ސަރުކާރުން ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅުތަކުން ރައްޔިތުންނަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށް ރައްޔިތުންގެ މަޖުލީސްގެ ނައިބް ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހައުސްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އިގުތިސާދީ ކަންކަން އިސްލާހުކުރުމުގެ ޕްރޮގްރާމެއް މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާއިރު އެ ކަންތައް އިސްލާހުކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމަކީ އާމްދަނީ ޢިތުރުކުރުމާ ހަރަދުތައް ކުޑަކުރުން ކަމަށެވެ.
"ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާ އެއްވެސް ފިޔަވަޅެއްގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެއްވެސް ކަހަލަ އުނިކަމެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީން އެބަ އޮތް،" ނާޒިމް ވިދާޅުވި އެވެ.
އިގުތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުން ގެންދިޔަ ނަމަވެސް ރައްޔިތުންނަށް މިހާރު ވެސް ލިބެމުން އަންނަ ހިދުމަތްތައް އެންމެ ފުރިހަމައަށް ލިބެމުންދާނެ ކަމަށް ނާޒިމް ވިދާޅުވި އެެެވެ.
ހަަަމަ އެއާއެކު އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އެއްވެސް ކަހަލަ އުނިކަމެއް ނެތި އެ ހިދުމަތްތައް ލިބެމުންދާނެ ގޮތަށް ބަޖެޓްގެ ކަންތައްތައް ނިމިގެންދާނެ ކަަަމަށް ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުން ފަށައިފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިންމެން އޮތް މަޝްރޫއުތައް ވީއެންމެ އަވަހަކަށް ނިންމުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް މި ސަރުކާރުން އަޅާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ޖެހޭ ބައެއް ފިޔަވަޅު އެޅިޔަސް، ރައްޔިތުންގެ ތެރެއިން ބޭނުން ޖެހިފައިވާ ރައްޔިތުންނަށް އާސަންދަ ވިޔަސް އެހެން ކަމެއް ވިޔަސް އެކަންކަން ފުރިހަމަ ވެގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ހަރަދު ކުޑަކުރަން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެެެވެ. އެގޮތުން މަޖިލީހުގެ މަސައްކަތްތައް ފަށައިގެން މިހާތަަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އާސަންދައިގަ އެކަނި ވެސް 1.1 ބިލިއަން ރުފިޔާގެ ބިލް މިދިޔަ ސަރުކާރު ނުދައްކާ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިވީ އަށް މަސް ދުވަހުގެ ތެރޭގައި 1.4 ބިލިއަން ރުފިޔާ މި ސަރުކާރުން އާސަންދައިގެ ހިދުމަތްދޭ ފަރާތްތަކަށް ދައްކާފައިވޭ،" ނާޒިމް ވިދާޅުވި އެވެ.
އެހެންކަމުން އެހުރިހާ ބިލްތަކެއް ދައްކައިފައިވެސް ރައްޔިތުންގެ ތެރެއިން އާސަންދަ ހިދުމަތް ލިބެންޖެހޭ ފަރާތްތަކަށް އެ ހިދުމަތް ނުލިބިގެން އުޅެން ނުޖެހޭނެ ކަމަށާއި އެ ހިދުމަތްތައް ބޭނުންވާ ފަރާތްތަަކަށް އެ ހިދުމަތް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން މިޖެހެނީ އަދިވެސް އެގޮތަށް ދައުލަތުން ދައްކަންޖެހޭ ބިލްތަކާ އެއްޗެހި ހުރުމުން ކަމަށާއި އަންނަ ނޮވެމްބަރުގައި އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް އައިސް ބަޖެޓް ފާސްވެގެންދާއިރު ރައްޔިތުންގެ ތެރެއިން ކަންކަަމަށް ބޭނުންވާ މީހުންނަށް އެ ބޭނުންވާ ފައިސާ ބަޖެޓްގައި ހިމެނިފައި އޮންނާނެކަން ޔަގީން ކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އިގުތިސާދު ރަނގަޅުުކުރުމަށްޓަަކައި ބޭރުގެ ފަރާތްތަކުން ހޯދަން ޖެހޭ އެހީތައް ހޯދުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެކަންކަން ތަރުތީބުވެގެން ދިޔައީމަ އިގުތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށެވެ.
މި ސަރުކާރުން ކަންކަން ކުރަމުން އަންނަނީ ރައްޔިތުންނާ އެއް ހަަމައެއްގައި ތިބެގެން ކަަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތަކާ ހަތަރު ކަޅި ހަމަނުކުރެވޭ ހާލަތަކަށް ގައުުމުގެ އެއްވެސް ކަަމެއް ނުކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ، އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަަަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ މިއަހަރުގެ ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރުުުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އެވެ.



advertisment