Support Us

ކޮލަމް: އަލި

ކޮލަމް އަލި: އޯގާވެރިކަމުގެ މުހިންމުކަން- ނަފްސާނީ އަދި އިޖުތިމާޢީ ނަޒަރަކުން

އޯގާވެރިކަމީ އިންސާނެއްގެ ކިބައިގައި ހުންނާނެ އެންމެ މާތް އެންމެ ހެޔޮ އެއް ސިފައެވެ. ގިނަފަހަރަށް އޯގާވެރިކަމުގެ މާނަ ގުޅެނީ އެކުވެރިކަމުގެ ކުލުނާއެވެ. އަޅައިލުންތެރިކަމާއި މަދަދުވެރިކަމުގެ މާނައިގައި ވެސް އޯގާވެރިކަން މާނަކުރެވެއެވެ.

އޯގާވެރިކަން، ފަރުދުންގެ ދުޅަހެޔޮކަމާއި މުޖުތަމަޢުގެ އެއްބައިވަންތަކަމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. ނަފްސާނީ ދިރާސާތަކުން ދައްކާ ގޮތުގައި އޯގާވެރި ޢަމަލުތަކުން، އެކަން ކުރާ މީހާއަށާއި އެކަމުގެ ނަތީޖާ ލިބޭ މީހާއަށް ވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ.

ލެޔޯސް، ކޭ.، ނެލްސަން، އެސް. ކޭ، އަދި ލިއުބޯމިރްސްކީ، އެސް (2012) ކުރެއްވި ދިރާސާއަކުން ދައްކާ ގޮތުގައި އޯގާވެރި ޢަމަލުތަކުގައި ބައިވެރިވުމުން އަމިއްލަ އުފާވެރިކަމާއި ދިރިއުޅުމުގެ ހިތްހަމަޖެހުން އިތުރުވެއެވެ. މިއިން ދޭހަވަނީ އޯގާވެރިކަމަކީ ހަމައެކަނި އަޚްލާޤީ ރިވެތި ސިފައެއް ނޫން ކަމާއި، އެއީ އަމިއްލަ ފުރިހަމަކަމަށް ވާސިލުވުމުގެ މަގެއްގެ ގޮތުގައި ވެސް މެއެވެ.

ނަފްސާނީ ނަޒަރަކުން ބަލާއިރު، އޯގާވެރިކަމުން އިޖްތިމާޢީ ގުޅުންތައް ހަރުދަނާވެ، މުޖުތަމަޢުގެ ކެރިފޯރުންތެރިކަން އިތުރުވެއެވެ. ހޯލްޓް-ލަންސްޓެޑް، ޖޭ، ސްމިތް، ޓީ.ބީ، އަދި ލޭޓަން، ޖޭ (2010) ބަޔާންކުރައްވައިފައިވާ ގޮތުގައި އިޖްތިމާޢީ ގުޅުންތަކުގެ ނަޒަރިއްޔާގައި ބަޔާންކޮށްފައިވާ ގޮތުން، ރަނގަޅު އިޖްތިމާޢީ ގުޅުންތަކަކީ ނަފްސާނީ ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމެއްގައި އުޅުމަށް ޓަކައި ކޮންމެހެން ބޭނުންވާ ކަމެކެވެ. އޯގާވެރި ޢަމަލުތަކުން މީސްތަކުންގެ މެދުގައި އުފެދޭ ގުޅުންތައް ބަދަހިވެ، އެއްބާރުލުން ދޭ ވިއުގަތައް އުފެދި، ބަރޯސާވެރި އިހްސާސްތައް އުފެދެއެވެ. މި އިޖްތިމާޢީ ގުޅުންތަކަކީ ވަރަށް މުހިންމު ގުޅުންތަކެކެވެ. ޚާއްޞަކޮށް ދަތި ހާލަތުތަކާއި ދަނޑިވަޅުތަކުގައި މިފަދަ ގުޅުންތަކުން މުޅި މުޖުތަމަޢުގެ ކެރިފޯރުންތެރިކަން އިތުރުވާނެ ކަމުގައި ނޯރިސް،އެފް.އެޗް.، ސްޓީވެންސް، އެސް.ޕީ، ޕްފެފަރބާމް، ބީ،ވައިޗް،ކޭ.އެފް، އަދި ޕްފެފަރބާމް، އާރް.އެލް (2008) ހާމަކުރައްވައެވެ.

ބަޔާން މި ކުޅަ ކަންކަމުގެ އިތުރުން، އޯގާވެރިކަމަކީ މުޖުތަމަޢުގެ ގުޅުންތަކަށް ފުޅާ ދާއިރާއެއްގައި އަސަރުކުރާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އޯގާވެރިކަމާއި އަނެކުންނަށް އެހީތެރިވެ އަޅައިލާ މިންވަރު މަތި މުޖުތަމަޢުތަކުގައި އާންމު ގޮތެއްގައި އަނިޔާވެރިކަމާއި ކުށްކުރުމުގެ މިންވަރު ދަށްވާ ކަމުގައި މި ކަމުގެ ދިރާސާތައް ހެއްދެވި ވިލްކިންސަން، އާރް.، އަދި ޕިކެޓް، ކޭ (2010) ވިދާޅުވެއެވެ. މި ފަދަ ގުޅުންތަކުން ދޭހަވަނީ އޯގާވެރިކަން އިތުރުކުރުމުން އިޖުތިމާޢީ ހަމަޖެހުމާއި އިތުބާރު އިތުރުވާނެ ކަމެވެ. ޝައްކެއް ވެސް ނެތެވެ. މިއީ ވިލުންވެރި، ދުޅަހެޔޮ މުޖުތަމަޢުތަކަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ.

އޯގާވެރިކަމުގެ މަތިވެރި ސިފައަކީ، ހަމައެކަނި ވަކި މީހެއްގެ ކިބައިގައި ހުންނަ އަޚްލާޤީ ރިވެތި ސިފައެއް ނޫނެވެ. އެއީ ކުރިއަރަމުން އަންނަ މުޖުތަމަޢުއެއްގެ އަސާސީ ބިންގަލެކެވެ. ވަކިވަކި ފަރުދުންގެ ދުޅަހެޔޮކަމަށާއި، އިޖުތިމާޢީ ގުޅުންތަކަށާއި، މުޖުތަމަޢުގެ ސާބިތުކަމަށް އޯގާވެރިކަމުން ކުރާ އަސަރު ބޮޑެވެ. ދިރިއުޅުމުގެ އެކި ދާއިރާތަކުގައި އޯގާވެރިކަން އާލާކުރުން ވަރަށް މުހިންމެވެ. އެހެނީ އޯގާވެރިކަން އިތުރުކުރުމުގެ ނަތީޖާއަކަށް ވާނީ މުޖުތަމަޢުތަކުގެ އުފާވެރިކަން އިތުރުކޮށްދީ މީސްތަކުންގެ އުފާވެރިކަމާއި ހިތްހަމަޖެހުން ގާއިމުކޮށްދީ ވަރުގަދަ، އެކުވެރި މުޖުތަމަޢުތައް އުފެދުމެވެ.

* މައުލޫމާތު

ހޯލްޓް-ލަންސްޓެޑް، ޖޭ.، ސްމިތް، ޓީ. ބީ.، އަދި ލޭޓަން، ޖޭ. ބީ. (2010). ސޯޝަލް ރިލޭޝަންޝިޕް އެންޑް މޯޓަލިޓީ ރިސްކު: އަ މެޓާ-އެނަލިޓިކް ރިވިއު. ޕީއެލްއޯއެސް މެޑިސިން.

ލެޔޯސް، ކޭ.، ނެލްސަން، އެސް. ކޭ.، އަދި ލިއުބޯމިރްސްކީ، އެސް. (2012). ވަޓް އިޒް ދަ އޮޕްޓިމަލް ވޭ ޓް އެކްޓް؟ އަ ރެންޑޮމައިޒްޑް ޓްރަޔަލަ އޮފް ތްރީ ކައިންޑްނެސް އިންޓަރވެންޝަންސް. ޕްލޯސް ވަން.

ނޯރިސް، އެފް. އެޗް.، ސްޓީވެންސް، އެސް. ޕީ.، ޕްފެފަރބާމް، ބީ.، ވައިޗް، ކޭ. އެފް.، އަދި ޕްފެފަރބާމް، އާރް. އެލް. (2008). ކޮމިއުނިޓީ ރެޒިލިއަންސް: އަ މެޓަފަރ، ތިޔަރީ، ސެޓް އޮފް ކެޕާސިޓީސް އެންޑް ސްޓްރެޓެޖީ ފޮރ ޑިޒަރސްޓަރ ރެޑިނެސް. އެމެރިކަން ޖާރނަލް އޮފް ކޮމިއުނިޓީ ސައިކޮލޮޖީ.

ވިލްކިންސަން، އާރް.، އަދި ޕިކެޓް، ކޭ. (2010). ދަ ސްޕިރިޓް ލެވެލް: ވައި އީކުއަލިޓީ އިޒް ބެޓަރ ފޮރ އެވްރީވަން. އެލެން ލޭން.