Support Us

ކޮލަމް ކަލާވެހި: ނަގައިލުމާއި، އަރުވައިލުމާއި، ޖަވާބުދާރީވުމުގެ ވާހަކަ

ހަމަ ދާދި އިހަކަށް ދުވަހަކު، ރާއްޖޭގައި ނުހަނު މަޤްބޫލުކަމާއެކު ނަންހިނގާ ހަސްފަތާލަކަށް އަޅުގަނޑު ވަދެލީމެވެ. ޖެހުނު ގިލަންވެރިކަމަކާ ލައިގެން އަނގުންތަކުގައި އުފެދުނު ކަމަށް ފެނުނު ވޭނަކުން މިންޖުވޭތޯ ބެލުމުގެ ނިޔަތުގައެވެ. ހަސްފަތާލުގެ ބޮޑުކަމާއި، ޢިމާރާތުގެ އުސްކަމާއި، އެކި ދިމަދިމާއިން ފެންނާން ހުރި މޮޅު ހިލަޔާއި، ތަށިމުށްޓާއި، މަޢުދަނީ އެކި އުފެއްދުންތަކުން ނުހަނު ފައުޅުކަން ބޮޑު ގޮތެއްގައި ދައްކަމުން ގެންދިޔަ ހައިބަތާ އެއްވަރުގެ މޮޅު ޚިދުމަތެއް ތަނުގައި ތިއްބަވާ ޙަކީމުންނާއި އެހެނިހެން ޚިދުމަތުގާރުންގެ ފަރާތުން ލިބޭނޭ ކަމުގެ ޔަޤީންކަމާވެސް އެކުގައެވެ.

މިހިރިމިހިރީ ކޮންކޮން ކަންކަމަކަށް ހޭހަންކޮށްދޭ ވަތްވަތްތަކެއް ކަން ނުހަނު ފަންނުވެރި ޢިބާރާތްތަކުން، ލޮލަށް އެހައިމެ ފަސޭހަ ފަރަންޖީ އަކުރަކުން ބަޔާންކޮށްދީފައި ހުރި އޮފުގަދަ ފިލާގަނޑުތަކުގައި އެ ހުރި އިރުޝާދުތަކަށް ބަލައިގެން، އެ ފަދަ އެންގުންތައް ނެތް ދިމަދިމައިގައި ކުޑައިކޮށް ބޮނޑިވެލައިގެން ތިބި ބައެއް މީހުން ގާތު އަހައިވެސް ލައިގެން، އަޅުގަނޑު ދާންވީ ދިމާޔަށް އަޅުގަނޑަށް ދެވުނީ ބައިގަޑިޔެއްހައި އިރުގެ މަސައްކަތުންނެވެ. އަދި އެތާނގައި ހުރި، ވަރަށް ޒަމާނީ ކޮށިގަނޑެއްގެ ފުރަގަހުގައި އިން ޒުވާން އަންހެންކުއްޖެއް ގާތު އަޅުގަނޑުގެ ވޭނުގެ ވާހަކަ ދައްކައިލައި، ކަމާ ބެހޭ މޮޅު ޙަކީމަކަށް ދައްކައިލާން ބޭނުންވާ ވާހަކަ ބުނީމެވެ.

"އާނ! ތި ކަމާ ބެހޭ ޑޮކްޓަރު ވަރަށް އަވަހަށް އެބަ ވަޑައިގަންނަވާ އޭނާ ސައިބައްލަވާ ނިންމަވާފަ." މޫނުމައްޗަށް ކުލަޔެއްވެސް އަރުވައިނުލައި އޭނާ ބުނެލިއެވެ. "ކިޔުބީން ނަންބަރެއް ނަގައިގެންތަ ތި އައީ؟"

"ކިޔުބީ އެއީ މިތާ ކޮންތަނެއްގައި ހުންނަ ތަނެއްތޯ؟" އަޅުގަނޑު އަހައިލީމެވެ.

"އެއީ ތަނެއް ނޫން! އެޕެއް! ކިޔުބީ ނަންބަރެއް ނެތިއްޔާމު، ޑޮކްޓަރު ބައްލަވަން ދިހަ މިނިޓަށް ވީމާ، އެހެރަ މެޝިނުން ނަންބަރެއް ނަގާލާ! ދެން އެހެރަ މޮނިޓަރަށް ނަންބަރު އަރުވާލީމަ މިތަނަށް އާދޭ!" އަޅުގަނޑަކީ އެބުނާ އެޕެއް އެއީ ކޮން އެއްޗެއްކަން ނޭނގޭ ވަރުގެ ގަބިޔާޔަކަށް އަދި ވިޔަސް، އެވަރު އޭނާޔަށް އެނގުނުކަން ވެސް، އަދި އެހެން އިޙުސާސެއް ނުވަތަ ޝުޢޫރެއްވިޔަސް އެ ކުއްޖާގެ މޫނުމަތިން ފެންނާން ނެތްކަމީ ތަނުގެ ހައިބަތު އަޅުގަނޑުގެ ކުރިމަތީގައި އިތުރުވެގެން ދާންވީ ކަމެއް ކަން އެހިސާބުން އަޅުގަނޑު ދެނެގަންނާން ވާނެތީ، އަޅުގަނޑު ދެން އިތުރު ސުވާލެއް ނުކުރަމެވެ. ޑޮކްޓަރު ސައިފޮދުން ނިމިވަޑައިގަންނާނީ ކޮން އިރަކުންތޯ، ދިހަ މިނިޓު ގުނާން ފަށާން އެނގޭނީ އެއިރުން ނޫންތޯއެއްވެސް ނާހަމެވެ.

އެހެން ނަމަވެސް…

އެބުނާ މެޝިނަކުން ނަންބަރެއް "ނަގައިލާނޭ" ގޮތެއް އަޅުގަނޑަކަށް ހަމަ ނުވިސްނުނެވެ. އެހެނީ، އެއްޗެއް ނަގައިލުމަކީ، އަޅުގަނޑު ދަންނަ ގޮތުގައި، ތިމާގެ ޙަވާލުގައިވާ އެއްޗެއް ތިމާގެ ފަރުވާކުޑަކަމުން އެއަށް ވީނުވީ ގޮތެއް ނޭނގި ޣައިބުވުން ކަމުގައި ވާ އިރު، ނުވަތަ އަޅުގަނޑު ގެންގުޅުނު ހާލެއް ފަޅުރަށަކަށް ގެންގޮސް އެ ސޮރު އަތިރިމަތީގައި ބައިދައިފައި ފަހަގައިތީމައި ދެން އެޔާ ދޭތެރޭ ކަންކުރެވުނު ގޮތޭ ހީވާ އިރު، އެ ދެއްކި މެޝިނުން ނަންބަރެއް ނަގައިލާނޭ ގޮތެއް އަޅުގަނޑަކަށް އެ ވަގުތަކު ނުވިސްނުނެވެ.

ދެން ކޮންމެޔަކަސް، އެ ބުނާ ނަންބަރެއް ފައްސައި ނަގައިލުމުގައި އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބުނު ނަމަ، އެކަމުގެ އަދަބު އަޅުގަނޑަށް ނުދީ، ނަންބަރު ފަކީރަށް އަދަބު ދިނުމުގެ ގޮތުން، ނަންބަރުގެ ވަޒަން ނޫން އެހެން ކޮންމެވެސް ރަށަކަށް ނުވަތަ ތާކަށް ނަންބަރު ފޮނުވައިލުމުގެ މަޤްޞަދުގައި އެ ބުނާ މޮނިޓަރަކަށް އެ ނަންބަރު "އަރުވައިލާނޭ" ގޮތެއް ވެސް އަޅުގަނޑަކަށް ނުވިސްނުނެވެ. އަދި އެކަމުގައި ހުރި ބޭއިންސާފުކަމަކީ އަޅުގަނޑަށް ބަލައިގަނެވޭ ވަރުގެ ކަމަކަށްވެސް ނުވިއެވެ.

އެހެން ކަމުން…

ގިލަނަކާ ގިލަނެކޭ، ވޭނަކާ ވޭނެކޭ، އެޕަކާ އެޕެކޭ ހިތަށްއަރުވައިލައިފައި، އަޅުގަނޑު އެތަނުން ނިކުމެއްޖައީމެވެ. އަދި ނަގައިލުމާއި އަރުވައިލުމުގެ އަރަތް އޮޅުންފިލައިތޯ އެ ވާހަކަ އަހައިލާނީ ތަނުގެ ކޮން މުވައްޒަފެއްގެ ގާތުގައިތޯ ބަލައިލާން ކަމަށް ތަނުގެ މައި ދޮރޯށީން އެތެރޭގައި މުގޯލި އަޅައަޅައި ހުއްޓައި ތަންކޮޅެއް ފަރަންޖީ ޒާތެއްގެ ޔުނީފޯމެއްގައި ހުރި ކުއްޖަކާ އެތަނުން ދިމާވެއްޖެއެވެ.

"މިތަނުގައި ކަން ހިނގާ ގޮތާ ބެހޭ ގޮތުން ސުވާލެއް ކޮށްލާން ވެއްޖިއްޔާ އަޅުގަނޑު ހަދާންވީ ކިހިނެއްތޯ؟" އަޅުގަނޑު އޭނާ ގާތު އަހައިލީމެވެ.

"އާނ! ތާޑު ފްލޯ ގައި އިންނާނެ ކައުންޓަރެއް. އެތަނުން ޖަވާބުދާރީ ވާނެ. އެތަނަށް ދޭ!" އެ ކުއްޖާ ބުނެލިއެވެ.

މިއީ ހައުދަހައި ރަނގަޅު ތަނެކޭ އަޅުގަނޑު ހިތަށްއެރިއެވެ. އެއީ ތަނުގައި ހިނގާ، ކުޑައިކޮށް ނުކިއްސަރު ކަންކަން ފާހަގަވީމައި، ނުވަތަ އަޅުގަނޑުމެން ކަހަލަ މައް ދިވެހީންނަށް މުޅީން މޭރުން ނުވާ ގޮތްގޮތަށް ކަންކަން އެބަ ކުރެވޭހެން ހީވީމައި، އެކަމުގެ މަސްއޫލިއްޔަތު އުފުލައި، ޒިންމާ އުފުލައި، އެ މަގުން ޖަވާބު ދޭނޭ ތަނެއްވެސް އެ ތާނގައި ހުރީތީ އެކަމާ އަޅުގަނޑު ޝުކުރުވެރި ވީމެވެ. މީހަކު ކުރާ ސުވާލަކަށް ކޮންމެވެސް ޖަވާބެއް ދިނުމުގެ ބަދަލުގައި ހިނގާ ކަންކަމުގެ ޒިންމާ އުފުލައި، ކަންކަމަށް ޖަވާބުދާރީވުމުގެ ޚާއްޞަ މަންޒިލެއް ހުރިކަން އެނގި، އެކަމާ އުފާކުރީމެވެ.

ދެން އެ ބުނި އެއްޗެއް ނުވަތަ މީހަކު ބައިންދައިފައި އިން ތަނެއް ހޯދާން ކަމަށް، އެތާ ހުރި ސިޑިޔަކުން އަޅުގަނޑު އަރައިފީމެވެ.

ސިޑީން އެރި ތާނގައި ތިބީތީ އަޅުގަނޑަށް ފެނުނީ އެތާ ހުރި ގޮނޑިބަރިޔެއްގައި ދެލޯ މަރައި ތަގުޅިކޮށްގެން ތިބި ބައެކެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ ނަންބަރު އައިނު އަޅައިގެންނެވެ. ލޮލުގެ ފެނުމުގައި ކުޑަ ޚަލަލެއް އުޅޭތީ ކަން ވެސް ނޭނގެއެވެ. ކޮންމެޔަކަސް، އެއީ ކިހިނެއް ވެފައި ތިބި ބައެއްތޯ، ދެލޯ ހުޅުވައިގެން އެތާނގައި ހުރި މީހެއް ގާތު އަހައިލީމައި އޭނާ ބުނީ އެއީ ލޮލުގެ ޑޮކްޓަރު ވިދާޅުވެގެން، ލޮލުގެ އެތެރެ ފިސާރި ރަނގަޅަށް ބައްލަވައިލެއްވުމުގެ މަޤްޞަދުގައި ލޮލުގެ ކޮއި ބޮޑުކުރާން ބާވަތެއްގެ ބޭސްތިއްކެއް ކޮންމެ ލޮލަކަށް ޖަހައިދީފައި، ބައިގަޑިއިރު ވާންދެން ލޯ ހަމަ އެއްގޮތަކަށް ވެސް ނުހުޅުވައި ތިބޭން އަންގައިފައި ތިބި ބަޔެކޭއެވެ.

އަޅުގަނޑު އާގަމަވީ އެކަމަކާ ނޫނެވެ. އަޅުގަނޑު އާގަމަވެ، ޙައިރާން ވެ، އާޝޯޚުވީ އެހެން ކަމަކާއެވެ.

"ބަލަ ކަލެޔާއޭ ވާހަކަ މިދައްކަނީ. ނޭނގޭތަ؟ ތި އައިނު ލޮލުން ނަގާބަލަ!" ވަރަށް ރީތި ޔުނީފޯމެއް އަޅައިގެން ހުރި، ޒުވާންކަން ކުޑައިކޮށް ފަސްދީފައި ހުރި ނަރުހެއް ވައްތަރު ޖަހާ މީހެއް، ކުޑަ ރުޅިވެރިކަމަކާވެސް އެކު، މިހިރަގެން މުޚާޠަބް ކުރަނީ ދެ ލޯ މަރައި ތަގުޅިކޮށްގެން ތިބޭން އަންގަފައި އޮތީތީ އެހެން ތިބި ބަޔެއްގެ ތެރެއިން އެކަކާއެވެ. ދެލޯ މަރައިގެން ތިބި މީހުން އިށީނދެގެން ތިބި ގޮނޑިބަރީގެ ކުރިމަތީގައި ހުރެ، އެތަނުން އެކަކާ ދިމާޔަށް އިނގިލި ދިއްކޮށްފައި އެ މީހާޔާ މުޚާޠަބްކޮށެވެ. އަޅުގަނޑު ޙައިރާންވެ، ކޮސްވެ، އާގަމަވީ އެކަމާއެވެ.

އެހެނީ! ދެލޯ މަރައި ތަގުޅިކޮށްގެން ގާތްގާތުގައި ތިބި އެތައް ބައެއްގެ ކުރިމައްޗަށް އަރައިފައި އެކަހަލަ އެއްޗެއް ބުނީމައި، ނަރުސްކުއްޖާ އެ މުޚާޠަބްކުރަނީ ތިމާޔާ ކަން، ހަމަ އެ ކުއްޖާ އޭގެ ކުޑައިރުކޮޅެއް ކުރީން ދީފައި ދިޔަ އިރުޝާދަށް މަރައިފައި ހުރި ދެލޮލަށް ފެންނާނީ ހައުދަހައި ކުޅަދާނަ މީހަކަށޭ އަޅުގަނޑު ހިތަށް އެރިއެވެ. ނަރުސް ކުއްޖާގެ އިނގިލީގެ ކޮޅު މިސްރާބުވަނީ ސީދާ ތިމާޔަށް ކަން، ލޮލަށް ފެނުން ނޫން ކޮންމެވެސް އެހެން ޙިއްސަކަށް އިޙްސާސް ވާނީ ހައުދަހައި މޮޅު މީހަކަށޭ އަޅުގަނޑު ހިތަށްއެރިއެވެ. އަޅުގަނޑުގެ ސިކުނޑި ސުމަކާ ގާތަށް ދިޔައީ އެހެންވެގެންނެވެ.

ދެން އެކަމަކު އެކަމާވެސް ޖަވާބުދާރީވާނޭ ކައުންޓަރަކު އެތާ ކޮންމެވެސް ތާކު އިންނާނެ ތާއޭ، އެ މީހަކު ހޯދައިފައި ނޫނީ ހުއްޓައެއްނުލާނަމޭ ހިތަށް އަރުވައިލައިފައި އަޅުގަނޑު އަނެއްކާވެސް އެހެން ދިމާޔަކަށް ހިނގައިގެންފީމެވެ.

އެހެނީ، ހަސްފަތާލުގެ ބޮޑުކަމާއި، ޢިމާރާތުގެ އުސްކަމާއި، އެކި ދިމަދިމާއިން ފެންނާން ހުރި މޮޅު ހިލަޔާއި، ތަށިމުށްޓާއި، މަޢުދަނީ އެކި އުފެއްދުންތަކުން ނުހަނު ފައުޅުކަން ބޮޑު ގޮތެއްގައި ދައްކަމުން ގެންދާ ހައިބަތާ އެއްވަރުގެ މޮޅު ޚިދުމަތެއް ތަނުގައި ތިއްބަވާ ޙަކީމުން ދެއްވާ ކަން އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަމެވެ. އެކަމަށް އަޅުގަނޑު ކެރިހުރެގެން ހެކިވާނަން މެއެވެ. އަދި ވަކީން ޚާއްޞަކޮށް އެތަނުގައި ދެން އެ ތިއްބަވާ އެހެނިހެން ޚިދުމަތުގާރުންގެ ތެރެއިން ވެސް ގިނަ ބޭބޭފުޅުންގެ ފަރާތުން ހަމަ އެހައި އޯގާތެރި ޚިދުމަތެއް ދެއްވާނޭ ކަމުގެ ޔަޤީންކަން ވެސް އަޅުގަނޑު ދޫކޮށެއްނުލަމެވެ.

އެހެން ނަމަވެސް، މަދު ބަޔެއްގެ ސަބަބުން ނަމަވެސް… ދެން އެ ވާހަކަ އިހަށް ބާއްވާނީ، ދެއްތޯއެވެ!