Support Us

ކޮލަމް ހާފިޒީ

ރަނގަޅު ޕޮލިސީތަކެއް ނެތި ސަރުކާރު ފެއިލްވުމުން އެ ރުޅިގަނޑު މަސްވެރިންނަށް ނުބާލާށެވެ.

ދިވެހި މަސްވެރިންނަށް މިއަދު މިވަނީ ވަރަށް ހިތްދަތި، ނިކަމެތި ދުވަސްތަކަކާ ކުރިމަތިލާންޖެހިފަ އެވެ. އަދި މިއަދު ފެނިގެން މިދަނީ މަސްވެރިންނަށް އިންތިހާއަށް އޮޅުވާލައި ހީލަތްތެރިކަމާއެކު ބައެއްގެ އަމިއްލަ މަންފާއަށް ނުވަތަ އެ ބަޔަކު ދެކެމުން އައި "ސުންޕާ ހުވަފެނެއް"ގައި ކުލަ ޖެއްސުމަށް މަސައްކަތް ކުރަމުންދާ ތަނެވެ.

މިއަދުގެ ސަރުކާރު ވުޖޫދުވުމަށްޓަކައި މަސްވެރިންނަށް ވި ވައުދުތަކަކީ އެ މަސްވެރިންނަށް ދެއްކި "ދަޅައެއް"ކަން އެ ވައުދުވި ފަރާތްތަކުގެ އަމަލާއި ބަހުން އެދަނީ ސާބިތުކޮށް ދެމުންނެވެ.

މަސްވެރިންނަށް ހަމަ އަގު ދޭނެ ކަމަށްވީ ވައުދާއެކު މިއަދު މަސްވެރިންނަށް ލިބޭ ހަމަ އަގަކީ ކޮބައިކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭނީ ހަމަ މަސްވެރިންނަށާއި އޮޑިވެރިންނަށެވެ. ރާއްޖޭގައި މައިގަނޑު ގޮތެއްގައި ކުރަމުންދާ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އޮޑިވެރިން މިވަނީ ފިސާރި ހާލެއްގައި ޖައްސާފަ އެވެ. މަސްވެރިންނާއި މަސްވެރި އާއިލާތައް ތަހައްމަލު ކުރަމުންދާ ހިތްދަތި ވޭނާއި އާހުގެ އަޑުތަކަކީ މިއަދު ރާއްޖޭގެ ކޮންމެ ދިމާލަކުން ވެސް އިވެމުންދާ އަޑުތަކެކެވެ. ހިތްދަތި ކަމާއެކު ހޭދަކުރަމުންދަނީ ނިކަމެތި ދުވަސްތަކެކެވެ. އޮޑިވެރިންގެ ހާލު ދަނީ ދުވަހަކަށްވުރެ ދުވަހެއް ދަށްވެ، ނިކަމެތިވަމުންނެވެ. އަދުގެ މަސްދޯނިފަހަރަކީ ޒަމާނީ ވަސީލަތްތަކާއެކު ބޮޑެތި އިންޖީނާއި އެހެނިހެން ޚިދުމަތްތަކާއެކު އިންތިހާއަށް ބޮޑު ޚަރަދެއް ކޮށްގެން އުންމީދާއެކު ކަނޑުތަކަށް ނެރެފައިވާ އުޅަނދުތަކެކެވެ. ނަމަވެސް މިއަދު އެ އުންމީދުތަކުގައި ކޮޅުފައިން ޖަހައި އޮޑިވެރިން ވަނީ ބިކަކޮށްލާފަ އެވެ. މިއަދު އެ އުޅަނދުތައް އެދަނީ ގެއްލުމުގައި އޮޕަރޭޓް ކުރަމުންނެވެ.

މީގެ ކުރިން ކަންނެލި ކިލޯއަކަށް ލިބެމުންދިޔަ އަގުގެ ދެގުނަ ދަށް އަގެއްގައި މަސްކޮޅު ކިރުވަން މިއަދު މިވަނީ މަޖުބޫރުވެފަ އެވެ. އެތަކެއް ދުވަހަކު ކަނޑުމަތީގައި އުޅުމަށްފަހު މަސް ބާނައިގެން އައިސް އެތައް ދުވަހަކު ފަޅުތެރޭގައި ކިޔޫގައި އޮވެ، އެތައް އިތުރު ޚަރަދުތަކެއް ކުރުމަށްފަހު މަސްކޮޅު ގަންނަ ފަރާތުން ކީ އަގެއްގައި ވިއްކާލާތަން ފެނުމަކީ ހިތްދަތި މަންޒަރެކެވެ.

ސަރުކާރުގެ މަސް ގަންނަ ކުންފުނި މިފްކޯއަށް ކަންނެލި ކިރުވޭނެ ފުރުސަތު ވަރަށް ކުޑަ އެވެ. ކިރުވުނު ކަމުގައި ވިޔަސް ފައިސާއެއް ވަގުތަކުން ނުލިބެ އެވެ. މަސްވެރިންނަށް ޚަރަދު ބަރަދު ކުރެވޭކަށް ނެތެވެ. އަދި އޮޑިފަހަރަށް ބޭނުންވާ އައިސް އާއި ތެލާއި ކޮއްތާއި އެނޫން ވެސް ބޭނުންވާ ތަކެތި ހޯދޭނެ ގޮތެއް ނެތި އޮޑިވެރިޔާ އެދަނީ ދަރަންޏަށް ފައިސާ ނަގައިގެން ދޯނި މަހަށް ނެރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ދޮށީގެ މަސްވެރިންގެ ހާލަކީ ތޯއެވެ؟ އުތުރުން މަސްބާނައިގެން އެތައް ފީފާ ތެލެއް އަންދާފައި ކޫއްޑޫއަށް މަސްކޮޅު ކިރުވާލަން ދާންޖެހޭ ފަހަރު ވެސް އާދެ އެވެ. ދެކުނުން މަސް ބާނައިގެން ފެލިވަރަށް މަސް ކިރުވަންޖެހޭ ހާލަތް ވެސް އާދެ އެވެ. އެތައް ބުރައަކާއެކު މަސްކޮޅު ކިރުނު ކަމުގައި ވިޔަސް ވަގުތުން ފައިސާއެއް ނުލިބެ އެވެ.

މަސްވެރިން ލޯބޯ ފިއްސައިގެން، ވެހޭހާ ވާރެއެއްގައި ދޭހާ އަތްވެއްގައި މާކަނޑުތަކުގެ ބިޔަ ރަޅުތަކުގެ ތެރޭގައި އެތައް ދުވަހަކު މަސްވެރިކަމުގައި އުޅުމަށްފަހު މަސްކޮޅު ވިއްކާލާއިރު ވެސް ވަގުތުން ފައިސާއެއް ނުލިބެ އެވެ. ޖެހެނީ ބިލްކޮޅަކުން ފުއްދާލާށެވެ. މަސް ދެމަސް ވާއިރު ވެސް އެ ބިލްކޮޅަކަށް ފައިސާއެއް ނުލިބެ އެވެ. މިއީ މިއަދު މަސްވެރިންނަށް އޮތް ހައްގު މިންވަރުތޯ އެވެ؟ މިއީ މަސްވެރިން ގަނަތެޅުވުމެއް ނޫންތޯއެވެ؟ ދިވެހި މަސްވެރިންނަށް މިހާ އިހާނެތިކޮށް ނުހިތާށެވެ. ނާގާބިލް ކަމުގެ ސަބަބުން އެކަށީގެންވާ ރަނގަޅު ޕޮލިސީތަކެއް ނެތި ސަރުކާރު ފެއިލްވުމުން އެ ރުޅިގަނޑު މަސްވެރިންނަށް ނުބާލާށެވެ. މަސްވެރިން ކުރަމުންދާ ގައުމީ މަސައްކަތުގެ އަގު ވަޒަންކޮށް އިހުސާންތެރިކަމާއެކު އެ ޚިދުމަތްތެރިންގެ އަގު ވަޒަންކުރާށެވެ.

މަސްވެރިންނަށް މިއަދު ތިދޭ އަނިޔާ އެ މަސްވެރިން ހަނދާންކުރާނެ އެވެ. ވަރަށް އަސަރާއެކު ހަނދާންކުރާނެއެވެ.

މަސްވެރިން މިހާލުގައި ޖައްސާފައި މިއަދު އަޑުއިވެނީ ދިވެހި މަސްކަނޑުތައް އަވަށްޓެރި ސްރީލަންކާގެ މަސްވެރިންނަށް ހުޅުވާލަން ބޭނުންވެގެން އުޅޭ ވާހަކަ އެވެ. މިއީ އަޖައިބެއް ކަހަލަ ވާހަކަ އެކެވެ.

މިހާރު ވެސް މިދައްކަނީ ރާއްޖޭގެ ވަށައިގެން ކުރަމުންދާ ބޮޑުދަލުގެ މަސްވެރިކަމުންނާއި ދިގުދާ އަޅައިގެން ކުރަމުންދާ މަސްވެރިކަމުން "ފުރޭނިގެން" އަންނަ މަސްކޮޅު ދިވެހިންނަށް ލިބޭ ވާހަކަ އެވެ. މަސްވެރިކަން އަހަރުން އަހަރަށް ދަށްވަމުންދާ ވާހަކަ އެވެ. އިންޑިއާ ކަނޑުގެ ރީދޫ އުރަހަ ކަންނެލީގެ ސްޓޮކް ހުސްވަމުންދާ ވާހަކަ އެވެ. ގައުމުތަކަށް ބާނާ/ ހިފާވަރު ކޮންޓްރޯލް ކުރުމަށް ގޮވާލަމުންދާ ވާހަކައެވެ.

މިއަދު މިއުޅެނީ ބާނާ މަސްކޮޅުން އިގްތިސާދީ މަންފާ ހޯދުމަށް ދިވެހި މަސްވެރިންނާއި އޮޑިވެރިން އެތައް ހިތްވަރެއް ކޮށްގެން ވެސް، ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތައް ދެކޮޅު ނުޖެހިގެންނެވެ. މަސް ކުންފުނިތަކަށް ދަނީ ގެއްލުން ވަމުންނެވެ.

ދިވެހި މަސްކަނޑުތަކަށް ސްރީލަންކާގެ މަސްބޯޓުފަހަރު ގަވާއިދާ ޚިލާފަށް ވަދެ މިހާރު ވެސް މަސްވެރިކަން ކުރެއެވެ. އެފަދަ އުޅަނދުފަހަރު ހޯދާ ފިޔަވަޅު އެޅުމުން ނުކުޅެދިފައިވާކަން މިއަދު ދަނީ ހާމަވަމުންނެވެ. ރާއްޖޭގެ ވަށައިގެން ރާޑަރުތައް ބަހައްޓައިގެން ވެސް މިކަމުން އައި ހެޔޮ ބަދަލެއް ނުފެނެ އެވެ. ފަހަކަށް އައިސް މިގޮތަށް ވަގަށް ވަދެ އުޅުނު ބޯޓުފަހަރު ދިވެހި މަސްވެރިން ހޯދާ ކަމާބެހޭ ފަރާތްތަކާ ހަވާލުކުރި ވާހަކަ ވެސް ވަނީ މީޑިޔާގައި ތިލަވެފަ އެވެ. އަދި އިންޑިއާ އާއި ސްރީލަންކާގެ މަސްބޯޓު ފަހަރު ރާއްޖޭގެ މަސްކަނޑުތަކުގައި ދިވެހިން މަސްވެރިކަމަށް ނުކުމެ އުޅޭ ހިސާބަށް ގޮނޑުވެ، މަސްވެރިކަން ކުރަމުންދާ މަންޒަރުތައް ވެސް ވަނީ އާންމުވެފަ އެވެ.

ވީމާ މިފަދަ ހާލަތުގައި ދިވެހި މަސްކަނޑުތައް ސްރީލަންކާގެ މަސްވެރިންނަށް ހުޅުވާލުމަކީ ދިވެހި މަސްވެރިންނަށްދޭ ވަރަށް ބޮޑު އަނިޔާ އެކެވެ. ދިވެހި މަސްކަނޑުތައް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކާލުމަކީ ކޮންފަދަ ނާތަހުޒީބު އަނިޔާވެރި ނިންމުމެއް ތޯއެވެ؟

ސްރީލަންކާގައި މާކަނޑުގައި ކުރާ މަސްވެރިކަން މިހާރު ވަނީ އިހުނަށްވުރެ މާބޮޑުތަން ފުޅާކޮށްފަ އެވެ. ސްރީލަންކާގެ ކޮންޓިނެންޓަލް ޝެލްފުގެ ސަރަހައްދުގެ ބޭރަށް އިގްތިސާދީ ސަރަހައްދަށާއި ބައިނަލްއަގުވާމީ ކަނޑުތަކަށް ކަންނެއްޔާއި ކަޅުބިލަމަސް ހިފަން ދިގުދާ އަޅާށާއި ލޭނުއަޅަން އެތައް ހާސް މަސްބޯޓެއް ނުކުމެ އުޅެ އެވެ. އަދި އެ މަސްވެރިކަމުގައި އެތައް ހާސް މަސްވެރިންނެއް ޝާމިލުވެ އެވެ.

ރާއްޖޭގެ އުތުރުގެ ކަނޑުތަކަކީ އިރުވައި މޫސުމުގައި އަރަބި ކަނޑުން އުފައްދާ އޮއިވަރާއެކު އަންނަ މަސް އައިނުތައް ރާއްޖޭގެ މަސްވެރިންނާ ހަމައަށް ގެނެސްދޭ ސަރަހައްދެވެ. ރާއްޖޭގެ ހުޅަނގުން އިންޑިއާ ކަނދުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ ޕާސް ސެއިން (ބޮޑުދާ) މަސްވެރިކަމުގެ ތެރެއަށް "ފުރޭނިގެން" އަންނަ މަސް އައިނުތައް ކުރިން ދެންނެވި އޮއިވަރާއެކު ރާއްޖޭގެ ގޮނޑުކޮށް ދެނީ ވެސް ރާއްޖޭގެ އުތުރުގެ ކަނޑުތަކުންނެވެ. ސްރީލަންކާގެ މަސްވެރިން ވެސް ދޭތެރެ ދޭތެރެއިން އަރަބި ކަނޑަށް މަސްވެރިކަމަށްދާ "މަގުމަތީގައި" ރާއްޖޭގެ ކަނޑުތަކުގައި ތިލަވާ މަސްއައިންތައް ދަލުގައި ޖައްސާކަމީ އަދުގެ ހަގީގަތެވެ. ވީމާ، ރާއްޖޭގެ އުތުރުގެ ކަނޑު ދެ ގައުމަށް ހުޅުވާލެވިއްޖެނަމަ، އެ ސަރަހައްދުގައި މަސްވެރިކަން ކުރާނީ ސަރީލަންކާގެ މަސްވެރިންނެވެ. އަދަދުގެ ގޮތުން އެތައް ހާހެއްގެ އުޅަނދުފަހަރު އެ ސަރަހައްދަށް ދެން ވަންނާނީ "އަމިއްލަ" ކަނޑެއް ކަމަށް ބަލައިގެންނެވެ. އެ ސަރަހައްދުގައި މަސްވެރިކަން ކުރުމުގެ ވަސީލަތްތައް ހުރީ ވެސް އެ ގައުމުގަ އެވެ. އަދި އެ ގައުމުގެ މަސްވެރިން އެކުރާ ދިގު ދާ އަޅައިގެން ކުރާ މަސްވެރިކަމަކީ "ޕެސިވް" (މަޑުމަޑުން ތިބެ) ކުރާ މަސްވެރިކަމެއް ކަމުން އެކަމުގައި އެ ގައުމުގެ މަސްވެރިން މާ ހުށިޔާރުވާނެ އެވެ.

ދިވެހި ދޮށީގެ މަސްވެރިންނެއް އެން ދަމައިގެން އެ ސަރަހައްދަށް ގޮސް މަސްވެރިކަން ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އަދި އެއީ ޚަރަދުގެ ގޮތުން ފޫބެއްދޭނޭ ކަމަކަށް ވެސް ނުމެވާނެ އެވެ. އަދި މިކަމުގެ ސަބަބުން ދިވެހި މަސްވެރިންނަށް އެ ސަރަހައްދުގައި މަސްވެރިކަން ކުރުމުގެ ފުރުސަތު ވެސް ކުޑަވެގެން ދާނެ އެވެ. އޭރުން ދިވެހި މަސްވެރިންގެ "ދޮށި ފޯރާ ހިސާބަށް" މަސް އައިނުތައް ތިލަވުމުގެ ކުރިން އައިނުތައް އެކުގައި އެތައް ކިލޯމީޓަރެއްގެ ދިގުދާ ތަކެއްގެ ޝިކާރައަކަށްވެ ދިވެހިން ދިވެހި މަސްވެރިކަމުން މަހުރޫމް ކުރުވާނެ އެވެ.

ސްރީލަންކާގެ ދައު އަޅާ ކޮންމެ މަސްބޯޓެއް 30 އާއި 50 އައި ދެމެދުގެ އަދަދެއްގެ ދައުބުރި ބޭނުންކުރެ އެވެ. މިއިން ކޮންމެ ދައުބުރިއެއްގެ ދިގުގައި ގާތްގަނޑަކަށް 1000 މަޅި ހުރެ އެވެ. ވީމާ އެންމެ ބޯޓަކުން އަޅާ ދަލުގެ ދިގުގައި ގާތްގަނޑަކަށް 50،000 މަޅި ހުންނާނެ އެވެ. މިފަދަ ދައު އަޅާ ބޯޓު ފަހަރާއި އެތައް ކިލޯމީޓަރެއްގެ ދިގު، ލޭނުއަޅާ ގާތްގަނޑަކަށް 5000 ބޯޓު މާކަނޑުގައި ހަރަކާތްތެރިވާނެ ކަމަށް ވެއެވެ. އެހެންކަމުން މީގެ ތެރެއިން ގިނަ އަދަދެއްގެ ބޯޓު މޫސުމީ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މަސް ހިފަން ވަންނާނޭ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ވީމާ މިފަދަ ފުރުސަތެއް ތަނަވަސް ކޮށްދީފިނަމަ، ދިވެހި މަސްވެރިންގެ މަސް ކަނޑުތައް ވެގެންދާނީ ބޭރު ބައެއްގެ މިލްކަކަށެވެ.

ވީމާ މިއީ ދިވެހި މަސްކަނޑުތައް ބޭރުގެ ގައުމަކަށް ހުޅުވާލާ ކަމަށް ބުނެ މިއަދު ނިއުޅެމުންދާ ނުރައްކާތެރި ޚަބަރުތަކާ ގުޅިގެން ދިވެހި މަސްވެރިކަމުކުގެ އަޑު އުފުލަން ޖެހިފައިވާ ވަގުތެއް ކަމުގައި ދެކެމެވެ.

ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ މާ އިހުއްސުރެ ވެސް ދިވެހިންގެ ރޯދި ބަރަކާތުގެ އެންމެ މައިގަނޑު ވަސީލަތެއްގެ ގޮތުގައި މާތްﷲ މިންވަރު ކުރައްވާ އެއިން ރިޒުގު ތަނަވަސްކުރުމުގެ ފުރުސަތު މިންވަރު ކޮށްދެއްވި ކަނޑު ރޯދި ހޯދުމުގެ މައުނަވީ މަސައްކަތެވެ.

ވީމާ މިކަމަށް އިހުމާލުވުމަށް ހުޅުވާލަން އުޅޭ ކޮންމެ ދޮރެއް ބަންދު ކުރުމަކީ އަދުގެ ޖީލަށް އޮތް ގައުމީ އަދި ދީނީ ވާޖިބެކެވެ. އާދެ! މިއަދާއި މާދަމާގެ ޖީލަށްޓަކައެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަކީ ދިވެހި މަސްވެރިންގެ މަސްކަނޑުތައް ދައު އަޅާ ބޯޓު ފަހަރަށް "ވިއްކާލުން" ކަމުގައި ވަނީނަމަ، އެކަން ހުއްޓުވުމަށް މަސްވެރިން ހިތްވަރާއެކު ތެދުވާށެވެ.