މޭޒުދޮށުގައި ކުލާސް ކުދިންގެ ފޮތްތައް ތަސްހީހުކުރެއްވުމުގެ މަސައްކަތުގައި ބައްޕަ މަޝްޣޫލުވެ އިންނެވިއެވެ. ކައިރީގައި ބައްޕަގެ ފަސް އަހަރުގެ ކުޑަ ދަރިފުޅު ބައްޕައަށް 'އުނދަގޫ' ކުރުމުގައި އުޅެއެވެ. މޭޒުމަތިން އޭނަ ފޮތެއް ނަގާފާނެއެވެ. ބައްޕަގެ އުނގަށް އަރާފާނެއެވެ. ޖީބަށް އަތްބާނަފާނެއެވެ.
ކޮންމެ އަކަސް ކުޑަދަރިފުޅު ކުޑަކޮށް ދުރަށްޖައްސާލުމުގެ ގޮތުން ދަރިފުޅާ ބައްޕަ މަސައްކަތެއް ހަވާލުކުރެއްވިއެވެ. ބައްޕަގެ ކުރިމަތީގައި އޮތް ނޫސް ކަރުދާހެއްގައި ރާއްޖޭގެ ޗާޓެއް ކުރަހާފައި އޮތެވެ. އެ ކަރުދާސްގަނޑު ނަންގަވާފައި ކަތުރަކުން ކުދިކުދި ބައިތަކަކަށް ކައްޕަވާލައްވާފައި ދަރިފުޅު އަތަށް އެ ބައިތައް ދެއްވާފައި ބައްޕަ ވިދާޅުވިއެވެ:
"ދަރިފުޅާއެވެ. މި ބައިތައް އަލުން ރަނގަޅަށް އަތުރާލައި ރާއްޖޭގެ ޗާޓު އަލުން ބިނާކުރެވޭތޯ މަސައްކަތްކޮށްލަ ބަލާށެވެ!"
ބައްޕަ ހީކުރެއްވީ ކުޑަ ދަރިފުޅަށް އެކަން ކުރުމަށް ވަގުތުކޮޅެއް ނަގާނޭ ކަމެވެ. އަދި އެހެންވެ، ބައްޕަގެ މަސައްކަތުގައި ދަރިފުޅުގެ އުނދަގުލެއް ނުވެ އިންނެވޭނޭ ކަމެވެ. ނަމަވެސް ކަންތައް ދިމާވީ އެހެންނެއް ނޫނެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ކަރުދާސްތައް ރަނގަޅަށް އަތުރާލައި ރާއްޖޭގެ ޗާޓު ފުރިހަމަކޮށް، 'ރާއްޖެ ބިނާކޮށްފިއެވެ!' ދެން، ބައްޕަ ހައިރާވެ ވަޑައިގެން އެއްސެވިއެވެ.
"ދަރިފުޅު ހާދަ މޮޅެވެ! ދަރިފުޅަށް މިހާރު ރާއްޖޭގެ ޗާޓު އޮންނަ ގޮތް ހިތުން ހަމަ އެނގެނީ ހެއްޔެވެ؟"
ދެން، ޖަވާބުގައި ދަރިފުޅު ބައްޕައަށް ދެންނެވިއެވެ.
"ނޫނެކެވެ! އެ ގަނޑުގެ އަނެއް ފަރާތުގައި އޮތީ މީހެއްގެ ފޮޓޯއެކެވެ. އެ މީހާ ބިނާކުރުމުން ރާއްޖެ އޮންނާނީ ބިނާވެފައި ނޫންތޯއެވެ!"
ދެން، ބައްޕަ އަމިއްލަ ނަފްސު ގާތު މިހެން ވިދާޅުވެވުނެވެ. 'ދަރިފުޅު އެބުނީ ހާދަހާވާ ބޮޑު ތެދެކެވެ. ތަނެއް ބިނާކުރަން ބޭނުންވަނީ އިންސާނާ ބިނާކުރާށެވެ. ދަރިފުޅު ބުނި ފަދައިން، މީހާ ބިނާކުރުމުން ރާއްޖެ ބިނާވާނެއެވެ. އެހެންވީމާ ރާއްޖެ ބިނާކޮށް ކުރިއަރުވަން ބޭނުން ނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ މީހުން ބިނާކުރުމެވެ. މީހުން ހޭލުންތެރިކުރުވައި އުފެއްދުންތެރި ސިކުނޑިތަކެއްގެ ވެރި ބަޔަކަށް ހެދުމެވެ!'
