Support Us

ފާތިޙާ ސޫރަތާމެދު ވިސްނާލީމުތަ؟

ފުރަތަމަބައި

ފާތިޙާ ސޫރަތަކީ ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަރެމެން ކިޔާ ސޫރަތެކެވެ. މިސޫރަތާ ނުލައި ނަމާދު ފުރިހަމައެއް ނުވެއެވެ. އެހެންކަމުން ރެޔަކާއި ދުވާލު މަދުވެގެން ސަތާރަ ފަހަރު މިސޫރަތް ކިޔެވެއެވެ. އެހެންވެ މިއީ އަހަރެމެން އެންމެ ފަރިތަ ސޫރަތެވެ. މި ސޫރަތުގައި އޮތް ވާހަކަ އެނގުމަކީ މުހިންމު ކަމެކެވެ. ސޫރަތުގެ މާނަ އެނގުމުން ސޫރަތަށް ދެވޭ ސަމާލުކަން ބޮޑުވެ ސޫރަތާ އެއްގޮތަށް އުޅުމަށް ބާރުލިބޭނެއެވެ.

ފާތިޙާ ސޫރަތަކީ ކީރިތި ޤުރްއާނުގެ ފުރަތަމަ ސޫރަތެވެ. އެހެންކަމުން މިއީ އެފޮތުގެ ފެށުމެވެ. އާންމުކޮށް ފޮތެއް ކިޔަން ފަށާއިރު އެފޮތުގެ ފެށުމަކަށް ވަނީ މުޤައްދިމާ ނުވަތަ ތަޢާރަފެވެ. ފޮތުގެ ތަޢާރަފުން ފޮތަކީ ކޮބައިކަމާއި ފޮތުގެ ބޭނުމާއި މަގުސަދާއި ފޮތް އަމާޒުކުރެވޭ މީހުން އަންގައިދެއެވެ. އަދި ފޮތުގެ މުސައްނިފަކީ ކޮބައިކަންވެސް ފޮތުގެ ފެށުމުން އެނގެއެވެ. އެގޮތުން ސޫރަތުލް ފާތިޙާއިން ކީރިތި ޤުރްޢާނުގެ ޚުލާސާ އަހަރެމެންނަށް ލިބިދެއެވެ. ކީރިތި ޤުރްއާނުގެ މުސައްނިފަކީ ކޮބައިކަމާއި އަހަރެމެންނާއި މުސައްނިފާ ދެމެދު އޮތް ގުޅުމަކީ ކޮބައިކަންވެސް އެނގެއެވެ. އަދި އަހަރެމެންގެ މަސްއޫލިއްޔަތަކީ ކޮބައިކަންވެސް މިސޫރަތުންގެ އެނގެއެވެ.

ދުޢާއެއް ކަމުގައި ﷲ ލައްވާފައިވާ ސޫރަތުލް ފާތިޙާއަކީ ކީރިތި ޤުރްއާނުގައި ﷲ ލެއްވި އެންމެ މާތް ސޫރަތެވެ. ފާތިޙާގެ މާނަޔަކީ ހުޅުވުމެވެ. މިއީ ކީރިތި ޤުރްއާނަށް ހުޅުވާދެވޭ ދޮރެވެ. މި ސޫރަތް ތިން ބަޔަކަށް ބަހާލެވެއެވެ. ފުރަތަމަ ބައިގައި ވަނީ ﷲ ބަޔާންކޮށްދެއްވާފައެވެ. ދެވަނަ ބައިގައި ވަނީ ﷲ އާއި އަހަރެމެން ބަޔާންކޮށްދެއްވާފައެވެ. ﷲ އަކީ ރައްބުއެވެ. އަހަރެމެންނަކީ އެއިލާހުގެ އަޅުންނެވެ. މި ދެ ފަރާތުގައި ވާގުޅުމަކީ ﷲ އަށް އަޅުވެތިވުމުގެ ގުޅުމެވެ. ތިން ވަނަބައި ޚާއްސަ ކުރައްވާފައިވަނީ އަހަރެމެންނަށެވެ. މިލިޔުމުގައި މިބަލާލަނީ ސޫރަތުގެ ފުރަތަމަ ބަޔަށެވެ.

ސޫރަތުގެ ފުރަތަމަ އާޔަތަކީ ބިސްމިއެވެ. އެއަށްފަހު ދެވަނަ އާޔަތް ފެށެނީ 'ޙަމްދު' މިބަހުންނެވެ. މިއާޔަތުގައި އަންގަވަނީ ޙަމްދު ހުރީ ﷲ އަށް ކަމަށެވެ. ޙަމްދުގެ މާނަޔަކީ ޙައްޤު ޝުކުރާއި ތަޢުރީފެވެ. ޝުކުރު މިބަސް އާންމުކޮށް ބޭނުންކުރަނީ މީހަކު ކަމެއް ކޮށްދިނުމުން ރައްދުގައެވެ. ބައެއްފަހަރު ކަމެއް ކޮށްދީފައިނުވާ ހާލުގައިވެސް ޝުކުރު އަދާކުރެއެވެ. އެއީ ނަގުލީ ނުވަތަ ފޭކް ޝުކުރެވެ. ތަޢުރީފް މިބަސް ބޭނުންކުރަނީ މީހެއްގެ ނުވަތަ ތަނެއްގެ ނުވަތަ އެއްޗެއްގެ ނުވަތަ ކަމެއްގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެކަމަކު ތަޢުރީފްކުރަން ނުޖެހޭ ހާލަތުގައިވެސް އަހަރެމެން ތަޢުރީފްކުރަމެވެ. އެއީ ނަގުލީ ނުވަތަ ފޭކު ތަޢުރީފެވެ. މިދެބަސް ޙައްޤު ނޫން ގޮތުގައި ބޭނުންކުރެވުނަސް ޙަމްދު މިބަސް ބޭނުންކުރެވެނީ ޙައްޤު ގޮތުގައެވެ. ޙަމްދު ހުރީ ހަމައެކަނި ﷲ އަށެވެ. މިބަހުން އެނގިކަށަވަރުވާ ކަމަކީ ﷲ އަކީ ހުސްޠާހިރުވަންތަ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ އިލާހުކަމެވެ. ﷲ އެއްވެސް ކަމަކަށް ބޭނުންވެވޮޑިގެންނުވެއެވެ. އެކަމަކު އަހަރެމެން ﷲގެ އަޅުންނަށް ވީހިނދު އަހަރެމެންނަށް ހުރިހާ ކަމެއްވެސް ބޭނުންވެއެވެ. އިންސާނުން ދުވަހަކު ޙަމްދުނުކުރި ނަމަވެސް ﷲ އަށް އެއްވެސް ކަމެއް އުނި ނުވާނެކަން މިބަހުން އެނގެއެވެ. އަދި ކިތަންމެ ވަރަކަށް އަހަރެމެން ޙަމްދުކުރި ކަމުގައިވިޔަސް އެއިލާހަށް އެއްވެސް އެއްޗެއް އިތުރެއްނުވާނެއެވެ. އެކަމަކު ޙަމްދުކުރުމުން އެކަމުގެ ޘަވާބާއި ދަރުމަ ހުންނާނީ ޙަމްދުކުރި މީހާއަށެވެ.

ﷲ އަކީ ކޮބައިކަން އެންގެވުމަށްޓަކައި ދެން ވަޙީކުރައްވަނީ ރައްބު އެވެ. ރައްބު މިބަހުގައި ވަރަށް ގިނަ މާނަވެއެވެ. އޭގެތެރޭގައި މިލްކުވެރި ފަރާތް، ބަލަހައްޓާ ފަރާތް (މުރައްބީ) އިނާމުދޭ ފަރާތް (މުންޢިމް) ވަކިނުވެ ހިފަހައްޓާ ފަރާތް (ޤައްޔިމް) ހިމެނެއެވެ. މީގެއިތުރަށް އުފައްދައި ކާންދީ ރައްކާތެރިކުރާ ފަރާތަކަށްވެސް ރައްބުވެއެވެ. އެހެންކަމުން މިބަހުން އެނގޭ ކަމަކީ އަހަރެމެން ޚަލްޤުކުރައްވައި އަހަރެމެންގެ ހުރިހާ ކަމެއް ބަލަހައްޓަވަނީ ﷲ ކަމެވެ. އަހަރެމެން ރޫޅި ވިއްސިވިހާލިނުވަނީ އަހަރެމެންގެ ރައްބުގެ ސަބަބުންނެވެ. ޢާލަމީން މިބަހުން އަންގައިދެނީ އަހަރެމެންގެ ރައްބު ﷲއަކީ އެންމެހައި މީސްތަކުންގެ ވެރި އިލާހުކަމެވެ. އެހެންވެ އަހަރެމެންނަށް އޮތީ އެންމެ ފުރިހަމަގޮތުގައި އެއިލާހަށް އަޅުވެތިވެ އަޅުކަންކުރުމެވެ.

ތިންވަނަ އާޔަތުގައިވާ ދެ ބަހަކީ ރަޙުމާން އަދި ރަޙީމްއެވެ. ﷲ އަކީ ކޮބައިކަން ބަޔާންކުރެއްވުމަށްފަހު ދެން ބަޔާންކުރައްވަނީ އެއިލާހުގެ ސިފަފުޅެވެ. ރަޙުމާން މިބަހުގެ ސީދާ މާނަ ދޭހަވާ އެހެން ބަހެއް އެއްވެސް ބަހަކުނުވެއެވެ. ރަޙުމާންގެ މާނަޔަކީ ހައްދެއް މިނެއްނެތި ލޯބިވުމެވެ. މިބަހުގައި ތިން ސިފައެއްވެއެވެ. އެއީ؛-
އިންތިހާއަށް (ހައްދެއް މިނެއްނުވާހާ މަތީ މިންވަރަށް)
މިހާރުގެ ކަމަކަށްވުން
ދާއިމީ ކަމަކަށްނުވުން (މިދުނިޔޭގައި ކޮންމެ ވަގުތަކުވެސް ނިމުމަކަށް އަތުވެދާނެކަން)

ދުނިޔޭގެ އާބާދީގެ އަށްޑިހަ ޕަސެންޓް ކާފިރުކަމުގައި ތިބިއިރުވެސް އެމީހުންނަކަށް ކޯފާއެއް ނުލައްވައެވެ. ސަބަބަކީ ﷲ އަކީ އައްރަޙުމާންއެވެ. މިދުނިޔޭގައި އެމީހަކު ހިތުހުރި ގޮތަކަށް އުޅުމުގެ އިޚުތިޔާރުދެއްވިއެވެ. ސަބަބަކީ ﷲ އަކީ އައްރަޙުމާނަށްވުމެވެ. ތިމާގެ ދިހަ އަހަރުވީ ތުއްތު ދަރިފުޅު ކުއްލިއަކަށް ނިޔާވެއްޖެއެވެ. އައްރަޙުމާނަކީ ދާއިމީ ލޯތްބެއްނޫނެވެ. އެހެންވެ މިދުނިޔޭގައިވާ ކޮންމެ ކަމަކަށްވެސް ކޮންމެވެސް އިރަކު ނިމުން އަންނާނެއެވެ. ރަޙީމްއަކީ އަބަދަށް ދާއިމަށް ހައްދެއް މިނެއްނުވާ މަތީ މިންވަރަށް ލޯބިވުމެވެ. މިބަހުގައި ދެސިފައެއްވެއެވެ. އެއީ:-
ދާއިމީ ކަމަކަށްވުން
މިހާރުގެ ކަމަކަށްނުވުން (މިދުނިޔޭގެ ކަމަކަށް ނުވުން)

ﷲ އަށް އީމާންވި ކޮންމެ މީހަކު އެއިލާހު ނަރަކައިން ދިންނަވާނެއެވެ. އެހެނީ ﷲ އަކީ އައްރަޙީމްއެވެ. ﷲ އެންގެވިގޮތަށް އުޅޭ އެންމެނަށްއޮތީ ސުވަރުގެއެވެ. ސަބަބަކީ ﷲ އައްރަޙީމްއަށްވުމެވެ. ޞާލިޙު ހެޔޮ ޢަމަލުގައި ދެމިތިބި އެންމެނަށް ޖައްނަތުލްފިރުދައުޘް ދެއްވައެވެ. އެއީ ﷲ އަކީ އައްރަޙީމް ކަމަށް ވާތީއެވެ.

ހަތަރުވަނަ އާޔަތުގައި ވަޙީކުރައްވަނީ ﷲއީ ގިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެ ކަމުގައެވެ. ތިމާއަށް މީހަކު މާބޮޑަށް ލޯބިދީ ހެޔޮކޮށް ހިތުމުން އެކަމުން ނާޖާއިޒު ފައިދާ ނެގުމަކީ އިންސާނުންކުރާ ކަމެކެވެ. މިއާޔަތުން ﷲ މިއަންގަވަނީ މަޙުޝަރު ކުރެއްވުމުން އެއިލާހުގެ އިޒުނަފުޅާ ލައިގެން މެނުވީ ޗުއްޕު ބުނުމުގެ ބާރާއި އިޚުތިޔާރު އެއްވެސް މީހަކަށް ލިބިގެން ނުވާކަމެވެ. އެއަށްފަހު ހިސާބު ބެއްލެވުމަށްފަހު އިންސާފުކުރައްވާނެ ވާހަކައެވެ. މާލިކުގެ މާނަޔަކީ ރަސްގެފާނުއެވެ. ޔައުމުގެ މާނަޔަކީ ދުވަހެވެ. ދީންގެ މާނަޔަކީ ހިސާބު ބެއްލެވުމެވެ. ދީން މިބަސް އައިސްފައިވަނީ ދައިން މިބަހުންނެވެ. ދައިންގެ މާނަޔަކީ ދަރަނިއެވެ. ހަތަރުވަނަ އާޔަތާއެކު ފާތިޙާ ސޫރަތުގެ ފުރަތަމަބައި ނިމުނީއެވެ. ފާތިޙާ ސޫރަތުގެ ފުރަތަމަ ބައިން ﷲ އަކީ ކޮބައިކަން ވަރަށް ޞަރީޙަކޮށް އެނގެއެވެ. މިބައިގައި ހުރި އާޔަތްތަކުގައި ވަނީ ނަމުގެ ޖުމުލަ (ޖުމްލަ އިސްމިއްޔާ) އެވެ. މިއިން އަންގައިދެނީ ދެމިގެންވުމާއި ނިމުމެއްނުވުމެވެ. އެހެންވެ ﷲ އަކީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ ދިރިދެމިވޮޑިގެންވާ އެއްކައުވަންތަ އިލާހެވެ. މީސްތަކުންގެ ރައްބުއެވެ.

މައުލޫމާތު: މުފައްޘިރު ނުޢުމާން ޢަލީ ޚާން، ބައްޔިނާ ޓީވީ