Support Us

ހުޅުމާލޭގައި ބުޓީކް ހޮޓެލް ތަރައްގީކޮށް، ހިންގަން ހުޅުވައިލައިފި

ހުޅުމާލޭގައި ތިން ބުޓީކް ހޮޓާ ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ފޭސް ދޭއްގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އިންޓަގްރޭޓަޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ މި ބުޓީކް ހޮޓާތައް ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކުން އީއައިއޭ ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން ސެޕްޓެމްބަރު އެއް ވަނަ ދުވަހުގެ ދޭއް ޖެހުމާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

މި ބުޓީކް ހޮޓާ ހިންގުމަށް ދޫކުރާނީ ލޭންޑް ލީސް މޮޑެލްއަށް ކަމަށާއި ނަމަވެސް އެހެން މޮޑެލްތަކަށް ވެސް އީއައިއޭ ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫއުއަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ، އެ މަޝްރޫއު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯޒަލެއް ހުށަހަޅާ ފަރާތަކަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

އާބަން އައިލްގައި ތަރައްގީކުރާ މި މަޝްރޫއަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލިއޭޓް ކުރުމުގައި ބާލާނީ ހުށަަހަޅާފައިވާ ބިޒްނަސް މޮޑެލްއަށާއި ހުށަހަޅާ ފަރާތުގެ ތަޖުރިބާއަށާއި ސީއެސްއާރު އަށް ކަަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓު /http://www.hdc.mv/announcements ލިބޭނެ ކަމަށް އެ އިއުލާންގައި ބުނެފައިވެ އެވެ.