Support Us

ކޮލަމް ކަލާވެހި: "ހަޖަމް!" 

މިހިރަ ފެންނަ މާސިންގާ ބޮޑެތި ނަލަ ޢިމާރާތްތަކާއި، އެންމެ މި ޒަމާނުގެ އާރޯތާނާ ކަމަޅިމަތީ އުޅަނދުތަކުގައި ހިތްފަސޭހަކޮށް ދުއްވައިލައި އުޅޭނޭ ހަލިމަގުތަކަށް ބަލައިލީމައި ރާއްޖެޔެކޭ ސިންގަޕޫރެކޭ ދެން މިހައިރަކު ތަފާތެއް ނޫނޭ ބުނެލާނޭ މީހުންވެސް މިތާނގައި އުޅެފާނެވެސް ތޯއްޗެކެވެ. ކަން އެހެން އޮތަސް، އެހެރަ ފެންނަ ރީތިރީތި ފުލެޓުބަރިތަކުގައި އެ އުޅޭ ބައެއް މީހުން، މަތީ ބެލްކަނީން ތިރީ ބެލްކަންޏަށް ރަތްކުޅެއް ޖަހައިލުމާއި، ލިފްޓަށް އަރާން ގޮސް ކޮއްޕައިގަޅުވައިލައިގެން ޖާގަ ހޯދުމުގައި މި ރާއްޖެޔާއި ސިންގަޕޫރާ ތަފާތުވުން އެއީ އަދި އެހެން ކަމެއް، އެހެން ނޫންތޯއެވެ؟ އެއްކަލަ އޮމާން ހަލިމަގުގައި ސައްތަދެބައިކުޅައިގެ ބާރުމިނުގައި ބައު ސައިކަލުގަނޑެއް ދުއްވައިފައި އެ ދާ ނުރަބޮލުގެ ދެފަރާތުން، އޭގެ ދެގުނަ ބާރުމިނުގައި ބޫން ކަނޑައިފައި އެ ދިޔަ އޮފުގަދަ ކާރު އެ ދިޔައީ ސިންގަޕޫރުގައި ނަމަ އެތާނގެ ފުލުހުން ކާރު ހުއްޓުވާނޭ ގޮތަކަށޭ، އެކަމަކު މިތާކު އެހެނެއް ނުވާނެޔޭ ބުނާ މީހާޔަށް ސިންގަޕޫރާ ރާއްޖެޔާ ނުއޮޅުނަސް، އެހެން ނޫންތޯއެވެ؟

"ހަޖަމް!" މިއީވެސް އެކަހަލަ ކަމެކެވެ. ތިމައުރެންގެ ކުރިމަތީގައި މި އޮތް ރާއްޖެޔަކީ ހަމަ އެންމެހައި ގޮތަކުން ތަރައްޤީގެ މަގުގައި ސިންގަޕޫރޭ ހިތުލައިގެން އުޅޭ، ނުވަތަ ދުލުކުރީން ނަމަވެސް ބުނެއުޅޭ ޒާތުގެ މީހުން، އެހެން މީހުންގެ ދޫ ބަންދުކުރުވާން ބޯންދޭން ގެންގުޅޭ ތިކިޖައްސާ ބޭސްފުޅިޔެއް ކަހަލަ އެއްޗެކެވެ. ފެންނަ ހަމަ ކޮންމެ މީހެއްގެ މައްޗަށް ތިމާގެ ހުސްތޮށި ބާރާއި، ހިކިހިތްވަރާއި، ކުޅިގަދަ ބޮޑާކަމާއި، ޚުލްޤު ނުބައިކަމައިގެން ހުށަހޮޅިގަންނާން ބޭނުންކޮށް އުޅޭ އަމުރެއް މެއެވެ. ތިމާގެ ހިތް ސިންގަޕޫރަށް ނިސްބަތްވާން އަދި ބޭނުންވިޔަސް، ތިމާގެ ބުއްދި އަދި އޮތީ ގާމަތީ ފުށި ރަށްގަނޑެއްގެ ހޭޅިފަށުގައި ކަން އެހައި ރަނގަޅަށް މޭރުންނުވާ، ރޯނުއެދުރަށް ވީ ވަރުވެސް ނުވާ، އެކަމަކު ބޭރި ވެސް ތިމާ ދެކެ ބިރުން ފިލައިހާ އަނގަގަދަ ކޮންމެ މީހެއްގެ އަތްމަތީ ބަހެއް މެއެވެ.

"ހަޖަމް!" މިއީ އެއްކޮޅަށް ދުވާ ހަލިމަގެއްގެ މެދުގައި ކަޅިވިދިފައި އޮތް ޖަމަލެއް ކަހަލަ އެއްޗެއް މެއެވެ. އެހެނީ، އެއީ އިސްވެ ދިޔަ ޕެރެގުރާފުގައި އެހެރަ ނަންއިތުރު ތަކުން އަމިއްލަ ނަފުސުގައި ފޭރާންލަވައިގެން އުޅޭ މީހުންގެ ގޮހޮރަށް ތަންކޮޅެއް ދަތިކަމެކޯލައެވެ. ދެން އެކަމާ އަޅުގަނޑު ދަންނަވާނީ ފަހެ ކީކޭތޯއެވެ؟

"ހަޖަމް!" މިއީ އެ އަމުރަކަށް އަޅުގަނޑު އެހައި ފަސޭހައިން ކިޔަމަންވެ، ބޯލަނބައިއުޅޭން އެހައި ބޭނުން އަމުރެއް ނޫނެވެ. ސަބަބުތައް ދަންނަވައިލަންތޯއެވެ؟

އެންމެ ފުރަތަމަ، އަޅުގަނޑުގެ ކުރިމައްޗަށް މީހަކު އަރައި، އޭނާ ހިތުހުރިހައި އެއްޗެއް އަޅުގަނޑާ ދިމާޔަށް ނުވަތަ އަޅުގަނޑަށް ނިސްބަތްވާ ގޮތަށް ކިޔައިފައި ނުވަތަ ގޮވައިފައި، އޭނާ އެމުނިހައި ފަތިވަރު އެ ނިންމައިލަނީ "ހަޖަމް!" މިހެން ބުނެފައެވެ. ނުވަތަ އޭނާ ދެމިހައި ފަތިވަރަކަށް އަޅުގަނޑު ޖަވާބެއް ދީފިތަ، އޭގެ ޖަވާބެއް ގޮތުން އޭނާ އެ ބުނަނީ "ހަޖަމް!" މިހެންނެވެ. ކޮން މަޤްޞަދެއްގައި ތޯއެވެ؟

އައްސަވާށެވެ! އޭނާ އެހެން އެ ބުނަނީ ބިރުންނެވެ! އަޅުގަނޑު ދޭނޭ ޖަވާބެއް ނުވަތަ ދީފާނޭ ރައްދެއް ދެކެ ބިރުން، ދުރައިލައި އެއިން ރެކޭން ކަމަށެވެ. ދެން އަޅުގަނޑު އޭނާޔަށް ޖަވާބެއް ނުވަތަ ރައްދެއް ދީފިތަ، އަޅުގަނޑު އެކަން އެ ކުރަނީ އަޅުގަނޑުގައި ހުރި ކޮންމެވެސް ނުކުޅެދުންތެރިކަމެއްގެ ސަބަބުންނޭ އެ އަމުރު އިވޭ މީހުން ހީކުރާންވީއެވެ. އެ ބުނާ ހަޖަމެއް ކުރުމަކީ މާ މޮޅު ކަމެއް ކަމަށް އެހެން މީހުންނަށް އަންގައިދޭން އޭނާ މަރުފަލި ޖަހަނީއެވެ. ޙައިރާނެއް އަޅެ ނުވާނެ ތޯއެވެ؟ ތިމާ މީހާ އަނެކާޔާ ދިމާޔަށް ހިތުހުރިހައި އެއްޗެއް ގޮވީމައި އެޔަށް ރައްދު ޖަވާބެއް ނުދީ، ހިތްނެތް ހިމާރަށް ބައިޢަތު ހިފައިގެން، ނޫނީ ބިރުން ރޫރޫއަޅައިގެންފައި، ނޫނީ އެ ގޮވުނު ގޮވެލިފަތީން ކަރުގައި އެޅުވި ކަރުގޮހޮރުފަތީގެ ވަސްނުބައި ދިޔަވަރުން ކަޅިވެގެން ހުރެ، ފުދުނު ބަކަރި ހެދިގެން، ތުންފިއްތައިގެން، ފެންކަޅިވެފައި، ދެރަވެފައި އަޅުގަނޑު ހަމަ ހުންނާންވީ ތޯއެވެ؟ ނުވަތަ، ތިމާގެ އަބުރާއި ޢިއްޒަތާއި ކަރާމާތާއި ނަމާއި ޢިއްޒަތާއި ޙައްޤުތައް ރައްކައުތެރިކުރުމުގެ މަގުން، ތިމާޔަށްވެސް ލިބިގެންވާ މިނިވަންކަމާއި ދުލާއި ގަލަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާންވީ ތޯއެވެ؟ މި ދެ ގޮތުންކުރެ ގޮތެއް އިޚްތިޔާރުކުރައްވާނީ ހަމަ ތިޔަ ބޭފުޅުންނެވެ!

"ހަޖަމް!" މި އަމުރަކީ މީހުން ޓަޓުވައި ރުޅިއަރުވާންވެސް ބައެއް މީހުން ބޭނުންކޮށްއުޅޭ އަމުރެކެވެ. އެކަހަލަ ޙާލަތްތަކުގައި އެއްޗެއް ނުބުނެ އަނގަމަޑުންލައިގެން ހުރުމަކީވެސް އެކަހަލަ މީހުންގެ ކިރުއިލޮށީގައި ޖެހުން ޖަހަލަ ކަމެކެވެ. މިހެން ދެންނެވީމައި ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވުން އެކަށީގެންވެޔޭ، ދެން އެހެން ވިއްޔާ، ހެޔޮ އެއް ގޮތެއްވެސް ނެތެއް ނޫންހޭ! އެކަމަކު، އެ އަމުރަށް ރައްދު ދޭނޭ އެހެން ގޮތްގޮތް ވެސް އެބަ ހުއްޓެވެ!

"އަޅުގަނޑު ލިޔުނު މިވެނި އެއްޗަކާ ބެހޭގޮތުން ތިޔަ ބޭފުޅާ މިވެނި ތަނެއްގައި، އަޅުގަނޑުގެ ޣައިރު ޙާޒިރުގައި، އަޅުގަނޑަށް ޙަމަލާދެއްވައި އުޅުއްވި ވާހަކަ އަޅުގަނޑު އަހައިފިން. އަޅުގަނޑު ވަރަށް ކަށަވަރުކަމާއެކު ޤަބޫލުކުރަނީ ތިޔަ ބޭފުޅާ ކަހަލަ އަމިއްލަފުޅަށް ޢިލްމީ ދިދަޔެއް ނުލާހިކު އުހަށް ނަންގަވައިގެން އުޅުއްވާ ބޭފުޅަކު އެކަހަލަ ދަށް ފެންވަރުގެ، ދެކޮޅުނުޖެހޭ ކަމެއް ހަމަ ގައިމުވެސް ނުކުރައްވާނެ ކަމަށް، ވަކީން ޚާއްޞަކޮށް، ހަމައިގައި ހުންނަވާ އިރު! އެކަމަކު އެކަހަލަ ކަމެއް އަދި ކުރެއްވިފައި އޮތަސް، އަޅުގަނޑު ހަޖަމް! ތިޔަ ބޭފުޅާވެސް ހަޖަމް! އެންމެންވެސް ހަޖަމް!" މިކަހަލަ ޖަވާބަކުން ވެނުމަސް އަޅެ ވެނަކަށް ކާކަށް ނުދެވޭތޯއެވެ؟ ދެން ހަޖަމު ނުބައިވަންޏާ ނުބައިވާނީ ވެނުގެ ހަޖަމު ނޫންތޯއެވެ؟

"ހަޖަމް!" މި އަމުރަށް ކިޔަމަންވެ ވަޑައިގެން ހުންނެވުމުގެ ބަދަލުގައި، އެ އަމުރު ކުޅަ މީހާޔަށް ޙައްޤު ޖަވާބު ދެއްވުމުގައި ވިސްނާވަޑައިގަންނަވާން ވީ ކަމެއްވެސް އޮވެއެވެ. އެއީ، އެ ލަފުޒުން އެ މީހަކު އެމުނި ބަނދިވަރެއްގައި ގޮވި އެއްވެސް އެއްޗަކަށް ސީދާ ރައްދެއް ވިޔަސް، މުނާސަބު ޖަވާބެއް ވިޔަސް ނުދެއްވުމެވެ. އޭގެ ބަދަލުގައި….

"އަނބިކަނބަލުންގެ މުސާރަފުޅު ގެޔަށް ގެންނަވައި، އެކީގައި އަތްޕުޅަށް ނޭރުވީމައި އެކަމާ ކޯފާވެގެންތޯ މިއަދު ނިކުމެވަޑައިގެން ތިޔަ އުޅުއްވަނީ؟" ނޫނީ، "ތިޔަ ވިދާޅުވާ އެއްވެސް އެއްޗެއް ދެކޮޅުޖެހޭނޭ ވަކި ގޮތެއް އަޅުގަނޑުގެ ކޮށި ވިސްނުމަށް ނައިސްގެން މި އުޅެނީ. ތިޔަ ވިދާޅުވިހައި އެއްޗިހި ތަންކޮޅެއް ލަސްލަހުން، އަޅުގަނޑުމެން ކަހަލަ ވިސްނުން ކޮށި މީހަކަށް ދޭހަވާ ވަރަށް ލަސްލަހުން، ޢިލްމީ ހަމަ ދައްކަވަމުން، އަދި އެއް ފަހަރު ވިދާޅުވެ ދެއްވަފާނަންތޯ؟" ނުވަތަ، އެބަހު ބަނާނާއެއް މިބަހު މައުޒެއް ވަކިނުވާ ޒާތުގެ މީހެއް ގާތު، "އަޅެ ތިޔަ ބޭފުޅާގެ އެކްސްޕަރޓް އޮޕީނިއަން އަށް އަޅުގަނޑު ރިކުއެސްޓް ކުރި ހަނދާން ނުވާތިއްޔޭ އަޅުގަނޑު ސަރޕްރައިޒްވެފައި މިހުރީ! ތިޔައީ އަޅުގަނޑަށް އެއްޗެއް ބުނެވުނު އޭރިޔާއިން ކޮން ޔުނިވަރސިޓީއެއްގެ ނުޞައްޙަ ޕީ.އެޗް.ޑީ އެއް ގެންގުޅުއްވާ ބޭފުޅަކީމުތޯ؟" މިކަހަލަ، މި ހަމައިގެ ޖުމުލަތަކަކުން ހަޖަމަށް ޖަވާބުދެއްވީމައި، ކުޅިބަލާން ތިބޭ މީހުންވެސް ގެޔަށް ދާނީ ޓިކެޓަށް ދެއްކި ފައިސާގެ ހަމަ އަގު ލިބިގެން، އެހެން ނޫންތޯއެވެ؟

މިހިރަ ފެންނަ ނަލަނަލަ ޢިމާރާތްތަކާއި، އެންމެ މި ޒަމާނުގެ މޮޅު އުޅަނދުތަކުގައި ފިކުރެއް ނެތި ދުއްވައިލައި އުޅޭނޭ ހަލިމަގުތަކަށް ބަލައިލީމައި ރާއްޖެޔެކޭ ސިންގަޕޫރެކޭ ދެން މިހައިރަކު ތަފާތެއް ނޫނޭ ބުނެލާނޭ މީހުން މިތާނގައި އުޅުނަސް، ކަން އެހެން އޮތަސް، ނެތަސް، އެހެރަ ފެންނަ ހައިބަތު ހުރި ފުލެޓުބަރިތަކުގައި އެ އުޅޭ ބައެއް މީހުން، މަތީ ބެލްކަނީން ތިރީ ބެލްކަންޏަށް ރަތްކުޅެއް ޖަހައިލައި، ލިފްޓަށް އަރާން ދާ އިރު ކިޔޫ ދިގުވެލީމައި އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީން ކޮއްޕައިގަޅުވައިލައިގެން ޖާގަ ހޯދައިލައި، މި ރާއްޖެޔާ ސިންގަޕޫރާ އެ މަގުން ތަފާތު ވާ ކަމުގެ ހެކި އަމިއްލަ ބަހުންނާއި ސުލޫކުން ދައްކަމުން، ކާޅު ކެޔަސް ނުކެޔަސް ސޮއްގޮވަމުން ގޮސް ނިންމައިލަމުން އެ ގޮވައިލާ "ހަޖަމް!" އެއީ ހައުދަހައި ކަމީނާ ލަފުޒެކެވެ!

"ހަޖަމް!"