Support Us

ކޮލަމް: ދޭހަ

ކޮލަމް ދޭހަ: އަނެއްފަޅިން ބަލައިލުމުން….

އާސަންދައިން އެހީ ދިނުން މުރާޖާ ކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ އާސަންދައިގެ ކުރިމަގު ރަނގަޅު ކުރުމުގެ މަޤްޞަދުގައި ނިންމި ނިންމުމެއް ކަމަށް ޤަބޫލުކުރެވެއެވެ. ކޮންމެވެސްް ބަޔަކަށް އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް އާސަންދައިން ވަރަށް ގިނަ، ބޮޑެތި، ބޭކާރު ޚަރަދުތަކެއް ކުރެވެއެވެ. އާސަންދަ އިޞްލާޙްކުރުމަށް ސަރުކާރުގެ ވިސްނުން ހުރިގޮތް ކަަމަށް ޚަބަރުތަކުން އަޅުގަނޑުމެންނަށް ފެންނަ މައިގަނޑު ކަމަކީ އާސަންދަގެ އެހީ ޙައްޤު ބަޔަކަށް ލިބިދިނުމެވެ. ޙައްޤު ބަޔަކީ ކޮބައިތޯއެވެ؟ ލަފާކުރެވޭ ގޮތުގައި ޙައްޤު ބައެއްކަމަށް ބެލެވެނީ އާސަންދަގެ އެހީ ބޭނުންވާ، ފުއްދުންތެރިކަން ނެތް މީހުންނެވެ.

އެއީ ރަނގަޅު ނިންމުމަކަށް ވެދާނެއެވެ. އެކަމަކު އާސަންދައިގެ އެހީ އަށް އެދޭނީ ފުއްދުންތެރިކަން ނެތިގެންނެވެ. ނުވަތަ އެ މީހަކު ބޭނުންވާ ސިއްޙީ ފަރުވާ ހޯދުމުގެ މާލީ ޤާބިލްކަން ނެތްކަމަށް އެމީހަކަށް ޤަބޫލުކުރެވިގެންނެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިހާރުވެސް "ފުއްދުންތެރިން" އަމިއްލައަށް އެދިގެން އާސަންދައިގެ ޚިދުމަތް ހޯދާކަށް ނުދާނެއެވެ. ސަބަބަކީ އެމީހުން ބަލިވެގެން ފަރުވާ ހޯދުމަށް ދާނީ ރާއްޖޭގައި ހިންގާ އަމިއްލަ ހޮސްޕިޓަލްތަކަށާއި ސަރުކާރުގެ ބޮޑެތި ހޮސްޕިޓަލް ތަކަށް ކަމަށްވާތީވެއެވެ. ނޫންނަމަ ރާއްޖޭން ބޭރުގެ ބޮޑެތި ހޮސްޕިޓަލްތަކަށް ކަމަށް ވާނެތީވެއެވެ. އަމިއްލަ ހޮސްޕިޓަލް ތަކަށާއި ސަރުކާރުގެ ހޮސްޕިޓަލްތަކަށް ދިއުމުން ކަނޑައެޅިފައި އޮންނަ އުޞޫލުގެ ދަށުން، އެމީހަކު އެދުނަސް ނުވަތަ ނުއެދުނަސް ހިލޭ ފަރުވާ ލިބޭ ބަންދެއް އޮވެއެވެ. މިހާރު އޮންނަ އުޞޫލުން ވެސް ކޮޓަރިތަކުގައި ތިބެގެން ފަރުވާ ހޯދާ ބަލި މީހުންނަށް ކޮޓަރީގެ ފީ ލިބޭގޮތެއް ނޯވެއެވެ.

ސަރުކާރުން ރައްޔިތުންނަށް ބޭސްފަރުވާ އާއި އެހެނިހެން ޚިދުމަތްތައް ދެނީ އަޅުގަނޑުމެންގެ އަތުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާއިންނެވެ. މިހެން ކަން އޮތް އިރު އާސަންދައިގެ ޚިދުމަތުން، ރާއްޖޭގައި ދިރިއުޅޭ އެއްވެސް ދިވެހި ފަރުދަކު މަޙްރޫމް ކުރެވިގެން ނުވާނެއެވެ. ހިތާމައަކީ އާސަންދަ ރަނގަޅު ކުރަންވީ އެންމެ މުހިއްމު ހިސާބުގެ ވާހަކަ އެއްވެސް ބޭފުޅަކު ނުދައްކަވާކަމެވެ.

ބައެއް އަވައްޓެރި ޤައުމުތަކުގެ ހޮސްޕިޓަލުތަކުން އާސަންދައިގެ ތެރެއިން ނާޖާއިޒު ގޮތުގައި އަޅުގަނޑުމެންގެ ބޭރު ފައިސާ "ފޭރެނީ" އޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. އެއްބޭފުޅަކު ވިދާޅުވި ގޮތުގައި އޭނާ ބައްލަވައިގަންނަން ޖެހުނު އަގުބޮޑު އިންޖެކްޝަނެއް އަމިއްލަ ފާމަސީއަކުން އޭނާ ބައްލަވައިގަތީ ހަތްސަތޭކަ ރުފިޔާ އަށެވެ. ހަމަ އެ އިންޖެކްޝަން އާސަންދަ އަށް ބިލް ކޮށްފައި އޮތީ ހަތް ހާސް ރުފިޔާ އަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާ ބެހޭގޮތުން ޑަކްޓަރާ ސުވާލުކުރުމުން، ޑަކްޓަރު ހީނލާފައި ބުނިކަމުގައި ވަނީ އެއީ އާސަންދައެއް ނޫން ހެއްޔެވެ.

ހެލްތު އިންޝުއަރަންސަށް މަކަރު ހެދުމަކީ ތަރައްޤީ ވެފައިވާ ޤައުމުތަކުގައި ވެސް ކުރާކަމެކެވެ. އެކަަމަކު އެތަންތަނުގައި އެ ކަންކަން ބަލައި، އިޞްލާޙްކޮށް ފިޔަވަޅު އަޅައެވެ. އަދި ބައެއް ކުންފުނިތަކުން ބައެއް ކަހަލަ ފަރުވާއަށް އަގު ކަނޑައެޅުމުގައި ބަންދުތަކެއް ކަނޑައަޅައިފައި އޮވެއެވެ. އަދި ބައެއް ކަހަލަ އޮޕަރޭޝަންތަކުގައި ނެގޭނޭ އެންމެ ބޮޑު އަގު ވެސް އެތަންތަނާ މަޝްވަރާ ކުރެވިގެން ކުރިން އެއްބަސްވުމަކަށް އާދެއެވެ. އެންމެ ބޮޑަށް މައްސަލަ ޖެހޭ ކަމުގައި ވަނީ ބޭހުގެ އަގަށެވެ.

އާސަންދައިގެ އެންމެ ބޮޑު އިސްރާފަކަށް ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ނުޖެހޭ މީހުންނަށް ފަރުވާ ހޯދުމަށް ފުރުޞަތު ދިނުމެވެ. އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ކުންފުނިތަކުގެ ވެރިންނާއި، އެއިރު ވެރިކަމުގައި އޮތް ޕާޓީއެއްގެ ނުފޫޒު ގަދަ ބޭފުޅުން ބޭނުންފުޅުވާ ބަޔަކަށް އާސަންދު ލިބެއެވެ. އާސަންދައިން ބުނާނީ ހުރިހާ ލިއުންތަކެއް ފުރިހަމަވެގެންނެވެ. ދަންނަވާނެ އެއްޗެއް ނެތެވެ.

އަޅުގަނޑުމެންގެ ރާއްޖެ ކަމުނުގޮސްގެން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އާސަންދަ ޙައްޤުވާ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ކުޑަކުޑަ އެއްޗެއް ގަތަސް އެއަށް ވެސް ޓެކްސް ދައްކަންޖެހެއެވެ. އެ މީހުންނަކީ އެ ޓެކްސް ވެސް ދައްކާ ބައެއް ނޫނެވެ. އެމީހުންނަށް އާސަންދަ ދިނުމުން ވެރިކަމަށް އަންނަން އުޅޭ މީހަކަށް ފަހަރެއްގައި ވޯޓެއް ލިބިދާނެއެވެ. އެކަމުގެ ވެސް ޔަޤީންކަމެއް ނެތެވެ. ތެލުން އަޅުގަނޑުމެން ހިއްކި އެތައް ބިލިއަން ރުފިޔާގެ ބިން، ދެވަނަ ދައުރެއް ހޯއްދެވުމަށް، އެންމެފަހުން ހިލޭ ބައްސަވާލެއްވި ބޭފުޅާއަށް ވެސް ޖެހުނީ ދެއަތް އުރާލައްވައިގެން ދުރުގައި ކުޅިބައްލަވަން ހުންނަވާށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރައްޔިތަށް އެންމެ ރަނގަޅަށް އިންޝުއަރަންސް ދޭ ނިޒާމެއް އޮތް ޤައުމެއް ކަމުގައި މިހާރު ބެލެވެނީ ތައިލެންޑްކަމަށެވެ. ހުޅަނގުގެ ބައެއް ޤައުމުތަކުން ވެސް އެ ނިޒާމު ދަސްކުރުމަށް ތައިލެންޑަށް ދާކަމުގައިވެއެވެ. ދާދި ފަހުން ސަޢޫދީ އަރަބިޔާއިން ވެސް އެ ނިޒާމް ދެނެގަތުމަށް ތައިލެންޑަށް ވަފްދެއް ފޮނުވިކަމުގައި ވެއެވެ. ރާއްޖެއިން ވެސް އެ ޤައުމުގައި ކަންތައް ކުރާގޮތް ދެނެގަތުމަކީ ރަނގަޅު ކަމަކަށް ވެދާނެއެވެ.