ސުރުޚީގައި އެ އޮތް ޢިބާރާތަކީ ހަމައެކަނި ނަމޫނާ ޢިބާރާތެކެވެ. މިހައިރަކަށް އައިސް ތަންކޮޅެއް ގިނައިން މަގުމަތީން އަޅުގަނޑާ ދިމާވާ ބައެއް މީހުންގެ ފަރާތުން އަޅުގަނޑަށް އިއްވާ އެއްޗެއްގައި އެކުލެވިގެންވާ އެދުމާއި ރޫޙާއި ރާގު އެ ޢިބާރާތްތަކެއްގައި ހިމެނިގެންވާ ޢިބާރާތްތަކުގެ ނަމޫނާއެކެވެ. މި ބާވަތުގެ ޢިބާރާތް އަޅުގަނޑާ ކުރިމަތިކުރާ މީހުންނަކީ، ޢާންމު ގޮތެއްގައި، އަޅުގަނޑުގެ ރައްޓެހި ރަޙުމަތްތެރީންގެ ތެރޭގައި ނުހިމެނޭ، އެކަމަކު އެހެން ކަމަށް ދައްކައިގެން ނުވަތަ ހެދިގެން އަންނަ މީހުންނެވެ. އެ ޒާތުގެ މީހުން އަޅުގަނޑާ ގިނަ ފަހަރަށް ހުށަހޮޅިގަންނަނީ އަޅުގަނޑު ކޮންމެވެސް ތާކު ސައިކަލު ބަހައްޓާތަނުން، ނުވަތަ ސައިކަލު ބަހައްޓައިފައި ހުރި ތާކުން ސައިކަލު ނަގައި އުޅޭ ތަންވަޅެއްގައެވެ. މަދު ފަހަރަކު ނަމަވެސް، މަގުމަތީގައި ދުއްވައިފައި ދަނިކޮށް އަރައި ހަމަކޮށްފައި، ނުވަތަ އެޔަށްވުރެވެސް މަދު ފަހަރަކު ކުރިމައްޗަށް ސައިކަލު ހުއްޓައިފައިވެސް މި ގަނޑު އެބަ ގަނެއެވެ.
ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ! މިއީ ކިހައި ގޮތްކުޑަ، ނާތަހުޒީބު ކަމެއްތޯއެވެ؟ ތިމާގެ އަމިއްލަ ކޮންމެވެސް ބޭނުމެއް އޮތީމައި، އެ ބޭނުމެއް އެ މީހެއްގެ ކިބައިން ތަންކޮޅެއް ކަންފަސޭހަ ގޮތަކުން ފުއްދައިލައި ދެވޭ ފަދަ މީހަކު މަގުމަތީން ފެނުނީމައި، އެ މީހަކާ މިގޮތަށް ހުށަހޮޅިގަތުމަކީ ކިހައި ލަދުކުޑަ ކަމެއްތޯއެވެ؟
މަތީގައި އަޅުގަނޑު މި ދެންނެވި ރައުޔު އަޅުގަނޑުގެ ހައެއްކަ ރައްޓެއްސަކަށް ހުށައެޅީމައި އޭގެ ތެރެއިން ގިނަ މީހުން އަޅުގަނޑާ އެއްބަސްވިއެވެ. އެހެން ނަމަވެސް، އެ ތަނުން އެކަކު ބުނި އެއްޗަކުން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހެޔޮ ފޭރާން ވީދި ކަފާސްވަމުން މިދަނީ ހަމައެކަނި ވަކި ޒާތެއްގެ އެއްޗެއް އިސްތިޢުމާލުކޮށްގެން، އޭގެ ރޯނާ ބޮލަށް އަރައިގެން މި އުޅޭ ޒާތުގެ މީހުންގެ ކިބައިން ނޫން ކަން އަޅުގަނޑަށް ވިސްނުނެވެ. އެހެނީ، އޭނާގެ ރައުޔަކީ، "އެ ކަހަލަ މީހުން ވަޙީދު ގާތަށް އެ އަންނަނީ ވަޙީދަކީ ކިޔަވައިގެން ހުރި، ނުހަނު ގިނަ ކަންކަމުގެ ހުނަރާއި ތަޖުރިބާ ހުރި މީހަކަށް ވާތީ އެވެ. ވަޙީދަށް ލިބި ހުރި ޢިލްމާއި ހުނަރާއި ތަޖުރިބާޔަކީ އެހެން މީހުން އޭގެ ބޭނުންކުރާން ދެއްވައިފައިވާ ކަންކަމެވެ. އެހެންވީމައި، އެހެން އަންނަ މީހުން ބުނާ އެއްޗެއް އަޑުއަހައި، އެ ބުނާ ކަމެއް ކޮށްލައިދިނުން ވަޙީދުގެ މައްޗަށް ލާޒިމުވާނެއެވެ!"
މީހަކު އަޅެ ޙައިރާނެއް ނުވާނެތޯއެވެ؟ އަޅުގަނޑު މި ދައްކަނީ އަޅުގަނޑު އުޅޭ ތަނެއް ނުވަތަ އަޅުގަނޑުގެ ފޯނު ނަންބަރު ހޯދައިގެން، ކަންކަން ކުރާން އޮންނަ ރިވެތި މަގުން ކަންކަން ހަމަޖައްސައިގެން، ގަޑި ކިޔައިގެން، ރިވެތިކޮށް ބައްދަލުކުރާން އަންނަ ހެޔޮ ޚުލްޤުގެ މީހުންގެ ވާހަކަޔެއް ނޫނެވެ. އަޅުގަނޑު މިދައްކަނީ، އަޅުގަނޑު ގަޑިޔަކަށް ތާކަށް ދާން ގެއިން ނިކުމެ ސައިކަލު ޕާކުކޮށްފައި ހުރި ތަނަށް ގޮސް ސައިކަލު ނަގާން އުޅެނިކޮށް އެ ދޭތެރެޔަށް ވަދެ އަޅުގަނޑުގެ މަގަށް ހުރަސްއަޅާން ދިމާކުރާ، އަޅުގަނޑަށް އެއީ ކާކު ކަންވެސް ރަނގަޅަށް ނޭނގޭ، ނާތަހުޒީބު މީހުންގެ ވާހަކައެވެ. ނުވަތަ އަޅުގަނޑު ނުލާހިކު ރައްކާތެރިކޮށް މަގުމަތީގައި ދުއްވައިފައި ދަނިކޮށް އަޅުގަނޑުގެ ސަވާރީގެ ކުރިމައްޗަށް ސައިކަލު ހުރަސްކޮށް، އަޅުގަނޑުގެ ރާސްތާ ބައްދައިލާ ކަމީނާ ކެނައިންގެ ވާހަކައެވެ. ދެން އެ ޒާތުގެ މީހުން އަޅުގަނޑުގެ މިނިވަންކަމަށް އެގޮތަށް އަރައިގަތީމައި ވެސް އެ މީހުންގެ ޙާޖަތްތައް ފުއްދައިދޭން އަޅުގަނޑު މަޑުކޮށް، އެ މީހުންގެ އެދުންތައް ފުއްދައިދިނުން އަޅުގަނޑުގެ މައްޗަށް ލާޒިމުވަންޏާ، ތިރީގައި މި ދަންނަވާ ޙާލަތްތަކާ މެދު ވެސް އިހަށް ވިސްނާވަޑައިގެން ބައްލަވާށެވެ!
މަގުމަތީ ހިނގައިފައި އެހެރަ ދަނީ ބުރުސޫރަ ރިވެތި، ބަނިޔާދަން ސިފަޔަކަށް ހުރި، ސަމައްތަރު ހެއު، ޕަރީޔެއް ފަދަ ޒުވާން އަންހެން ކުއްޖެކެވެ. އޭނާގެ ކުރިމައްޗަށް ކުއްލިޔަކަށް އެ އެރީ، ޖާނާއި މާލުގައި ފިސާރި ވަރުހުރި ކަމަށް ފެންނަ މެދުޢުމުރުގެ ފިރިހެނެކެވެ. އަދި އެ ފިރިހެނާ އަންހެންކުއްޖާޔާ މުޚާޠަބްކޮށް އެބަހަރަ ބުނެއެވެ. "އޭ މިހިރަ ދާ ޕަރީޔާއެވެ! ތިޔަހަރަ ރީތިކަމަކާއި ލޫޅާފަތިކަމަކާ އެވެ! އަހަރެން ކަލޭގެ ފުށުން ފުއްދާން ބޭނުންވާ ސިއްރުސިއްރު ކަމެއް އެބަ އޮތެވެ. ކަލޭ ތިޔަ ދާ ތާކަށް ދިޔުން ފަހަށް ބާއްވައިފައި، ކުރިމަތީގައި ތިޔަހަރަ ގެސްޓުހައުސް އަށް އަހަރެންނާ އެކީގައި ވަދެލާން ހިނގައިބަލާށެވެ!"
ދެން އެކަމާ އެއްޗެއް ބުނާން އަޅުގަނޑުގެ އެއްކަލަ ނުކިއްސަރު ރައްޓެހި ކަލޭގެ ގާތު އަހައިފިއްޔާ އޭނާ ދެންވެސް ބުނާނީ ހަމަ މިހެންތޯއެވެ؟ "އެ ކަހަލަ މީހުން އެ އަންހެންކުއްޖާ ގާތަށް އެ އަންނަނީ، އެ ކުއްޖާޔަކީ ރީތީގެ ރާނީޔަކަށް ވާތީ އެވެ. އޭނާޔަށް ލިބި ހުރި ޝާއްބަކަމާއި ޖާޒުބިއްޔަތަކީ އެހެން މީހުން އޭގެ ބޭނުންކުރާން ދެއްވައިފައިވާ ކަންކަމެވެ. އެހެންވީމައި، އެހެން އަންނަ މީހުން ބުނާ އެއްޗެއް އަޑުއަހައި، އެ ބުނާ ކަމެއް ކޮށްލައިދިނުން އޭނާގެ މައްޗަށް ލާޒިމުވާނެއެވެ!"
އެ ކަހަލަ އެއްޗެއް ބުނާން އަޅެ ހެޔޮނުވާނެ، އެހެން ނޫންތޯއެވެ!
އަދި އެހެން ޙާލަތެކެވެ. އޭނާ ހިތުން އޭނާގެ ހޫރުކާފަދަރީންނަށްވެސް މިލްކުވެގެންވާ ޖަޒީރާޔެއްގައި ރިސޯޓެއް ހަދައިގެން އުޅޭ މަހުޖަނަކު، ނަން މަޝްހޫރު، އަގުބޮޑު ރެސްޓޯރަންޓަކަށް ވަދެވަދެ ހުއްޓައި އޭނާގެ ކުރިމައްޗަށް އެރި މީހަކު އެބަހަރަ ބުނެޔޭ، "އޭ މިހުންނެވި ޢިއްޒަތްތެރި މަހުޖަނޫއޭ، މަނިކުފާނުންގެ ކުރިފުޅުމައްޗަށް އޮހިއޮހި ތިޔަހަރަ ޑޮލަރުތަކުން ސުވިޒަރުލޭންޑުގައި ރައްކާކުރައްވާ އެއްޗަކުން ނޫނޭ، މިރާއްޖެޔަށް ގެންނަވާ މަދު އެތިކޮޅުން ނަމަވެސް އަޅުގަނޑަށް ޚައިރާތެއް ކޮށްދެއްވާން ވީ ނޫންތޯއޭ، އަޅުގަނޑާއި އަޅުގަނޑު އިންނާން މިއުޅޭ ތައިލޭންޑު ގާލްފުރެންޑާ ދެމީހުން ފުރާންސަށް ކުޑަ ޗުއްޓީއެއް ހަދަލާން ދާން ފޮނުވައިދެއްވާން ވީނޫންތޯއޭ!"
"އެ ކަހަލަ މީހުން އެ ޒާތުގެ މަހުޖަނުން ގާތަށް އެ ދަނީ، މަހުޖަނު އަތުގައި ޑޮލަރު ހުންނާތީ އެވެ. މަހުޖަނަށް ލިބި ހުރި ބޭރު ފައިސާޔަކީ އެހެން މީހުން ވެސް އޭގެ ބޭނުންކުރާން ދެއްވައިފައިވާ އެއްޗެކެވެ. އެހެންވީމައި، އެހެން އަންނަ މީހުން ބުނާ އެއްޗިހި އަޑުއަހައި، އެ މީސްމީހުން އެ ބުނާ ކަންކަން ކޮށްލައިދިނުން މަހުޖަނު އޯނަރުގެ މައްޗަށް ލާޒިމުވާނެއެވެ!" އަޅުގަނޑުގެ އެއްކަލަ ރައްޓެހި މިތުރު އެހެން ވެސް ބުނާންވީ ނޫންތޯއެވެ!
އެކަމަކު އޭނާއެއް އެ ޙާލަތެއްގައެއް އެހެނެއް ނުބުނާނެއެވެ. އޭގެ ސަބަބުތައް މިތާނގައި ލިޔާ ވަރަށް ވުރެ ގިނަގުނަ ވެގެން ވެއެވެ. އަދި ހަމަ އެޔާއެކު، އެ ސަބަބުތަކުގެ ދޯހަޅިކަމުންވެސް މިތާނގައި އެ ވާހަކަ ދެއްކުމަށްވުރެ ނުދެއްކުން މާ ރަނގަޅު ކަމަށްވެސް ފެނެއެވެ.
ކޮންމެޔަކަސް، މި ދެންނެވި ގޮތަށް މަގުމަތީން އަޅުގަނޑާ ހުށަހޮޅިގަނެ، ހުސްބުޅީގައި ބާނައި، ކޮންމެވެސް އަމިއްލަ ބޭނުމެއް ކަންފަސޭހަކޮށް ފުއްދައިލާން އަންނަ 'ރައްޓެހީންނާ' ދޭތެރޭ އަޅުގަނޑު މިހައިރު ޢަމަލުކުރާ ގޮތް ދަންނަވައިލާނަމެވެ. އަޅުގަނޑު އެ ފަދަ މީސްމީހުން ދައްކާ ވާހަކަ އަޑުއަހައެއް ނުހަދަމެވެ. އެ މީހުން އެދޭ އެދުންތައް ފުއްދައިދޭން ކުޑަވެސް ކަމެއް ނުކުރަމެވެ. ނުވެސް ކުރާނަން މެއެވެ. އެއީ، ހަމަ ދާދި ދެންމެޔަކު މިސާލެއްގެ ގޮތުން މިދެންނެވި ޕަރީއެއް ފަދަ ޒުވާން އަންހެންކުއްޖާޔާއި، ރިސޯޓުވެރި މަހުޖަނުވެސް ކަންކުރާނޭ، އަދި ކުރުން އެ މީހުންގެ މައްޗަށް ލާޒިމުވެސް ވާ ފަދައިން، ހަމަ އެ ފަދައިން އަޅުގަނޑުވެސް އެ މީހުންނާ އެއްފަދަ ވާތީއެވެ.
އަދި ހަމަ އެޔާއެކު، ދެން ދައްކާން އޮތީ އަދި އެޔަށް ވުރެވެސް މުހިންމު ސަބަބެއްގެ ވާހަކަޔެކެވެ. އެ ވާހަކައިގައި ހިމެނެނީ އަޅުގަނޑު މިދެންނެވި ފަދަ 'ރައްޓެހީންނާ' ދޭތެރޭ ޢަމަލު ކުރާނޭ ގޮތުގެ ވާހަކަޔާއި ތިޔަ ބޭފުޅުންވެސް އެ ޒާތުގެ މީހުންނާ މެދު ވިސްނާވަޑައިގަތުމަށް އަޅުގަނޑު ދެންނެވުމުގެ ވާހަކައެވެ. އެހެނީ، މި ދުވަސްވަރަކީ އަޅުގަނޑުމެންގެ ރާއްޖޭގައި، އަދި ވަކީން ޚާއްޞަކޮށް މާލޭގައި ފޭރުން މާ ތިޔާގި ދުވަސްކޮޅެކޯލައެވެ. މަގުމަތީން ހުއްޓުވައިފައި ވެސް ފޭރެނިއްޔޯލައެވެ. ހަމަ އެއްގޮތަކަށް ވެސް ނޭނގި ހުއްޓައި، ގޭގެޔަށާއި ފުލެޓުތަކަށާއި ކޮޓަރިތަކަށް ވައްދައި، އުނުއޮރިޔާން ފިލުވާން ލަވައިފައި އޮންނަ ފޭރާމުން މީހާ މިނިވަންކޮށް، ރޯ އަމަށުން ބަހައްޓައި، ފޮޓޯ ނަގައި، މިހުރިހައި ކަމެއް ކޮށްގެން ވެސް ފޭރެނިއްޔޯލައެވެ. އަނދައިފައި އިން ބޮތްކެއް ބަދަލުކޮށްލައިދިނުމާއި އޭ.ސީ ރިމޯޓު ލެވުނު ތަނެއް ނޭނގިގެން އެ ހޯދައިލައިދިނުން ފަދަ އެހީއަކަށް އެދުނީމާއި އެ އެދުން ފުއްދައިލައިދޭން ވަންނަ މީހާގެ މަހުމުސާރަވެސް ފޭރެނިއްޔޯލައެވެ. ދެން އެހެން ވީމައި އެކަނިވެސް…
"އޭ ފުރެންޑޫ! މަޑުކޮށްބަލަ! ކުޑަ މުހިންމު އެއްޗެއް އަހަލާން ވެގެނޭ!" މިހެން ގޮވައިލެވޭ އަޑު ކޮންމެ ދިމާޔަކުން އިވުނު ނަމަވެސް، ސައިކަލު ކުރިމައްޗަށް މީހަކު އަދި ނޭރިޔަސް، ހަމަ ވަގުތުން ޖާނާއި މާލު ސަލާމަތްކުރާންވެސް ހިތުލާން އެބަ ޖެހޭ، އެހެން ނޫންތޯއެވެ؟
