ޅެމަކީ ހިތުގައި ހިނގާ ފުން ޝުޢޫރެއް އީޖާދީ އުސްލޫބެއްގައި ބަޔާންކުރާ ބަޔާންކުރުމެވެ. ޅެމުގައި މުހިންމީ އޭގެ ބޭރުފުށުގެ މުލައްމާއަށް ވުރެ އެތެރެފުށުގެ މުލައްމާއެވެ. ވަޒަނެއްގައި ލަފުޒު އެތުރުން މާބޮޑު އުނދގުލަކަށް ނުވެއެވެ. އެހެނެއްކަމަކު، ހަރުދަނާ ވާހަކައެއް، ބުއްދިވެރި، ހިކުމަތްތެރި އިރުޝާދެއް ވަޒަނީ އުސްލޫބެއްގައި ބަޔާންކުރުން ފަސޭހަކަމަކަށް ނުވެދާނެއެވެ. ދިވެހިއަދަބުގައި ޅެމާ މެދު ޚިޔާލުފާޅުކުރައްވައިފައިވާ ގިނަ ބޭފުޅުން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި ޅެމެއްގައި ނަމަ ވަޒަނެއް އޮންނަން ޖެހޭނެއެވެ. ކާފިޔާތައް ހަމަވާން ވާނެއެވެ. އެބަހީ ނިންމުންތައް އެއްގޮތްވާން ވާނެ ވާހަކައެކެވެ. އަދި ދިވެހި ޅެމުގައި ނަމަ ބަނޑުވައްއަކުރު ވެސް އެއްގޮތްވާން ޖެހޭނެއެވެ. ބަނޑުވައްއަކުރަނީ ބަސްފެށޭ ދެވަނަ އަކުރެވެ. މިއީ ހައްތާވެސް ހެޔޮ ވާހަކައެވެ. މި ކަންކަން ފުރިހަމަ ނުވަންޏާ ދިވެހި ޅެމުގެ ޅެންވެރި ސިފަތައް ފުރިހަމައެއް ނުވެއެވެ. ހަމައެހެންމެ މި ކަންކަންކަމާ އެކު ޅެމުގައި ބަޔާންކުރާ ޝުޢޫރު ފުންވާން ވާނެއެވެ. އެއީ އާންމުކޮށް ފާޅުކުރާ ދެރަވަރު ޝުއޫރަކަށް ވަންޏާ ހަގީގީ ޅެމެއް ކަމުގައެއް ނުބެލެވޭނެއެވެ.
މިހެންވުމުން ޅެން ވާންވާނީ އިހުސާސާއި ޖަޒުބާތުން ފުރިގެންވީ އީޖާދީ ޝުޢޫރަކަށެވެ. ޅެންވެރިޔާގެ އެތެރޭގައިވާ ޅެންވެރި ހިތުގެ ޝުޢޫރަކަށެވެ. އެ ވާން ވާނީ އޭނާގެ ތިންވަނަ ލޮލަށް ފެންނަ މަނާޒިރަކަށެވެ. ނުވަތަ އޭނާގެ ދެވަނަ ސިކުނޑިޔަށް ވިސްނޭ ވިސްނުމަކަށެވެ. ނުވަތަ އޭނާގެ ތިންވަނަ ކަންފަތަށް އިވޭ އަޑަކަށެވެ. މި ފަދަ ޅެންތައް ތަހުލީލު ކޮށް އަދަބީ ގޮތުން އެ އުފެއްދުންތަކުގެ މައްޗަށް ފާޑުކިޔުމަކީ މުހިންމުކަމެވެ. ބިނާކުރަނިވި ފާޑުކިޔުމަކީ ދިރުންލިބޭނެ ކަމެކެވެ. އަދަބީ ކަންކަމަށް ވެސް ބިނާކުރަނިވި ފާޑު ކިޔަން ޖެހެއެވެ. އެއީ އަދަބަށް ދިރުން އައިސް މުޅިން އައު ކުރިތަކެއް އަދަބުން އުފަންކުރުވާނެ ކަމެކެވެ. ފާޑު ކިޔަން ޖެހެނީ އަދީބަކަށް ނޫނެވެ. އޭނާގެ އުފެއްދުމަށެވެ. ޅެންވެރިކަން ނަމަ ޅެމަށެވެ. އެ ކަން ކުޅައުމުގައި ޢިލްމީ ހަމަތަކެއް ހުރެއެވެ. އަހުރެން ބަޔާންކުރެވޭތޯ މިއުޅެނީ އޭގެ ތެރެއިން މުހިންމު ކަންތައްތަކެކެވެ.
ޅެމުގެ ބަސްކޮށާރު
ޅެމުގެ ފޭރާމަކީ އޭގެ ބަސްކޮށާރެވެ. ރީތިކަމާއި ހުތުރުކަން ހާމަކޮށްދިނުމުގައި ދައުރު ބޮޑީ ބަސްކޮށާރުގެއެވެ. ވީމާ، ޅެމުގެ ބަސްކޮށާރު ތަހުލީލުކުރުން ކޮންމެހެން ވެސް މުހިންމެވެ. މިއީ އުސްލޫބުގެ އެންމެ ފުރަތަމަ އަސާސެވެ. ބަސްކޮށާރު ތަހުލީލުކުރުމުގައި ޅެމުގައި ޅެންވެރިޔާ ފާޅުކޮށްފައިވާ ޚިޔާލުތައް ބަޔާން ކުރުމުގައި އެ ލަފުޒުތަކެއްގައި އެކުލެވޭ އަޑުތަކަކުން ޅެންވެރިޔާގެ އިހުސާސްތައް އަންގައިދޭ ލަފުޒުތަކާއި (އޮނަމެޓަޕިއާ)އާއި ޖިނާސް (އިލެޓެރޭޝަން) ފަދަ ލަފުޒުތައް ހުރިތޯ ބަލަންވާނެއެވެ. ޅެންވެރިރިޔާ ޅެމަށް ހޮވައިފައިވާ ލަފުޒުތަކުން އުފައްދާ އަސަރުތަކަކީ ކޮބައިކަން ހޯދަން ވާނެއެވެ. ޅެމުގައި ތަސްވީރެއް އުފައްދަން ޅެންވެރިޔާ ބޭނުންކޮށްފައިވަނީ ކޮންކޮން ލަފުޒުތަކެއްތޯ ވެސް ބަލަން ވާނެއެވެ. ހަމައެހެންމެ، މާނައިގެ އޮޅުންބޮޅުން ބޮޑު ލަފުޒުތައް ހުރިތޯ ވެސް ބަލަންވާނެއެވެ. ޅެމަށް ގަތައިފައި ހުރީ ފަސޭހަ ބަސްމަގެއްތޯ ނުވަތަ ތުރާބޮޑު ދޭހަވުން ދަތި ބަސްމަގެއްތޯ ބަލަން ވާނެއެވެ. ޅެމުގެ ސޫރަ ހާމަކޮށްދޭން ބޭނުންކޮށްފައިވާ ލަފުޒާއި ބަސްކޯޅިތައް ހޯދަން ވާނެއެވެ. މި ނުކުތާތަކުގެ މައްޗަށް ޚިޔާލުފާޅުކުރުމުގައި މި ކަންކަމުގެ މައްޗަށް އިލްމީ ނަޒަރުން ހަވާލާދޭން ވާނެއެވެ. އެއީ ތަހުލީލުކޮށް ހާމަކުރާ އެއްޗެއްގެ ކަށަވަރުކަމާއި ސައްހަކަން ބަޔާންކުރުމުގެ ބޭނުމަށެވެ.
ޅެމުގެ މައުޒޫ
ކޮންމެ އެއްޗަކަށް ވެސް ނަމެއް ވެއެވެ. އެ އެއްޗަކާ އެ ނަމަކާ ގުޅެން ވާނެއެވެ. އެ ނަމެއް ބުނުމުން އެއީ ކޮން އެއްޗެއްކަން ދޭހަވާން ވާނެއެވެ. ޅެން ތަހުލީލުކުރުމުގައި ޅެމުގެ ސުރުޚީން ނުވަތަ އޭގެ މައުޒޫން ބަޔާން ކޮށްދޭން އުޅެނީ ކޮން އެއްޗެއްކަން ސާފުކޮށްދޭން ވާނެއެވެ. ޅެމަށް އެކުލަވައިފައިވާ ޚިޔާލުތަކާ މައުޒޫއާ ގުޅޭތޯ ނުވަތަ ނޫންތޯ ބަލަން ވާނެއެވެ. މިހެން ބެލުމުގައި ޅެމުގެ ސުރުޚީގެ މުހިންމު ޗާޕީލަފުޒުތައް ހުރީ ކިހިނެއްކަން ބަލާށެވެ. އަދި އެ ލަފުޒުތަކުގެ ހާމަކުރުމެއް ނުވަތަ ކަޝްފުރުކުމެއް ޅެމުގެ އެތެރޭގައި ކަޝާއިފުކޮށްދީފައި ވޭތޯ ބަލައި އެ ކަން ބަޔާންކުރާށެވެ.
ޅެމުގެ އޮނިގަނޑު
ޅެމުގެ އޮނިގަނޑަކީ ޅެން ބިނާކޮށްފައިވާ މައިގަނޑު އަސާސްތަކެވެ. ޅެމެއް ނަމަ އޭގައި އޮތީ ކިތައް ބައިތޯ ގުނަން ވާނެއެވެ. ބައިތަކީ ޅެމުގެ ޝުއޫރުތައް އަމުނާ ވަޒަނުގެ މިސްރާތަކެވެ. ދެ މިސްރާގެ ޅެންބައިތާއި ހަތަރު މިސްރާގެ ޅެންބައިތު ވެސް ހުރެއެވެ. ދެ މިސްރާގެ ޅެންބަތު ބިނާވަނީ ސަދުރަކާއި އަޖުޒެއްގެ މައްޗަށެވެ. ސަދުރަކީ ފުރަތަމަ މިސްރާއެވެ. އަޖުޒަކީ ދެވަނަ މިސްރާއެވެ. މިސްރާއޭ ދެންނެވުމުން ހިތަށް ވިސްނައިގަންނަން އެންމެ ފަސޭހަވާނީ ފޮޅުވަތޭ ދެންނެވިއްޔާއެވެ. ޅެމުގެ އޮނިގަނޑު ދެނެގަތުމުގައި ޅެން ބިނާކޮށްފައި ވަނީ ލަވައެއްގެ މައްޗަށް ނަމަ އެ ލަވައެއްގައި މައިގަނޑަކާ އެކު އޮތީ ކިތައް ކަޑިތޯ ދަނެގަންނަން ވާނެއެވެ. މައިގަނޑަކީ ލަވައިގެ ފަށާބައެވެ. ދެން ކޮންމެ ބަޔަކީ ކަޑިއެވެ. އާންމުކޮށް ލަވަ ހުންނަނީ މައިގަނޑަކާ އެކު މަދުވެގެން ދެ ކަޑީގެ މައްޗަށެވެ. އޮނިގަނޑުގެ ތަހުލީލުގައި ދެން ބަލާން ޖެހޭ ކަމަކީ ބައިތުތަކާއި ކަޑިތައް ޅެމުގެ މައުޒޫއާ ގުޅޭ ގުޅުމެވެ. އެއަށް ފަހުން ދެން ބަލަން ވާނީ ޅެމުގެ މައިގަނޑު ޚިޔާލު ގެނެސްފައިވާ ގޮތާއި އެ ޚިޔާލު ތަރައްގީކޮށްފައިވާ ގޮތެވެ. މައިގަނޑު ތީމަށް ނުވަތަ ޅެމުގެ ތަސްވީރިއްޔާތަށް ބާރުދޭން ނުވަތަ އިތުރަށް ސާފުކޮށްދީ ބަޔާންކޮށްދީފައި ހުރީ ކޮންކޮން ލަފުޒުތަކާއި ބަސްކޯޅިތަކަކުންތޯ ބަލާށެވެ. ހަމައެހެންމެ ޅެމުގެ އޮނިގަނޑު ތަހުލީލު ކުރުމުގައި ވަޒަނަކީ ކޮބައިކަމާއި އޭގެ ދިގުކުރިމިން ބަޔާންކުރަން ވާނެއެވެ. ކާފިޔާތައް ބުގިސްކޮށްފައި ހުރި ގޮތާއި ތަކުރާރުކުރުން ފަދަ ކަންކަން ހޯދައި ތަހުލީލުކުރަންވާނެއެވެ.
ޅެމުގެ އަޑު
ޅެމުގެ އަޑަކީ އޭގެ އަސަރާއި ޖަޒުބާތުގެ މިޒާޖެވެ. ޅެމުން ފެންނަ ޅެންވެރިޔާގެ ރައްވައްޔާއެވެ. މި ގޮތުން ދަނެގަންނަން ވާނީ އެއީ ކަންބޮޑުވުންތައް ބޮޑު ޅެމެއްތޯއެވެ. އަބުއިކަން ހުރި ލެމެއްތޯއެވެ. ޅެމުގެ ރޫޙާއި މިޒާޖު ބިނާވެފައިވަނީ ރުޅީގެ މައްޗަށްތޯއެވެ. ނުވަތަ އިންސާނީ ގުޅުންތަކުގެ މިޒާޖަށްތޮއެވެ. ނޫނީ ހެއްވާ މަޖާ އިހުސާސެއްގެ މައްޗަށް ތޯއެވެ. މި ކަންކަން ޅެމުގައި ހުރި ނެތް ގޮތް ބަލަން ވާނެއެވެ. ޅެމުގެ މިޒާޖު ހުރީ ދެމެހެއްޓިފައިތޯ ނުވަތަ ހޫރިހޫރިތޯ ބަލަން ވާނެއެވެ. މިޒާޖާއި އަސަރު މައުޒޫއުގެ ޚިޔާލާތުތަކާ ފުށުއަރާ ނަމަ ނުވަތަ އިރުއިރުކޮޅާ ބަދަލުވުން އެއީ މޮޅު ކަމެއް ނޫނެވެ.
ޅެމުގެ ރިވާޔަތީ މިންގަނޑު
އަދަބީ ކޮންމެ އުފެއްދުމެއްގައި ވެސް މިންގަނޑެއް އޮވެވެ. އޭގައި ރިޔާވަތެއް ނުވަތަ ވާހަކައެއް އޮންނާނެއެވެ. ބައެއްފަހަރު ސީދާ ގޮތުންނެވެ. އަނެއްބައިފަހަރު ނުސީދާކޮށްނެވެ. ޅެމުގައި ވާހަކަދައްކަނީ ކާކުތޯ ބަލާށެވެ. ކޮންމެ ޅެމެއްގައި ވެސް ޝުއޫރު ފާޅުކުރެއެވެ. އެއީ ކާކުގެ ޝުއޫރެއްތޯ ކާކުގެ ވާހަކަތޯ ދަނެގަންނާށެވެ. މި ގޮތުން ވާހަކަދައްކާ މީހާ ޅެމުގައި ބަދަލުވޭތޯ ބަލާށެވެ. އެއީ ކިހިނެއް ކަމާއި ކީއްވެގެން ކަން ވެސް ތަހުލީލުކުރާށެވެ.
ޅެމުގެ ބޭނުން
ޅެން ހެދި ބޭނުމާއި އޭގެ މަޠުލަބު ތަހުލީލުކުރުން ވެސް ވަރަށް މުހިންމެވެ. މި ބައިގެ ތަހުލީލުތައް ކުރުމުގައި ބަލަންވީ ފުރަތަމަ ކަމަކީ ޅެން ހަދައިފައިވާ ބޭނުން ދަނެގަތުމެވެ. ޅެމާ މެދު ފިކުރުކޮށް އޭގެ މައްޗަށް އިހުސާސްކޮށް ވިސްނަން ޖެއްސި ކަންކަން އެ ޅެމުގައި ހުންނާނެއެވެ. އެ ކަންކަން ހޯދާށެވެ. ހަމައެހެންމެ، ޅެމުގެ މައިގަނޑު މާއްދާއާ މެދު ފާޅުކޮށްފައި ވަނީ ކޮންކޮން ޚިޔާލުތަކެއް ކަން ހޯދާށެވެ. ޅެންވެރިޔާ ޅެން ބައްޓަންކޮށްފައިވާ މައިގަނޑު މަޒުމޫނު ބިނާކޮށްފައިވަނީ ކޮންކޮން ވިސްނުންތަކެއްގެ މައްޗަށްތޯ ކޮންމެހެން ވެސް މި ބައިގައި ތަހުލީލުކުރާށެވެ.
ތަސްވީރިއްޔާތު
ޅެމަކީ ލަފުޒުރަކުން ކުރަހައި ކުލަޖައްސައި ގިރިޓީކޮށް މުލައްމާކުރާ ތަސްވީރެކެވެ. ޅެން ބިނާވަނީ ޚިޔާލީ ތަސައްވަރެއްގެ މައްޗަށެވެ. އެހެންވީމާ، ޅެމުގެ ތަސްވީރިއްޔާތު ދަނެގަތުމުގައި ބަލަންވީ ޅެން ކިޔުމުން ތަހުލީލުކުރުންތެރިޔާގެ ވިސްނުމަށް އަންނަ ތަސްވީރު ސިފަކޮށްދެވޭތޯއެވެ. ޅެމުގައި މި ތަސްވީރު ސިފަކޮށްދޭން ބޭނުންކޮފައިވާ ތަޝްބީހު ނުވަތަ އެއްފަދަކުރުންތަކާއި މަޖާޒާއި ތަޖުސީދުކުރުންތައް ހުރިތޯ ބަލާށެވެ. މި ފަދަ އަދަބީ އުކުޅުތަކާއި މަޖާޒީ ބަސްމަގު ބޭނުންކޮށްގެން ޅެންވެރިޔާ އޭނާގެ ޅެމުން ތަސްވީރެއް އުއްފަދައިފައި ވޭތޯ ބެލޭނެއެވެ. އެކަން ތަހުލީލުކުރާށެވެ.
ޅެމުގެ މާނަ
އަދަބުގައި އެންމެ މުހިންމު މަސައްކަތަކީ އަނެއްކުންގެ ވިސްނުމަށް ފަހުމާނޭހެން ހަރުދަނާ ޚިޔާލެއް ވުޖޫދުކުރުމެވެ. ޅެމުގައި ފަސާހަތު ހުންނަން ވާނެއެވެ. ވަކީން ޚާއްޞަކޮށް ޅެން ވާންވާނީ ބަލާޣާތުގެ އެންމެ މަތީ އުސްލޫބުގެ އުފެއްދުމަކަށެވެ. މިހެންވުމުން ޅެމުގެ ބޭރުފުށާއި އެތެރެފުށުގެ މާނަ ތަހުލީލުކުރަން ވާނެއެވެ. ޅެމުގެ ބައިތުތައ ހަމަ ކިޔައިލުމުން ލަފުޒުތަކުގެ ބޭރުފުށުން ދޭހަވާ މާނައަކާއި އޭގެ އުމުގުން ދޭހަވާ މާނައާއި ހުރި ގުޅުންތައް ދަނެގަންނާށެވެ. ޅެމުން އިބުރަތެއް، ނުވަތަ މެސެޖެއް ދޭތޯ ބަލަންވާނެއެވެ. ހަމައެހެންމެ ކިޔުންތެރީނަށް ދޭހަކޮށްދިނުމުގައި ޅެންވެރިޔާ ޅެމުގައި މަޝްވަރާކޮށްފައިވާ ގޮތްތައް ބަލަން ވާނެއެވެ. ޅެން ބިނާކޮށްފައިވަނީ ޚާއްޞަ ޚިޔާލަކަށްތޯއާއި ޖުމުލަ ތީމެއްގެ މައްޗަށްތޯ ބަލަން ވާނެއެވެ. ޅެމުގެ މާނަ ފަހުމުކޮސް ދިނުމުގެ ދަލާލަތުތައް މި ބައިގައި ތަހުލީލުކުރުމަކީ މުހިންމު ކަމެކެވެ.
ޅެންވެރިކަން ތަހުލީލު ކުރުމުގެ ޗާޕީ ލަފުޒު
މިއީ ވިސްނަން ޖެހޭ ކަމެކެވެ. ޅެންވެރިކަން ތަހުލީލުކުރުމަކީ ޅެންވެރިޔަކު ބޭޒާރުކުރުން ކަމަށް ވެގެން ނުވާނެއެވެ. ނުވަތަ އޭނާގެ ލެން "އޮރިޔާން" ކުރުން ކަމަށް ވެސް ވެގެން ނުވާނެއެވެ. އަދި މި މަސައްކަތަކީ ޅެމުގެ މަސައްކަތަށް ކުރެވޭ މަލާމާތަކަށް ނުވަތަ ހަޖުލަކަށް ނުވަތަ ސަމާސާއަކަށް ނުވަތަ ޅެންވެރިޔާއަށް ކުރެވޭ ޖެއްސުމަކަށް ނުވަތަ ފުރައްސާރައަކަށް ވެސް ވެގެން ނުވާނެއެވެ. އަދި މި ކަމަކީ ހުތުރު އިބާރާތުން މީހަކު ދޭ އިންޒާރަކަށް ވެގެން ވެސް ނުވާނެއެވެ. ހަމައެހެންމެ ޅެން ތަހުލީލުކުރުމަކީ ގާޒީއަކު ހަރުކަށި އަދަބެއް ކަނޑައަޅައި ކުރާ ހުކުމަކަށް ވެސް ވެގެން ނުވާނެއެވެ. މިހެންވީމާ، ޅެމުގެ ތަހުލީލީ މަސައްކަތުގައި އަތްމަތީ ގެންގުޅެން ޖެހޭ ޗާޕީ ލަފުޒުތަކެއް ހުރެއެވެ. ތަހުލީލުގައި ބަޔާންކުރާން ވާނީ، މިހެން ވިނަމަ މިހެން ލިޔުނު ނަމަ، ވެދާނެއެވެ. ވީހެވެ. ބަޔާންކޮށްދެނީ. ހާމަވަނީ، ބާރު އަޅަނީ، ބަޔާންކޮށްދެނީ، ހާމަކޮށްދެނީ، އެނގެނީ، ދޭހަކޮށްދެނީ މިފަދަ ލަފުޒުތަކެވެ.
ޝައްކެއްނެތެވެ! ޅެންވެރިކަން ތަހުލީލު ކުރުމަކީ އުނދަގޫކަމެއް ނޫނެވެ. މި ބަޔާންކުރި ކަންކަމުގެ މައްޗަށް ނަޒަރުކުރާށެވެ. ވިސްނާށެވެ. ހަވާލާ ދޭށެވެ. ސާފު ބަސްމަގަކުން މުޚާޠަބުކުރާށެވެ. އެހެނީ ޅެންވެރިކަމުގެ ތަހުލީލުވާން ޖެހޭނީ އަދަބީ ގޮތުން ތަހުލީލުކުރާ ޅެމަކާ މެދު ނިންމާ މަޑުމޮޅި ނިންމުމަކަށެވެ. އެ ތަހުލީލެއްގެ ސަބަބުން އަދަބަށް ކުރިއެރުން އަންނާނޭ ލަޠީފީ ހުކުމަކަށެވެ.
މައުލޫމާތު:
GCSE Poetry Revision sheet | Teaching Resources