ރާއްޖެެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ހަމަޖެއްސެވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވުމުގެ ސަބަބުން ކިޔަވާ ކުދިންނާއި ވަޒީފާއަށްދާ ފަރާތްތަކަށް ވެސް ދަތުރުފަތުކުރުމާއި ހިނގާބިނގާވެ އުޅުމަށް ދަތިވެފައި ވާތީ އެ ދަތިތަކަށް ލުޔެއް ދެއްވުމުގެ ގޮތުން ކަަމަށެވެ.
"މިހާރު ކުރަމުންދާ ވިއްސާރައިގައި ގޯތިގެދޮރަށާއި އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ދެއްވައިފައި،" ރައީސް އޮފީހުން ބުނެފައި އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މެޓް އޮފީހުން މިރޭ ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ބޯކޮށްވާރޭ ވެހި ގުގުރުމާ އެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަަމަށް، ގއ. އިން ފެށިގެން އައްޑޫ ސިޓީއަށް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައިވެ އެވެ.



advertisment