Support Us

ކޮލަމް ކޯދު: ބޮޑެތި ބޮޑެތި އިލްމުވެރި ޝައިޚުންގެ މެދުގައި ކުރެވުނު ބަހުސެއް

ތިރީގައި މި ވަނީ ބޮޑެތި ބޮޑެތި އިލްމުވެރި ޝައިޚުންގެ މެދުގައި ކުރެވުނު ބަހުސެކެވެ.

ފަޟީލަތުއްޝައިޚި ގޫގުލް ވިދާޅުވިއެވެ. "އަހަރުން އަތުގައި ހުރިހާ އެއްޗެއް ވެސް އެބަ ހުއްޓެވެ!"

ދެން، އަލްއުސްތާޒު އައްދުކްތޫރު ފޭސްބުކް ވިދާޅުވިއެވެ: "މަނިކުފާނުގެ އަތްޕުޅުގައި އެއްޗެހި ހުރެދާނެއެވެ. ނަމަވެސް، ދުނިޔޭގެ މީސްތަކުން އަޅުގަނޑަށް އެނގޭ ވަރާ ގާތަށް ވެސް މަނިކުފާނަކަށް އެނގިވަޑައެއް ނުގަންނަވާނެއެވެ. ދުނިޔޭގެ އެންމެން ވެސް އަޅުގަނޑު ދަންނަމެވެ!"

އެ ވަގުތު ޕުރޮފެސަރު އިންޓަނެޓު ވިދާޅުވިއެވެ: "އަޅުގަނޑާ ނުލައި ތިޔަ ދެ ބޭފުޅުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އަޅުގަނޑު ނެތް ނަމަ، ތިޔަ ބޭފުޅުންގެ އަގު ސުމެކެވެ."

މި ވާހަކަތަކުގެ އަޑު އަހައިފައި މަސައްކަތު މީހާ މުހުތަރަމު ކަރަންޓު ބުންޏެވެ: "ބޭކަލުންނޭވެ! ހިމޭނުން ތިއްބަވާށެވެ! އަހަރެން ހިނގައިދާނަމެވެ. އޭރުން ތިޔައިން އެއްވެސް ބޭކަލެއްގެ އާރެއް ބާރެއް ނޯންނާނެއެވެ!"

އާދެ، އެންމެ ބާރު ގަދައީ އާންމު މަސައްކަތްތައް ކުރާ މީހާއެވެ. ތަނުގެ ހުރިހާ މަސައްކަތެއް ބޭރު މީހުންނާ ހަވާލުކުރުމުން، އެންމެ މަތީ ސަފުގައި ތިއްބެވި އިއްޒަތްތެރި ބޮޓެކޯއިންގެ އަތްޕުޅުގައި ހަގީގީ އެއްވެސް ބާރެއްނޯވެއެވެ! އެހެންވީމާ، ބާރު ބޭނުން ނަަމަ، އަދި މިނިވަންކަން ދަމަހައްޓަން ބޭނުން ނަމަ، މަސައްކަތްތަކަށް، ތަނުގެ އާންމުން އަހުލުވެރިވެ، މަސައްކަތްތަކަށް ތަނުގެ މީހުން ނިކުންނަންވީއެވެ!