ފެނަކައިން ނުއަގުގައި ދޯންޏެއް ކުއްޔަށް ހިފި ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެެެެވެ
ފެނައިން ނުއަގުގައި ދޯންޏެެއް ކުއްޔަށް ހިފި ކަމަށް ބުނެ މީސްމީޑިއާގައި ވާހަކަދައްކަން ފެށުމާ ގުޅިގެން އެ ވާހަކަތައް ދޮގުކޮށް އެ ކުންފުނިން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުން ގެންދަނީ އެ ކުންފުނިން "ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި އެކިއެކި ތާރީހުތަކުގައި ކޮށްފައިވާ މުއާމަތްތަކެއްގެ ލިޔެކިތުންތަކެއް" ކަމަށެވެ.
ފެނަކައިން ބުނީ އެގޮތަށް ފަތުރާ ވާހަކަތަކަކީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުނީގެ ޕްރޮކިއުމަންޓް މުއާމަލާތްތައް ހަރުދަނާކޮށް، ކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުބާރު ހޯދުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި ފިތުނަ އުފެއްދުމަށް ބަޔަކު ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.
"ހަގީގަތް އޮޅުވާލައި ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބު ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންގެންދާ ނާތަހުޒީބު މަސައްކަތްތަކަކީ ނިހާޔަތަށް ޣައިރުޒިންމާދާރު، އަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ މުޖުތަމައު ފަސާދަކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް،" ފެނަކައިން ބުނެފައިވެ އެވެ.
ފެނަކައިން ބުނީ މާޒީގައި އެ ކުންފުނިން ވަކި ދަތުރުތަކަށް ދޯނިފަހަރު ނަގައި އެވްރެޖް ގޮތެެއްގައި ހަތް މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ހަމަޖައްސައި، އެކަމުން ނާޖާއިޒު ފައިދާތަކެއް ބަޔަކު ނަގާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދިި މިހާރު އެ ދަތުރުތައް ކުރަމުން ގެންދަނީ "ކުންފުންޏަށް އެންމެ ފައިދާ ހުރި އެންމެ ހަރަދު ކުޑަވާނެ ގޮތެއް ބަލާފައި" ކަމަށް ވެސް ފެނަކައިން ބުނެފައިވެ އެވެ.
ފެނަކައިން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުންނާ ގާތުން ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ހިދުމަތް ދެމުން ގެންދާނެ ކަމުގެ ޔަގީންކަންދީފަ އެވެ.



advertisment

