޚިލާފު އެދުމަކަށެވެ! އަހަރެންގެ ހެޔޮ ނަސީބު ނިޔާކުރީ އެކަމަށް އިޖާބަ ނުދިނުމަށެވެ!

ދެން، އެ އަންހެން މީހާ ބުނި އަޑު އިވުނެވެ. 'ކޮއިފުޅަކީ މަންމަގެ ލޯބިކޮޅެވެ! މަންމަގެ ލޮލުގެ ކޮއެވެ!'

އެ އަޑު އިވުމުން އޭނާގެ މޫނުމައްޗަށް ރަނގަޅަށް ބަލައިލެވުނެވެ. އޭނާގެ މޮބައިލް ފޯނު އޮތީ ބުރުގާގެ ތެރޭގައި ކަންފަތާ ދިމާވާ ގޮތަށް ހަަރުކޮށްލާފައެވެ. އަދި، އެއްޗެތި ވިއްކަމުން، މިނިވަންކަމާއެކު، އޭނާގެ ދަރިފުޅާ އޭނާ ވާހަކަ ދައްކަމުން ވެސް ދިޔައެވެ.

ދެން ހަމަބިމަށް އަހަންނަށް އާދެވުނެވެ! އަހަރެންގެ ރީތިކަމުގެ ވާހަކައަކީ އަހަރެން ހައްދަންވެގެން މަންމަމެން ދެއްކި ވާހަކައަކަށް ވެސް ވެދާނެއެވެ!