Support Us

އައްޑުއަށް ޕެރިޝަބަލް ކާގޯ ހިފައިގެން އިންޑިއާ ބޯޓު ތިން ވަނަ ދަތުރު އަޅައިފި

އިންޑިއާގެ ޓުޓިކޮރިން އިން ޕެރިޝަބަލް އަދި ޖެނެރަލް ކާގޯ ބަރުކޮށްގެން އައި ބޯޓު މިއަދު އައްޑޫ ސިޓީ ހިތަދޫ ބަނދަރަށް މުދާ ބޭލުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޕީއެލުން ބުނީ ދާއިމީ ގޮތެއްގައި އިންޑިއާގެ ބޯޓުފަހަރުގައި ޕެރިޝަބަލް ކާގޯ ގެނައުުުމުގެ ޚިދުމަތް މި މަހު 10ގައި ފެށި ފަހުން މިއީ ޓުޓިކޮރިން އިން އައި ތިން ވަނަ ބޯޓު ކަމަށެވެ.

ހިތަދުއަށް މިއަދު ލެފި ބޯޓުގައި 800 ޓަނުގެ މުދާ ގެނެސްފައިވާއިރު އޭގައި ހުރި ޕެރިޝަބަލް ކާގޯގެ ތެރޭގައި ފިޔާ، އަލުވި، ކަރާ އަދި ބިސް ހިމެނެ އެެވެ.

މި ބޯޓުން ގެނައި މުދާ ބޭލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވަނީ ހިތަދޫ ޕޯޓަށް ވަޑައިގެންފަ އެވެ.

މި ދަތުރުތަކަކީ ޓުޓިކޮރިންއިން ދަގަނޑު ބޯޓުފަހަރުގައި ދާއިމީ ގޮތެއްގައި އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ ގެނައުމަށް އެމްޕީއެލް އާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން، އިންޑިއާގެ ފައިނެސް ގުރޫޕް މެދުވެރިކޮށް ޖުލައި މަހު ފެށި ދަތުރުތަކެއް ކަަަމަށް އެމްޕީއެލުން ބުނެ އެވެ.

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަގު ހެޔޮކޮށް ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. އަދި އައްޑޫ ސިޓީގެ އިޤްތިސާދު ކުރިއަރުވައި، އިޤްތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.