Support Us

އިބިލީހުގެ ޝައިތާނީ މަޖުލިސް- 1

އިބިލީހާއި އޭނާގެ ޝައިތާނީ އައުވާނުން އެއްވެ، ސައްލާކުރަމުން ގެންދިޔައެވެ. އިބިލީހުގެ މަޖުލިހުގައި މިއަދުގެ ވާހަކަތައް ޚާއްސަވެފައި ވަނީ ރާއްޖޭގެ މައްޗަށެވެ. މަޖުލީހުގެ މިއަދުގެ އެޖެންޑާގައި ތިން ކަމެއް ލިޔެވިފައި އޮތެވެ. އެންމެ ފުރަތަމަ ކަމަކަށް އޮތީ، އެންމެ ފަހުން، ކާމިޔާބީއާއެކު ހިންގާލެވުނު ޝައިތާނީ މަޝްރޫއުތަކުގެ ވާހަކަދައްކައި އެކަން ހިންގި ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ޝުކުރު އަދާކުރުމެވެ. ދެވަނައަށް އޮތީ މިހާރު ހިންގަމުންދާ ޝައިތާނީ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުވާލައި، އެކަން ކާމިޔާބީ ގޮތެއްގައި ނިންމާލުން އަވަސް ކުރުމަށް ކުރެވިދާނޭ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. ތިންވަނައަށް އޮތީ، އިބިލީސް ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ހުރަސް އެޅޭނީ ކޮންކޮން ކަމެއްކަމާއި އެ ހުރަސްތައް ނައްތާލުމުގެ ގޮތުން އަޅަން ޖެހޭނޭ ފިޔަވަޅުތަކުގެ މައްޗަށް ބަހުސްކުރުމެވެ.

މަޖުލީސް ފައްޓަމުން، އިބިލީސް، އެންމެނަށް ސަލާންކޮށް، ތަހުނިޔާކިޔެވެ. ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވެމުންދާތީއެވެ. އަދި އިބިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްތައް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ވެސް މެއެވެ. ދެން، އަދުގެ މަޖުލިސް ޚާއްސަކުރެވިފައި ވަނީ ރާއްޖެއަށްކަމާ އަދި، އެޖެންޑާ ކުރެވިފައިވާ ތިން ކަންތަކުގެ ވާހަކަ އިއްވިއެވެ. އިބިލީހުގެ މުގައްދަމީ ވާހަކަކޮޅު ނިންމާލީ އެޖެންޑާގެ ފުރަތަމަ އައިޓަމާ މެދު ވާހަކަ ދެއްކުމަށްޓަކައި މަޖުލީހުގެ ތަޅުން ހުޅުވާލަމުންނެވެ. އެންމެ ފަހުން، ރާއްޖޭގައި ކާމިޔާބީއާއެކު ހިންގާލެވުނީ ކޮންކޮން ކަމެއްތޯ ސުއާލުކޮށްލަމުންނެވެ.

އިބިލީހުގެ ޝައިތާނީ އައުވާނު ނަމްބަރު އެކެއް، އައުވަރު، އޭނާގެ އަތް އުފުލާލިއެވެ. ދެން، މަޖުލީހުގެ ރިޔާސަތުން، އިބިލީސް ހުއްދަ ދިނުމުން، އައުވަރު، އޭނާގެ ވާހަކަ ފެށިއެވެ. އޭނާގެ މައުލޫއަކީ އަދުލު އިންސާފުގެ ނިޒާމުގެ ވާހަކައެވެ. އޭނާ ވަރަށް ހިތްހަމަޖެހި، ދިލި ހުރެ، ބުންޏެވެ. ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު ހަލާކުކޮށްލުމަށް އެހީވެ ދިނުމުގެ ގޮތުން، ރާއްޖޭގައި ކާމިޔާބީއާ އެކު މުހިއްމު ކަމެއް ހިންގާލި ވާހަކައެވެ. އޭގެ ތަފްސީލު ކިޔައިދިނުމަށް އިބިލީސް އެދުމުން، އައުވަރު، އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

ތަނެއް ހަލާކުކޮށްލުމަށްޓަކައި އެންމެ މުހިއްމު ކަމަކީ ތަނުގެ އަދުލު އިންސާފުގެ ނިޒާމު ފުނޑުފުނޑު ކޮށްލުންކަން، އެންމެން ވެސް ދަންނާނެކަން ބުނެ، ކާމިޔާބީއާ އެކު އޭނާ ނިންމާލި މަޝްރޫއުގެ ތަފްސީލު ބަޔާންކޮށްދޭން ފެށިއެވެ. އެކަމަށް ހެކި ގެނެސް، ބާރު ދިނުމުގެ ގޮތުން އޭނާ އިތުރަށް އަދި ބުންޏެވެ. މުޖުތަމައީ ހުރިހާ ގާނޫނުތައް ހިންގާލުމުގެ ހަގީގީ ބޭނުމަކީ އަދުލު އިންސާފު ގާއިމުކުރުންކަން، ކީރިތި ގުރުއާނުގައި ވެސް، އޮވޭ ނޫން ހެއްޔެވެ؟ إن الله يأمر بالعدل، މާތްކަލާނގެ (އެކަލާނގެއަށް އީމާންވާ މީހުންނަށް) އަމުރުކުރައްވަނީ އަދުލުވެރިވެ، އަދުލު އިންސާފު ގާއިމުކުރުމަށޭ، އޮންނަ އާޔަތުގައެވެ. އަދި، ތިމާ ނަފްރަތުކުރާ، ފޫހިވާ، ތިމާގެ ދުޝްމަނާ ދޭތެރޭ ވެސް އަދުލުވެރިވެ، އިންސާފުގެ މަގުން ކަންތައް ކުރުމަށް އޮވޭ ނޫން ހެއްޔެވެ؟ ولا يجرمنكم شنآن قوم على ألا تعدلوا، ބަޔަކު މީހުންނާ ކަލޭމެން ދެކޮޅުވެރިވާ ދެކޮޅުވެރިވުން، އެމީހުންދެކެ ރުޅިއަރައި ނަފްރަތުކުރާ ނަފްރަތުކުރުން، އެއީ، އެމީހުންނާ ދޭތެރޭ ވެސް، އަދުލުވެރިކޮށް ކަންތައްކުރުމުން ކަލޭމެން އެއްކިބާކުރާ ކަމެއްކަމުގައި ނަހަދާށެވެ، މި އާޔަތުގައެވެ. މީގެ އިތުރުން، ހެކި ދިނުމުގައި ތެދުވެރިވުމަށް ވެސް އެތައް އެތައް އާޔަތެއްގައި ބާރުއެޅިފައި އޮވޭ ނޫން ހެއްޔެވެ؟ އަދި ދޮގެ ހެކި ދިނުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި ވެސް އޮވޭ ނޫން ހެއްޔެވެ؟ އެހެން ކަމަށްވާއިރު ތަނެއް ހަލާކުކޮށްލައި، އެއްޖަމާއަތެއްގެ ސިފައިގައި، އެއް ބަޔެއްގެ ގޮތުގައި، އޮތް ބަޔަކު، އެ ގޮތަށް އޮތަ ނުދީ، ގައުމެއް ހަލާކުކޮށްލަން އެންމެ މުހިއްމު ކަމަކީ އެ ގައުމެއްގެ އަދުލު އިންސާފުގެ ބިނާގައި ރެނދުއަޅުވާލައި ހަލާކުކޮށްލުން ނޫން ހެއްޔެވެ؟

ކުޑަކޮށް ރުންކުރުވެފައި އިބިލީސް ބުންޏެވެ. "ތިއީ ރާއްޖޭގެ ގިނަބަޔަކު ނުދަންނަ ނޫނީ ބަލަން ބޭނުން ނުވާ ކަމަކަށް ވެދާނެއެވެ. ނަމަވެސް ތިއީ އަހަރުމެން އެންމެން ވެސް ވަރަށް ރަނގަޅަށް ދަންނަ ކަންކަމެވެ. އަދުލު އިންސާފުގެ ނިޒާމު ހަލާކުކޮށްލެވިއްޖެ ނަމަ، އެ ގައުމު ވެސް ހަލާކުވެދާކަށް ލަހެއް ފަހެއް ނުވާނެކަމެވެ. އެކަމުގެ ސަބަބުން، އެމީހުން ގައުމެއްގެ ގޮތުގައި އޮތުމުގެ ހައްގު ގެއްލި، އެމީހުންގެ މިނިވަންކަމަށް ބުރޫ އެރުން ވެސް ކައިރިކަން ވެސް އަހަރުމެން ޝައިތޯނުންނަށް ވެސް އެނގެއެވެ. އެއީ އެމީހުންގެ މައްޗަށް، އެހެން ގައުމު ގައުމު އަރައިގަންނަން މަގުފަހިވެގެންދާ ކަމެއްކަން ވެސް އަހަރުމެން ދަންނަމެވެ. ދެން، މިވާހަކަތައް ބާއްވާށެވެ! ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު ހަލާކު ކޮށްލުމުގެ ގޮތުން، ކަމާ ނުގުޅޭ މިފަދަ ވާހަކަތައް ނުދައްކައި، ކަލެއަށް ކުރެވުނު ކަމެއްގެ ވާހަކަ ބުނެބަލާށެވެ."

ދެން ޝައިތާނާ އައުވަރު، މަޖުލީހުގެ ރައީސް އިބިލީހުގެ ސުއާލަށް ޖަވާބުދިނުމަށް، އަވަސްވެގަތެވެ. އަދި ފަޚުރުވެރިވެ އިނދެ، އިބިލީހުންގެ އައުވާނުންގެ މަޖުލިހަށް ކިޔައިދިނެވެ.

"ކާމިޔާބީއާ އެކު އަހަންނަށް ނިންމާލެވުނު ކަމަކީ ތަހުގީގުތަކާއި ޝަރީއަތަކަށް ނުފޫޒު ފޯރުވައި، ޝަރިއަތްކުރުން އިންސާފުގެ މަގުން އެއްކިބާ ކޮށްލުމެވެ. މިހާރު ރާއްޖޭގައި އާންމު ވެފައި އޮތް އެއްކަމަކީ، މީހުންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަކަން، މި މަޖުލީހުގެ ރިޔާސަތަށާއި، އަދި މިތާ މިތިބި އަހަރުމެންގެ އެކުވެރި ޝައިތޯނުންތަކަށް ވެސް އެނގޭނެއެވެ. އަންހެނުންގެ އިއްފަތް ފޭރުމާއި ކުޑަކުދިންނާ ބެހުމުގެ މައްސަލަތަކެވެ. ކުޑަކުދިންނޭ ބުނާއިރު، އޭގެ ތެރޭގައި ކިރުބޯ ނުބޯ އުމުރުގެ ތުއްތު ކުދިން ވެސް ހިމެނެއެވެ. މިދޭތެރެއިން ނުފޫޒު ގަދަ ބޮޑެތި މަގާމުތަކާ ގުޅިފައިވުމުން 'ބޮޑެތި ވެފައިވާ ބަޔަކާއި' މަގާމުގެ ބޮޑުކަމުން، އޭނާގެ ބޮޑުކަމަށް އިތުރު ބޮޑުކަން ލިބިފައިވާ ބަޔެއްގެ ބޮލުގައި ވެސް، ޖިންސީ ގޯނާގެ ތުހުމަތުތަކެއް އެޅުނެވެ. އަހަރެންގެ ޝައިތާނީ ބާރު ބޭނުންކޮށް، މި މައްސަލަތައް، ހައްގުގެ މަގު ނޫން، އެހެން އެކިއެކި މަގު މަގުން ދަތުރުކުރާނޭ ގޮތް އަހަރެން ހެދީމެވެ. އޭގެ ތެރެއިން އެއް މައްސަލަ ހިންދާލީ އެކަމުގެ ތުހުމަތު އެމީހުންގެ ބޮލުގައި އެޅުނު މީހުން ބަތޮލުންނަށް ވެސް ހަދައިލައިގެންނެވެ. އަދި، އެމީހުންނަކީ، ތަހުގީގީ އިދާރާތަކުން އެންމެ ފުރަތަމަ ބުނި ގޮތުގައި، ކުށުގެ ވެށީގެ ތެރެއިން، 'އެމީހުންގެ އަތް ލެއިން ތަތްތެޅިފައި ވަނިކޮށް' އަތުލައި ގަނެވުނު މީހުންނެވެ. ނަމަވެސް، އަހަރެންގެ ޝައިތާނީ ބާރުގެ ބޭނުންކޮށް، އެމީހުންގެ ލޭގެ އަތް ސާފުކޮށްލައި، އެންމެ ފުރަތަމަ ބުނެވުނު އެއްޗެއް ބުނެވުނީ އޮޅުމަކުން ކަމަށް ބުނެ، އެމީހުންގެ ކުށުން އެމީހުން ބަރީއަކުރީމެވެ. މީގެ އިތުރުން، މިކަންވެ ދިޔަ ގޮތުގެ އެހެން މަންޒަރެއްގެ ވާހަކަ މީހުންގެ މެދުގައި އަހަރެން ފެތުރީމެވެ. ފައިސާދީގެން އަހަރެން ގަނެލި ބައެއް ނޫސްތަކާއި ނޫސްވެރިން މެދުވެރިކޮށެވެ. އެމީހުން ގާތު މި ވާހަކައަކީ ކޮންމެ ވެސް އެހެން ކަނބުލޭގެ އަކު ސިޔާސީ ހަސަދައެއް ފިލުވާލުމުގެ ގޮތުން ދެއްކި ވާހަކައެއް ކަމަށް ހަދަން އަހަރެން ބުނީމެވެ. އަދި، މިގޮތަށް ވާހަކަ ދައްކާއިރު މުހިއްމީ ހަގީގަތް ހޯދުމެއް ނޫނެވެ. މުހިއްމީ އޮޅުވާލުމެވެ. އަމިއްލަ ވިސްނުން ބޭނުންނުކުރާ ތަނެއްގައި މިއީ ވަރަށް ފަސޭހަކަމެކެވެ. ދެން، އެހެން ނޫނަސް މިފަދަ މީސް މީހުންނަކީ ވަރަށް ހަނދާން ބަލިބަޔެކެވެ. އެހެންވެ، މިވާހަކަތައް އާންމުންގެ ހަނދާނުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފޮހެވޭ ގޮތް އަހަރެން ހެދީމެވެ. ކަމާ ނުބެހޭ އެހެން ވާހަކަތައް ފެންމަތިކޮށްގެންނެވެ. އިހުގައި ވެސް ވަގުން ވައްކަންކުރާ ވާހަކައާއި ފަސާދައިގެ އަމަލު ހިންގާ ވާހަކައާއި އިއްފަތް ފޭރުމުގެ އަމަލުތައް ވެސް ކުރެޔޭ ބުނެ، އެކަންކަން ހަދާންކޮށްދީ ގެންނެވެ. އެހެންވެ، މިހާރު މި ބުނި 'ސަފާރީގައި އިއްފަތް ފޭރުނު ވާހަކަ' އަޑުއަހަންވެސް އާންމުން ބޭނުމެއް ނުވެއެވެ."

"މިކަމުގެ އަނެއް މައްސަލައިގައި ތަހުގީގެއް ކުރެވޭނޭ ކަމުގެ ދަޅަ ދައްކުވާލާ ގޮތް ވެސް އަހަރެން ހެދީމެވެ. ސަލާމާއި ސަލަވާތް ލެއްވި ރަސޫލާގެ ހަދީސް ބަސްފުޅު ވެސް މުތަވާތިރު ގޮތަކަށް، އެބަހީ އެތައް ބަޔެއްގެ ހެކިބަހުން، އެނގެން އޮތް ނަމަ، އެއީ ތެދު ބަސްފުޅެއްގެ ގޮތުގައި ގަބޫލުކުރެވޭ ނޫން ހެއްޔެވެ؟ ނަމަވެސް، މި ބުނާ ބޮޑު މީހާގެ ބަހަކީ އޭނާގެ ބޮލުގައި އެޅުވުނު ތުހުމަތު، މުތަވާތިރު ސިފައެއްގައި، އެތައް ބަޔެއްގެ ހެކި ބަހުން ސާބިތު ވިޔަސް، އެކަން ފޮހެލެވޭ ވަރުގެ ބަހެކެވެ. އެކަމަކީ އެ ބުނާ ބައެއްގެ ރުހުމުގައި ކުރެވުނު ކަމެއްކަމާއި އެމީހުންގެ މައްސަލަ ގުޅެނީ އެމީހުންގެ އިއްފަތާ ނޫންކަމާއި އެކަން ގުޅެނީ އެމީހުންގެ ވަޒީފާގެ ކުރިއެރުން ނުލިބުނު ކަމާއޭ ކިޔައިގެންނެވެ. މީގެ އިތުރުން، އެ ބަހުގެ ފުރަގަހުގައި އެހެން މީހުން ބޭޒާރުކޮށްލެވިދާނޭ ފަދަ 'ކަޅުހެކި’ތަކެއް ވެސް އޮތީ މައެވެ. މި ކަޅު ހެކިތަކުގެ ސަބަބުން، ހުދުކޮށް ތިބި ބަޔެކޭ ބުނާ ބޮޑެތި ބޮޑެތި ބައެއްގެ ގައިގައި ކަޅު ދެލީގެ ކުލަ ޖެހިދާނެތީއެވެ. ދެން ހަމަ މިފަދައިން، ޖިންސީ ގޯނާކުރިކަމަށް އޭނާ އަމިއްލައަށް ފަޚުރުވެރިކާމާއެކު އިއުތިރާފުވެ ޓުވީޓުކުރި 'ބޮޑު' އެހެން މީހެއްގެ ކަންތައް ވެސް، މާ ބޮޑުކަމަކަށް ނުހަދާ އަހަރެންގެ ޝައިތާނީ ބާރުން، އޮއްބާލީމެވެ.  މިހާރު މިއިން އެއްވެސް ކަމަކީ ނުކުރާ ކަމެއް ފަދައެވެ. އިޒުރޭލުގައި ފަލަސްތީނު މީހުން ނުހައްގުން ބަޑިޖަހާ މަރާފައި، މިބީދައިން ތަހުގީގު ކުރެއެވެ. އެމީހުން ވެސް ތަހުގީގުކުރާ ވާހަކަ ވަރަށް ބާރަށް ބުނާނެއެވެ. ދެން، ފަހުން، އެކަމުގެ ޚަބަރެއް ނީވޭނެއެވެ."

ޖަވާބުގައި މަޖުލިހުގެ ރިޔާސަތުން އިބިލީސް ބުންޏެވެ. "ވަރަށް ވެސް ރަނގަޅެވެ! ކަލެއަށް ޝުކުރާއި ތައުރީފު ހައްގެވެ! ނަމަވެސް، އާންމުންގެ ހަނދާނުން މިކަންކަން ފޮހެލައި، އެވާހަކަތައް އިތުރަށް އަޑުއެހުން ފޫހިކޮށްލި ވާހަކަ ކަލޭ ބުނެފީމު ނޫން ހެއްޔެވެ؟ އެއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟ އެކަން މި ރިޔާސަތަށް ކަލޭ ސާފުކޮށް ދޭން ޖެހެއެވެ."

ރިޔާސަތުގައި އިން އިބިލީސްގެ ސުއާލަށް، ޖަވާބުދިނުމުގެ ގޮތުން، ޝައިތާނީ އައުވަރު އިތުރަށް ކިޔައި އޮޅުންފިލުވައި ދިނެވެ. އެކަހަލަ ވާހަކަތައް ދައްކާލައިފައި އެހާ އަވަހަށް ހަނދާން ނެތެނީ އެވާހަކަތައް ދައްކާ ނިޔަތުގެ ސަބަބުންނެވެ. މުޅި ތަނުގައިހެން، ފަސާދަ އަށަގަނެ ފެތުރިފައިވާ ތަނެއްގައި، ގިނަ ފަހަރަށް، އެފާޑުގެ ވާހަކަތައް މީހުން ދައްކަނީކީ އެކަން ގޯސްވެގެންނެއް ނޫނެވެ. އެއީ ޝަމާތަތުގެ ގޮތުން ކުރާކަމެކެވެ. އާދެ، ތިމާގެ ވާދަވެރި އިދިކޮޅު މީހާ އަނދަވަޅަކަށް ވެއްޓި، ދެރަ ނިކަމެތި ގޮތެއް އޭނާއަށް ދިމާވީމާ، އެކަމާ އުފަލުން ކުރާކަމެވެ. ކުޑަ ހިނދުކޮޅަކުން، އެ އުފަލުގެ މަޖާ ފިލައި ދެއެވެ. މީގެ އިތުރުން، އެކަމާ އުފާކުރާ ބައެއް މީހުން ތިބޭނީ އެކަހަލަ ފުރުސަތަކަށް އެދިއެދިއެވެ. އެކަހަލަ ކަންތައްތައް ކޮށްފައި ސަލާމަތްވުމުގެ ފުރުސަތު އެމީހުންނަށް ވެސް އޮތް ނަމަ، އެމީހުން ވެސް އެފަދަ ކަންތައްތައް ކުރާކަށް ފަސްނުޖެހޭނެއެވެ. ޓުވީޓުކުރި ބޮޑު ބޭފުޅާގެ ވާހަކައިން ވެސް މިކަން ދޭހަވާނެއެވެ. އެހެން މީހުންނަށް އެފުރުސަތު ނުލިބުނީމާ ހަސަދަވެރިވަނީއޭ ދޭހަވާ ފަދަ އިބާރާތެއް އޭނާ ބޭނުންކޮށްފައި އޮތް ނޫން ހެއްޔެވެ؟

އައުވަރުގެ ވާހަކަ ނިމުމުން، ޝައިތާނީ ވަލްހޫނު އަތް އުފުލާލިއެވެ. "ވަލްހޫނުއާ ދިމާއަށް ބަލާލާފައި އިބިލީސް ބުންޏެވެ. ކަލެއަށް ވެސް، ރާއްޖެ ހަލާކުކުރުމުގެ އިތުރު ފުރުސަތެއް އަނެއްކާ ވެސް ލިބުނީ ހެއްޔެވެ؟" ވަލްހޫނަކީ އިހުގައި އިބިލީސް އެކަންކަމާ ވަރަށް ގަޔާވި ކަންތައްތަކެއް ހިންގާލުމަށް މެދުވެރިވި އިބިލީހުގެ އިސް ސަފުތަކުގައި ހިމެނޭ ތަންކޮޅެއް އުމުރުން ދުވަސްވީ ޝައިތާނީ އައުވާނެކެވެ.

"ނޫނެކެވެ! ނޫނެކެވެ!" ވަލްހޫނު ޖަވާބުގައި ބުންޏެވެ. "ނަމަވެސް އަހަރެން ފާހަގަކޮށްލަން ބޭނުންވާ ނުކުތާއެއް އެބަ އޮތެވެ. ރާއްޖޭގެ ޝަރުއީ ކަންތައްތައް ހަލާކުކޮށްލުމުގެ ފެށުމުގެ ހުރިހާ މޮޅަކާއި ތައުރީފެއް ލިބުން ހައްގީ އަހަންނަށެވެ. ބޮޑެތި މީހުން ކުށް ކުރުމުން ދޫ ކޮށްލައި، އާދައިގެ މީހުން ބަންދުކޮށް ހަދައި، ރާއްޖޭ ޝަރުއީ ނިޒާމު ހަލާކުވާނޭ ގޮތް ހެދުމުގެ މެދުވެރިއަކީ އަހަންނެވެ. އަދި، އެންމެ މަތީ ކޯޓުން މައްސަލަތައް ބަލައި، ނިންމައި ހުކުމްކުރީމާ، ބޭނުން ވެއްޖެ ހިނދެއްގައި، އެހުކުމްތަކާ ކުޅެލައި، އެހުކުމްތައް ބަދަލުކޮށްލެވޭނޭ ނިޒާމެއް ވެސް އަހަރެންގެ ޝައިތާނީ ބާރު މެދުވެރިކޮށް ގާއިމުކުރާ ގޮތް އަހަރެން ހެދީމެވެ. މީގެ އިތުރުން، އަހަރެންގެ ޝައިތާނީ ވަސްވާސް މެދުވެރިކޮށް، ސަރުކާރުގެ މުއައްސަސާތަކުގައި ފަސާދަ ފެތުރި އާންމުވެގެންދާ ގޮތް ވެސް އަހަރެން ހަދާލީމެވެ. ގާތް މީހުން ފަސާދައިގެ އަމަލުތައް ހިންގުމުން ކަނުލޮލެއް ދޭ ގޮތް ހަދައިގެންނެވެ. މިކަމުގެ ސަބަބުން، މުސްތަގުބަލަށް ދެމިގެންދާނޭ ފަދަ ފަސާދައި ސަގާފަތެއް ރާއްޖޭގައި އުފެދިގެން ދިޔައެވެ."

ވަލްހޫނުގެ ވާހަކައާ ވަރަށް ގަޔާވެ، އިބިލީސް ބޯ ޖަހާލިއެވެ. އަދި ބުންޏެވެ. އެއްވެސް ޝައްކެއް ނެތެވެ. ރާއްޖޭގެ ޝަރުއީ ނިޒާމު ހަލާކޮށްލުމުގެ ބިންގާ އަޅައިދީ، ތަނުގައި ފަސާދައިގެ ސަގާފަތެއް އުފެއްދިކަމުގެ މަތިވެރި ޝަރަފު ހައްގު ގޮތުގައި ކަލެއަށް ލިބެއެވެ. އަދި، އެއަށް ވުރެވެސް ބޮޑު ތައުރީފެއް ކަލެއަށް ހައްގުވަނީ އެކަންކަން ރަނގަޅު ކުރާނެ ކަހަލަ މީހަކު އުފެދުނަނުދީ، ތިންދަސް އަހަރު ވަންދެން، އެކަން ހުއްޓުވުމުގެ ގޮތުން ވަރަށް ވެސް ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް އަޅަން ކަލޭ މެދުވެރިވީތީއެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި އަދިވެސް އަހަރެންގެ ހަނދާނުގައި އެއް ކަންތައް އެބަހުއްޓެވެ. މީހުންގެ އަނގަ ބަންދުކޮށް، މީހަކު އެއްޗެއް ބުނެފި ނަމަ، ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ މީހުން ބަންދުކޮށް، އެމީހުންގެ ދުވަސް ދުއްވާލެވޭނޭ ފަދަ ގާނޫނުތައް ހަދަން ކަލޭ އެހީވެ ދިނުމެވެ. އަދި، މިކަންވީ ދެން އަންނަން އޮތް ޖީލުތައް ވެސް، އެމަގުން، ހިނގުމަށް ކަލޭ ކޮށައިދިން ވަރަށް ވެސް ހަރުދަނާ ފައިދާހުރި މަގަކަށެވެ. ގާނޫނުތަކާ ބޭނުން ހިނދެއްގައި ކުޅެލުމުގެ މަގެވެ. އަދި، ކިރިޔާވެސް ކަމެއް ކުރެވިދާނޭ ކަހަލަ މީހަކު ފާޅުވާންތަން ފެނިއްޖެ ނަމަ، އެމީހަކު ގަނެލައި އަހަރުމެން އިބިލީހުންގެ ޝައިތާނީ ބާރުގެ ދަށަށް ގެންނަން މެދުވެރިވެ، ނޫނީ އެމީހަކު ބަންދުކޮށް އޭނާގެ ދުވަސް ދުއްވާލާނޭ ގޮތް ދައްކައިގެންނެވެ. ކޮންމެއަކަސް، ޝަރުއީ ނިޒާމު ހަލާކުކޮށްލުމުގެ ތައުރީފުގެ ބަސް ކަލެއަށާއި އައުވަރަށް ހައްގެވެ. ކަލޭމެން ދެމީހުންގެ މަސައްކަތަށް އަހަރެންގެ، އިބިލީހުގެ، ހިތުގެ އަޑިން ޝުކުރު އަދާކުރަމެވެ."

އެއާވިދިގެން، ތައުރީފުގެ އަތްތިލަ ބަޑިން، އިބިލީހުގެ މަޖުލިސްކުރާ ހޯލު ގުގުމާލިއެވެ. އިރުގަނޑަކަށް ފަހު، އެ އަޑު މަޑުމަޑުން ގޮސް ހިނދުމުން، ދެން ތިބި އެހެން ޝައިތޯނުންގެ ވާހަކަތައް ހުށަހެޅުމަށް އިބިލީސް ގޮވާލިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

2 Responses

  1. މިސިލްސިލާގައި އިބިލީހުގެ ހުރިހާ ދަރިންގެ މަސައްކަތް ތަފްޞީލު ވާނެކަމަށް އުންމީދު ކުރަން

  2. ވަރަށް ޝައުޤުވެރި. ހުށަހަޅައި ދިނުން ވަރަށް މޮޅު. އަނެއް ބަޔަށް ވަރަށް އިންތިޒާރު ކުރެވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *