Support Us

ނަޖިސް ވަސް ކޮންޓްރޯލްކުރާ ސިސްޓަމެއް އެމްޑަބްލިއުއެސްސީން ގާއިމްކޮށްފި

ނަރުދަމާ ނިޒާމްތަކުގެ ޕަންޕް ސްޓޭޝަންތައް ހުންނަ ސަރަހައްދުން ދުވާ ނަޖިސް ވަސް ކޮންޓްރޯލްކޮށް، އާއްމު ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީން) އިން ޒަމާނީ ވަސީލަތްތައް ގާއިމްކޮށް، ބޭނުންކުރަން ފަަށައިފި އެވެ.

މި ސިސްޓަމް ހަރުކުރި ސަރަހައްދުގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މިއަދު ވިދާޅުވީ މި ޒަމާނީ ވަސީލަތްތަކަކީ ޕަންޕް ސްޓޭޝަންތައް ގާއިމްކޮށްފައިވާ ސަރަހައްދުތަކުގެ ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުންފުނިން އެކި ކަހަލަ ދިރާސާތައް ކުރުމަށްފަހު ބެހެއްޓި އައު ނިޒާމެއް ކަމަށެވެ.

"މިއީ ކުންފުނިން ޒަމާނީކޮށް ތިމާވެއްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއް،" މަތީން ވިދާޅުވި އެވެ.

އެމްޑަބްލިއިިއުއެސްސީން ބުނީީ މި މައްސަލަ ހައްލުކުރުމަށް ވަސް ކަނޑުވާ ސިސްޓަމް އެންމެ ފުރަތަމަ ބަހައްޓާ ބޭނުންކުރަން ފަށައިފައިވަނީ އިންދިރާގާދީ މެމޯރިއަލް ހޮސްޕިޓަލް ކައިރީގައި ހުންނަ ހަތަރު ނަމްބަރު ޕަންޕް ސްޓޭޝަންގައި ކަމަށެވެ.

"ނަރުދަމާ ނިޒާމުގެ ޕަންޕް ސްޓޭޝަންގެ ވެންޓިލޭޝަނަށް މި ގެނެވުނު ބަދަލުގެ ތެރެއިން ޕަންޕް ސްޓޭޝަންތަކުގައި މިހާރު ހުންނަ ވަސްހޮޅި ނަގައި، ޒަމާނީ އައު ނިޒާމެއް ޕަންޕް ސްޓޭޝަންތަކުގައި ބެހެެއްޓިގެންދާނެ،" އެމްޑަބްލިއުއެސްސީން ބުނެ އެވެ.

ވައި ސާފުކުރާ މި ނިޒާމުގެ ސަބަބުން ޕަންޕް ސްޓޭޝަނުން ޖައްވުގެ ތެރެއަށްދާ ވައިގައި ހުންނަ ނޭދެވޭ ވަހުގެ މިންވަރު 99 އިންސައްތައަށް ދަށްކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މި ވަސީލަތްތައް ދެން ގާއިމްކުރެވޭނީ ޕަންޕް ސްޓޭޝަން ދޭއްގަ އެވެ. އަދި އެއަށްފަހު މާލޭގެ ގާއިމްކޮށްފައިވާ ނުވަ ޕަންޕް ސްޓޭޝަނެއްގައި މި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް އެެއް އަހަރުގެ މުއްދަތަކަށް ބަހައިލައިގެން ކުރިއަށް ގެންދާނެ އެވެ.

މި މަސައްކަތްތައް ކުރިއަށްދާއިރު ޖާގަ ލިބޭ ސަރަހައްދުތަކުގައި ސޯލާ ޕެނަލްތައް ހަރުކޮށް، ޕަންޕް ސްޓޭޝަންތަކަކީ ތިމާވެއްޓާ ރައްޓެހި ވަސީލްތައް ބޭނުންކުރާ ތަންތަން ކަމުގައި ހެދިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި މަސައްކަތަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތް ފަސޭހަ ދިރިއުޅުމެއް ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، އެމްޑަބްލިއުއެސްސީން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.