Support Us

މަޖިލީހުން މާ ކަންތައް ފަލަކުރަނީ. މައުސޫމް އަލުން ހުވާކުރައްވާކަށް ނުޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

އަމަލީ ގޮތުން ކުރީގެ ވަޒީފާ އަދާނުކުރައްވާނަމަ، އެ ވަޒީފާއިން އިސްތިއުފާ ދެއްވުން ތަންކޮޅެއް ލަސްވިޔަސް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަލުން ހުވާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލްނުކުރައްވާ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރަކު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމަށް މި މަހުގެ ހަ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ޢައްޔަންކުރައްވާފައިވާ ޑރ. ޢަބްދުﷲ މަޢުޞޫމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާ ކުރިއިރު، މައުސޫމް ބައިވެރިވެވަޑައިގެން އުޅުއްވި ވިޔަފާރިއަކުން ވަކިވެވަޑައިގެންނެވީ މިނިސްޓަރުކަމުގެ ހުވާ ކުރެއްވި ފަހުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި އޮތުމުން، އެކަން އަލުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ރިޕޯޓް އަނބުރައި ފޮނުއްވައިލައްވައިފައެވެ. އަދި ޑރ. މައުސޫމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވިއިރު، ވިޔަފާރި ކުންފުންޏަކުން ވަކިނުވެ ހުންނެވިކަން އެނގުމުން، އޭނާ އަލުން ހުވާ ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއަރުވަން ކޮމިޓީން އިއްޔެ ވަނީ ނިންމައިފައެވެ.

އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވިދާޅުވީ އެކަމުގައި މާބޮޑު ގޯހެއް ނެތް ކަމަށާއި ނަމަވެސް އެކަމުގައި ޚިޔާލުތަފާތުވުންތަކެއް ހުރުމުން އެއްވެސް ޝައްކެއް ނުބޭއްވުމަށް އަލުން ހުވާ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަލުން ހުވާ ކުރެއްވުމާ ދެކޮޅަށް ވެސް ބައެއް މެމްބަރުން ވާހަކަ ދެއްކެވިއެވެ.

ގާނޫނީ ގޮތުން ހިޔާލު ތަފާތުވެފައިވާ މި މައްސަލައިގައި އަދިވެސް އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވީ ކުރީގެ ވަޒީފާއިން އިސްތިއުފާ ދެއްވުން ތަންކޮޅެއް ލަސްވިޔަސް، ޑރ. މައުސޫމް ކުރައްވާފައިވާ ހުވާމަތީގައި ދެމިހުންނެވުމާ މެދު ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމުގައި މަޖިލިހުން މާ ކަންތައްތައް ފަލަކޮށްލައިގެން އުޅެނީ ކަމަށެވެ.

"މަޖިލީހުން މާ ކަންތައް ފަލަކުރަނީ. އެއީ ހުވަޔަކަށް އަސަރުކުރާނެ ކަމެއް ނޫން،" ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް