މަނިކުބޭ: ބަލަ ޖުހާއެވެ! މިހާރު ހާދަ ސިޔާސީ ވާހަކައިގެ އަޑު ހާދަ މަޑުވެއްޖެއެވެ. އަނެއްކާ މިވަނީ ކިހިނެއް ހެއްޔެވެ؟
ޖުހާ: ސިޔާސީ ވާހަކަ އަޑު މަޑުވީ ކިހިނެއް ހެއްޔެވެ؟ ސިޔާސީ މީހުން އެ ދަނީ ހަމަ ވާހަކަ ދައްކަމުން ނޫން ހެއްޔެވެ؟ އެ މީހުން އާންމުންގެ ތެރޭގައި އާންމުންނާ މުޚާތަބުކޮށް ދައްކާ ވާހަކަ ވާނީ ސިޔާސީ ވާހަކައަށް ނޫން ހެއްޔެވެ؟ ޚަރަދު ކުޑަ ކުރުމުގެ ގޮތުން، ޓޭކްއަވޭ ކެއުން ދޫކޮށްލައި ގަރުދިޔައާއި ބަތާގެ ކެއުމަށް ރުޖޫއާވާން އުޅޭށޭ ގޮވާލާ ވާހަކަ ވެސް އިވޭ ނޫން ހެއްޔެވެ؟ ހާފިޒުންނާއި ހާފިޒާއިން ތައްޔާރުކޮށް، ގުރުއާން ހިތުދަސް ކުދިންނާ މީހުން ދަސްވެނިކުރުވާ ވާހަކަ ވެސް އިވޭ ނޫން ހެއްޔެވެ؟ އިމާމުން ތަމްރީނުކުރަން ބޭރަށް ފޮނުވާ ވާހަކަ ވެސް އިވޭ ނޫން ހެއްޔެވެ؟ މިއީ ހައްތަހާ ވެސް ސިޔާސީ ކުލަޖެހިފައި ހުރި ވާހަކަ ނޫން ހެއްޔެވެ؟ ސަރުކާރުން ކަންކަން ކުރަން އުޅޭކަން ދައްކާ ވާހަކަ ނޫން ހެއްޔެވެ؟ އެހެންވީމާ ސިޔާސީ އަޑު ނީވެޔޭ ތިބުނަނީ ކޮން ސިޔާސީ އަޑެއް ނީވޭތީ ހެއްޔެވެ؟
މަނިކުބޭ: އާނ! ޖުހާ ތިބުނާ ވާހަކަތައް އަޑު އިވެއެވެ. މަ މިކިޔަނީ މި ދިޔަ ފަހެއް ނޫނީ ދިހަ ވަރަކަށް އަހަރުތެރޭގައި ބޮޑެތިބޮޑެތި މަޝްރޫއުތަކުގެ ވާހަކަ އަޑު އިވޭ ނޫން ހެއްޔެވެ؟ ހޮސްޕިޓާތަކާއި އިސްކޫލްތަކާއި މީސްމީހުން އުޅުމަށް ޓަވަރުތައް ހަދާ ވާހަކައާއި ބުރިޖުތައް އަޅާ ވާހަކައެވެ. ބިން ހިއްކައި ފަޅުތައް ފުންކުރާ ވާހަކައެވެ. ކުޅިވަރު ބިންތަކާއި އެހެނިހެން ވެސް މުނިފޫހިފިލުވުމުގެ މަޝްރޫއުތައް ހިންގާލާ ވާހަކައެވެ. މިހާރު މިކަހަލަ އެއްވެސް އަޑެއް ނީވޭ ނޫން ހެއްޔެވެ؟
ޖުހާ: ތި ފަދަ ހުރިހާ ކަމަކީ ފައިސާއާ ގުޅޭ ކަންކަން ނޫން ހެއްޔެވެ؟ ކުރިން ތިފަދަ މަޝްރޫއުތައް ހިންގީ ދަރަންޏަށް ފައިސާ ނަގައިގެން ނޫން ހެއްޔެވެ؟ އަބަދަކު ފައިސާއެއް އެގޮތަކަށް ނުލިބޭނެ ނޫން ހެއްޔެވެ؟ ދަރަނި ދައްކަން ވެސް ޖެހޭނެ ނޫން ހެއްޔެވެ؟ އަނެއްކޮޅުން ހުރިހާ ކަމެއްގައި ވެސް ފަސާދައިގެ ކުލަ ވަރަށް ވެސް ގަދައަށް ޖެހިފައިވުމުން، މަޝްރޫއުތައް ވެސް ހިންގާލެވޭނީ އެ ހިންގާލަން ބޭނުންވާ ވަރަށް ވުރެ ގުނަގުނަ ބޮޑުކޮށް ނޫން ހެއްޔެވެ؟ ދެން، އަނެއްކޮޅުން ތަނަށް ވަންނަ އާމްދަނީގެ ބޮޑު އެއްޗެއް ވެސް، މި އޮންނަނީ ގާނޫނީ ގޮތުން ސިޔާސީވެރިން ހިތު ހުރި ގޮތަކަށް ހެދޭ ގޮތަށް ނޫން ހެއްޔެވެ؟ އެހެންވީމާ ތަނުގެ އާމްދަނީ ވެސް އިތުރެއް ނުވާނެ ނޫން ހެއްޔެވެ؟ އެއިން، އިސްވެރިން ނަގާ އެއްޗެއް ނަގާފައި، އަދި އާންމުންނަށް ދޭންޖެހޭ މުސާރަތައްދީފައި އަދި ލޯނު ފައިސާ ދައްކާފައި ދެން ބޮޑެތި މަޝްރޫއުތައް ހިންގާނެ ފައިސާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ ޖާދޫގަރެއްގެ ޖާދުލުން، ނުވަތަ ފަންޑިތަވެރިއެއްގެ ފަންޑިތައިން ކަނޑުގެ ލޮނުގަނޑު ތެލަށް ބަދަލުކޮށްލެވިއްޖިއްޔާ ފައިސާ އޮންނާނެއެވެ.
މަނިކުބޭ: ތިޔަ ބުނީ ރަނގަޅު ވާހަކައެކެވެ. އެހެންވެއްޖިއްޔާ ތިޔަ ކަންކަމުގެ ހައްލު ހޯދާނީ ކިހިނަކުން ހެއްޔެވެ؟ އެ ކަމާ ބެހޭ ގޮތުން އެއްޗެއް ބުނެބަލާށެވެ!
ޖުހާ: ތިކަމުގެ ހައްލު އެނގޭނީ ތަނުގައި ތިބި އިގުތިސާދީ މާހިރުންނަށެވެ. ނަމަވެސް، އިގުތިސާދީ މާހިރުންގެ މައްޗަށް ވެސް ބަސް ބުނާ، އަދި އެ ބަސް ހިނގާ މީހުން ތިބީމައި އެ ފަދަ މާހިރުންނަށް ވެސް އެއްޗެއް ބުނެވޭކަނަށް ނޯވެއެވެ. އެއީ ވެސް މައްސަލައެކެވެ. ތަނުގެ އިގުތިސާދުގެ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް އަހަރުމެން ގަބޫލުކުރަނީ ދަރުމާރުކޭޓުގައި ދަރުވިއްކަން އުޅެފައި އެ ކަމުގެ ހުނަރު ލިބިގެން، ރޯ އަވަގުރާނަ ގޮވައި ހަޅޭލަވައި، ތައުލީމާއި އުނގެނުމަކީ ގައުމު ހިންގުމަށް މާ ބޭނުންތެރި ކަމެއް ނޫން ކަމަށް ބުނާ މީހުންނަށެވެ. މިކަން ގަބޫލުކުރަނީ އަހަރުމެން ކަހަލަ އެއްޗެއް ނުވިސްނޭ ގަބު މީހުން އެކަންޏެއް ނޫނެވެ. އެންމެ މަތީ ވެރިޔާގެ އަމަލުތައް ބުނެ އަންގަނީ އޭނަ ވެސް މިކަން ގަބޫލުކުރާ ކަމެވެ.
ދެން، އަސްލު މައްސަލަ ފެށޭ ހިސާބަކީ ވެސް މިއެއް ނޫނެވެ. މައްސަލައެއް ހައްލުކުރަން އަސްލު މައްސަލަ ފެށޭ ހިސާބަށް ދާން ޖެހޭނެ ނޫން ހެއްޔެވެ؟
މަނިކުބޭ: އެންމެ ރަނގަޅެވެ. އަސްލު މައްސަލަ ފެށޭ ހިސާބަކީ ކޮބައި ހެއްޔެވެ؟
ޖުހާ: އެކަން ފެށެނީ ސިޔާސީ މަގާމާއި އެ މަގާމުގެ މަސްއޫލިއްޔަތަކީ ކޮބައިކަން އަހަރުމެން ގަބޫލު ކުރާ ގޮތާއެވެ. ވެރިކަމެއް ކުރުމުގެ ބޭނުމާއި އެކަމުގެ މަސްއޫލިއްޔަތަކީ ކޮބައިކަމާއެވެ. ހާކިމާއި މަހްކޫމު، ވެރިޔާއާއި މުވާތިނުން، މި ދެ ފަރާތުގެ ގުޅުމުގެ ބާވަތަކީ ކޮބައިކަން ކަނޑައެޅުމާއެވެ.
މަނިކުބޭ: ދެން، ކުރުކޮށް ތިކަމުގެ އިތުރު ތަފްސީލެއް ދީބަލާށެވެ! މި ދުވަސްވަރަކީ ސިކުނޑީގެ ސަމާލުކަން އެއް މިނިޓަށް ވުރެ ދިގުކޮށް ލިޔުމެއްގެ މައްޗަށް ނުބެހެއްޓޭނޭ ދުވަސްވަރެއްކަން ހަނދާންކުރަންވާނެއެވެ.
ޖުހާ: އެންމެ ރަނގަޅެވެ. ވެރިކަމާއި ސިޔާސީ މަގާމު ގުޅެނީ ގައުމު ބިނާކުރުމާއެވެ. ގައުމު ބިނާކުރުން ގުޅެނީ އެންމެ ކަމަކާއެވެ. މުވާތިނުންނަށް ފަސޭހައިން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއެވެ. ސިނާއަތްތައް ގާއިމުކޮށް ވަޒީފާތައް އުފައްދައި މުވާތިނުން މަސައްކަތަށް ނެރި، އެ މީހުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނޭ ގޮތްތައް ހަމަޖެއްސުމާއެވެ. ދެން، އެހެން ހުރިހާ ކަމެއް ވެސް، އެއީ ސިއްހީ ޚިދުމަތް ވިޔަސް، ނޫނީ ތައުލީމީ ޚިދުމަތް ވިޔަސް ނޫނީ އިޖުތިމާއީ (ކުޅިވަރާއި މުނިފޫހިފިލުވުމުގެ) ޚިދުމަތް ވިޔަސް، އަދި މީގެ އިތުރުން އިމްރާނީ ތަރައްގީ ވިޔަސް، މިހުރިހާ ކަމެއް ގުޅެނީ މުވާނިނުންނާއެވެ. މި ނަންގަތް ޚިދުމަތްތަކާއި ތަރައްގިގެ މަސައްކަތްތަކަކީ އޭގެ ޒާތަށް ކުރެވޭ ކަންކަމެއް ނޫނެވެ. އިބްތިދާއީ ގޮތެއްގައި ސީދާ މުވާތިނު މީހާއަށް އަމާޒުކޮށްގެން ކުރެވޭ ކަންކަމެވެ.
ނަމަވެސް، އަހަރުމެންގެ ތެރޭގައި، ވެރިކަމާއި ސިޔާސި މަގާމު ގުޅެނީ އެހެން ކަމަކާއެވެ. އެކަން އިހުގައި ސިފަކޮށްދޭން ބުނާ އެއްޗެއް އޮވެއެވެ. އެއީ ހެއްޔެވެ؟ ނާޗަރަންގީ ކުޅުމެވެ. ނެށުމާއި މަޖާ ކުރުމެވެ. ތުންތުން މަތިން އިވޭ ގޮތުގައި ރަސްކަމުގެ ދުވަސްވަރު ގަނޑުވަރުތެރެ ކަންކަން ހުންނަ ގޮތް ބުނެދޭން މި އިބާރަތް ބޭނުން ކުރެއެވެ. ދުވާލު ނިދާފައި ރޭނގަޑު ނާޗަރަންގީ ކުޅުމެވެ. އަންހެނުންގެ ހެދުން އަޅައިގެން ފިރިހެނުން ނަށާ ވާހަކައާއި ކުޅި މަޖާ ކުރާ ވާހަކަ ކިޔައެވެ.
ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވުމަކުން ވެރިކަމުގެ މި މަފްހޫމަށް- އެއީ ކުރިން ބުނި މާނައިގައި ގައުމު ބިނާކުރަން އޮންނަ ކަމެއް ނޫންކަމާއި މަޖަލާ ގުޅިފައިވާ ކަމެއްގެ މާނައަށް- ބަދަލެއް ނާދެއެވެ. ކައިރި މާޒީއަށް ނަޒަރެއް ހިންގާލިއަސް މިކަން ފެނިގެން ދެއެވެ. ވެރިކަމަށް ކޮންމެ މީހަކު އަޔަސް އިބްތިދާއީ ކަމަކީ އަމިއްލަ މަސްލަހާތާއި އަމިއްލަ ބޭނުންތައް ފުއްދުމެވެ. ދެން، އެހެން ކަމެއް ކުރަންޏާ ކުރަން އޮންނަނީ އެއަށް ފަހުއެވެ.
ސިޔާސީ ނިޒާމު ރަސްކަމުން، ޖުމްހޫރީއްޔާއަކަށް ދެން އެއަށް ފަހު، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީއަކަށް ބަދަލުވުމުން މިކަން އަދި އިހުނަށް ވުރެ ބޮޑުވިހެން ހީވިއެވެ. މި ނިޒާމުގެ ދަށުން އެންމެ ފުރަތަމަ އައި ވެރިކަމުގައި އެންމެ މުހިއްމު ކަމަކަށް ބެލީ ތަނުގެ އަސާސީ އަގުތައް އުވާލުމެވެ. އެއަށް ފަހު، ކުޅި މަޖަލުގައި އެންމެން މަޝްޣޫލުކޮށްލާފައި ބޭރު މީހުންގެ ބާރުގެ ދަށަށް ތަން ގެންދިޔުމެވެ. ދެން، ވެރިކަމުގެ ތިބި ބަޔަކުގެ ޖީބު ފުރުމުގެ މަސައްކަތެވެ. ދެން، އައި ވެރިކަމުގައި ވެސް ފަހުން މިބުނި ކަންކަން ކުރިއަށް ދިޔައެވެ. ބޭރު މީހުންގެ ހަން ފެތުރުމުގެ މަސައްކަތަށް ކޮންމެ ވެސް ވަރެއްގެ ހުއްޓުމެއް އައި ނަމަވެސް މެއެވެ. ދެން، އެއަށް ފަހު އައީ އަނެއްކާ ވެސް މިކަން ބާރު އިސްޕީޑެއްގައި ކުރިއަށް ގެންދިޔުމެވެ. އަދި، ދައުލަތުގެ ޚަޒާނާ މެޓާ ޖާޑިއަށް އަތް ބާނައި އެއިން މެޓާ ނެގުނު ވަރަކަށް ނެގުމެވެ.
ދެން، މިހާރު ވެސް ހަމަ އެކުޅިގަނޑެވެ. އެއްވެސް ދައުލަތެއްގައި ކޮންމެ މިނިސްޓްރީއެއްގައި ހެން ވިހި ތިރީސް ނުވަތަ އެއަށް ވުރެ ވެސް ގިނަ މިނިސްޓަރުންނާއި ޑެޕިޔުޓީންނާއި އަދި ވެސް އެފެން ވަރުގެ ވެރިން ތިބޭ ދައުލަތެއް އޮވެދާނެ ހެއްޔެވެ؟ ދެން، ދައުލަތުގެ ކުންފުނިތަކަކީ މިނިވަން، މުސްތަގިއްލު ކުންފުނިތަކޭ ކިޔައި، އެތަނަށް ވެސް ގާތް ތިމާގެ ވެރިން ލައި، އެ މީހުންގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިން ލައި ފުރާލައި ކުންފުނިތައް ބަނގުރޫޓުވާން މެދުވެރިވެއެވެ. އެހެންޏާ ފަހެ، ކަރަންޓާއި ފެނާ ބެހޭ ފަދަ ޔޫޓިލިޓީ ކުންފުނިތައް ބަނގުރޫޓު ވާންވީ ކިހިނެއް ވެގެން ހެއްޔެވެ؟ އެއީ އެންމެން ވެސް އެ ތަންތަނުން ޚިދުމަތް ހޯދާނޭ ކުންފުނި ކުންފުނި ނޫން ހެއްޔެވެ؟ ދެން، މީގެ އިތުރުން، ހިންގާ ކޮންމެ މަޝްރޫއަކީ، ކުޑަ ވިޔަސް ނޫނީ ބޮޑު ވިޔަސް، އެއިން ކޮޅުދާލި ނަގައި ގޭ އުނދުން ރޯކުރަން، އޭގެ ބޭނުން ކުރެވޭ މަޝްރޫއުތަކެވެ.
ކޮންމެ އަކަސް، އަސްލު މައްސަލައަކީ މިއެވެ. ވެރިކަމަށް ކޮންމެ ބަޔަކު އަޔަސް އެ ބައެއްގެ އިބްތިދާއީ މަގުސަދަކަށް ވެފައި އޮންނަނީ އަމިއްލަ ފައިދާއާއި މަސްލަހަތެވެ. ގައުމު ބިނާކޮށް މުވާތިނުންނަށް ޚިދުމަތް ކުރުމެއް ނޫނެވެ. މިކަމަށް މިހާރު ގާނޫނީ ސިފަ އައިސް، އެއީ އެކަން އޮންނަން ޖެހޭ ގޮތަށްވެއްޖެއެވެ.
މަނިކުބޭ: އެންމެ ރަނގަޅެވެ. އަދިވެސް މަގޭ ސުއާލަކަށް މަނިކުބޭ ޖަވާބެއް ނުދެމު ނޫން ހެއްޔެވެ؟ ކަމުގެ ހައްލަކީ ކޮބައި ހެއްޔެވެ؟
ޖުހާ: މައްސަލައަކީ އިގުތިސާދީ ބޮޑު މައްސަލައެއް ނޫން ހެއްޔެވެ؟ ތަން ދަރަނިވެރިވެ، ދަރަނި ދައްކައި، އެހެނިހެން ޚިދުމަތްތައް ދޭން ނުކުޅެދޭ ހިސާބަށް ކަންކަން ދަނީ ނޫން ހެއްޔެވެ؟ ކޮންމެ ކަމެއްގެ ވެސް ހައްލު ފެށެނީ މައްސަލަ ސާފުކޮށް ގޯސްވީ ހިސާބައި ކަން ފާހަގަކޮށް އެކަމަށް އިއުތިރާފުވެގެންނެވެ. ދެން ކަންކަމުގެ މާހިރުންނާ ވާހަކަދައްކައި، އެމީހުންގެ ލަފާގެ މަތިން ކަމުގެ ހައްލު ހޯދާނޭ ގޮތް ދެނެގަނެ އެއަށް އަމަލުކުރެވިގެންނެވެ. ޅެން ހަދައި ކަން އޮތީ ހަމަ ރަނގަޅަށޭ ކިޔައި، ކާޅު ބުނި ފަދައިން ނަޖިސް ކެޔުން ހަމަ ރަނގަޅޭ، ކުރިން ވެސް އޮތް ގޮތަށް އެ ގޮތަށޭ ކަން ކުރަންވާނީ ބުނެގެން މައްސަލަ ހައްލެއް ނުވާނެއެވެ.
މަނިކުބޭ: މައްސަލަ ހައްލުކުރުމުގެ ގޮތުން 'ގަރުދިޔައިގެ މަންހަޖު' ޚިޔާރުކޮށް ޚަރަދުކުޑަކުރުމުގެ ވާހަކަ އެ ދައްކަނީ ނޫން ހެއްޔެވެ؟ އެ ބުނާ އެއްޗެއްގެ އަސްލު މަށަށް ވިސްނެއެވެ. ޚަރަދު ކުޑަކުރަން ޖެހޭ ކަމެވެ. ނަމަވެސް، އުފެދޭ ސުއާލެއް އަދި އެބަ އޮތެވެ. 'ގަރުދިޔައިގެ މަންހަޖު' އެންމެން ޚިޔާރު ކުރުމުން، ސަރުކާރުން ކުރަން ޖެހޭ ޚަރަދު ކުޑަވަނީ ކިހިނެއް ހެއްޔެވެ؟ މިއާ ދޭތެރޭ ޖުހާގެ ރައުޔަކީ ކޮބާ ހެއްޔެވެ؟
ޖުހާ: ތިޔަ ބުނީ ރަނގަޅަށެވެ. ސަރުކާރުގެ ޚަރަދު ކުޑަކުރަން ޖެހެއެވެ. ދެން، 'ގަރުދިޔައިގެ މަންހަޖާ' އެކަމާ ގުޅޭ ގޮތެއް ބުނާކަށް މަށަކަށް ވެސް ހަމަ ނޭނގެއެވެ. އެކަމާ ބެހޭ ގޮތުނ ބުނަން އޮތީ ހަމަ އެންމެ ވާހަކައެކެވެ. ސަރުކާރުން ޚަރަދު ކުޑަ ކުރަން ބޭނުން ނުވާ ވާހަކައެވެ!
މަނިކުބޭ: ތިޔަ ބުނާ އެއްޗެއް ދިމަލެއް ނުވޭ ނޫން ހެއްޔެވެ؟ ގަރުދިޔައިގެ މަންހަޖު އެއީ ޚަރަދު ކުޑަކުރުމާ ގުޅޭ ކަމެއް ނޫން ހެއްޔެވެ؟ ޖުހާ ތި ބުނަނީ އެކަމުން އެނގެނީ ޚަރަދު ކުޑަކުރަން ބޭނުން ނުވާ ކަމެވެ! އެއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟
ޖުހާ: އެއީ މަށަށް ވިސްނޭ ގޮތެވެ. މަގޭ ރައުޔެވެ! ހަގީގަތަކަށް ނުވެ ހިނގައިދާނެއެވެ. މަގޭ ރައުޔު އިތުރަށް ސާފުކޮށްދެވިދާނެއެވެ. ކުރިއަށް އޮތް ތަނުގައި ތަކެތީގެ އަގު ބޮޑުވުން ވަރަށް ވެސް ކައިިރިއެވެ. އަދި އިތުރު ޓެކްސްތައް ނެގި، ޖީ.އެސް.ޓީ. ބޮޑުކުރެވޭނެއެވެ. އެހެންވީމާ އަތުގައި އޮންނަ ސަތޭކަ ރުފިޔާ ވިހި ރުފިޔާއަށް ބަދަލުވެގެން ހިނގައިދާނެއެވެ. ދެން، އެއްހާސް ރުފިޔާ ބަދަލުވާނީ ދުއިސައްތަ ރުފިޔާއަށް ނޫން ހެއްޔެވެ؟ އެހެންވީމާ އާދައިގެ ރައްޔިތު މީހާ އޭނަގެ އާދައިގެ މަތިން ކުރަމުން އައި ޚަރަދު ކުރުމުގެ ގާބިލުކަމެއް އޭނަގެ ކިބައިގައި ނޯންނާނެ ނޫން ހެއްޔެވެ؟ އެހެންވީމާ، އެއްކޮޅުން ގަރުދިޔައިގެ މަންހަޖުގެ ވާހަކަ ދެއްކުމަކީ ރައްޔިތުން މިކަމަށް ހޭނުމެވެ. ކުރިމަތިވެދާނޭ ދަތިތައް އެމީހުން ބަލައިގަންނާނޭ ގޮތް ހެދުމެވެ. އަނެއްކޮޅުން މަތީ ފަންތީގެ މީހުންގެ މުސާރައާއި އިނާޔަތްތައް އެ މީހުންނަށް ލިބޭނެއެވެ. ޓެކްސްތަކުން ލިބޭ ފައިސާއިންނެވެ. އެ މީހުންގެ 'ނާޗަރަނގީ' އެމީހުންނަށް ހަމަ ކުރިއަށް ގެންދެވޭނެއެވެ. އެކަމަކަށް ބަދަލެއް ނާންނާނެއެވެ.
މަނިކުބޭ: ދެން، އެންމެ ރަނގަޅެވެ. ދެން، ފަހު ބަހެއް ބުނެފައި މި ވަގުތަށް މި ހާސަރު ނިންމާލަމާ ހެއްޔެވެ؟
ޖުހާ: މިއީ ހުރިހާ ކަމެއްގެ ހައްލު ޅެމާއި ގުޅިފައި އޮތް ދުވަސްވަރެއް ނޫން ހެއްޔެވެ؟ އެހެންވީމާ ފަހު ބަހެއްގެ ގޮތުގައި ހިތަށް އަންނަ ޅެމެއްގެ ބައިތުކޮޅެއް މަވެސް ކިޔާލާނަމެވެ. އެ ބައިތުކޮޅުގައި އިގުތިސާދީ ހައްލު ވެސް އޮވެދާނެތާއެވެ!
ياقوم لا تتكلموا إن الكلام محرم
ޤައުމުގެ ދަރީންނޭ ބަސްއަހާ ވާހަކަ ނުދައްކާށޭ ސަފުން
ވައި އަނގަތަޅާ ހެދުމީ ތިހެން ގައިމުން ހަރާން ކަމަކަށް ވުމުން
ناموا ولا تستيقظوا ما فاز إلا النوم
ފައި ދަމަދަމާފައި ނިދުމުގައި ދެމި ތިއްބަވާށޭ ދާނުގައި
ވާނީ އެދޭހެން ކާމިޔާބު ޣާފިލުވެ ތިބެގެންނޭ މިހެން
وتأخروا عن كل ما تقضي بأن تتقدموا
ފަސްޖެހި ތިބޭށޭ ކަންކަމުން، މުސްތަޤުބަލަށް ފައިދާކުރާ
ކޮސް އަނގަތެޅުން ވެސް މޮޅުކަމެއް ކަމުގައި ހަދައި ހެވިފާ ނިކަން
ودعوا التفهم جانبا فالخير ألا تفهموا
އެކުވެރިވެ އެއްބައިވަންތަވުން އެކުގައި ނަގާ އެއްލާށެލާ
ވަކިވަކިވެ ބައިބައި ކުރުމުގައި ނަސްރޭ އޮތީ ހީކޮށްލަމުން
وتثبتوا في جهلكم فالشر ألا تتعلموا
ހޭވެރިވެ ހޭލުންތެރިކަމެއް ބޭނުން ނެތޭ ބުނެ އިއްވަމުން
މޭރުން ނުވުން އެއްވެސް ކަމެއް މޮޅު ގޮތް ކަމަށް ވީއޭ ހަދަން
أما السياسة فاتركوا أبدا وإلا تندموا
ކަންކަން ސިޔާސީ އެންމެހައި ނަންވެސް ނުގަންނާށޭ މިހެން
ކަންތައް ނުވާ ނަމަ ދެން އޮތީ ދަންޖެއްސުމާ އެކުގައި މެރުން
إن السياسة سرها لو تعلمون مطلسم
ސިއްރާއި ހިކުމަތްތައް އެނގޭ ނަމައީ ސިޔާސަތު ނަންދެވޭ
އެއްޗެއް އެއީ ފަހުމެއްނުވާ އަރަތެއް ކަމުން ނުފިލާ އޮޅުން
وإذا أفضتم في المبــــــــــــــــــاح من الحديث فجمجموا
އޮތް މިންވަރުން ވެސް ހުއްދައެއް ދައްކާ ހަދާ ވާހަކަ ވިޔަސް
ފެންވަރު ނުހުންނަ ގޮތަކަށް ދެމޭ ހާސަރު ކަމަށް ވީއޭ ހަދަން
من شاء منكم أن يعيـــــــــــــــــش اليوم وهو مكرم
فليمس لا سمع ولا بصر لديه ولا فم
މިއަދަށް އުޅެން، ބޭނުންވި ނަމަ ޝަރަފާ އެކީގައި އިއްޒަތާ
އަނގައެއް، ލޮލެއް، އަދި ކަންފަތެއް، ނެތް މީހަކަށް، ވާށޭ މުޅިން
فارضوا بحكم الدهر مهــــــــــــما كان فيه تحكم
ރުހިގެން ތިބޭށޭ މީ ޒަމާނުގެ ގޮތް ކަމަށް ހީކޮށްލަމުން
ފުރިހަމަވި އިސްތިބްދާދު އޮތް ނަމަވެސް، ގަޔާވެވިފާ ނިކަން
إن قيل هذا شهدكم مر فقولوا علقم
މާމުއި އެއީ ހިތި އެއްޗެކޭ ބުނެވިއްޖެ ނަމަ ފަސްޖެހި ނުލައި
އާނ! ހަމަ އެއީ ހިތި ހަބަރެކޭ ބުނަމުން ގޮވާށޭ ހަރު އަޑުން
أو قيل إن نهاركم ليل فقولوا مظلم
އަދި ހަމަ ދުވާލުގެ މެންދުރަށް މީ ރޭނގަޑޭ ބުނެވޭ އިރަށް
ބުނެލާށެ އާނ! މީ ރޭނގަޑޭ ގަދަ ވެސްމެއޭ ކަޅު އަނދިރިކަން
إن قيل إن ثمادكم سيل فقولوا مفعم
ކުޑަކުޑަ މިތާ އޮތް ފެން ފޮދެއް ފެނުނަސް އެއީ ބޮޑު ސައިލެކޭ
ބުނެވޭ އިރަށް ވެސް އާނއެކޭ ބުނެލާށެ މާ ކަޑެކޭ ވި ފުން
أو قيل إن بلادكم يا قوم سوف تقسم
فتحمدوا وتشكروا وترنحوا وترنموا
ރަށްތައް ބަހާލައި ވެރިވުމަށް ކަންތައް ވަނީއޭ ބުނެވުނަސް
ހަމްދާޝުކުރުކޮށް، ލަވަކިޔައި ނަށަމުން ދުވާށޭ އަދި ހެމުން
