ހުޅުމާލޭގައި ކޮމާޝަލް ކިއޮކްސް އަދި ޗެނަލްޕާކް ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްސްތައް ތަރައްގީ ކުރުމަށް ހުޅުވައިލައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ފޭސް ދޭއްގައި ކޮމާޝަލް ކިއޮކްސްތަކާއި ޗެނަލްޕާކް ސަރަހައްދުގައި އައުޓްލެޓްސްތައް ތަރައްގީކުރުމަށް ނިންމާފައިވާތީ އެތަންތަން ތަރައްގީކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފައިވާ ކަމަށެވެ.
މި ދެ މަޝްރޫއުވެސް ދޫކުރާނީ ލޭންޑް ލީސް ރައިޓްސް މޮޑެލްއަށް ކަމަށާއި ނަމަވެސް އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއައިއޯތައް އެހެން މޮޑެލްތަކަށް ވެސް ބޭނުންކުރެވިދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
މި މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް، އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫޢުތައް ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އީއައިއޯތައް އިވެލުއޭޓްކުރުމުގައި ބަލާނީ ހުށަހަޅާފައިވާ ވިޔަފާރިއަކާއި ހުށަހަޅާ ފަރާތުގެ ތަޖުރިބާ އަދި ސީއެސްއާރަށް ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ކޮމާޝަލް އައުޓްލެޓްސްތައްް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ 2:00 ގެ ކުރިން އެޗްޑީސީއަށް އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީ މައި އޮފީހަށް ހާޒިރުވެ އީއައިއޯތައް ހުށަހަޅަންޖެހެ އެެވެ. އަދި ކޮމާޝަލް ކިއޮކްސްތައް ތަރައްގީ ކުރާ ފަރާތްތަކަށް މިމަހުގެ 28 ވަނަ ދުވަހުގެ 2:00 ގެ ކުރިން އީއައިއޯތައް ހުށަހަޅަންޖެހޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތުތައް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.



advertisment

