Support Us

ކޮލަމް ކަލާވެހި: އޯގާވެރިކަމާއި ކުލުނާ އެކު ފިރުމައިލުމަކީ… 

މި ފަހަރުގެ މަޒުމޫނުގައި އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ ހިތަށްއަރާ އެއްޗެއްގެ ވާހަކައެވެ. ހިތުގައި އުފެދޭ ޝުއޫރުތަކަކާ ވިދިގެން ކުރިމައްޗަށް އައިސް ހުއްޓޭ ސުވާލުތަކެއްގެ ވާހަކައެވެ. އަދި އެ ސުވާލުތަކާ އަޅުގަނޑު ކުރިމަތިލާ ގޮތުގެ ވާހަކަ މެއެވެ. ވަކީން ޚާއްޞަކޮށް، ކުލުނާއެކު ފިރުމައިލެވޭ ފިރުމައިލުމަކަށް ބޭނުންވުމަކީ ހަމަ ކޮންމެ އިންސާނެއްގެމެ ދިރިއުޅުމުގައި ވެސް ޒަރޫރީ ކަމަކަށް ވެގެން ހިނގައިދާނޭ ވާހަކައެވެ.

ދެންމެ މި ދެންނެވި ބޭނުންވުން ޒަރޫރީ ބޭނުމަކަށް ވަނީ ކިހިނެއް ކަން ނުވަތަ ނޫން ކަމާ މެދު ބާރުވެރި ބީދަޔަކުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވާހަކަފުޅުދެއްކެވޭނީ ދުނިޔޭގައި ނަންހިނގާ ޔުނިވަރސިޓީތަކުގެ ފުންނާބުފުޅު އުސް ޕުރޮފެސަރުން އަރިހުން ކިޔަވާވިދާޅުވެގެން، ފަލްސަފީ ޙަކީމުކަމުގެ ތިން އަކުރުގެ މަތިވެރި ފާސް ނަންގަވައިގެން ވަޑައިގެން އުޅުއްވާ ބޭފުޅުންނަށް ކަމަށް ވާތީ، އެ ސުވާލުތައް މިތާނގައި ދަންނަވައިލައިފައި، ސުވާލުތަކުގެ ޖަވާބުތައް ދެއްވާނެންޏާ ދެއްވަން އެ ބޭބޭފުޅުންނަށް ފުރުޞަތު އަރުވަމާތޯއެވެ!

އާދެ! އިންސާނަކު ދުނިޔެތެރެޔަށް ނިކުމެ، ދުނިޔޭގެ އެކި ކަންކަމުގައި މަޝްޣޫލުވެ، އެކި މީހުންނާ މުޢާމަލާތްކޮށް، ދިނުމާއި ލިބިގަތުމުގެ ތަފާތު އެކި މުޢާމަލާތްތައް ކޮށް، އެކި ކަންކަން ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތައް ބޮލަރުވައިގެން އުޅޭ އިރު، އޭނާ އެ ކަންކަން ކުރާން އުޅޭން ޖެހޭ ކޮންމެ މާޙައުލަކީ ޞުލްޙަމަސަލަސްކަމުން ފުރިގެންވާ މާޙައުލަކަށް ނުވެ ހިނގައިދާނޭ ކަން ކަށަވަރެވެ. އޭނާޔާ ކުރިމަތިވާ ކަންކަމުން އޭނާގެ ހިތާއި ރޫޙަށް ލިބޭނީ ހަމައެކަނި އުފަލާއި ހިތްހަމަޖެހުމާއި ނަފުސާނީ އަރާމު ނޫން ކަން ވެސް އެއީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާނޭ ޙަޤީޤަތެއް މެއެވެ. އެހެންކަމުން، އެ ޒާތުން ދަންނަވާން ހުރި، އަޅުގަނޑުމެން ކަހަލަ މީހުންގެ ކުރިމައްޗަށް އައިސް ހުއްޓޭ ބައެއް ސުވާލު މިތާނގައި ދަންނަވައިލައިފައި ކުރިޔަށް ދާން ކަމަށެވެ!

އިންސާނާގެ ދުންޔަވީ ޙަޔާތުގެ އެކި މަރުޙަލާތަކުގައި އޭނާޔާ ކުރިމަތިވާ ކަންކަމުން އޭނާ ކަންބޮޑުވުމާއި، ހާސްވުމާއި، ގޮތްހުސްވުމާއި، ފޫހިވުމާއި، ކަންކަމާ އަޅައިލާ ހިތް ކެނޑެމުންދިޔުމާއި، މުހިންމު ކަންކަމުގެ އަހުމިއްޔަތު ތިމާގެ ކުރިމަތީގައި ކެނޑެމުން ދިޔުމާއި، ގެއިން ބޭރަށް ނިކުމެ، މީހުނާ ބައްދަލުކޮށް، ވާހަކަދައްކައިލައި، މިހެން އުޅުމުން ދުރުހެލިވެ ޙަޔާތުން ވޭތުކުރާން ޖެހޭ ކޮންމެ ދުވަހަކީ ދުވަހުގެ ރޯޝަންކަމުގެ މައްޗަށް ބާވަތެއްގެ އަނދިރިކަމެއް އެޅިގެން އިސްރާފުވެގެން ދާ ދުވަހަކަށް ވުމަށް ކަމުގެ މާހިރުން ދީ އުޅޭ ނަމަކީ "ޑިޕްރެޝަން" ތޯއެވެ؟ އަޅުގަނޑަކަށް ނޭނގެއެވެ. ދެން އެހެން ދިމާޔަކަށް ބަލައިލާއިރު، އިންސާނާޔަށް އިޙްސާސް ކުރެވޭ އުފާދެނިވި ކަމަކުން، އިވޭ ހިތްގައިމު އަޑަކުން، ފެންނަ ރިވެތި މަންޒަރަކުން، ނުވަތަ ތިމާގެ ބުރަކަށީގައި މީހަކު އޯގާވެރިކަމާއި ކުލުނާއެކު ފިރުމައިލާ ފިރުމައިލުމަކުން އޭނާގެ ސިކުނޑީގައި އުފެދޭ "އޮކްސިޓޯސިން" އޭ ކިޔާ މާއްދާއެއް އުފެދޭތޯއެވެ؟ އެހެން ނަމަ، އެ މާއްދާގެ ބޭނުމަކީ އަޅެ ކޮބައިތޯއެވެ؟ އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑަށް އެނގޭހައިވެސް ވަރަކީ މި ދެންނެވި ދެ ސުވާލުގެ ޖަވާބު ދެއްވަން އެންމެ އެކަށީގެން ވާނީ ތަންކޮޅެން ކުރީން އެ ބޭބޭފުޅުންގެ ވާހަކަ ނަންގަނެވުނު ބޭބޭފުޅުން ކަމެވެ.

އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން، އަމިއްލަ ވިސްނުމާއި ޚިޔާލަށް ފެންނަ ގޮތުގައި، އަޅުގަނޑަށް މޭރުންވާ މިންވަރަކުން އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވައިލަން ތޯއެވެ؟

އެންމެ ފުރަތަމަވެސް އަޅުގަނޑު ދަންނަވާނީ މިހެންނެވެ. އޯގާވެރިކަމާއި ކުލުނާ އެކު މީހެއްގެ ގައިގައި ފިރުމައިލުމަކީ ތިމާޔަށް ފެންނަހައި މީހެއް ގައިގައި އަތްލައި، ދިމާވާހައި މީހެއް ގައިގައި އަތް އުނގުޅައި، ފިރުމައި ހެދުމެއް ނޫނެވެ. އެ ބީދައިން އެއްވެސް މިނެއް، އިމެއް، ޙުދޫދެއް ނެތި، ދިމާވާހައި މީހެއްގެ ގައިގައި އަތްލައި އުޅުމަކީ، ނުވަތަ އެ ބީދައިން ތިމާ ގައިގައި އަތްލާން އަނެކާޔަށް ފުރުޞަތުދިނުމަކީ އަޅުގަނޑު ހަމަ އެއްގޮތަކަށް ވެސް ތާއީދުކުރާނޭ ކަމެއް ނޫނެވެ. އެހެނީ، ކޮންމެ ކަމަކީވެސް އެ ކަމަކާ އެކަށޭނަ ހަމަތަކެއް އޮންނާން ޖެހޭނޭ ކަމެކެވެ. އެކަކު އަނެކަކު ގައިގައި އަތްލައި އުޅުމުގެ މިނާއި، އިމާއި، ހުއްދަޔާއި، ޙުދޫދުތަކުގެ ތެރޭގައި ދީނީ، އިޖްތިމާޢީ، އަދި ޒާތީ ހަމަތަކެއްވެސް ހުންނާނެއެވެ. އަދި އެ ހަމަތަކަކީ އެ ހަމަތައް މުގުރައިފިތަ، ކަމުގެ ނަތީޖާ ހަމަ އެއްގޮތަކަށްވެސް ހެއު ގޮތަކަށް ނުފެންނާނޭ ކަން ވެސް ހަމަ ޔަޤީނެވެ. އެހެން ކަމުން…

ތިމާގެ ދިރިއުޅުމުގެ ކޮންމެވެސް ކަމެއް ފާލުން ނެއްޓި، ކަންކަމުގެ އޮމާން ހިނގުމަށް ކޮންމެވެސް ކަހަލަ ޚަލަލެއް އައިސް، ދައްޗެއް، ތުރާލެއް، ބަލިމަޑުކަމެއް، ގިލަންވެރިކަމެއް ކުރިމަތިވެ، މިހެން ދިމާވާ ފަހަރަކު، ތިމާގެ ގާތް ތިމާގެ މަޙްރަމުން ނުވަތަ ރަޙުމަތްތެރީން ކުރެ ތިމާވެސް ރުހުމާއެކު އެ ބަޔަކަށް ހުއްދަދޭ ބަޔަކު ތިމާ ގާތަށް އައިސް ތިމާގެ ބުރަކަށީގައި އަގަލާއި އޯގާތެރިކަމާއި ކުލުނާއެކު ފިރުމައިލާ ކޮންމެ ފިރުމައިލުމަކީ ހައުދަހައި މުހިންމެ ކަމެކެވެ. ތިމާގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެއުކަން ދަމަހައްޓައި، ޞައްޙަ މަގުން ބެލެހެއްޓުމުގައި ހައުދަހައި މުހިންމު ދައުރެއް އަދާކުރާނޭ ކަމެއް މެއެވެ. އަޅުގަނޑު މި ވާހަކަ މިދަންނަވަނީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން، އަމިއްލަ ކޮށި ވިސްނުމާއި ޚިޔާލަށް ފެންނަ ގޮތުގައި، އަޅުގަނޑަށް މޭރުންވާ މިންވަރަކުން އިނގޭތޯއެވެ!

އަދި ދަންނަވައިލަންތޯއެވެ! އިންސާނަކު ބޭރުފުށުން ފެންނަ ފެނުމުގައި އޭނާޔަކީ ފިސާރި ފުރިފައި، ފުދިފައި ހުރި، ހުރިހައި ގޮތަކުން ފޯރުންތެރި މީހެއް ކަމުގައި އެހެން މީހުންނަށް ފެނުނަސް، އޭނާޔަކީ އޭނާގެ ގާތް ތިމާގެ މީހުންނާއި، އިޚްލާޞްތެރި ރަޙުމަތްތެރީންގެ ފަރާތުން، ދޭތެރެ ދޭތެރެއިން ނުވަތަ މަދުމަދުން ނަމަވެސް، އަޅުގަނޑު މި ދެންނެވި ބާވަތުގެ، އޯގާތެރި ފިރުމައިލުމެއް ނުލިބެންޏާ، އެ ފަކީރު ހުންނާނީ ފަށަމުން އަޅުގަނޑު ދެންނެވި އަނދިކަމުގެ ހިޔަނި އޭނާގެ ޙަޔާތަށް މަޑުމަޑުން ނަމަވެސް އެޅެން ފަށައިފައި ކަން އަޅުގަނޑަށް ހަމަ ޔަޤީނެވެ. އެކަމަކު އެއީ ވެސް އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން، އަމިއްލަ ކޮށި ވިސްނުމާއި ޚިޔާލަށް ފެންނަ ގޮތުގައި، އަޅުގަނޑަށް މޭރުންވާ މިންވަރު އިނގޭތޯއެވެ!

އަދި އެ ވިސްނުމާއި ޚިޔާލުގެ ލަގަނަށް ދުލެއް ދީގެން ހުރެ، އަދި އެއް ވާހަކަ ދަންނަވައިލާނަމެވެ. ފަހުން މިދެންނެވި ބާވަތުގެ އިންސާނަކަށް ވިޔަސް، އޭނާޔަކަށް އެންމެ މަދު މިނުން އޭނާޔަކަށް ކޮންމެހެން ލިބެން ވާ ވަރަށް އޯގާވެރިކަމާއި ކުލުނާ އެކު ފިރުމައިލެވޭ ފިރުމައިލުންތައް ނުލިބި މާ ގިނަ ދުވަސް ވެއްޖެތަ، އެ ފަކީރު އެ ފަދަ ފިރުމައިލުމަކަށް ސަލާންޖަހައިގެންވެސް ނުލިބުމުން، ދެން ތަންކޮޅެއް ދުރުން ދާއަޅައިގެން އެ ހޯދާން ނިކުމެއްޖިއްޔާ…. އޭނާޔަކީ ވެސް އިންސާނީ ހިތެއް އޮތް، ހަމާއި މަހާއި ކައްޓާއި ލެއިގެ މަޚުލޫޤެއް ކަން ހަނދުމަފުޅު ބަހައްޓަވާން ވާނެ، އަޅެ އެހެން ނޫންތޯއެވެ؟ އެކަމަކު އެއީ ވެސް އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން، އަމިއްލަ ކޮށި ވިސްނުމާއި ޚިޔާލަށް ފެންނަ ގޮތުގައި، އަޅުގަނޑަށް މޭރުންވާ މިންވަރު އިނގޭތޯއެވެ!

އޯގާވެރިކަމާއި ކުލުނާ އެކު ފިރުމައިލުމަކީ ކިހައިވަރެއްގެ ކަމެއްކަން އަޅުގަނޑުމެންނަށް ރަނގަޅަށް ބުނެދެއްވާނީ ކަމުގެ ސަނަދުވެރި މާހިރުންނެވެ.