ކޮންމެ ބަހަކީ އޭގެ ފިތުރަތުގައި ދިރުން ހުރި އެއްޗެކެވެ. ބަދަލު އަންނަ އެއްޗެކެވެ. ހެދިބޮޑުވާ އެއްޗެކެވެ. މި ފަދަ ބަދަލުތައް އަންނަނީ އެހެން ބަސްބަހުގެ ނުފޫޒާއި ސަގާފަތްތަކުންނާއި މުއާސަލާތާއި ދަތުރުފަތުރުގެ ތެރެއިންނެވެ. ހަމައެހެންމެ ތައުލީމު އުނގެނޭން ކަނޑައަޅާ ސިޔާސަތާއި ބައްޓަންވާ ނިޒާމުތަކުން ވެސް ބަހަށް ބަދަލު އައުދޭމެއެވެ. މި ގޮތުން އަންނަ ބަދަލުތައް ޒަމާނާ އެކަށީގެންވާ ގޮތްތަކުގެ މަތީން އުނގަންނައި ދިނުމުގެ ފޭޑިތަކަށް އަހުލުވެރި ނުކުރެވޭ ނަމަ އެ ބަހެއް ދާނީ ފަނާވަމުންނެވެ. ދަރިވަރުންނަށް ބަސް ކިޔެވުން ވެސް ވާނީ ފޫހި ކަމަކަށެވެ. މިހެންވުމުން ބަހުގެ އިރުޝާދުތައް ދީ ބަހަށް ޝައުގުވެރިވާނެ ޒަމާނީ އައު ގޮތްތަކަކީ ކޮބައިތޯ ބެއްލެވުން މިއީ ބަސްކިޔަވައިދެއްވާ ކޮންމެ އެދުރަކު ކުރާން ޖެހޭނެ ކަމެކެވެ.
މިއީ 21ވަނަ ގަރުނެވެ. މި ގަރުނުގައި ބަސް ކިޔަވައިދިނުމުގެ ދާއިރާ ވަރަށް ބޮޑަށް ވަނީ ކުރިއަރައިފައެވެ. މިހާރު ކޮންމެކޮންމެ ގޮތަކަށް ވަރިހަމަ ކޮށްލައިގެން ބަހެއް ހެޔޮ ގޮތުގައި ކިޔަވައެއް ނުދެވޭނެއެވެ. ބަސް ކިޔަވައިދޭން ޖެހޭނީ ޒަމާނަށް ފެތޭހެންނެވެ. ބޭނުން ހިފޭނޭ ހެންނެވެ. މިހެން ވުމުން ފަންނިއްޔާތަށް އައި ކުރިއެރުންތަކުގެ ބޭނުން ފިލާވަޅުތަކުގައި ހިފައި މުއާސަލާތީ ޤާބިލުކަމަށް ބޮޑު އަހަންމިއްޔަތެއް ދީ އުނގެނުމަށް އިސްކަންދޭ ގޮތްތަކަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. އެހެނީ މިއަދުގެ ކޮންމެ ދަރިވަރު ވަނީ ފަންނިއްޔާތުގެ އަޅަކަށް ވެފައެވެ. ވީމާ، އުނގަންނައި ދިނުމުން ބައްޓަން ކުރާ ގޮތްތަކުގެ އަސާސަކަށް އުނގަންނައި ދިނުމުގެ ޒަމާނީ އުކުޅުތަކާއި ގޮތްތައް ހަދަން ޖެހެއެވެ. މި ލިޔުމުގައި އެފަދަ ބައެއް އުކުޅުތައް ބަޔާން ކުރާނަމެވެ.
1- މުވާސަލާތީ އުކުޅުތަކަށް ބަރޯސާކޮށްގެން ބަސް ކިޔަވައިދިނުން
މުއާސަލާތީ އުކުޅުތަކަށް ބަރޮސާކޮށްގެން ބަސް ކިޔަވައިދިނުން ނުވަތަ ކޮމިއުނިކޭޓިވް ލެންގުއޭޖް ޓީޗިންގ (ސީއެލްޓީ)އަކީ ބަސް ކިޔަވައި ދިނުމުގެ އިރުޝާދު ދިނުމުގެ އެންމެ މައިގަނޑު އަސާސެވެ. ބަސް އުނގެނުމުގެ މައިގަނޑު ވަސީލަތްތަކުގެ ގޮތުގައި މުއާސަލާތުގެ އުކުޅުތައް ވަނީ ކުދިން ބަސް ކިޔަވަން ޝާއުގުވެރިކަން އުފައްދާ ބާރަކަށެވެ. އެހެނީ މި މުއާސަލާތީ އުކުޅުތައް އިސްކަން ދެނީ ހިތުދަސްކުރުމަށް ވުރެ ހަގީގީ ދިރިއުޅުމުގެ މުއާމަލާތްތަކަށެވެ. ރިޗަޑްސް، ޖޭސީ، އެންޑް ރޮޖާސް، ޓީއެސް (2014) ފާހަގަކުރައްވާ ގޮތުގައި ސީއެލްޓީއިން ދަރިވަރުންނަށް ދަސްކޮށްދޭން އަމާޒުކުރާ ބަސް ސައްހަ ސިޔާގުތަކުގައި އޭގެ ފުރިހަމަ ހަމަތަކާއި އުސޫލުތަކާ އެކު ބޭނުންކުރަން ބާރުއަޅައެވެ. ބަހެއް ކިޔަވައި ދިނުމުގެ މައިގަނޑު އެއް ބޭނުމަކީ އެ ބަހަކުން މުއާމަލާތުކުރުމެވެ. ޝުއޫރުތައް އުނދަގުލެއް ނެތި ފާޅުކުރެވޭނޭ ގޮތްތައް ދަސްކޮށް ދިނުމެވެ.
2- އަމަލީ މަސައްކަތަށް ބަރޯސާކޮށްގެން ބަސް ކިޔަވައިދިނުން
އަމަލީ މަސައްކަތަށް ބަރޯސާކޮށްގެން ބަސް ކިޔަވައިދިނުން ނުވަތަ ޓާސްކް ބޭސްޑް ލެންގުއޭޖް ޓީޗިންގ (ޓީބީއެލްޓީ) ބިނާވަނީ މުއާސަލާތީ ގޮތްތަކަށް ބިނާކޮށްގެން ބަސްކިޔަވައި ދިނުމުގެ ހަމަތަކާއި އުޞޫލުތަކުގެ މައްޗަށެވެ. މިހެންވުމުން ބަސްކިޔަވައި ދިނުމުގެ ފިލާވަޅުތައް ރޭވުމުގައި އެ ފިލާވަޅެއް ތަރުތީބޮށް ބައްޓަން ކުރާން ވާނީ ބަހުގެ ބޭނުން ހިފޭނޭ ގޮތްތަކަށް މަސައްކަތްކުރާ މާނަހުރި މަސައްކަތްތަކުގެ މައްޗަށެވެ. އެލިސް، އާރް (2003) ހާމަކުރައްވާ ގޮތުގައި ޓީބީއެލްޓީއަކީ ހަގީގީ ދުނިޔޭގެ ހަރަކާތްތަކުގައި ކިޔަވާ ކުދިން ޝާމިލުކޮށް، މާނައާ ބެހޭ ގޮތުން މަޝްވަރާކޮށް އެ ކުދިން އެކުވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރުދީ، ބަހުގެ ގާބިލިއްޔަތު ހަރުދަނާ ވުމަށް ފަހިވާ ފާގަތި އުކުޅަކަށެވެ. މި އުކުޅު ބަސް އުނގެނުމުގެ މުއާސަލާތީ ލަނޑުދަނޑިއާ ގުޅުވުމުން ފިލާވަޅުގެ ޝައުގު އިތުރުކޮށްދީ ގުޅުން ބޮޑުކޮށްދެއެވެ.
3- ފަންނިއްޔާތުގެ ތެރެއިން ބަހުގެ ފެންވަރު މަތިވާ އުކުޅުތަކަށް ބަސް ކިޔަވައިދިނުން
ފަންނިއްޔާތުގެ ތެރެއިން ބަހުގެ ފެންވަރު މަތިވާ އުކުޅުތަކަށް ބަސް ކިޔަވައިދިނުން ނުވަތަ ޓެކްނޮލޮޖީ-އެންހޭންސްޑް ލެންގުއޭޖް ލަރނިންގ (ޓެލް)އަކީ 21ވަނަ ގަރުނުގެ ކިޔަވައިދިނުމުގެ މުހިންމު އުކުޅެކެވެ. ބަސް އުނގަންނައިދިނުމުގައި ފަންނިއްޔާތު އެކުލެވުމުގެ ސަބަބުން ފިލާވަޅުތަކާ ގުޅިގެން ދޭ އަމަލީ މަސައްކަތްތަކަށް އާދަޔާ ޚިލާފު ޝައުގުވެރި ބަދަލުތައް އާދެއެވެ.
ބަސް އުނގެނުމުގެ އެކި ޒާތު އެޕުތަކާއި އޮންލައިން މަންސަތަކާއި ސުމޭކު ވަސީލަތްތައް ފަދަ ވަސީލަތްތަކުން އުނގެނުމުގެ ތަފާތު ފޭޑިތައް އެހީތެރިވެދީ ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށްދެއެވެ. ޗެޕަލް، ސީ.އޭ (2003) ފާހަގަކުރައްވާ ގޮތުގައި ފަންނިއްޔާތުގެ ސަބަބުން ސައްހަ ގޮތުގައި ބަސް ބޭނުންކުރަން މަގުފަހިވެއެވެ. އަދި މުއާމަލާތުކުރާ ކަމެއްގެ މައްޗަށް ވަގުތުން އެ ކަމެއްގެ ލަފާ ލިބޭނޭ ގޮތްތައް ފަހިވާނެ ކަމަށާއި ދަރިވަރުންގެ ބަހުގެ ކުރިއެރުމަށް ފަންނިއްޔާތު ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ. މީގެ އިތުރުން، އިހުގެ ކިޔަވައިދިނުމުގެ އުކުޅުކަމުގައި ސީދާ ހާޒިރުވެ ދޭ އިރުޝަދުތަކާ އޮންލައިން ހަރަކާތްތައް ގުޅި ދާދިވަރު ގޮތްތަކަށް ކިޔަވައިދިނުން ބައްޓަންވެ އުނގެނުމުގެ މާހައުލުތަކަށް ވަނީ ފަންނިއްޔާތުގެ ލުއިފަސޭހަކަމާއި ފަހިކަމުގެ މަގުބޫލުކަން ލިބިފައި ކަމަށް ގްރަހަމް، ސީ.އާރް (2006) ހާމަ ކުރައްވައިފައިވެއެވެ.
4- މަވާދާއި ބަސް ކައްޗަރީކޮށްގެން ކިޔަވައިދިނުން
މަވާދާއި ބަސް ކައްޗަރީކޮށްގެން ކިޔަވައިދިނުން ނުވަތަ ކޮންޓެންޓް އެންޑް ލެންގުއޭޖް އިންޓަގްރޭޓެޑް ލަރނިންގ (ސީ.އެލް.އައި.އެލް)އިން ބަސް އުނގަންނައި ދިނުމުގެ އިރުޝާދުތަކާއި މާއްދާތަކުގެ މަވާދު (ކޮންޓެންޓް) އެއްކޮށްލުމުން ދަރިވަރުންގެ ބަހުގެ ގާބިލްކަން އިތުރުކުރަން ފަސޭހައެވެ. އެއީ އެކި މާއްދާތައް ކިޔަވާ އިރު އާ ލަފުޒުތައް ދަސްކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބޭނެތީއެވެ. މި އުކުޅަކީ ހަމައެކަނި ބަހުގެ ހުނަރުތައް ކުރިއެރުވުމުގެ އިތުރުން ތައުލީމުގެ ދިނުމުގެ ނިޒާމުގެ ތެރެއިން އެކި މާއްދާތައް އެކުވެ އޭގެ މަވާދުތައް ކައްޗަރީކޮށްގެން މަންތިގީ ހުނަރުތައް ވެސް ހަރުދަނާކޮށްދޭ މުހިންމު އުކުޅެކެވެ. މާޝް، ޑީ (2002) ވިދާޅުވާ ގޮތުގައި ސީއެލްއައިއެލްއަކީ ފާޑުވެރި ނަޒަރުން ވިސްނަން މަގުފަހިކޮށްދީ، ކިޔަވާ ކުދިންނަށް އިތުރަށް ވެހިވަންތަ ތައުލީމީ ތަޖުރިބާތައް ކުރަން ފުރުސަތު ފަހިކޮށްދޭ އުކުޅެކެވެ.
5- ފަރުދީ ގޮތުން އުނގެނުމާއި ތަފްރީގު
އެކާވީސް ވަނަ ޤަރުނުގައި، ފަރުދީ އުނގެނުމުގެ ބޭނުންތަކާއި އިޚްތިޔާރުތައް ފުއްދައިދޭ ޕާސަނަލައިޒްޑް ލާރނިންގ އެޕްރޯޗްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އިރިޝާދު ދިނުމުގެ ތަފާތު އުކުޅުތަކުން ދަރިވަރުންގެ ހުނަރުވެރިކަމުގެ ފެންވަރާއި އުނގެނުމުގެ ވައްޓަފާޅިއާއި ޝައުގުވެރިކަމާ އެއްގޮތްވާ ގޮތުގެ މަތިން ފިލާވަޅުތައް ތަރުތީބުކުރުމުގެ ފުރުސަތު މި އުކުޅުގެ ތެރެއިން އެދުރުންނަށް ފަހިވެއެވެ. ޓޮމްލިންސަން، ސީ.އޭ (2001) ވިދާޅުވާ ގޮތުގައި، މި ޚާއްޞަ އާދަތުގެ ސަބަބުން ޝައުގުވެރި ކްލާސްރޫމްގެ މާހައުލެއް އުފެދި އަމިއްލަ އިޚްތިޔާރާއި އަމިއްލައަށް ދަސްކުރުމުގެ ބާރަށް މަގުފަހިވެ ދަރިވަރުންގެ ހިތުގައި ބަސް ކިޔެވުމުގެ އާދަޔާ ޚިލާފު ޝައުގެއް އާލާވެއެވެ.
އެކާވީސް ވަނަ ގަރުނުގައި ބަސް ކިޔަވައިދިނުމުގެ އުކުޅުތައް ބަދަލު ކުރާން ޖެހެއެވެ. އެ އުކުޅުތައް ބައްޓަން ވާން ވާނީ 21ވަނަ ގަރުނަށް ފެތޭ ޒަމާނީ އުފެއްދުންތެރި އީޖާދީ އުކުޅުތަކަށެވެ. މުއާސަލާތީ އުކުޅުތައް ބޭނުން ކުރުމާއި ފަންނިއްޔާތުގެ އެކި ދޮރުތަކުގެ ފަހިކަން ބަސް ކިޔަވައިދިނުމުގައި ބޭނުން ކުރަން ވީއެވެ. އީޖާދީ ގޮތްތަކަށް ބަސް ކިޔަވައިދިނުން ބައްޓަން ކޮށްގެން ނޫނީ އަދުގެ ޖީލުތަކުގެ ދަރީން ބަހެއް ދަހެއް ނުކުރާނެއެވެ. ބަޔާން މި ކުޅަ ގޮތްތަކަށް މިއަދު ބަސް ކިޔަވައިދިނުން އަމާޒުކުރަން ޖެހެއެވެ. އެހެނީ މި ގޮތްތަކަކީ ދަރިވަރުން ބަވަނަވެރި ދުނިޔެއަކަށް ތައްޔާރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ގޮތްތަކެކެވެ.
ދިވެހިބަސް ކިޔަވަން ދިވެހި ދަރިވަރުން ފޫހިވެޔޭ ބުނާ އަޑު އެދުރުން ބުނާތީ އަހަމެވެ. ބަހަކީ ފޫހި އެއްޗެއް ނޫނެވެ. ބަސް ކިޔަވައިދިނުމުގައި ގެންގުޅެވޭ ގޮތްތަކަކުން ބަސް ކިޔަވަން ފޫހިވެދާނެ ކަމަށް ގަބޫލުރެވެއެވެ. މިއީ އަދުގެ ކޮންމެ ދިވެހި އެދުރަކު ވިސްނައިލުން މުހިންމު ކަމެކެވެ. މިއަދުގެ ކޮންމެ އެދުރަކު ވެސް ވާންވީ އަމިއްލައަށް ކަންކަން ދަސްކުރާން ދަންނަ ހުނަރުވެރިއަކަށެވެ. ޒަމާނާއި ހާލަތަށް ނިކަން ވަރުގަގަދަކޮށް ހޭލައި ހޭލުންތެރިވެފައި ހުރި މުދައްރިބަކަށެވެ. ފަންނިއްޔާތުގެ އުކުޅުތަކަށާއި އޮންލައިން މަންސަތަކާއި އުނގަންނައި ދިނުމުގެ އެކާވީސްވަނަ ގަރުނުގެ އުކުޅުތަކަށް ފައްކާވެފައިވާ ސިކުނޑިއެއްގެ ވެރިޔަކަށެވެ. ޒަމާނީ ވަސީލަތްތަކަށާއި އިލްމީ ހަމަތަކަށް އަދާހަމަވެފައިވާ ފަހި ވިސްނުމެއް ގެންގުޅޭ ފަހެލި މުދައްރިސަކަށެވެ. ދިވެހިބަހާ މެދު މުޖުތަމައުގައި ހުރި ނައްސި ރަވައްޔާތައް ފައްސިކުރުމުގެ ދައުރު އެންމެ ބޮޑީ ދިވެހިބަސް ކިޔަވައިދެއްވާ އެދުރުންގެއެވެ. އެ އެދުރުން ބިނާކުރައްވާ ދާރިސުންގެ ވެސް މެއެވެ.
- ހަވާލާ
ޗެޕަލް، ސީ.އޭ. (2003). އިންގްލިޝް ލޭންގުއޭޖް ލާރނިންގ އެންޑް ޓެކްނޮލޮޖީ. ޖޯން ބެންޖަމިންސް ޕަބްލިޝިންގ.
އެލިސް، އާރް. (2003). ޓާސްކް ބޭސްޑް ލެންގުއޭޖް ލަރނިންގ އެންޑް ޓީޗިންގ. އޮކްސްފޯޑް ޔުނިވާސިޓީ ޕްރެސް.
ގްރަހަމް، ސީ.އާރް. (2006). ބްލެންޑެޑް ލާނިން ސިސްޓަމްސް: ޑެފިނިޝަންސް، ކަރަންޓް ޓްރެންޑްސް އެންޑް ފިއުޗަރ ޑައިރެކްޝަންސް. އިން ދަ ހޭންޑްބުކް އޮފް ބްލެންޑެޑް ލަރނިންގ: ގްލޯބަލް ޕާސްޕެކްޓިވްސް، ލޯކަލް ޑިޒައިންސް. (ޞަފްޙާ 3-21). ޕްފީފަރ ޕަބްލިޝިންގ.
މާޝް ޑީ. (2002). ދަ ޔޫރަޕިއަން ޑައިމެންޝަން – އެކްޝަންސް، ޓްރެންޑްސް އެންޑް ފޯސައިޓް ޕޮޓެންޝަލް. ޔޫރަޕިއަން ކޮމިޝަން.
ރިޗަޑްސް، ޖޭސީ، އެންޑް ރޮޖާސް، ޓީއެސް. (2014). އެޕްރޯޗްސް އެންޑް މެތަޑްސް އިން ލެންގުއޭޖް ޓީޗިންގ. ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް.
ޓޮމްލިންސަން، ސީއޭ (2001). ހައު ޓް ޑިފަރެންޝިއޭޓް އިންސްޓްރަކްޝަން އިން މިކްސްޑް-އެބިލިޓީ ކްލާސްރޫމް. އޭ.އެސް.ސީ.ޑީ.