ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް މި ސަރުކާރުން ނުފޫޒު ފޯރުވައިފައިނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރެެއްވުމަށްފަހު ނިކުމެވަޑައިގެންނެވި ވަގުތު މީޑިއާއަކުންް ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައީސް އޮފީހުން އަދި ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހަކު ވެސް ޖުޑިޝަރީއާއި ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި އެއީ އެމަނިކުފާނު ޓޮލަރޭޓް ކުރައްވާނެ ކަމެެއް ނޫން ކަމަށެވެެ.
"އަޅުގަނޑު އޭރުވެސް ދެންނެވިން އަޅުގަނޑުމެންގެ ސަރުކާރެއް އުފެދިގެން އަންނަ ހިސާބުން ރައީސް އޮފީހުން އަދި ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހަކު ޖުޑިޝަރީއަކަށް އަދި ޝަަރުއީ ނިޒާމުގެ ތެރެއަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާނެއޭ. އެފަަދަ ކަމެއް ކުރާ މީހަކު އަޅުގަނޑަށް މިވަގުތު ފެނުނަސް އެމީހަކީ މަގާމެއްްގައި ހުރި މީހެއް ވިއްޔާ ވަގުތުން ވަކިވެސް ކުރާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޕީއެންއެފް އިން މިދިޔަ ބުރާސްފަތި ދުވަހުފެ ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ހައިކޯޓުގައި ކުރިއަށް ދިޔަ އިރު ޝަރީއަތްތައް ލަސްކުރުމަށް މި ސަރުކާރުން މަސައްކަތް ކުރި ކަމަށާއި ނުފޫޒު ފޯރުވަން މަސައްކަތްކުރީ ކޮން ބޭފުޅުންނެއްކަަން ވެސް އެނގިވަޑައިގެންނަވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީލޯންްޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވުމާ ގުޅިގެން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި އެމައްސަލައިގެ ޝަރީއަތްތައް ލަސްވުމާ ގުޅިގެން އޭރުގެ ޝަރުކާރުން ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ރައީސް ޔާމީންގެ އިތުރުން ޕީޕީއެމްގެ ލީޑަރޝިޕުގެ ބޭފުޅުން އޭރު ބުނެފައިވެ އެެވެ.
ރިޔާސީ އިންތިހާބު ރައީސް ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާ އެކު ޖެހިގެން އައި ދުވަހު ރައީސް ޔާމީން ޖަލު ބަންދުން ގޭބަންދަށް އެމްޑީޕީގެ ސަރުކާރުން ބަދަލުކޮށްދިނީ ރައީސް ޑރ. މުއިއްޒު އެގޮތަށް އެދިވަޑައިގެންނެވުމުންނެވެ. އަދި އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ވެސް މެއެވެ.
ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފީ މައްސަލައިން ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުމަށްފަހު، އަބަދުވެސް ފެންނަނީ ސަރުކާރާ ދެކޮޅަށް ވާހަކަތައް ދައްކަވަމުން ގެންދަވާތަނެވެ.



advertisment