Support Us

5942 ނަންބަރު ކަށްބޮލު ނާށިގަނޑު

ފަރަންސޭސިވިލާތުގައި ހުންނަ އިންސާނުންގެ ދާރުލްއާސާރުގައި 18000 އަށްވުރެ ގިނަ ކަށްބޮލު ނާށިގަނޑު އެބައޮތެވެ. އޭގެތެރެއިން 500 އަށްވުރެ ގިނައީ، ފަރަންސޭސިން ގަދަބާރުން ޖަޒާއިރު އަޅުވެތިކޮށްގެން ތިބި 132 އަހަރުގެ ތެރޭގައި، މިނިވަންކަން ހޯދަން ޖިހާދުކުރި ބަޠަލުން ޤަތުލުކުރުމަށް ފަހު ފަރަންސޭސީންގެ ގެންދިޔަ ބޯބުރިތަކެވެ.

މޫސާ ބިން ޙަސަން އައްދަރްޤާވީގެ ކަށްބޮލު ނާށިގަނޑު

ނަންބަރު 5942 ކަށްބޮލު ނާށިގަނޑުގެ ވާހަކަވެސް ގުޅެނީ ފަރަންސޭސިންގެ މި އަނިޔާވެރިކަމާއެވެ. އެއީ، ޖަޒާއިރުގެ މިނިވަންކަމުގެ ދިފާޢުގައި ހަނގުރާމަކުރި މިޞްރުގެ މުޖާހިދު މޫސާ ބިން ޙަސަން އައްދަރްޤާވީގެ ކަށްބޮލު ނާށިގަނޑެވެ. ދަރްޤާވީ ޝަހީދުކޮށްލީ، 26 ނޮވެމްބަރު 1849 ގައި، ފަރަންސޭސި ކޮމާންޑަރު އެމިލްގެ އަމުރަށް ދިން ޙަމަލާތަކެއްގައެވެ. އޭގެ 170 އަހަރުފަހުން، ޖުލައިމަހުން 3 ވަނަ ދުވަހު ފަރަންސޭސީން ވަނީ، ޖަޒާއިރުގެ މިނިވަންކަމަށް މަސައްކަތްކުރި 24 މުޖާހިދެއްގެ ކަށްބޮލު ނާށިގަނޑާއެކު ދަރްޤާވީގެ ކަށްބޯވެސް ޖަޒާއިރާ ޙަވާލުކޮށްފައެވެ. އޭގެ 170 އަހަރަށް ފަހު މި ޝަހީދުންގެ ކަށުނަމާދުކޮށް، ޖަނާޒާ ވަނީ ބާއްވާފައެވެ.

ދަރްޤާވީގެ ބޮލުގެ ނާށިގަނޑު އެތައް ވާހަކައެއް ކިޔައިދެއެވެ. މިނިވަންކަމުގެ ދިފާޢުގައި ކުރާ ޖިހާދުގެ އަސަރު އަބަދުވެސް ދެމިހުންނާނޭކަމެވެ. މުސްލިމުންނަކީ އެއް ޤައުމެއްގެ ދިފާޢުގައި އަނެއް ޤައުމެއްގެ ބަޔަކު ތެދުވުމުގެ ތާރީޚެއް އޮތް ބަޔެއްކަމެވެ. އަދި އިންސާނީ ޙައްޤުތަކުގެ އަޑު ތަންމިނަށް އުފުލާ ޔޫރަޕުގެ ބޮޑެތި ޤައުމުތަކުގެ އަނިޔާވެރި މާޒީގެ ވާހަކަވެސްމެއެވެ.