Support Us

ނަފުރަތާއި ފިތުނަ އުފެއްދުމުގެ މާޒީއަށް ފުރުސަތު ނުދިނުމަށް ނައިބް ރައީސް އެދިވަޑައިގެންފި

ނަފުރަތާއި ފިތުނަ އުފެއްދުމުގެ މާޒީއަށް ފުރުސަތު ނުދިނުމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު އެދިވަޑައިގެންފި އެވެ.

ޕީއެންސީ ހައުސްގައި ރޭ ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ މާޒީގައި އަދި ތާރީހުން ވެސް ފެންނަން އޮތް ގޮތުގައި ސިޔާސީ ލީޑަރުންނަށް ތާއީދުކޮށް އުފެދިފައި އޮތް ފިކުރުތަކުގައި ގެންގުޅެމުން އައިސްފައިވަނީ ރައްޔިތުން ބޭނުންވި ކަންކަން ނޫންކަން މިފަހުން ބޭއްވި އިންތިހާބުތަކުން ސާފުކޮށް ފެންނަމުން އެބަ އަންނަ ކަމަށެވެ.

އެ ލީޑަރުންގެ ފަރާތުން ދަސްވެފައިވާ އެއްޗަކީ ނޫނީ މުޖުތަމައުން ފެންނަން އޮތް އެއްޗަކީ ނަފްރަތާއި ނޫނީ ދޭދޭ ފަރުދުންގެ މެދުގައި އޮތް އެއްޗަކީ ނަފްރަތާއި ރުޅިވެރިކަމާއި އަދާވާތްތެރިކަން ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ. އަދި އެކަކު އަނެކަކާ އަރައިރުންވުމާއި ސިޔާސީ ގޮތުން ޒާތީވެ އެބަޔަކު ބޭނުންވާ އެއްޗެއް ބުނެލުމުގެ ސިޔާސަތެއް ކަަމަށް ވެސް ވިދާޅުވި އެވެ.

މިއީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ސިފަކަމަށް ބަޔަކަށް ހީވި ނަމަވެސް އަދި ދުލުގެ މިނިވަންކަމާއި ފަރުދީ މިނިވަންކަން އޮތް ނަމަވެސް ދުލުން ބުނެލައި އެއްޗަކުން އިޖުތިމާއީ ގޮތުން ނިކުންނާނެ ނޭދެވޭ އަސަރުތަކާ މެދު ވިސްނާލަން ޖެހޭނެ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

މިހުރިހާ ކަމަކަށް ނިމުން ގެންނަން ބޭނުންވެފައިވާ މިންވަރު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ފެނިގެން ދިޔަ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފެއްދުމާއި ރުޅިވެރިކަން އުފެއްދުން. އެ މާޒީން އަނެއްކާ ވެސް އެކަންކަން ތަކުރާރު ކުރުމަށް މަސައްކަތްތަކެއް ފެށިގެން އައި. އެހެން ނަމަވެސް އަނެއްކާ ވެސް ރައްޔިތުން ބުނީ ނޫނެކޭ. ތިމަންނާމެން ބޭނުމެއް ނޫނޭ މާޒީ އިޔާދަކުރާކަށް. އެ މާޒީން ލިބުނީ ވަރަށް ހިތި ތަޖުރިބާއެކޭ. އޭގެ ސަބަބުން ޖީލެއް ހަލާކުކޮށްލައިފައޭ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެތިބީ،" ނައިބް ރައީސް ވިދާޅުވި އެވެ.

އޭގެ ނަތީޖާއަކަށް ވެގެން ގޮސްފައި ވަނީ މިގައުމުގެ މުޖުތަމައުން ފެންނަ ބޮޑެތި މައްސަލަތަކަކީ އޭގެ ސަބަބުން ފެންނަން ހުރި މައްސަލަތައް ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާ ފަަދަ އަމާން، ސުލްހަވެރި މުޖުތަމައެއް ބިނާކުރެއްވުމަށް ކަމަށާއި ގާނޫނީ ވެރިކަން ރައީސް ނަގަހައްޓަވާނެ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

ސިޔާސީ ވެރިންގެ ފަހަތުން މަސައްކަތް ކުރާއިިރު ވިސްނާލަން ޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށާއި ފާއިތުވި އިންތިހާބުތަކުގައި ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި އޮތްކަމީ މިގައުމުގެ މާޒީގައި ސިޔާސީ ލީޑަރުން ގެންގުޅުއްވި ސިޔާސަތުތައް ރައްޔިތުން ބޭނުންނުވާ ކަމުގެ ހެއްކެއް ކަމަށް ވެސް ނައިބް ރައީސް ވިދާޅުވި އެވެ.

"މި ދަންނަވާ ވެރިން ނިކުމެ އެކި ޒާތްޒާތުގެ ވާހަކަ ދެއްކި ކަމުގައި ވިޔަސް، ރައްޔިތުންގެ ތެރޭގައި ނަފްރަތާއި ރުޅިވެރިކަން އުފައްދައިގެން އޭގެ ނަތީޖާއަކަށްވީ ދޭދޭ ފަރުދުންގެ މެދުގައި ތަޅާފޮޅުން ހިންގުން، ޕާޓީ ނިޒާމުގެ ތެރޭގައި ވެސް ތަޅާފޮޅުން ހިންގުން، ގާނޫނީ މުއައްސަސާތައް ނެރެގެން ވެސް އަނިޔާކުރުން،" ނައިބް ރައީސް ވިދާޅުވި އެވެ.

މިހެން ގޮސް އެ އަނިޔާވެރިކަން އޮތީ މުޅި ގައުމުގައި މޫލާފައި ކަމަށާއި އެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ތަފާތު ދައްކަވާނެ ކަމަށާއި އޭރުން ރައްޔިތުން ނިކުމެ ދެވަނަ ދައުރަކަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ހޮވާކަމުގައިވާނަމަ މިފަހަރު ހޮވާނެ ކަމާ މެދު ޝައްކެތް ނެތް ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ގައުމު ފުދުންތެރިކަން އިތުރުކުރެވި ގައުމު ތަރައްގީކުރެވޭނީވެސް ގައުމުގެ އަމާންކަމާއި ސުލްހަމަސްލަސްކަން އޮވެގެން ކަމަށާއި އެއީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *