Support Us

ކުރު ވާހަކަ: ބަދަލުހިފުމެއް ނެތެވެ.

އެއްތަނުން އަނެއް ތަނަށް ދަތުރުކޮށް މީހުނާއި ތަކެތި އުފުލައިދިނުމުގެ މަސައްކަތް ކޮށްއުޅޭ މީހެއްގެ އަތުގައި ގާޑިޔަލެއް އޮވެއެވެ. މި ގާޑިޔާ ރަޖިސްޓްރީ ކޮށްފައި އޮންނަނީ އެހެން މީހެއްގެ ނަމުގައެވެ. އެމީހާގެ ނަމުގައި ރަޖިސްޓްރީ އޮންނަ މީހާގެ ހިތް ބަދަލުވެގެން ނުހައްގު ފައިދާއެއް ނަގަން ގަސްދު ކުރިއެވެ. އޭނާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާތީ ގާނޫނީ ބާރެއް ލިބޭނެކަން އެނގި، ގާޑިއަލުގެ މައްޗަށް ވެރިވެގަންނަން ގަސްދުކުރިއެވެ. ނުވަތަ ގާޑިޔަލުގެ ބަދަލުގައި ގިނަ ފައިސާތަކެއް ނަމަވެސް ދަމައިގަންނަން ޚިޔާލުކުރިއެވެ. ގާޑިއަލުގެ އަސްލު ވެރިމީހާގެ ކުރިމައްޗަށް މި މައްސަލަ ދިޔުމުން އޭނާގެ ގާތަށް ވަރަށް ރުޅިއައެވެ. އަދި ހަމަ އެ ވަގުތުން ފެށިގެން ރަޙުމަތްތެރިޔާގެ ފުރާނައިގެ ދުޝްމަނަކަށް ވެގެންފިއެވެ.

މިހާރު ގާޑިޔަލުގެ އަސްލު ވެރިމީހާގެ ހިތުގައި އަބަދު ހިނގަމުންދަނީ އެއް ޚިޔާލެކެވެ. އެ ޚިޔާލަކީ އޭނާގެ ރަޙުމަތްތެރިޔާ ކޮންމެވެސް ގޮތަކުން މަރައިލަންވީއެވެ. ބަދަލު ހިފުމުގެ މި ޝުޢޫރުތައް އޭނާގެ ސިކުނޑިއަށް ވެރިވެގެން ގޮސް އޭނާގެ ހިތަކީ ކުށްކުރާ ނުބައިމީހެއްގެ ހިތަކަށް ވެއްޖެއެވެ. މިހާރު އޭނާގެ އަމިއްލަ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ޚިޔާލެއް ފިކުރެއްވެސް ނޯވެއެވެ. އަމިއްލަ ގެދޮރު އާބާދު ކުރުމުގެ ޚިޔާލެއްވެސް ނޯވެއެވެ. އޭނާގެ ހުރިހާ ފިކުރެއް އޮތީ އޭނާގެ ރަޙުމަތްތެރިޔާ ކޮންމެވެސް ގޮތަކުން ހަލާކުކޮށް ނިންމާލުމަށް ގޮތެއް ހޯދުމުގައެވެ.

މި ފިކުރު މަތީގައި ހުރެ ހަ މަސްދުވަސް ވޭތުވެގެން ހިނގައްޖެއެވެ. އެ ހިސާބުން މީނާއަށް ކުރިމަތިވި ހާދިސާއަކުން އޭނާގެ މުޅި ހަޔާތުގެ މިސްރާބު ބަދަލު ކޮށްލިއެވެ. އޭނާ އެއް ދުވަހަކު ތަނަކަށް ގޮސްއުޅުމުގެ ތެރޭގައި މަގެއް ހުރަސްކޮށް ދަނިކޮށް އޭނާގެ ކަންފަތަށް އަޑެއް އިވެން ފެށިއެވެ. އެ އަޑުއިވުމާއެކު އެއީ ކޮންމެވެސް މީހަކު ތަޤުރީރެއް ދެނީމކަމަށްވެސް ލަފާކޮށްލެވުނެވެ. ކޮންމެއަކަސް އެ އަޑާ ދިމާއަށް ގޮސް މީހުން އެއްވެފައިވާ ޖަލްސާގައި އިށީނދެ ފަރުވާތެރިކަމާއެކު ތަޤުރީރުގެ އަޑު އަހަން ފެށިއެވެ. ތަޤުރީރުގައި ވާހަކަ ދައްކާ މީހާ އެއިރު ބުނަމުންދިޔައީ "އެހެން މީހަކު ކުރި ނުބައި ކަމަކުން، ބަދަލު ހިފުމުގެ ކުރިން ރަނގަޅަށް ވިސްނައިލާށެވެ! މީހެއްގެ ކިބައިން ބަދަލުހިފާ ނަމަ އެމީހެއްގެ ކިބައިން ވެސް ބަދަލު ހިފޭނެއެވެ."

މި ތަޤްރީރުގައި ދެކެވުނު ވާހަކަތަކުގެ ސާދާކަމާއި ސީދާކަމުން އޭގެ މައްޗަށް ގާޑިޔަލުގެ ވެރިޔާގެ ސަމާލުކަން ދަމައިގަތެވެ. ތަޤްރީރުދޭ މީހާގެ ވާހަކަތަކަށް ފުންކޮށް ވިސްނަމުން، ވާހަކަތައް އަޑުއަހަމުން ގެންދިޔައެވެ. ތަޤްރީރު ދޭމީހާ ތަފާތު މިސާލުތައް ދެމުން ގެންދިޔައެވެ. މިގޮތަށް އިވެމުންދިޔަ ތަޤްރީރުގެ ވާހަކަ އަޑުއަހައި ނިމިގެން އޭނާ ޖަލްސާއިން ތެދުވިއިރު އޭނާ ހުރީ އެހެން މީހަކަށް ވެފައެވެ. އޭނާ އެދުވަހުން ފެށިގެން އޭނާގެ އެކުވެރިޔާގެ ކިބައިން ބަދަލުހިފުމުގެ ޚިޔާލު މުޅީން ދޫކޮށްލުމަށް ނިންމިއެވެ. އަދި އެމީހާގެ ކަންތައް ﷲ އަށް ވަކީލުކޮށް އަމިއްލަ މަސައްކަތްތައް ކުރިއެރުވުމައިގެން މަޝްޣޫލުވެގަތެވެ.

މި މަޖޫރީ މަސައްކަތް ކުރާ މީހާއަށް އެހާތަނަށް އާދެވުނުއިރު އެނގިފައި އޮންނަނީ ކަންތައް ކުރުމުގެ އެއްވައްތަރެކެވެ. އެއީ ކަންތައް ޚަރާބުކޮށް ހަލާކުކުރުމުގެ ވައްތަރެވެ. މިހާރު އޭނާ އަނެއް ވައްތަރު ދަސްކުރީއެވެ. އެއީ ކަންތައް ކުރުމުގައި ބިނާކުރުމުގެ ގޮތެވެ. ގިނަ މީހުން ކަންތައް ކުރުމުގައި ގެންގުޅޭ، ހަލާކުކޮށް ޚަރާބުކުރުމުގެ ވައްތަރަކީ ކަންތައް ކުރުމުގައި އޮތް ހަމައެކަނި ގޮތް ނޫންކަމުގައި އޭނާއަށް އެނގުނެވެ. ކަންތައް ކުރުމުގައި އެނޫން އެހެން ގޮތެއް އޮންނަކަން ސާފުވިއެވެ. އެ ގޮތަކީ، "އެހެނިހެން މީސްތަކުންގެ ފަހަތުން އަޅައިގަނެގެން އުޅުމުގެ ބަދަލުގައި، ތިމާގެ އަމިއްލަ ކަންތައްތަކަށް ސަމާލުވެ ފަރުވާތެރިވެގެން މަސައްކަތް ކުރަމުން ގެންދާށެވެ." ބުނެވޭ ބަހުން އިބާރާތް ކުރެވޭގޮތެވެ.

ދެން އޭނާ މިދެންނެވި ގޮތުގައި ރަނގަޅަށް ހިފައި، އެގޮތަށް ޢަމަލުކުރަން ފެށިއެވެ. އޭގެ އަހަރުތަކެއް ފަހުން އޭނާގެ ރަހުމަތްތެރިއެއް ގާތު އޭނާ ބުންޏެވެ. "މިހާރު އަހަރެންގެ ހިތަށް އިތުރު ހަމަޖެހުން ލިބި އަދި އަހަންނަށް އިތުރު ކާމިޔާބީ ލިބެމުންދާކަން އިޙުސާސް ކުރެވެއެވެ." އާދެ! ބިނާކުރަނިވި ގޮތުގައި ހުރިހާ ޙާލަތެއްގައިމެ، ކަންތައް ކުރުމުން ފައިދާ މާބޮޑުކަން އޭނާއަށް އެނގި ޔަޤީންވިއެވެ.