Support Us

ﷲ އިރާދަކުރެއްވިއްޔާ ތިޔަކަމުގައި ހެވެއް ވާނެއެވެ.

މިއީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަޅުގަނޑު އާންމުކޮށްފައިވާ ލިޔުމެކެވެ. ފުރަތަމަ ޢާންމުކުރީ 1996 ގައެވެ. މިފަހަރު މިވަނީ މި ލިޔުމަށް އިސްލާޙު ގެނެސް އަލުން ނެރެފައެވެ. (2020 އޯގަސްޓް)

މިއީ އިރުމަތީގެ ޤައުމުތަކުގައި ހިނގި ރަސްކަމެއްގެތެރޭގައި ހިނގައިފައިވާ ޙަޤީޤީ ހާދިސާއެއް ކަމަށް ބުނެ ރަޙުމަތްތެރިއަކު ކިޔައިދިން ވާހަކައެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މި ހާދިސާ ކިޔައިދިން ފަރާތުން، ކިޔައިދިން މުހިންމު އެއްވެސް އަސްލަކަށް ބަދަލުގެނެސްފައެއް ނުވާނެއެވެ. ނަމަވެސް ވާހަކަ ރީތިކޮށް މިއިން "ވާހަކައެއް" ނެރުމަށް އިތުރުކުރަންޖެހޭ ބައިތައް އިތުރުކޮށްފައިވާނެއެވެ. ހަމަ އެހެންމެ ވާހަކައިގެ އުފެއްދުންތެރިކަމަށާއި ދިވެހި ބަސްމަގަށް ވިސްނައިފައިވާނެއެވެ.

******

އެވޭލާ ޒަނާނުގެ ތެރެއިން ނިމިނިމި ގޮސްފައިވާ ވަރަށް އެވޭލާ ޒަމާނެއްގެ ވާހަކައެކެވެ. އިރުމަތީގެ ބާރުވެރިވެރިކަމެއް ހިނގި ޤައުމެއްގެ ތެދުވެރި ޙިކުމަތްތެރި ވަޒީރަކަށް ކުރިމަތިވި ޙާދިސާއެއްގެ ވާހަކައެކެވެ. ބުނެވޭގޮތުގައި މި ވަޒީރަކީ އާދަޔާ ޚިލާފު އާދައެއް، އެ މަނިކުފާނުގެ ޒާތުގައި ހުރި ކެރޭ، ގޮތް ހުރި ބޭފުޅެކެވެ. އޭގެތެރެއިން ވަރަށް ޚާއްސަ އާދައެއް އޮވެއެވެ. އެއީ އެ މަނިކުފާނާ ދިމާވާހާ ކަމެއްގައި "إن شاء الله" މިހެން ވިދާޅުވުމުގެ އާދައެވެ. ހަމަ ކޮންމެ ކަމެއްގައިވެސް މެއެވެ. ހިތާމައެއް ކުރިމަތިވިޔަސް، އުފަލެއް ލިބުނަސް ވިދާޅުވަނީ ހަމަ މި ޢިބާރާތްކަމުގައިވެއެވެ. "إن شاء الله" މިހެން ވިދާޅުވެ ހިތުގެ އަޑިން ޤަބޫލުކުރާ މި ޤަބޫލުކުރުމާ ހުރެ ބައެއް ފަހަރު އަމިއްލަ އަށް ހިތި ނަތީޖާއާ ކުރިމަތިލާންޖެހިފައިވެއެވެ. އެ ވަޒީރު މި ވިދާޅުވާ މި ޢިބާރާތުގެ މާނައަކީ "ﷲ އިރާދަކުރެއްވިއްޔާ ތިޔަކަމުގައި ކޮންމެވެސް ހެވެއް އޮންނާނެއެވެ." މިއެވެ.

ވަޒީރުގެ މި އާދައަށް ގިނަދުވަސްތަކެއް ވީފަހުން އެއް ދުވަހަކު މި ދެންނެވި ވަޒީރުގެ ރަސްގެފާނުންގެ ކަނާތު ބޮޑުވާ އިނގިލިފުޅު ޝަހީދުވެއްޖެއެވެ. މިތަން ފެނިފައި، މި ހިތާމަވެރި ދަނޑިވަޅުގައި އެއްކަލަ އިސްވަޒީރު ޢާންމު މޭރުންފުޅުން "ﷲ އިރާދަކުރެއްވީތީ ތިޔަ ކަމުގައިވެސް ހެވެއް ވާނެއޭ" ވިދާޅުވެއްޖެއެވެ. އެހިނދު އެ އަޑުފުޅު އައްސަވައިފައި ރަސްގެފާނުން ކޯފާ އިސްކުރައްވައި ހަނދޭގިރި ގެންނަވައި ވަގުތުން އަމުރުކުރެއްވީ އިސްވަޒީރުގެ ހަށިކޮޅުގައި ޗާބޫކުން ތެޅުމަށެވެ. ކޮންމެއަކަސް މި އަދަބު ދީ ނިމުމާއެކު ޖޭލަރު ގެންނަވައި، ވިދާޅުވެއްޖެއެވެ. "މިކަލޭގެ ހަމަ މިހާރު ގެންގޮސް ޖަލަށްލާށެވެ." އަދި އެ ބަސްފުޅު ވިދާޅުވުމަކީ ކުށެއް ކަމަށާއި އިތުރު އަދަބެއްގެ ގޮތުން ބުރަ މަސައްކަތް ކުރަން ޖެއްސެވިއެވެ.

މިކަމެއް ހިނގައިދިޔަތާ ދެތިން އަހަރެއްގެ ފަހެވެ. ރަސްގެފާނާއި އެހެން ވަޒީރުންނާއި ބައެއް އިސް އަޅުންނާއި އެކުވެރިން ޝިކާރައަކަށް ޖަންގައްޔަށް ނުކުމެވަޑައިގަތެވެ. އެއީ ވަލު ކެއުޅުކަމަށެވެ. މި ދަތުރުފުޅުގައި އުޅުއްވަނިކޮށް ފޭރޭންނާ ދިމާވެގެން ރަސްގެފާނާއި އެމަނިކުފާނާއެކު ވަޑައިގެން އެންމެން ހިފައި ހައްޔަރުކޮށްފިއެވެ. އަދި އެބައިމީހުންގެ މާލުމުދާ އަތުލައި ހުރިހާ ސަވާރީތަކެއް ފޭރިގެންފިއެވެ. މިއަށްފަހު ފޭރޭންގެ މަހާ ފޭރޭގެ އަމުރަށް ކަންތައް ކުރަންވީ ގޮތް ކަނޑައެޅިއެވެ.

މަހާ ފޭރޭ އަމުރުކުރަނީ ނުކުޅެދޭ މީހަކު ހުރިނަމަ އެމީހަކު ފިޔަވައި އެހެން އެންމެން ޤަތުލުކުޅައުމަށެވެ. އެހެންކަމުން ރަސްގެފާނުން ފިޔަވައި އެހެން އެންމެން ޤަތުލުކޮށްފިއެވެ. މި ރަސްގެފާނުން ސަލާމަތްވީ ގުނަވަނެއް މަދު މީހެއް ކަމުގައި ވީތީ ފޭރޭންގެ އުސޫލުގެ މަތިން އެއީ ނުކުޅެދޭ މީހެއް ކަމުގައި ބަލައި ދޫކޮށްލީއެވެ.

ޖެހުނު މުސީބާތުން ސަލާމަތްވެވަޑައިގެން ރަސްގެފާނުން އެނބުރި ގަނޑުވަރަށް ވަޑައިގެން ފުރަތަމަވެސް ހަނދުމަފުޅުވީ ޖަލަށްލެއްވެވި ގާތް އިސް ވަޒީރުގެ މަތިންނެވެ. އެހެންކަމުން އެ ވަޒީރު ޖަލުން ނެރުއްވައިގެން ގެންނަވައި އެ ވަޒީރުގެ ޙިލްމުވެރިކަމާއި ވިސްނުންފުޅުގެ ތޫނުކަމުގެ މައްޗަށް ތަޢުރީފުކުރެއްވިއެވެ. އަދި އެފަދަ ބޭފުޅަކު ޖަލަށްލެއްވުނީތީ މަޢާފަށް އެދިވަޑައިގަތެވެ. އަދި އިނގިލި ޝަހީދުވި ދުވަހު ވަޒީރު ވިދާޅުވި ވާހަކަފުޅުގެ ތެދުކަމާއި ކޮންމެ ކަމެއްގައިވެސް ހެވެއް ވާނޭކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ހަމަ އެ ހިނދު ވަޒީރު ވިދާޅުވިއެވެ. "ﷲ އިރާދަކުރެއްވީތީ ތިޔަކަމުގައިވެސް ހެވެއް ވާނެއޭ"

ރަސްގެފާނުން ކޯފާ ތިލަވިއެއްކަމަކު މަޑުކުރައްވައި ހިނިވަރުނަކުރައްވައި އައްސަވައިފިއެވެ. "އޭ ވަޒީރާ. އަޅެ ތިޔަ ކިޔާ ހެވެއް ވާނަމަ ވަޒީރު ޖަލަށްލެއްވުމުގައިވެސް ހެވެއް ވާންޖެހޭނެ. އެ ހެވަކީ ކޮބައި؟"

އެހިނދު ގާތްވަޒީރު ޖަވާބުދެއްވިއެވެ. "އަޅުގަނޑު އެ ދުވަހު ޖަލަށް ނުލެއްވިނަމަ މިއަދު މަނިކުފާނުގެ އަރިހުގައި މިހެނެއް ނުހުރެވޭނެ. ރަސްގެފާނު ތިޔަ ވަޑައިގެންނެވި ޝިކާރައަށް ފަހަތްޕުޅުން އަޅުގަނޑު ދާންޖެހުނީސް. އެހެންވިނަމަ މިއަދު އަޅުގަނޑު ވާނީ ކަށްވަޅުގައި. ފޭރޭން އަޅުގަނޑު ގަތުލުކުރާނެ" ރަސްގެފާނުން ވީ އުފާފުޅުން ވަޑައިގެން ވަޒީރުގެ ގާތްކޮށްލެއްވިއެވެ. އަދި ތަޢުރީފުކުރައްވައި މަޤާމު މަތިވެރިކުރެއްވިއެވެ. ވަޒީފު ވިދާޅުވިއެވެ. "إن شاء الله"