Support Us

ކޮލަމް ތިންކުރު

ކާކުކަން ނޭނގުނު "އައިޑީ ކާޑް"

ދިވެހި ކޮންމެ ރައްޔިތެއް އަތުގައި "އައިޑީ" ކާޑެއް އޮވެއެވެ. އެއަށް މިކިޔަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެވެ. މިކާޑެއް ހައްދަން ފެށީ 1980 ގެ އަހަރުތަކުގައެވެ. އެއީ ރަށްރަށުން މާލެ އަންނަ މީހުން މާލެއެރުމަށް ހުއްދަ ހޯދަން ޖެހުނު ޒަމާނެވެ. ނުވަތަ ކުޑަސިޓީ "އީރާ" އެވެ. ކުޑަ ސިޓީ އީރާގެ ނިމުމާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަން ފެށުމާ ވަނީ ގުޅިފައެވެ.

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ އެންމެ އިސް މޭސްތިރިއަކަށް އޭރު ހުންނެވީ މަރުހޫމް ސައިކުރާ އިބްރާހީމް ނައީމެވެ. މަރުހޫމް ނަޢީމަކީ ކުޅަދާނަ ބޭފުޅެކެވެ. އެއީ ކޮމްޕިއުޓަރުގެ ޒަމާނެއް ނޫނެވެ. ޑޭޓާ އެއްކޮށް މިޒަމާނުގެ ގޮތަށް ޓެކްނޮލޮޖީގެ ތެރޭގައި ރައްކާކުރެވޭ ޒަމާނެއްވެސް ނޫނެވެ. އެޒަމާނުގައި ރައްކާކުރާ ޑޭޓާ ހުންނަނީ ކަރުދާހުގައި ލިޔެ، ބޮކްސް ފައިލްތަކުގައެވެ. ފައިލް ހަރުގަނޑުގައި އެއްފައިލާ ޖެހި އަނެއް ފައިލު ބަހައްޓާފައި ހުއްޓަސް ކޮންމެ ފައިލަކީވެސް "މިނިވަން" ފައިލެކެވެ. ފައިލްތަކުގައި ރައްކާކޮށްފައިވާ "ކޮންޓެންޓް" ދެނެގަތުމަށް ނަމްބަރު ތަކެއް ދީފައި ހުރެއެވެ. ކޮންމެ ފައިލެއްވެސް ހުޅުވާލުމުން އެފައިލެއްގައި ހުންނާނެ ކޮންޓެންޓްގެ ލިސްޓެއް ފުރަތަމަވެސް ފެންނަން އޮވެއެވެ.

އައިޑީކާޑް ހައްދަން ފެށި ޒަމާނަކީ މުއާސަލާތާއި ދަތުރުފަތުރުގެ ގޮތުންވެސް ނިކަމެތި ޒަމާނެކެވެ. އަނގަމަތި ބައްތެލިފަހަރާއި އޮޑިފަހަރާއި ވޯކީޓޯކީގެ ޒަމާނެވެ. އަޅުގަނޑުގެ ނިޔަތަކީ އެޒަމާން ސިފަކޮށްދިނުމެއް ނޫނެވެ. މިވާހަކަ ލިޔެލީ އައިޑީކާޑް ހައްދަން ފެށި ޒަމާނުގައި ރާއްޖެ އޮތް ހިސާބު ތަޞައްވުރު ކޮށްލުމަށެވެ.

ކުޑަސިޓީ "އީރާ" ނިމި، އައިޑީ ކާޑުގެ ޒަމާން ފެށިއްޖެއެވެ. ވޯކީޓޯކީގެ ޒަމާނާއި ފޯނު ބޫތުގެ ޒަމާންވެސް ނިމި މިއަދު މިތިބީ އެންމެ ފަހުގެ މޮބައިލް ފޯނާއި އިންޓަނެޓާއި އާޓިފިޝަލް އިންޓަލިޖެންސްގެ ޒަމާނުގައެވެ. ޢިލްމީ ގޮތުން ދިވެހި ބައެއް ދަރިން ޕްރޮފެސަރުންނާއި ހަމައަށް ދަތުރުކޮށްފިއެވެ. ބައްތެލިފަހަރާއި އަނގަމަތި މަސްދޯނި ފަހަރުގައި ފަސިންޖަރުން އުފުލި ޒަމާން ނިމި މިހާރު ގިނަ މީހުން ދަތުރުކުރަނީ އެއަރކޮންޑިޝަން ފެރީތަކާއި ހައިސްޕީޑް ލޯންޗް ފަހަރާއި މަތިންދާ ބޯޓުގައެވެ. މުޅި ރާއްޖެ ބަދަލުވެއްޖެއެވެ. މިތިބީ "ތަރައްޤީ" ވެފައެވެ. އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އުނިވެ، ރާއްޖެ މިހާރު އޮންނަނީ ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައެވެ.

ލައްކަ ވާހަކަ ލިޔެވިއްޖެއެވެ. މިވާހަކަތަކާއި "ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު"އާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ގުޅުން ވަރަށް ބޮޑެވެ. ރާއްޖެ މިވަރަށް ތަރައްޤީ ވުމުންވެސް ޒަމާނާއި އެއްވަރަށް އައިޑީކާޑް ތަރައްޤީއެއް ނުވިއެވެ. ކާޑުގެ ސެކިއުރިޓީ ސިފަތަކުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެކާޑުގައި ލިޔެފައި އޮންނަ އެއްޗެއް ފިޔަވާ "ރައްޔިތުމީހާ"ގެ މާގިނަ މައުލޫމާތެއް (ޑޭޓާއެއް) މިކާޑުން ސާފެއް ނުވެއެވެ. ކާޑުގެ ވެރިފަރާތުގެ މާގިނަ މަޢުލޫމާތެއް ރައްކާކުރެވިފައެއް ނުހުރެއެވެ. މިކަން އެންމެ ބޮޑަށް ފާހަގަވާނީ ބޯހިޔާވަހިކަމެއް ހޯދަން ތަންތަނަށް ފޯމްލަމުން އަންނަ ރައްޔިތުންގެ މަސައްކަތުންނެވެ.

ރާއްޖޭގެ އެންމެ "ހޮޓް" މައްސަލައަކީ ގެދޮރުގެ ދަތިކަމެވެ. ކޮންމެ ހައުސިން ޕްރޮޖެކްޓެއްގައިވެސް ފްލެޓަށް އެދުމަށް ހުޅުވާލައެވެ. މިފަދަ ކޮންމެ ބުރެއްގައިވެސް އެތައް ހާސްބަޔަކު ފްލެޓަށް އެދެއެވެ.

މާލޭގެ ބިން ހިއްކައިގެން ބޮޑުބައެއް މާލެއަށް އިތުރުކުރީ "މާލޭގޭ ރައްޔިތުންނަށް" ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމުގެ ނަމުގައެވެ. ނަމަވެސް އެވަގުތު އޮތް ސަރުކާރުގެ ވެރިންނަށް ފެނުނު ބަޔަކަށް ހިލޭ ގޯތިތައް ކަނޑާލާ ދޫކޮށްލީއެވެ. މައްސަލަ ހައްލެއް ނުވިއެވެ. ޗައިނާ ސަރުކާރުގެ އެހީގައި "ސިނަމާލެ" ފްލެޓް ބިނާކޮށްފައި އެތަނަށް އެދުމަށް ހުޅުވާލީމާ އެތައް ހާސް ރައްޔިތުންނެއް ކުރިމަތިލިއެވެ. ވިލިމާލޭން ގޯތި ދޫކުރަން ހުޅުވާލުމުންވެސް އެތައްހާސް ރައްޔިތުންނެއް ގޯއްޗަށް އެދުނެވެ. ހުޅުމާލެ ހިއްކާފައި އެތަނުން ގޯތިދިނުމަށް ހުޅުވާލީމަވެސް އެތައްހާސް ރައްޔިތުންނެއް ގޯއްޗަށް އެދުނެވެ. ވެށިފަހި މާލެ ޕްރޮގްރާމްގެ ދިގު ކިއުގެ މަތިން ހަނދާން އެބަހުއްޓެވެ. ހުޅުމާލެ ފޭސް 2 ގެ ފްލެޓްތަކަށް ހުޅުވާލުމުން ކިއުޖެހުނީ އެއްޔެ މެންދުރުގައެވެ. އަތްވާ ވާރޭގައި ދިގު ކިއުގައި ފޮނި އުއްމީދުގައި ފޯމް ހުށަހެޅި އެއްވެސް މީހަކަށް އަދިވެސް ކޮޅެއް މެދެއް ނޭގެއެވެ.

ފްލެޓަށް އެދުމަށް ހުޅުވާލީމަ ކޮންމެ ފަހަރަކުވެސް ވަރަށް ބުރަ މަސައްކަތް ކޮށްގެން ފޯމް ހުށަހަޅައެވެ. އެޕްލިކޭޝަން ފޯމްގައި ބުނާ ކަންކަން ފުރިހަމަކުރަން އެތައް ލިޔުމެއް ހޯދަންޖެހެއެވެ. މީގެ ތެރޭގައި އުފަންދުވަހުގެ ސެޓްފިކެޓާއި ރައްވެހިކަމުގެ "ޕްރޫފް" ދެއްކުމަށް އެތައް ލިޔުމެއް ފުރިހަމަ ކުރަން މަޖުބޫރު ކުރުވައެވެ. "ހަތަރުކަށިމަތި" މާލޭ ބޭފުޅެއް ނަމަ ގެދޮރުގެ ރެޖިސްޓްރީ ފަދަ ލިޔުންތަކެވެ. ރަށަކުން މާލެއަށް ހިޖުރަކޮށްފައިވާ މީހެއް ނަމަ ދަފުތަރު މީހެއްކަން އަންގައިދޭ "ދަފުތަރު ސެޓްފިކެޓް"އެވެ. މިތަކެތި ހޯދަން ބައެއް މީހުން ވަރަށް ބުރަކޮށް މަސައްކަތްކުރާތަން ދެކެމެވެ. ވިހިތިރީސް ސާޅީސް އަހަރުވެފައި ހުންނަ ރައްވެހިކަމުގެ ބައެއް ލިޔުންތައް ނުފެނިގެން ދައުލަތުގެ ތަންތަނަށް ރައްޔިތުން ސިޓީވެސް ލައެވެ. ލިއުންތައް ހަމަނުވެގެން އުޅެނިކޮށް ސުންގަނޑި ހަމަވީއެވެ. ބައެއް މީހުންނަށް ފޯމެއް ނުލެވުނެވެ. މަދުވީ އުފަންދުވަހުގެ ސެޓްފިކެޓެވެ. މަދުވީ މާލޭ މުނިސިބަލްޓީގެ ޚާއްސަ ދަފުތަރުގެ ސެޓްފިކެޓެވެ. ނުވަތަ ދަރިންގެ ރައްވެހިކަމުގެ ލިޔުންތަކެވެ. ދެން އަންނަ ބުރަކަށް މަޑުކުރަން މަޖުބޫރުވީއެވެ. މިދިޔަ 30 ވަރަކަށް އަހަރު ތެރޭގައި ކޮންމެ ބުރެއްގައިވެސް ގެދޮރަށް ކުރިމަތިލާ، ނާކާމިޔާބުވި އެތައްހާސް ރައްޔިތުންނެއް އެބައުޅެއެވެ.

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަން ފެށިފަހުން މިހާރު މިއޮތީ ފަސް ވަނަ ސަރުކާރެވެ. ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަންނަން ދައްކާ ވާހަކަތައް އަޑުއަހާލީމާ އުފަލުން ރައްޔިތުންގެ ހިތްތައް ފުރި ބަންޑުންވެއެވެ. ނަމަވެސް އައިޑީކާޑް "ދަމާލީމަ" ނުވަތަ އައިޑީ ކާޑު ނަމްބަރު ޖަހާލީމަ އެއްވެސް ޝައްކެއް ނެތް މިވަރަށް އެއީ ކާކުކަން އިނގޭނެ ފަދަ ނިޒާމެއް އަދިވެސް ރާއްޖެއަކު ނެތެވެ. އެއްވެސް ސަރުކާރަކަށް މިކަމެއް ނުވިއެވެ.

ހަތަރު ވަރަކަށް ލައްކަ މީހުން ވަޒީފާ އަދާކުރާ އެތައް ކުންފުންޏެއް ދުނިޔޭގައި ވެއެވެ. އެތަންތަނުގެ މުއައްޒިފުންގެ ރެކޯޑްވެސް ރާއްޖޭގެ ރަށްވެހިކަމުގެ ރެކޯޑަށްވުރެ ތަފުސީލުކޮށް ބަލަހައްޓައެވެ. ރައްޔިތުންގެ ރައްވެހިކަމުގެ ފުރިހަމަ މައުލޫމާތު އެއްވެސް ސަރުކާރަކަށް ރަނގަޅަށް ބެލެހެއްޓުނު ކަމަކަށް ނުވިއެވެ. މާޒީގައި ރައްޔިތުން ފްލެޓަށް އެދުނުހާ ފޯމުތައް ކޮބާތޯއެވެ؟ އެންމެ ގިނައިން ފްލެޓަށް އެދުނު މީހުންނާއި އެއާއިލާތައް ސަރުކާރަށް އެނގިލައްވާތޯއެވެ؟ އެމީހުން މިހާރު ކޮބާތޯއެވެ؟ އެރެކޯޑްތައް އެބަހުރިތޯއެވެ؟ ރެކޯޑްތައް ހުރިނަމަ ހުރީ އައިޑީކާޑު ހައްދަން ފެށި ޒަމާނުގައި ހުރި ގޮތަށް ފައިލަކާއި ޖެހި ފައިލެއްގައި، ބޮކްސް ފައިލުގައިތޯއެވެ؟ ނުވަތަ މިޒަމާނުގެ ޓެކްނޮލޮޖީގެ ތެރޭގައި ރައްކާކުރެވިފައިތޯއެވެ؟

ދިވެހި ދައުލަތަށް ނިސްބަތްވާ ކޮންމެ މީހެއްގެ އަސާސީ މުހިންމު މައުލޫމާތުގެ ރެކޯޑް ބެހެލެއްޓުމަކީ، އަދި އެމަޢުލޫމާތު ދިރާސާ ކުރުމަކީ ކޮންމެ ސަރުކާރަކަށްމެ ލާޒިމް ކަމެކެވެ. ހިންގުމުގެ ފަސޭހައަކަށް ތަފާތު ނަންނަމުގައި މިނިސްޓްރީތަކާއި އޮފިސްތަކާއި ކުންފުނިތައް އުފެއްދި ނަމަވެސް ރައްޔިތުންގެ ރައްވެހިކަމުގެ އަސާސީ މަޢުލޫމާތު ހުންނަންވާނީ ސަލާމަތީ ފިޔަވަޅުތަކާއިއެކު އެއްވިއުގަޔަކުން ގުޅާލެވިފައެވެ. ރައްޔިތުންނަށް ތަކުލީފު ޖައްސައިގެން ނުވާނެއެވެ. އުފަންދުވަހުގެ ސެޓްފިކެޓާއި ދަފުތަރު ސެޓްފިކެޓް ފަދަ ރައްވެހިކަމުގެ ލިޔުންތައް ގެންނަށް މިޒަމާނުގައި ބުނުމަކީ ލަދުވެތި ކަމެކެވެ. އައިޑީކާޑު ނަމްބަރު ދިނުމުން ފުދެން ވާނެއެވެ. އެއީ ކާކުކަން ސަރުކާރަށް ބެލެންވާނެއެވެ. ވަށާޖެހޭ ޓެކްހުގެ ނިޒާމް ފަދަ އެތައް ނިޒާމެއް ރާއްޖޭގައި ތަންފީޒުވަމުން އަންނައިރު އައިޑީ ކާޑުން އެމީހެއްގެ ރަށްވެހިކަމުގެ އަސާސީ ހުރިހާ މަޢުލޫމާތެއް ޗެކްކޮށް ބެލެން ވާނެއެވެ. ކްރިމިނަލް ރެކޯޑްވެސް ނުބެލެންވީ ސަބަބެއް ނެތެވެ. މިފަދަ އެތައް ކަމަކަށް ބަލާއިރު ދިވެހިންގެ އަތުގައި މިއޮންނަ އައީޑީ ކާޑުން އަދިވެސް "ރައްޔިތު މީހާ"ގެ މުހިންމު ރެކޯޑްތަކެއް ނޭގެއެވެ. ވިހިވިހީގައިވެސް ދިވެހިންގެ އަތުގައި މިއޮތީ ރައްވެހިކަމުގެ ފުރިހަމަ މަޢުލޫމާތު ސާފުނުވާ "އައިޑީ ކާޑް" އެކެވެ. ކާކުކަން ނޭނގުނު އައިޑީކާޑެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
62

One Response

  1. ތިއީ ވަރަށް ބޮޑު ތެދެއް. މަށަކީ ފްލެޓަށް ކުރިމަތިލާން ތިޔަ ތަކުލީފް އުފުލި މީހެއް. ކޮންމެ ފަހަރަކު ތިޔަ ހުރިހާ ކަމެއް ކުރަން ޖެހޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *