އާދޭހެވެ! ޒަމާން ބަދަލުވެއްޖެއެވެ. ތަރައްޤީއޭ ކިޔުނު އޮޑި މި ރާއްޖެޔަށްވެސް ލަފައިފިއެވެ. އެދުރު މީހާ އޭނާގެ ދަރިވަރުންނަށް ހިތުހުރިހައި އެއްޗަކުން ބައިކުޅަބައެއް އުނގަންނައިދީ، އެދުރުދައިތަޔަށް ފެންނަ މަޚުރަޖަޔަކުން އަކުރު އުނގަންނައިދިނުން މާޒީވެއްޖެއެވެ. ރާއްޖެޔަށް ނިސްބަތްވާ އެދުރުންނަށް މުދައްރިސުންނޭ ކިޔަސް އެންމެ ރަނގަޅުވެފައި، ބިދޭސީޔަކު ނަމަ ދޭސީޔަކަށް ވުރެ މޮޅު ކަމަށް ކިޔުމާއެކު އޭނާޔަށް ޓީޗަރު ނުކިޔައިފިއްޔާ ކަމުނުގޮސްފައިމެ، މި ދެ ގިންތީން ކުރެ އެއް ގިންތީގެ މީހަކަށް ނަމަވެސް މަންހަޖޭ ކިޔޭ އެއްޗެއްގެ ތަރަހައިން ބޭރުވުން މަނާ ދުވަސް ވެސް އަތުވެއްޖެ މެއެވެ. އަދި އެ މަގުން އެންމެން ހަމަހަމަވެ، ތަހުޒީބުގެ ގުސްދަސްތާ އެންމެންގެ ކަރުގައި އެޅުވިއްޖެ ވެސް މެއެވެ.
ދެން ފަހެ، މިފަދައިން ތަހުޒީބުވެގަތުމުގެ ކުރާ މަސައްކަތުގެ ނަތީޖާވެސް ފެންނާން ވާނެ ނޫންތޯއެވެ! އެހެންކަމުން، އާދައިގެ މީހުންގެ ދަރީން ރާއްޖޭގެ އެކި މަދުރަސާތަކުން، އަދި ތަންކޮޅެއް ބާރުވެރި، ފައިސާވެރި މީސްތަކުންގެ ދަރީން ރާއްޖޭން ބޭރުގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ކިޔަވައިގެން އައިސް، ތަހުޒީބު ދުނިޔެއެއްގައި އެންމެން އުޅޭ ގޮތަށް އުޅޭން ފަށައިފި މެއެވެ. ނުވަތަ އެ އެންމެން އުޅޭ ގޮތަށް އުޅެވޭތޯ މަސައްކަތްކުރާން ފަށައިފި މެއެވެ.
ތަހުޒީބު ދުނިޔެއަކަށް މިދެންނެވި ބީދައިން ހޭލައިގަންނަމުން، ބޮޑެތި މީހުންގެ ސަފުތަކަށް އަލަށް ވަންނަމުން ދިޔަ، ޢަދަދުން އަދި ނިސްބަތުން މަދު ނަމަވެސް، ބައެއް މީހުންނަށް ނަމަވެސް ހީވާން ފަށައިފި ކަހަލަޔޭ، ރާއްޖޭގައި ދާދި އިހަށް ދުވަހަކާ ޖެހޭންދެން ގެންގުޅުނު ބައެއް އާދަތަކާއި، ހަމަތަކާއި، ގޮތްތަކަކީ މި ޒަމާނަކަށް އެއިން މާކަ ބޮޑު ބޭނުމެއް ހިފޭނޭ އާދަތަކެއް ނޫނޭ، ދުވަހާ ބައްދަލު ހަމަތަކެއް މެ ނޫންމެޔޭ، އަދި ކިއެއްތޯއޭ، ޢަމުދުން މިހައިރުގެ ގޮތްތަކެއް ނުމެ ނޫން މެޔޭ! އެހެންކަމުން، ބޮލުގައި ނުރައިގެ އަސަރު ހުރި ކޮންމެ މީހަކީ 'ގެޔަށް ކަނޑާލަން' ޖެހި، އެކަން ނުކުރާން ގަދަފައި ވިދެފައި ހުރި މީހެކޭ، އިހުގެ އާދަކާދަޔަށް ތަބާވުމަކީ ކަޓުމުއްލާއިންގެ ގޮތެކޭ ދިމާޔަށް އަދި ނުބުންޏަސް، މިދެންނެވި ޒާތުގެ ޒަމާނީ ބައެއް މީހުންގެ ޢަމަލުތަކުން އެހެން ބުނާން އުޅޭ ކަހަލަޔޭ ހީވާ ފަހަރުފަހަރުވެސް އާދެއެވެ.
ޢަދަދުން އަދި ނިސްބަތުން މަދު ނަމަވެސް، ހަމަ ދެންމެ މިދެންނެވި ޒާތުގެ މީހުން އެމީހުންނަށް ވުރެ ދުވަސްވީ މީހުންނާ ދޭތެރޭ ބައެއް ފަހަރު ޢަމަލުކުރާ ގޮތް ފެނިފައި ދެރަ ނުވާން ހުންނަ މީހާވެސް ދެރަވާ ފަހަރު މިހައިރަކަށް އައިސް އެބަ އާދެއެވެ. ތިމާ އަތުގައި އޮތް، ނުވަތަ އޮތް ކަމަށް ބުނާ، ލެޓިން އަކުރުގެ ސައިޒުން ބޮޑު ތިން އަކުރުން ޖަރީކުރެވިފައިވާ ކަރުދާސް ކޮޅުގެ ޙައްދެއް ނެތް ކަމަށް ހީވާ ބާރު ނަފުސަށް އައުމާ، އެ ފަދަ އެއްޗެއް އަތުގައި ނެތް މީހާޔަކީ އުޑެއް ބުޑެއް ނުދަންނަ ގަބިޔާއެއް ކަމަށް ހީވުމާ، މިއީ އެކެއްގެ ހެޔާއި ބުއްދީގައި އެއް ފަހަރާ ޖަހާ ރާޅެއްގެ ފޮނަށް ވެސް އޮންނަނީ ވެފައެވެ.
ދެންފަހެ، ފަހުން މި ދެންނެވި ބާވަތުގެ މީހަކާ، އިސްވެ ދެންނެވި ޒާތުގެ، ނުރަޔަށް ތާއީދުކުރުން ކަށަވަރުވެފައިވާ މީހަކާ ބައްދަލުވާ ހިނދު ބައެއް ފަހަރު ކަން ހިނގާ މަގީ، އެތަން ފެންނަފަށުގައި ހުންނަ، ޙަޤީޤީ މާނައިގައި ތަޢުލީމާއި ތަހުޒީބު ލިބިގެން ހުރި މީހަކު ސިއްރުސިއްރުން ނަމަވެސް ހިތާމަކޮށް، ކަރުނައަޅާ ވަރުގެ ކަމެކެވެ. އެހެނީ، ގައިބާރުހުރި ޒުވާނާ މުސްކުޅިޔާޔާ ވަރަށް އާދައިގެ ބަހުރުވައިން މުޚާޠަބް ކޮށް، މުސްކުޅިޔާޔަކީ ހަމަ އެއްވެސް އެއްޗެއް އެނގޭ މީހެއް ނޫން ކަން އެފަކީރަށް ބުނެދޭން އުޅެ، މުސްކުޅިޔާޔަށް ހިކި އަމުރުން އަމުރުކޮށް ހެދުމަކީ މި ދެންނެވި ފަދަ ޙާލަތްތަކުގައި ބައެއް ފަހަރު ނަމަވެސް ކަން ހިނގާ ދެރަ މަގެވެ. އަދި ދަންނަވަންތޯއެވެ! ދުނިޔެއާއި ޙާލަތާއި ކަން ހިނގާ ގޮތަށް ބަލާ އިރު، މިފަދަ ދަނޑިވަޅުތަކުގައި މި ދެންނެވި ޒާތުގެ ޒުވާނާ ހުންނަނީވެސް ގައިބާރާއި ތިން އަކުރަށް ވުރެ އިތުރު ބާރުތަކަކުންވެސް ބާރުވެރި ވެގެން ކަމަށް ވާތީ، މުސްކުޅިޔާ އޭނާޔަށް އެކަށީގެންވާ ރައްދު ޖަވާބެއް ދީފިތަ، ގޯސް ހެދި ކަމަށް ވާނީވެސް ގިނަ ފަހަރަށް މުސްކުޅިޔާއެވެ.
އަދި މިފަދަ ގިނަ ޙާލަތްތަކުގައި ހިނގާ އެހެން ކަމެއްވެސް ބައެއް ފަހަރު ފާހަގަ ކުރެއްވިދާނެއެވެ. އެއީ، މުސްކުޅިޔާޔާ މުޚާޠަބް ކޮށް، ރިވެތި މަގުން ސަލާމެއް ގޮވައިލުމަކީވެސް މި ދެންނެވި ފަދަ މުޢާމަލާތްތަކުގެ ތެރޭގައި އޮންނަ ކަމަކަށް ނުވުމެވެ. އެކަމަކު ދަންނަވަންތޯއެވެ! އެހެން ކަން ދިމާވާ ހަމަ ކޮންމެ ފަހަރަކު މުސްކުޅިޔާޔަށް ލިބިގެން އެ ދަނީ ހައުދަހައި މޮޅު، ހެޔޮ ފުރުޞަތެކެވެ. އެއީ، ދިވެހި ބަހުން ހަމަ އެންމެ ލަފުޒެއްވެސް ނުކިޔައި، އެކަމަކު ދިވެހީންގެ ރިވެތި އާދަކާދައިގެ ތެރެއިން، އަދި އަޅުގަނޑުމެންގެ އިސްލާމީ ސުލޫކުގެ ބޭނުންވެސް ފިސާރި ރަނގަޅަށް ހިފައިގެން، ބުނާން ބޭނުންވާ އެއްޗެއް ބުނެލުމުގެ ފުރުޞަތެވެ. އެއީ ކިހިނެއްހޭ ބައެއް ބޭފުޅުން އެއްސެވުމުގެ ކުރީން އޭގެ މިސާލެއް އަޅުގަނޑު މިތާނގައި އެންމެ ބޭފުޅުންނަށް އަރުވާނަމެވެ.
"….." ޒުވާނާ ވަރަށް އާދައިގެ ބަހުރުވައިން، މުސްކުޅިޔާޔަކީ ހަމަ އެއްވެސް އެއްޗެއް އެނގޭ މީހެއް ނޫން ކަން އޭނާޔަށް ބުނެދޭން ކުރި މަސައްކަތާ އެކު، މުސްކުޅިޔާޔަށް ކުރި ހިކި އަމުރު، ތަފްޞީލު ނުކޮށް، ތިކިތަކަކުން.
"ވަ ޢަލައިކުމުއް ސަލާމް!" މުސްކުޅިޔާ އެ ބަލައިގަތީ ނުގޮވާ ސަލާމެކެވެ. އަދި ހަމަ އެހެންމެ، ނުސިޔާނު އެއްވެސް ބަހެއް ނުބުނެ، އޭނާ ބުނާން ހުރި އެތައް އެއްޗެއް ވެސް އެ ބުނީއެވެ. ބުއްދިޔެއް ހުރި ކޮންމެ މީހަކަށް ފިސާރި ރަނގަޅަށް ދޭހަވާ ބީދައިންނެވެ!
ދެން އަޅުގަނޑު އިތުރަށް ދަންނަވާނީ ހަމަ އެންމެ އެއްޗެކެވެ. އެއީ ހަމަ އެންމެ ސުވާލެކެވެ. އެއީ މިއެވެ. އަޅެ، އަޅުގަނޑުމެންގެ ތެރޭގައި ތަންކޮޅެއް ގޯސްކޮށް ކަމެއް ހިނގާ ނަމަ، އެ ކަމެއް ހަމަ މަގަށް އަޅުވައި، އިޞްލާހުކޮށްލުމަކީ ހަމަ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް ކަމަށް ވަންޏާ، ތަންކޮޅެއް ނުސީދާކޮށް މިދެންނެވި އެއްޗެއްގައި ކުޑައިކޮށް ސިދާކޮށްލާން ޖެހޭ ގުދެއް އެބައޮތްތޯއޭ އެވެ.
"ވަ ޢަލައިކުމުއް ސަލާމް!"
