މަތީ ތައުލީމް ހާސިލްކުރާ ދިވެހިންނަށް ސަރުކާރުގެ ތެރެއިން ބޮޑު މުސާރަ ލިބޭ ވަޒީފާތައް ހަމަޖެއްސުމަށްޓަކައިި އަންނަ އަހަރުން ފެށިގެން ޕީއެސްއައިޕީގެ ބަޖެޓުން 200 މިލިއަން ރުފިޔާ ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައިއެޗީވާސް އެވޯޑް ދިނުމަށް ހުރަވީ ސްކޫލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ހައިއެޗީވާސް އެވޯޑް ހާސިލްކުރި ދަރިވަރުން މިއަދު މިފަށާ މަރުހަލާގައި ކިޔަވައި ނިމިގެން އެކި ދާއިރާތަކުން އަމަލީ މަސައްކަތްކުރަން ނުކުންނަ އިރުގައި ގައުމަށް ތިމަންނައަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ވިސްނަންޖެހޭ ކަމަށެވެ. ނަމަވެސް މި ދަރިވަރުން ރާއްޖެއިން ބޭރުން ކިޔަވައި ނިމިގެން އަމަލީ މައިދާނަށް އައިސް ނިކުންނަން ބަލާއިރު ގައުމުގެ ކަންކަން ހުރީ އެންމެ ފުރިހަމައަށް ނޫން ކަމަށާއި ގިނަ ގޮންޖެހުންތައް ހުރިކަަން ރައީސް ފާހަގަކުރެއްވި އެވެ.
އެގޮތުން ގެދޮރުވެރިކަމަށް ބެލިޔަސް ގިނަ ކުދިން އުޅެނީ ވަރަށް ހާލުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިޔައިގެ ތެރެއިން ގިނަ ކުދިން އުޅޭނީ ވަރަށް ހާލުގައި، ކުއްޔަށް ޑިއުޓީ ބަހައިގެން ނިދާ ގެތައް ވެސް މަދެއް ނޫން މާލޭގައި. އެކި ކުދިން އެކި އާއިލާގެ އެކި މީހުން ހޯދާ އާމްދަނީ ޕޫލްކޮށްގެން ކުލި ދައްކައިގެން އުޅޭ ކުދިން މަދެއް ނުވާނެ. މިރޭ ތިހޯދި މަތިވެރި ކާމިޔާބީ ހޯދުމުގައި ވަރަށް ހާލުގައި ހޯމްވޯކް ހަދައި ފިލާވަޅު ކިޔެވި ކުދިން މަދެއް ނުވާނެ. އެތައް ދަތި އުނދަގުލެއް ކަޑައްތުކުރި މަދެއް ނުވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ގެދޮރުވެރިކަމުގެ ހާލަތު އޮތް ގޮތުން ވަރަށް ގިނަ ކުދިން ރާއްޖެއިން ބޭރަށް މަތީ ތައުލީމު ހާސިލްކުރަން ގޮސް، ކިޔަވައި ނިިމިގެން އެނބުރި ގައުމަށް އަންނަ ބޭނުންނުވާތީ ނައިސް އެބަތިބި ކަމަށާއި އެގޮތަށް ދިމާވަނީ އެކުދިން އެނބުރި އައިސް އުޅެވޭނެ ގޮތެއް މިއަދާ ހަމައަށް ވެސް ނެތުމުގެ ސަބަބުން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ގެދޮރުވެރިކަމަކީ އެމަނިކުފާނުގެ އެންމެ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ކަނޑައެޅުއްވީ ރާއްޖެއަށް ދިމާވެފައި މިވާ ގެދޮރުވެރިކަމުގެ ދަތިކަން ރާއްޖެއިން ފިލުވައިލެއްވުމަށް ކަަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ތިޔަކުދިން ކިޔަވައި ނިމިގެން އަނބުރާ އަންނާނީ މިރާއްޖެއަށް ކަމަށް ކަނޑައެޅުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެދޮރުވެރިކަމުގެ އަމާޒު ހާސިލްކުރުމަށް ފަށައިފައިވާ މަސައްކަތް ކާމިޔާބު ކުރާނަން. އޭރުން ތިޔަކުދިން އަމިއްލަ ދިރިއުޅުމެއް ފެށުމަށް ބޭނުންވާ ގެދޮރުވެރިކަމާއި އާއިލާއާ އެކީގައި ބޭނުންވާ ގެދޮރުވެެރިކަމާއި މި ހުރިހާ އޮޕްޝަނަކަށް ވާ ގޮތަށް ގެދޮރުވެރިކަމުގެ މައްސަލަތައް ހައްލުކޮށްދޭނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ގެދޮރުވެރިކަމުގެ މައްސަލައަށްފަހު ދެން މި ދަރިވަރުންނަށް ކިޔަވައި ނިމިގެން އަންނަން ބަލާއިރު ބޭނުންވަނީ ވަޒީފާގެ ފުރުސަތުތައް ކަަމަށް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދެތިން ހަތަރު އަހަރުގެ ތެރޭގައި ގިނަ ދާއިރާތައް ހަމައެކަނި ދިވެހިން މަސައްކަތް ކުރާ ދާއިރާތަކަށް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ވަޒީފާތަކުގެ ފުރުސަތުތައް އެކަނި ލިބިގެން ވެސް އެ ދަރިވަރުން އެނބުރި އަޔަސް މާބޮޑު އާމްދަނީއެއް އެކުދިންނަށް ލިބޭނެ ގޮތެއް ނެތް ކަމަށާއި އެމަނިކުފާނު އެދިވަޑައިގެންނަވަނީ ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތުގައި އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލްކޮށްފައިވާ ދިވެހިން ގުޅުމަށް ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި މިހާރު ވެސް މަތީ ތައުލީމު ހާސިލްކޮށްގެން ތިބި އެތައް ދިވެހިންނެއް އެބަ ތިބި ކަމަށާއި ސަރުކާރުން ރަނގަޅު އާއްމުދަނީއެއް ނުލިބޭތީ އެތައް ކުދިންނެއް މިހާރު ވެސް ރާއްޖެ ނައިސް އެކި ގައުމުތަކުގައި އެބަތިބި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން ބަދަލުކުރުމަށްޓަކައި ސަރުކާރުގެ ނިޒާމުގެ ތެރެއިން ޕްރައިވެޓް ސެކްޓާއިން ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ދިނުމަށް އެމަނިފާނު ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އެކި ފަންނުތަކުން ކިޔަވާ ކުދިންނަށް ރަނގަޅު ފެންވަރުގެ މުސާރަ ހަމަޖެއްސުމަށްޓަކައި މިއަންނަ އަހަރުން ފެށިގެން އުމްރާނީ ތަރައްގީއަށް މިކުރާ ހަރަދުން އެއްބައި ނަގައި އިންސާނީ ތަރައްގީއަށްޓަކައި ހަރަދުކުރުމަށް ނިންމައި… ޕީއެސްއައިޕީގެ ބަޖެޓުގެ ތެރެއިން މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާ އެކި ދާއިރާތަކުން ކިޔަވައިފައި ތިބޭ ދިވެހިންނަށް ސަރުކާރުގެ ތެރެއިން ބޮޑު މުސާރަ ލިބޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަށް 200 މިލިއަން ރުފިޔާ ކަނޑައަޅާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ޕްރައިވެޓް ސެކްޓަރަށްވުރެ ބޮޑު މުސާރައެއް ގިނަ ދާއިރާތަކުން ސަރުކާރުގައި މަސައްކަތް ކޮށްގެން ލިބިގެން ދިއުމާއި ރާއްޖޭއިން ލިބޭ ފުރުސަތުތައް ކުޑަވެގެން ރާއްޖެ ނައިސް ތިބި ކުދިންނަށް ރާއްޖެ އައުމަށް ފުރުސަތުތައް ލިބިގެން ދިއުން ކަމަށް ވިދާޅުވި އެވެ.
އެމަނިފާނު ބޭނުންފުޅުވަނީ މަތީ ތައުލީމު ހާސިލްކޮށްގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ އައިސް، ރާއްޖޭގެ އެކިއެކި ދާއިރާތަކުގައި އެކި ފަންނުތަކުގައި ސަރުކާރުގެ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ ގައުމު ބިނާކުރުމުގެ ފުރުސަތު ދިވެހިންނަށް ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ ރާއްޖޭގެ ޕްރައިވެޓް ސެކްޓާގައި ތިބި ދިވެހިންނާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެސް ސަރުކާރާ އެކު މަސައްކަތް ކުރުމަށް ތައްޔާރުވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.