Support Us

ކޮލަމް ކަލާވެހި: ދިވެހީންނަށް ވުރެ ބިދޭސީން "ކަމަށް ކަމޭ ހިތައި މޮޅު ވީމައި" ދެން ވާ ގޮތް!

ދޭތެރޭ ދޭތެރެއިން އަހާން ޖެހޭ އަޑެކެވެ. ދިވެހީން މަސައްކަތަށް ފަރުވާ ކުޑަކުރާ ވާހަކައެވެ. ސަލާންބުނާ ވާހަކައެވެ. ރޯދަޔަށް ރަށަށް ދާން ހިފާ ވާހަކައެވެ.

ދެން އިވެނީ ކޮންމެވެސް ބިދޭސީޔަކު ގެނެސް، އެ މީހާޔަށް ވަޒީފާ ދޭ ވާހަކައެވެ. އެ މީހާ ވަޒީފާޔަށް ފަރުވާބަހައްޓާ ވާހަކައެވެ. އޭނާ ސަލާންނުބުނާ ވާހަކައެވެ. ރޯދަޔަށް ރަށަށް ދާން އޭނާ ނުހިފާ ވާހަކައެވެ.

އަޅުގަނޑު މި ދައްކަނީ މިހައިރަކަށް އައިސް މި ރާއްޖޭގެ އެންމެން ހުނިޖަހައިގެން މި ނަގާ، މި ރާއްޖެޔަށް ގަވައިދާ ޚިލާފަށް ވަދެ، ޤައުމަށް އަނބުރާ ނުގޮސް، މި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ވެރިވެގަނެގެން މި އުޅޭ، އެއްކަލަ ޤައުމުގެ މީހުންގެ ވާހަކަޔެއް ނޫނެވެ. އެޔާ ޚިލާފަށް މުޅީން އެހެން ދިމަދިމާއިން އަންނަ ބަޔަކާ ބެހޭ ވާހަކަޔެކެވެ. އަދި އޭގެ ތެރެއިންވެސް ވަކީން ޚާއްޞަކޮށް ފާހަގަ ވަނީ، ދެތިން ޤައުމަކުން އަޔަސް އެއް ނަސްލަކަށް ނިސްބަތްވާ ކަމަށް އަމިއްލަޔަށް ކިޔައިގެން އުޅޭ، ތިމާމެންނާއި ތިމާމެންގެ ބަހާއި ޙަޞާރަތަކީ ދުނިޔޭގެ އެހެން ހުރިހައި ނަސްލަކާއި ބަހަކާއި ޙަޞާރަތަކަށް ވުރެ މަތީގައި ވާ ކަންކަން ކަމަށް ދަޢުވާކޮށް އުޅޭ ބައެއްގެ ވާހަކަ ކަން ވެސް ނޯޓުކުރަމުންނެވެ.

އަޅުގަނޑު މި ދެންނެވި ބާވަތުގެ މީހުން އަޅުގަނޑުމެންގެ އެކި ފަންތީގެ އެކި ވަކި ވިޔަފާރީގެ ތެރޭގައި ތިބޭނީ ކުނިކަހައި، ފޮޅައި ސާފުކޮށް، މަޖޫރީ ކަން ކޮށްދީ، މިކަހަލަ ކަންކަން ކުރާކަށް ނޫނެވެ. އެޔާ ޚިލާފަށް، އެ މީހުން ތިބޭނީ އެކަންއުންޓަންޓުން، މެދު ފަންތީގެ މެނޭޖަރުން، މުހިންމު ލިޔެކިޔުން އެއްތަނުން އަނެއް ތަނަށް ފޮނުވައި ބަދަލުކޮށް ހެދުން، މާއްދީ ގޮތުން އެއް ތަނުން އަނެއް ތަނަށް ފައިސާ ނަޤުލުކުރުން ފަދަ ކަންކަން ކުރާށެވެ.

ދެން ފަހެ، އެކި ބާވަތުގެ ވިޔަފާރިތަކުގައި އުޅޭ ދިވެހީންނަށް ވުރެ ފަހުން މި ދެންނެވި ޒާތުގެ ވަޒީފާ ތައް އެ ބަޔަކަށް ދީގެން ގެންގުޅޭ ކުންފުނިތަކުގައި، އިސްވެ ދެންނެވި ޒާތުގެ ބިދޭސީން "ކަމަށް ކަމޭ ހިތައި މޮޅު ވީމައި" އެ މީހުންނަށް ވަޒީފާތައް ދީގެން ގެންގުޅުނުނީމައި، އެ މީހުން މޮޅުވަނީ ކިހިނެއްތޯ ބަލައިލަމާތޯއެވެ!

އެންމެ ފުރަތަމަ، އެ މީހުން ވަޒީފާޔަށް ފަރުވާބަހައްޓާ ވާހަކައެވެ. ތެދުފުޅެކެވެ. މި ދެންނެވި ޒާތުގެ ބިދޭސީޔަކަށް އެކަންއުންޓަންޓު ކަން، ނުވަތަ މެދު ފަންތީގެ މެނޭޖަރުކަމެއް ފަދަ ކަމެއް ދެއްވަ ބައްލަވާށެވެ. އޭނާ އެ ވަޒީފާޔަށް ވަރަށް ބޮޑަށް ފަރުވާބަހައްޓާނެއެވެ. އެތައް ސަބަބަކަށްޓަކައެވެ. ފުރަތަމަ ސަބަބަކީ، މިތަނުން ލިބޭ މުސާރައިގައި، މިތާނގައި އުޅޭ ހައި ފަހިކޮށް އުޅޭން އެ މީހުންގެ ޤައުމުގައި އެ ފެންވަރުގެ ވަޒީފާއެއް ނުލިބޭނޭ ކަމެވެ. އެކަމަކު އެއީ އާދައިގެ ކުޑަކުޑަ ވާހަކަޔެކެވެ.

ދެން އޮތް ސަބަބު ތިޔަ ބޭފުޅުން އަރިހު އަޅުގަނޑު ދަންނަވާނީ ތަންކޮޅެއް ފަހުންނެވެ.

ދެން މިހައިރު، އެ މީހާ ވަޒީފާޔަށް ފަރުވާބަހައްޓާ ގޮތާ ދޭތެރޭ ނަޒަރެއް ހިންގައިލަމާތޯއެވެ. އެންމެ ފުރަތަމަވެސް އޭނާޔާ މެދު ފާހަގަކުރެއްވޭނޭ ކަމަކީ، ކުންފުނީން އޭނާޔާ ޙަވާލުކުރާ ވަޒީފާ ބަޔާނުގައި އޮންނަ ކަންކަމުގެ އިތުރުން އެތައް ކަމެއް ސާހިބު މީހާޔަށް އޭނާ ކޮށްދޭނޭ ކަމެވެ. ނުވަތަ ކޮށްދޭން ހުށައަޅާނޭ ކަމެވެ. އެ ކަންކަމުގެ ތެރޭގައި، ސާހިބު މީހާ ރާއްޖޭން ބޭރަށް ދާ ފަހަރުފަހަރު ސާހިބު މީހާގެ ގޯތިގެދޮރަށް ފާރަވެރިވެ ބަލަހައްޓައިދިނުމާއި، ސާހިބު މީހާގެ ގެޔަށް ބާޒާރުކޮށްދިނުން ފަދަ ކަންކަން ހިމެނޭނެއެވެ. އަދި އެކަންކަން އޭނާޔާ ޙަވާލުވެއްޖެތަ، އޭނާ ދެން ބަލާނީ އިތުރު ކަންކަންވެސް އަތްމައްޗަށް ގެނެވޭތޯއެވެ. ސާހިބު މީހާޔަށް ތިމާގެ ޤައުމުން އިތުރު ވިޔަފާރި ހޯދައިދޭން މަރުކަށިކަނޑާނެއެވެ. ސާހިބު މީހާގެ ގެ ބައެއް ސިއްރު "ޑީލް" ތަކަށް މަގު ފަހި ކޮށްދޭނެއެވެ. އެ ފަދަ ކަންކަމުގެ ސިއްރު ރެކޯޑުތައް ވެސް އިތުރު އެލަވަންސަކާ ނުލައި ބަލަހައްޓައިދޭނެއެވެ.

އެ ހިސާބުން އެއްކަލަ ބިދޭސީ މުވައްޒަފު "ކަމަށް ކަމޭ ހިތައި މޮޅު ވީމައި" ދެން ފެށޭ އެހެން ކަންކަން ފެށޭން ހުޅުވޭ ދޮރުތައް އެހެރަގެން ހުޅުވޭން ފެށީއެވެ.

އެކަމަކު، އެ ދޮރުތަކުގެ ވާހަކަ ވެސް އަޅުގަނޑު ތިޔަ ބޭފުޅުން އަރިހު ދަންނަވާނީ އަނެއްކާވެސް ހަމަ ތަންކޮޅެއް ފަހުންނެވެ.

ދެން އޮތީ ދިވެހި މުވައްޒަފުން ރޯދަޔަށް ރަށަށް ދާން ހިފާ ވާހަކައެވެ. ސާހިބު މީހާގެ ރޭވުންތެރިކަން ކުޑައިކޮށް ނެތިގެން ދާ ފަހަރުފަހަރު، އޭނާ ހަމަ އެއްގޮތަކަށްވެސް އެކަމަށް ތައްޔާރުނުވެ ހުއްޓައި، ހަމަ ދިމާޔަށް ފެނިގެން އަންނަ ރޯދަމަހު ވަކި ތާވަލަކާއި ހަމަތަކެއްގެ މަތީން ދިވެހި މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ މަޝްވަރާތައް ނުކޮށް، ތާވަލެއް ނުހަދައި ހުއްޓައި، އެ ތަނުން އެކަކު ދެމީހަކު އަމިއްލަ ޚަރަދުގައި ރަށަށް ގޮސްލައިފައި އަންނާން ރޯދަޔަށް ރަށަށް ދާން ހިފީމައި ދިވެހީން ގޯސްވަނީއެވެ. ބިދޭސީން ހެޔޮވަނީއެވެ. ބިދޭސީންނަށް މަތީން ދަތުރުކުރާން ދެކޮޅު ޓިކެޓު އަދި ދޭން ޖެހުނަސް، އެމީހުން ރޯދަޔަށް ރަށަށް ނުދާ ވާހަކަ ދެއްކެނީއެވެ. އެކަމަކު ބިދޭސީންނަށް އަންނަ އޯނަމް ތަކާއި، ޖަންމާޝްތްމީ ތަކާއި، ކުރިސްމަހާއި ނަވަރާތްރީޔަށް ދާންދެން އަންނަ ތާރީޚު ތަކަށް އެ މީސްމީހުންގެ އަނބިދަރީންނާއި މައިންބަފައިން ބަލިވެގެން ގޮސްލައިފައި އެބަ އަންނަމޭ ކިޔައިފައި ހަމަ ކުއްލިޔަކަށް ދާން އެ ޖެހެނީ ކީއްވެ ކަން ސާހިބު މީހާގެ ހޭލުންތެރިކަމުގެ ތެރޭގައި ނެތީމައި، އެ މީހުން "ކަމަށް ކަމޭ ހިތައި މޮޅު ވީމައި"، ދެން އަޅުގަނޑު އެކަމާ ދަންނަވާނޭ އެއްޗެއް ނެތެވެ.

އާދެ! ދެން އޮތީ ފަހަށް ބޭއްވި އެއްކަލަ ސަބަބާއި، ބިދޭސީ އެކައުންޓަންޓުންނަށާއި މެނޭޖަރުންނަށް ހުޅުވޭ ދޮރުތަކުގެ ވާހަކައެވެ.

އެންމެ ފުރަތަމަ، އެއްކަލަ ދެވަނަ ސަބަބުގެ ވާހަކައެވެ. އެ ސަބަބަކީ، އަޅުގަނޑު ފަށަމުން ދެންނެވި ޒާތުގެ މުވައްޒަފަކަށް ރާއްޖޭން ވަޒީފާއެއް ލިބުމަކީ، އެ ބާވަތުގެ މީހުން ދެކޭ ގޮތުގައި ދުނިޔޭގެ އެތަން މިތާނގައި ތިބި، އެ މީހުންގެ ޢާއިލާގެ ނުވަތަ ވަންހައިގެ، ނުވަތަ ނަސްލުގެ މީހުންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ދުނިޔޭގެ އެހެން ތަންތާނގައި ވަޒީފާ އަދާކުރާން ދާ މީހުންނަށް ނުލިބޭ އެތައް އެތައް ކަމެއް، ރަން ބިސް އަޅާ ކުކުޅަށް ވެގެން އެވެރީންގެ ހާލިތަކަށް ބިސް ގޯނި ހިފައިގެން އަންނާން ލިބޭ ފުރުޞަތެކެވެ. އެހެނީ، އެއިން މީހަކު ރާއްޖޭ ވަޒީފާޔަކަށް އައިސްފައި ދެން އެ މީހާ ރާއްޖޭން ބޭރަށް ފޮނުވާ ޑޮލަރުގެ ޢަދަދަކީ މަސްދުވަހުގެ މުސާރައިން އޭނާޔަށް ބޭރަށް ފޮނުވާން ލިބޭނޭ ވަރުތޯ ބަލާނޭ ނިޒާމެއް މިތާކު ނެތް ހެން އެމީހުންނަށް ހީވާނެއެވެ. އަދި މި ރާއްޖޭގައި އަދާކުރާން އަންނަ ވަޒީފާ ނޫން އެހެން ކަމެއް ވަކީން ކޮށްލިޔަސް މައްސަލަ ނުޖެހޭނޭކަން އެމީހުންނަށް ޔަޤީނާ ގާތަށް ކަށަވަރުވެސް ވެއެވެ. މިސާލެއް ދަންނަވާނަމަ، އެކައުންޓެންޓެއްގެ ވަޒީފާޔަށް އަންނަ މީހަކު މިރާއްޖޭގައި އަމިއްލަ ވިޔަފާރިޔެއް ފަށައިގެން ހިންގާން ފެށިޔަސް، "ސައިޑް ބިޒްނަސް"… އެގޮތަށް އުޅެގެން ރަށު ފައިސާއިން މިލިޔަނަރުންނަށް ވެފައި ތިބި ކިތައް މީހުން، އެހެން ނޫންތޯއެވެ؟

މި ދަންނަވާ ޒާތުގެ، އެކަންއުންޓަންޓެއް، ނުވަތަ މެދު ފަންތީގެ މެނޭޖަރެއް ރާއްޖޭގެ ކުންފުންޏަކަށް ގެނެސް ވަޒީފާ ދީ، ސާހިބު މީހާ ރާއްޖޭން ބޭރަށް ދަންޏާ ސާހިބު މީހާގެ ގޯތިގެދޮރަށް ފާރަވެރިވެ ބަލަހައްޓައިދިނުމާއި، ސާހިބު މީހާގެ ގެޔަށް ބާޒާރުކޮށްދިނުން ފަދަ ކަންކަން ކޮށްދީ، އެޔަށް ފަހު ސާހިބު މީހާގެ އިތުބާރު ޙިޞާރުކޮށް، ސާހިބު މީހާގެ ގެ ބައެއް ސިއްރު "ޑީލް" ތަކަށް މަގު ފަހި ކޮށްދީ، އެ ފަދަ ކަންކަމުގެ ސިއްރު ރެކޯޑުތައް ބަލަހައްޓައިދޭން ފެށުމާއެކު، ދެން އެންމެ އަވަހަށް އެ ކުންފުނީގައި ހިނގާނޭ ކަމަކީ ކުންފުނީގައި ތިބި ދިވެހި އެންމެހައި މުވައްޒަފުން ގޯސްވުމެވެ. މަކަރު ހަދާން ފެށުމެވެ. ވަޒީފާޔަށް ފަރުވާކުޑަވުމެވެ. ގިނަގިނައިން ސަލާންބުނުމެވެ. އެކަކު އަނެކަކާ އަރައިރުންވެ، ކުންފުނީގެ ތަކެއްޗަށް ގެއްލުންދިނުމެވެ. އެކަންކަން ސާބިތުކުރެވޭނީ ވެސް، ސާހިބު މީހާޔަށް ފެންނާނީ ވެސް، ބިދޭސީ ޗީފް އެކައުންޓަންޓު ނުވަތަ މެނޭޖަރުގެ ދެ ލޮލުންނެވެ. އެ ދެ ލޮލުން އެކަންޏެވެ.

އެ ހިސާބުން އެ ހުޅުވުނީ އަޅުގަނޑު ދެންނެވި ދޮރުތަކެވެ. އެ ހުޅުވެނީ ކުންފުނީގެ އެންމެ މަތީ މެނޭޖަރުންނާ ހިސާބުން ފެށިގެން ކުންފުނީގެ އޮފީސްތައް ފޮޅައިސާފުކުރާ މީހާޔަށް ދާންދެން އެއް ނަސްލެއްގެ، އެއް ބަހަކުން ވާހަކަ ދައްކާ، އެއް ޙަޞާރަތެއްގެ ބަޔަކަށް ވުމުގެ ދޮރުތަކެވެ. އެ މީހުން "ކަމަށް ކަމޭ ހިތައި މޮޅު ވީމައި" ދެން ވާނީވެސް އެހެންނެވެ. ދެން ފެންނާނީ ކުންފުނީގެ މަސައްކަތްތަކާއި ކުރާން ޤަޞްދުކުރާ މަސައްކަތްތަކަށް ދާންދެން ހިންގައި ބަލަހައްޓަނީ އެ މީހުންނަށް ވެގެން ދާ ތަނެވެ. އެ ހިސާބުން އެ އޮތީ ވާނެ ހައެއްޗެއް ވެ ނިމިފައެވެ!

މި ހިސާބުން، އަޅުގަނޑު ޤަބޫލުކުރާ ދެތިން ކަމެއްގެ ވާހަކަ ދަންނަވައިލާން ކަމަށެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޖުމުލަ ގޮތަކަށް ބަލާއިރު، ދިވެހީންނަކީ މަސައްކަތަށް ފަރުވާ ކުޑަކުރާ ބައެއް ނޫނެވެ. ހަމަ ތިބެފައި ކަމެއް ނެތި ސަލާން ވެސް ބުނާ ބައެއް ނޫނެވެ. ރޯދަޔަށް ރަށަށް ދާން ވަޒީފާ ދޭ ތަނަށް ފިލައިގެން ދާ ބައެއް ވެސް ނޫނެވެ! ދިވެހީންނަކީ އަންދުވަހުއްސުރެ މިހައިތަނަށް ވެސް މަސްއޫލިއްޔަތު އުފުލާން ދަންނަ، ކަމަށް ކަމޭހިތާ، އަމާނަތްތެރި ބައެކެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިޒަމާނަށް ބަލާއިރުވެސް، މި ރާއްޖޭގައި މިހައިރުވެސް މި އޮތް، ވަޒީފާގެ ޤާނޫނާ އެއްގޮތަށް ވަޒީފާ ދޭ ފަރާތުން ބަރާބަރަށް ޢަމަލުކުރާ ތަންތާނގައި އުފަލުން ތިބޭނީ މިދެންނެވި ޒާތުގެ ދިވެހީންނެވެ. އެ ނޫން ގޯޅިތައް އަޅައި، ސާހިބު މީހާ އެކި ގޮތްގޮތުން ބިދޭސީ މުވައްޒަފުންގެ ދަށުވާ ތަންތަނުގައި ދިވެހީން ތިބިއްޔާ ތިބޭނީ އެއްކަލަ ބަދުނާމު ބޮލުގައި އަޅައިގެން، އެ ނޫން ގޮތެއް އަދި ނެތިގެންނެވެ. މިހެން ތިއްބަސް ތިބޭނީ ބަދުނަޞީބު މަދު މީސްކޮޅެކެވެ. އެ މީހުންވެސް އިސާހިތަކު ތަނާ ވަކިވާނެއެވެ. އަދި އެއްކަލަ ޒާތުގެ ބިދޭސީންގެ ރަސްކަމާއި ވެރިކަން ތަނުގައި އެންމެ ފުރިހަމަޔަށް ހިނގާން ފަށާނެއެވެ.

ދަންނަވަންތޯއެވެ؟ ނިސްބަތުން ބޮޑު މުއައްސަސާޔަކުން މިދެންނެވި ކަހަލަ "ބިދޭސީ ޚަލަލެއް" ފާހަގަވީމައި އެކަމާ އެންމެން ކަންބޮޑުވިޔަސް، އެޔަށްވުރެ ނިސްބަތުން ކުދި ކުންފުނިތަކުގައި ކަންކަން ހުރިނެތް ގޮތާ މެދު ވިސްނައިލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތަކަށް މީހުން ބާވައެވެ؟ ވަކި ނަސްލެއްގެ، ވަކި ބަހެއްގެ އަހުލުވެރި، ވަކި ޙަޞާރަތެއްގެ އެކައުންޓަންޓުންނާއި މެދު ފަންތީގެ މެނޭޖަރުންގެ ވަކިތަކުގެ ދަށުވެފައި މިހައިރުވެސް ހުރީ އަނެއްކާ ކިތަކަށް ކުންފުނި ބާވައޭ އަޅުގަނޑު ހިތަށްއަރައެވެ.

މިއީ މިހައިރުގެ މި މޫސުމުގައި އަޅުގަނޑުމެން ވިސްނާން ވީ ކަމެކެވެ. ފެންނަ ކަންކަމާއި އިވޭ އަޑުތަކަށް ބަލާއިރު، ޙުކޫމަތާއި ތިޖާރަތުގެ ބައެއް ކަހަލަ ކަންކަން ހިނގާ ފަހި ކަމާއި، އަދި ވަކީ ޚާއްޞަކޮށް ބިދޭސީންގެ ކަންކަމާ މެދު ޒަޢާމަތުގެ ނާރެހުން އެޅޭ ފިޔަވަޅުތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ތެރެއިން ކުންފުނި ހިންގައި، މުވައްޒަފުން ގެންގުޅޭ ފަރާތްތަކުން ފަރުދީ ގޮތުން ވެސް ސަމާލުވެ، ފިޔަވަޅު އަޅާން ވެއްޖެ ކަމެކެވެ. ދިވެހީންނަށް ވުރެ ބިދޭސީން "ކަމަށް ކަމޭ ހިތައި މޮޅު ވީމައި" އާޚިރުގައި ދެން ވާ ގޮތުގެ އިންތިޒާރުގައި ނުތިބެ، މިހައިރުން މިހައިރަށް ބަލައި، ޙިކުމަތު ޢަމަލީގެ ބޭނުން ހިފާން ވެއްޖެ ކަމެއް މެއެވެ.