މީހަކު ނުވަތަ ބަޔަކު ހިތުން ރުހުމުން ކުރާން ބޭނުންނުވާ ކަމެއް އެ މީހަކު ނުވަތަ ބަޔަކު ލައްވާ ކުރުވުމަށް ތަފާތު އެކި ވައްތަރުގެ ބާރާއި ނުފޫޒު ބޭނުންކުރުމަށް އިނގިރޭސިބަހުގައި ބޭނުންކޮށް އުޅޭ އެއް ލަފުޒަކީ "ކޯއަރޝަން" މި ލަފުޒެވެ. އަޅުގަނޑު މިދޭތެރެޔަކުން ލިޔާން ޤަޞްދުކުރި މަޒުމޫނެއްގައި މި ބަސް ބޭނުންކުރާން ހިތަށްއަރައިފިއެވެ. އަދި މި ލަފުޒުގެ ބަދަލުގައި ބޭނުންކުރާނޭ ދިވެހިބަހުގެ ލަފުޒެއް އޮވޭތޯ ބަލައިލާން ބޭނުންވެއްޖެ އެވެ. އެހެނަސް، އެ ބޭނުމުގައި އަޅުގަނޑަށް ހިނގުނު މަގެއްގެ ގޮތުންވެސް ކަން ނޭނގެޔޭ، އެކަމުގައި އަޅުގަނޑަކަށް ކާމިޔާބީޔާ ހަމަޔަކަށް ވާޞިލެއް ނުވެވުނެވެ. އެހެންކަމުން، އެ ވާހަކަ މިތާނގައި ދައްކައިލައި، ދެތިން މިސާލެއްވެސް ލިޔެލައި ހަދައިލާން ކަމަށެވެ! މުޠަޞައްދިޤް ކޮންމެވެސް ޢިލްމުވެރިޔެއްގެ އަރިހުން އިރުޝާދެއްވެސް ލިބިދާނޭ ކަމުގެ އުންމީދުގައެވެ.
އެންމެ ފުރަތަމަ، ޢާންމު ޚިދުމަތެއް ދޭ ކޮންމެވެސް ތަނެއްގެ ފަރާތުން ފަހަރުގައި ކުރުން އެކަށޭނަ އިޝްތިހާރަކަށް ބައްލަވައިލެއްވުން ކީއްތޯއެވެ! "މި ތަނުން ޢާންމުންނަށް ދޭ ޚިދުމަތްތައް މީގެ ފަހުން އެންމެ އަވަހަށް ދެވޭނީ (މިވެނި) އެޕްލިކޭޝަން އެއް ބޭނުންކޮށްގެން އިންޓަރނެޓް މެދުވެރިކޮށް މި ތަނަށް ހުށައަޅައިގެންނެވެ."
ބައެއް މީހުންނަށް ނަމަވެސް ފެންނަ ފެނުމަށާއި ބަލާ ބެލުމަށް މި އިޝްތިހާރަކު ހަމަ އެއްވެސް މައްސަލަޔެއް ނެތެވެ. އަދި ބައެއް އެހެން މީހުންނަށް ފަހަރުގައި ބުނެވިދާނޭ ގޮތުގައި އިޝްތިހާރުން އެ ފެންނަނީ ތަހުޒީބާއި ތަރައްޤީއާއި ދުނިޔޭގެ ކުރިއެމުގެ މަގުގައި އަޅުގަނޑުމެން ހިނގަމުން ނުވަތަ ދުވަމުން، ކުރިއަރަމުން އަންނަ ހަލުއި މިނެވެ. އެހެން ނަމަވެސް، މަދު މީހަކަށް ނަމަވެސް އިޝްތިހާރުގައި އަޅުގަނޑު މިދެންނެވި "ކޯއަރޝަން"ގެ ކުލަޔެއް ހިފައިފައި ހުރި ތަން ފެނި، ހިތްހަމަނުޖެހޭ ގޮތެއް ވެފައި ހުރުން ވެސް އެކަށީގެންވެއެވެ.
އަޅުގަނޑު ފަހުން މިދެންނެވި ގިންތީގެ މީހުންގެ ލޮލުގައި އަޅައިގަންނަ ކަމަށް އެ މީހުން ބުނަނީ އިޝްތިހާރުގެ ޢިބާރާތުގައި އެ އޮތް "މި ތަނުން ޢާންމުންނަށް ދޭ ޚިދުމަތްތައް މީގެ ފަހުން އެންމެ އަވަހަށް ދެވޭނީ…" މިހެން އެ އޮތް ތަންކޮޅުގައެވެ. އެ މީހުން ބުނާ ގޮތުގައި، އެ ފަދަ އިޝްތިހާރެއް ކުރާ ފަރާތަކީ ޢާންމު ޚިދުމަތެއް ދިނުން އެ ފަރާތަކަށް ޤާނޫނީ ގޮތުން ލާޒިމުވާ ފަރާތަކަށް ވާ ނަމަ، އެ ފަރާތަކުން އެ ކުރާ ކަމަކީ އެ ފަރާތަކުން އެ ބުނާ "އެޕްލިކޭޝަން" އެއް ތިމާގެ އަމިއްލަ ފޯނަށް އެޅުން މަޖުބޫރުކުރުވުން ކަހަލަ ކަމެކެވެ. އެހެނީ، އެންމެ އަވަހަށް ތަނުގެ ޚިދުމަތް ލިބޭނީ އެ "އެޕްލިކޭޝަން" އެ ބުނާ ގޮތަށް ބޭނުންކުރާ މީހުންނަށް ކަމަށް ވާތީއެވެ! އަދި ހިތާ ދެކޮޅަށް ނަމަވެސް އެ ބުނާ "އެޕްލިކޭޝަން"އެއް ބޭނުންކުރާން އެހެން މީހުންނަށް ފާޑެއްގެ މަޖުބޫރެއް ކުރެވޭތީއެވެ. އެހެން ކަމަށް ވަންޏާ، އެ ލަފުޒެއް ދިވެހިކޮށްލަން އަޅުގަނޑު ބޭނުންވާ "ކޯއަރޝަން" (ނުވަތަ މީހަކު ނުވަތަ ބަޔަކު ހިތުން ރުހުމުން ކުރާން ބޭނުންނުވާ ކަމެއް އެ މީހަކު ނުވަތަ ބަޔަކު ލައްވާ ކުރުވުމަށް ތަފާތު އެކި ވައްތަރުގެ ބާރާއި ނުފޫޒު ބޭނުންކުރުން) އޭގެ ތެރެޔަކު ނުހިމެނޭ ތޯއެވެ؟
ދެން ވިސްނާވަޑައިގެން ބައްލަވާށެވެ! އިޝްތިހާރުގައި އެ ބުނާ ކަހަލަ "އެޕްލިކޭޝަން"އަކީ މި ޒަމާނުގެ ސްމާޓްފޯނަކަށް ނޫނީ އެޅޭނޭ އެއްޗެއް ނޫނެވެ. އެހެން ކަމަށް ވަންޏާ، ތިމާގައި ފޯރުންތެރިކަން ނެތުމުން، ނުވަތަ އެހެން ކޮންމެވެސް ސަބަބަކަށްޓަކައި ނަމަވެސް "ބައްތި ފޯނު" ގެންގުޅޭ މީހުން ޖެހޭނީ ހިތާ ދެކޮޅަށް ނަމަވެސް ސްމާޓްފޯނެއް ހޯދާށެވެ. އަޅެ ވިދާޅުވެބައްލަވާށެވެ. އެއީ މިދަންނަވާ "ކޯއަރޝަން"ގެ ބާވަތަކަށް ނުވޭތޯއެވެ؟
މި ހިސާބަށް ޚިޔާލު ދިޔުމާއެކު، ކަމާ ގުޅޭ އެހެން އެއްޗިހިތަކެއް ވެސް އަޅުގަނޑުގެ ހިތަށް އަރާން ފަށައިފިއެވެ. އެހެންކަމުން، އެ ކަހަލަ ވާހަކަޔެއްވެސް މިތާނގައި ދަންނަވާނަމެވެ.
މިހައިރަކަށް އައިސް ބައެއް ތަންތަނުން ބުނާ ގޮތުގައި، އެ ތަންތަނުގެ ޚިދުމަތް ޤަވާޢިދުން ހޯދާ މީހުންނަކީ އެ ތަންތަނުގެ ވައިބަރ، ނުވަތަ ވަޓްސްއެޕް، ނުވަތަ ވީޗެޓް، ނުވަތަ ސްލެކް ކަހަލަ ކޮންމެވެސް "އެޕްލިކޭޝަން"އެއްގައި އެ ތާކުން ހަދައިގެން އުޅޭ ގުރޫޕެއްގެ މެންބަރަކަށް ހަމަ ކޮންމެހެން ވެސް ވާންޖެހެއެވެ. އެހެން ނޫނިއްޔާ… އެ ތަންތަނުން ކުރާ ކަންކަމާއި އެ ކަންކަން ކުރާން ޖެހޭ ގޮތްގޮތަށް އަންނަ ބަދަލުތައް އެ ގުރޫޕްތަކުގެ މެންބަރުން ކަމުގައި ނުވާ ބަޔަކަށް ޢަމުދުން ނޭނގި، ގުރޫޕުގައި ނޫޅޭ މީހުން މުޅީން ބާކީވާން ވެސް ޖެހި ދެއެވެ.
މި ޒާތަށް ގުރޫޕް ތަކުގެ މެންބަރުންނަށް ވާން ބޭނުން މީހުން "ބައްތި ފޯނު" އެއްލައިލައި، ދަރައި ވިކިގެން ނަމަވެސް ސްމާޓްފޯނެއް ގަނެ، އެ ފޯނު ބޭނުންކުރާން ދަސްކޮށް ހެދުމުގެ އިތުރުން އަދި އެހެން ކަންތައްތަކެއްވެސް ހިމެނެއެވެ. އެއީ، މި ދެންނެވި ފަދަ ގުރޫޕެއްގެ މެންބަރަކަށް ވެވޭނީ އެ ގުރޫޕެއްގެ މައި "އެޑްމިނިސްޓްރޭޓަރ" އެ މީހަކު ގުރޫޕަށް ވެއްދިއްޔާއެވެ. އެހެން ކަމުން، ގުރޫޕަށް ވަންނަން ބޭނުންވާ މީހާޔަކީ "އެޑްމިނިސްޓްރޭޓަރ" އެ މީހަކާ ނުރުއްސަވައިގެންފައިވާ މީހަކަށް ވާނަމަ، ވަންނަން ބޭނުންވާ މީހާ ބަހައްޓާނީ އަދި ހުންނާން ޖެހޭނީ ގުރޫޕުން ބޭރުގައެވެ. ގުރޫޕުގެ ޙަރަކާތް ތަކުން ބާކީކުރެވި، އެއްފަރާތްކުރެވިފައެވެ. އެހެންކަމުން "އެޑްމިނިސްޓްރޭޓަރ" އަކީ އޮލަނބުން ކުޑައިކޮށް ކަތި މީހަކަށް ވިޔަސް، އޭނާގެ ރުހުން ހޯދައި، އެ ރުހުން ދެމެހެއްޓުމަކީ ވެސް ގުރޫޕުގައި ދެމިހުންނާން ބޭނުންވާ މީހާގެ މައްޗަށް "ކޯއަރޝަން"ގެ ހަމަތަކުގެ މަތީން ލާޒިމުވާ ކަމަކަށް އޮންނާނީ ވެފައި ނޫންތޯއެވެ!
ދެން އަދި، ފަހުން މިދެންނެވި ފަދަ ގުރޫޕްތަކުގައި އަދި އެހެން ކަމެއް ވެސް ބައެއް ފަހަރު ހިނގައިފާނެއެވެ. އެއީ ހަފުތާޔަކު ހަތް ދުވަހު ދުވާލަކު ސައުވީސް ގަޑިއިރު ގުރޫޕު ހޭލައި އަދި ޙަރަކާތްތެރި ކޮށް އޮތުމެވެ. ގުރޫޕް މިހެން އޮތުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ކަމަށް އެންމެނަށް ފެންނަންޏާ، ނުވަތަ އެޔާ ދެކޮޅަށް އެއްޗެއް ބުނާން އެއްވެސް މީހަކަށް ނުކެރެންޏާ، ހުކުރުވިލޭރެޔެއްގެ މެންދަމުން އަލިވެ ދޭއް ޖަހާއިރުވެސް ގުރޫޕާ މުނާސަބު ކޮންމެވެސް ކަމެއް، ހަމަޔެއް، އުޞޫލެއް، ނުވަތަ އެ ފަދަ ކޮންމެވެސް ކަމެއް "އެޑްމިނިސްޓްރޭޓަރ" ބަދަލުކޮށްލައިފާނެއެވެ. އޭނާޔަށް ނިދީން ހޭލެވިގެން ސިއްސައިގެންދާތަނުން އައި މޮޅު ޚިޔާލެއްގެ ސަބަބުންނެވެ. އެހެންކަމާ އެކު، ކުރިމަތީގައި އޮތް ހުކުރުދުވަސް ކަމަށް ވާ "މާދަމާ ހެނދުނު ހައެއްގެ ކުރީން" ކޮންމެވެސް ކަމެއް ކުރުން ގުރޫޕުގެ އެންމެންގެ މައްޗަށް "އެޑްމިނިސްޓްރޭޓަރ" ލާޒިމުކޮށްފާނެއެވެ. މިކަހަލަ ކަންކަން ދިމާވާން ފެށީމައި، ގުރޫޕުން ބާކީ ނުވެ، "އެޑްމިނިސްޓްރޭޓަރ"ގެ ނުރުއްސެވުމުން ސަލާމަތްވެ ތިބޭން ބޭނުން މެންބަރުންނަށް ދެން ޖެހޭނީ ހަފުތާޔަކު ހަތް ދުވަހު، ދުވާލަކު ސައުވީސް ގަޑިއިރު، ފޯނު ނިއްވައިނުލައި އަދި ވައިފައި ނުވަތަ ޑޭޓާ ޖައްސައިގެން އުޅޭށެވެ. ހިތާ ދެކޮޅަށެވެ. އެ ހިސާބުން، "ކޯއަރޝަން"ގެ ހަމަތަކުގެ މަތީން އެންމެންގެ މައްޗަށް ލާޒިމުވާ ކަމަކަށް އެ ކަން ވެސް އޮންނަނީ ވެފައެވެ.
ދެން އޮތީ ފޯނާއި އެސް.އެމް.އެސް މުޅީން ދޫކޮށްލައި، ވައިބަރ، ނުވަތަ ވަޓްސްއެޕް، ނުވަތަ ވީޗެޓް، ނުވަތަ ސްލެކް، ނުވަތަ ސިގްނަލް، ނުވަތަ ޑިސްކޯޑު ފަދަ ކޮންމެވެސް "އެޕްލިކޭޝަން"އެއްގެ ބޭނުންކުރުމަކީ ތިމާ ހިންގާ ފިހާރައިގައި މަސައްކަތްކުރާ އެންމެހައި ސޭޓުންނަށް މަޖުބޫރުކުރާ ޒާތުގެ ފިހާރަވެރީން އެ ކުރާ ކަންތަކުގެ ވާހަކައެވެ. ފިހާރަވެރިޔާގެ ދަށުން މަސައްކަތްކުރާ ސޭޓުން ކުރެ އެއް ސޭޓަކީ އެ ބުނާ "އެޕްލިކޭޝަން"އެއްގެ ރައްކާތެރިކަމާ މެދު ޝައްކު އުފެދޭތީ އޭނާގެ ބެންކު "އެޕްލިކޭޝަން"ވެސް ގެންގުޅޭ ފޯނަށް އެ ބުނާ "އެޕްލިކޭޝަން" އަޅާން ޖެހިލުންވާ މީހަކަށް ވިޔަސް، ހިތާ ދެކޮޅަށް ނަމަވެސް އޭނާޔަށް މަޖުބޫރު އެ ވަނީ ބޮޑުމީހާ އެ ބުނާ "އެޕްލިކޭޝަން" އަމިއްލަ ފޯނަށް އަޅާށެވެ. ނުވަތަ އެ ސޭޓަކީ "ބައްތި ފޯނު" ގެންގުޅޭ މީހެއް ނަމަ… ނުވަތަ ބޮޑުމީހާޔަކީ ހުކުރުވިލޭރޭ ދަންވަރު ހޭލެވިގެން… "ކޯއަރޝަން"ގެ ހަމަތަކުގެ މަތީން، މަތިމައްޗަށް… އަޅެ އެހެން ނޫންތޯއެވެ؟
އަދި ދަންނަވަން ތޯއެވެ! ބައެއް ކުންފުނި ފަދަ ތަންތަނުން ޚިދުމަތް ހޯދާން ބޭނުންވާ މީހުންގެ މައްޗަށް ސީދާ އެހެން ނުބުނެ ނަމަވެސް ނަތީޖާގެ ގޮތުން ލާޒިމް ކުރާ ޚާއްޞަ "އެޕްލިކޭޝަން" އަކީ ވަކި އިސްޓޯރަކުން ނަގައިގެން ވަކި މަރުކާއެއްގެ ފޯނަކަށް ނޫނީ ނުއެޅޭ "އެޕްލިކޭޝަން"އަކަށް ވެއްޖިއްޔާ، ޚިދުމަތް ބޭނުންވާ މީހާޔަށް ދެން ޖެހޭނީ އެއްކަލަ ޚާއްޞަ މަރުކާގެ އަގުބޮޑު ފޯނެއްވެސް ދެލޯމަރައިފައި ގަންނާން، އެހެން ނޫންތޯއެވެ؟ އެހެން ވެއްޖިއްޔާ، އެކަމުގައި ހިމެނޭ "ކޯއަރޝަން"އަށް އަޅުގަނޑުމެން ދޭނީ ސަތޭކަޔަކުން ކިތަކަށް މާކުސް ތޯއެވެ؟
ދެން އަޅުގަނޑު ހިތަށް އަރަނީ މި ވޭތުވެ ދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ހަމަ އެންމެ "ސޮފްޓްވެއަރ" އެއްގެ ސަބަބުން ދުނިޔޭގެ އެތައް ވިޔަފާރިޔަކަށް އެރި ލޮޅުމެވެ. ދެން އެކަމަކު އެ ވާހަކަ އިހަށް ބާއްވާނީއެވެ. އެހެން ދުވަހަކަށެވެ. އަދި ހަމަ އެޔާއެކު، ފޯނާއި އެސް.އެމް.އެސް އާއި އީމެއިލް ބޭނުންކުރުން ފަދަ މުސްކުޅި ކަޓުމުއްލާ އާދަތައް ދޫކޮށްލައި، "ބައްތި ފޯނު" ރާއްޖެޔަށް އެތެރެކުރުންވެސް ހުއްޓައިލާން ހިތުލައި، ފަރަންޖީ ކޮންމެވެސް ޤައުމަކުން އަޅުގަނޑުމެންގެ ފޯނުތަކަށް ވަދެ، ފޯނުގައި ހުރި ސިއްރު ނުވަތަ ޒާތީ އެންމެހައި މަޢުލޫމާތެއްގެ ނަކަލު ނަގައި، އެ މަޢުލޫމާތު އެހެން ފަރާތްތަކަށް ސިއްރުން ވިއްކައި، ފޯނުގައި ދެންވެސް ހުރި ހުރިހައި އެއްޗެއް ބަލައި، އެ އެއްޗިއްސާ ކުޅެ ހެދުމުގެ ބާރު އެ މީހުންނަށް ދިނުމުގައި އަޅުގަނޑުމެންގެ "ކޯއަރޝަން"އެއް އޮތް ކަމެއް ނެތް ކަމެއް އަޅުގަނޑަކަށް ނޭނގެޔޭ ދަންނަވައިފައި، އެ ވާހަކަ ވެސް އެ ހިސާބަށް ނިންމައިލާނަމެވެ.
އެހެނީ، މި މަޢުޟޫޢުގެ މައްޗަށް ބިނާކޮށް ލިޔާ ރަނގަޅު މަޒުމޫނެއް އަޅުގަނޑަށް ލިޔެވެން އަންނަނީ، މީހަކު ނުވަތަ ބަޔަކު ހިތުން ރުހުމުން ކުރާން ބޭނުންނުވާ ކަމެއް އެ މީހަކު ނުވަތަ ބަޔަކު ލައްވާ ކުރުވުމަށް ތަފާތު އެކި ވައްތަރުގެ ބާރާއި ނުފޫޒު ބޭނުންކުރުމަށް އިނގިރޭސިބަހުގައި ބޭނުންކޮށް އުޅޭ "ކޯއަރޝަން" މި ލަފުޒުގެ ބަދަލުގައި ބޭނުންކުރާނޭ ދިވެހިބަހުގެ ލަފުޒެއް އަޅުގަނޑަށް ލިބުނީމައެވެ. އަދި އެޔާ ވިދިގެން ބޭނުންކުރާން ހުރި ލަފުޒުތައް ކަމަށް ވާ "ސޮފްޓްވެއަރ"، "އެޕްލިކޭޝަން"، އަދި "އެޑްމިނިސްޓްރޭޓަރ" މި ލަފުޒުތަކުގެ ބަދަލުގައި، އަދި މިފަދަ ދެންވެސް ގުޅޭ އެހެން ލަފުޒުތަކެއް ވެސް ހުރިއްޔާ އެ ލަފުޒުތަކުގެ ވެސް ބަދަލުގައި މިހައިރު ހައްދަވައިގެން ބޭނުންކުރައްވާ ދިވެހި ލަފުޒުތައްވެސް އަޅުގަނޑަށް ލިބިގެންނެވެ. އެހެންކަމުން، މި ކަމުގައި ކޮންމެވެސް މިންވަރެއްގެ ހެޔޮފުޅުކަމެއް ދައްކަވާނޭ ކޮންމެވެސް ޢިލްމުވެރިޔެއް ނުވަތަ ޢިލްމުވެރީންގެ އަރިހުން ބިނާކުރުވަނިވި، ފައިދާ ހުރި، މާނަ ހުރި އިރުޝާދެއް އަޅުގަނޑަށް ފޮނުއްވައިދެއްވާނޭ ކަމުގެ އުންމީދުގައި އަޅުގަނޑު އެބަހުރި ވާހަކަ ދަންނަވައިލައި، އެ ހިސާބަށް ވާހަކަ ކުރުކުރީމެވެ.
