Support Us

ކޮލަމް ކޯދު: ހަޔާތުގެ ވަށަރޮނގެއް- ފަގީރުންގެ ބޭންކަރު ޑރ. މުހައްމަދު ޔޫނުސް

ދުނިޔޭގެ އާންމުންގެ އަމާޒު ޑރ. މުހައްމަދު ޔޫނުސްގެ މައްޗަށް ހުއްޓުނީ 2006 ވަނަ އަހަރުއެވެ. އެ އަހަރަކީ ޑރ. މުހައްމަދު ޔޫނުސަށް ސުލްހަވެރިކަމުގެ ދާއިރާއިން ނޯބެލް އިނާމު އެރުވުނު އަހަރެވެ. ދެން، އެންމެންވެސް، އޭނައަކީ ކާކުކަން ދެނެގަންނަން ބޭނުންވިއެވެ. ސުލްހަވެރިކަމަށް މަސައްކަތްކުރުމުން ދުނިޔޭގައި ދޭ އެންމެ ބޮޑު އެންމެ ޝަރަފުވެރި އިނާމު ދިނީ ކީއްވެތޯ ހޯދަން އެންމެން ވެސް ބޭނުންވިއެވެ.

ޑރ. މުހައްމަދު ޔޫނުސް އުފަންވެވަޑައިގަތީ 1940 ވަނަ އަހަރު، މިއަދުގެ ބަންގްލާދޭޝްގައެވެ. އޭނަ އުފަންވެ ވަޑައިގެން އިރު، އެ ސަރަހައްދަކީ 'އިނގިރޭސި އިންޑިޔާ' ނުވަތަ 'ބްރިޓިޝް ރާޖް' މި އިސްތިއުމާރީ ބާރުގެ ދަށުގައިވާ ތަނެކެވެ. ފަހުން، 1947ގައި އިރުމަތީ ޕާކިސްތާނަށްވެ، އަދި އެއަށް ފަހު، 1971ގައި ބަންގްލާދޭޝްއަށްވީއެވެ.

ޑރ. މުހައްމަދު ޔޫނުސް އެންމެ ފުރަތަމަ ތައުލީމު ހާސިލުކުރެއްވީ އޭނަގެ އަވަށް ކަމުގައިވާ ހަތުއާގެ މަދަރުސާއެއްގައެވެ. އެއަށް ފަހު ޗިޓަގޮންގް ސިޓީގެ އިސްކޫލެއްގައެވެ. އޭނަގެ ސާނަވީ ތައުލީމު ނިންމެވުމަށް ފަހު، 1957ގައި ޑާކާ ޔުނިވަރސިޓީއާ ގުޅިވަޑައިގަތެވެ. އަދި 1960ވަނަ އަހަރު، އެ ޔުނިވަރސިޓީން ބީ.އޭ. ފާހާއި 1961 ވަނަ އަހަރު އެމް.އޭ. ފާސް ނެންގެވިއެވެ. އެއަށް ފަހު، 1965 ގައި އެމެރިކާގެ މުސްތަގިއްލު ރިސާޗު ޔުނިވަރަސިޓީއެއް ކަމުގައިވާ، ޓެނެސީގެ، ވެންޑަބިލްޓް ޔުނިވަސިޓީއަށް ވަޑައިގެން 1971 ވަނަ އަހަރު، އެ ޔުނިވަރސިޓީއިން، އިކޮނޮމިކްސްގެ ދާއިރާއިން ޕީ.އެޗް.ޑީ. ހާސިލުކުރެއްވިއެވެ. އަދި، އެމެރިކާގެ ބައެއް ޔުނިވަރސިޓީތަކުގައި އެސިސްޓެންޓް ޕުރޮފެސަރެއްގެ ގޮތުގައި ކިޔަވާދެއްވަން އުޅުއްވިއެވެ. އަދި، ފަހުން، 1972 ހިސާބު އެނބުރި ބަންގްލާދޭޝްއަށް ވަޑައިގެން، ކުޑަ ދުވަސްކޮޅެއްވަންދެން، ސަރުކާރުގެ އިސް ބައެއް ވަޒީފާތައް އަދާ ކުރެއްވުމަށް ފަހު، އެންމެ ފަހުން، ޗިޓަގޮންގް ޔުނިވަރސިޓީގެ އިކޮނޮމިކްސް ޑިޕާޓްމެންޓާ ހަވާލުވެވަޑައިގެން އެ ޑިޕާޓުމެންޓުގެ ރައީސްގެ މަގާމު ފުރުއްވިއެވެ.

ދެން، އޮތް ސުއާލަކީ އޭނާއަށް ސުލްހަވެރިކަމަށް މަސައްކަތްކުރުމުގެ ގޮތުން، ނޯބެލްގެ އިނާމު ލިބުނީ ކީއްވެ ހެއްޔެވެ؟ މި ޝަރަފު ލިބުން ގުޅެނީ އޭނަ އުފެއްދި ގުރަމީން ބޭންކާއެވެ. ނުވަތަ 'އަވަށު’، ނޫނީ 'ރަށު' ބޭންކާއެވެ! މިކަމުގެ ފެށުން ގުޅެނީ 1976 ވަނަ އަހަރު އޭނައަށް ބަންގްލާދޭޝްގެ އެންމެ ފަގީރު ބައެއް ގޭގެއަށް ޒިޔާރަތްކުރުމުގެ ފުރުސަތާއެވެ. އެ ފުރުސަތު އޭނައަށް ވަރަށް ބޮޑު ހަގީގަތެއް ހާމަކޮށްދީ އަންގައިދިނެވެ. މުޖުތަމައުގެ ބޮޑު ބައެއްގެ ދިރިއުޅުމުގެ ހާލަތެވެ. ފަގީރުކަމާއި މުހުތާދުކަން އިންތިހާއަށް ގޮއްސައި އޮތް ހާލަތެވެ. ދެން، މި ހާލަތް، އެއަށް ވުރެ ހެޔޮ ހާލަތަކަށް ބަދަލުކޮށްލާނީ ކިހިނެއް ކަމާމެދު ވިސްނަން ފެށިއެވެ.

މި ވިސްނުމުގެ ނަތީޖާއަކަށްވީ ދެ މަފްހޫމު އުފަންވުމެވެ. 'މައިކްރޯ ފިނޭންސާއި' 'މައިކްރޯ ކްރެޑިޓް' މި ދެ މަފްހޫމެވެ. މި ދެ މަފްހޫމު ދެނެގަތުމަށްޓަކައި، މި ދެ މަފްހޫމުގެ ފުރަގަހަށް ބަލާލަން ޖެހެއެވެ. ޝައްކަތް ނެތް ގޮތުގައި މީހުންގެ އިގުތިސާދީ ހާލަތް ބަދަލުވެގެންދަނީ މަސައްކަތްތެރިކަމުގެ މައްޗަށް ބިނާވެގެންނެވެ. އަމިއްލަ ވިޔާފާރިއާއި އަމިއްލަ މަސައްކަތްތައް ފެށުން ގުޅިފައި އޮންނަނީ ފައިސާލިބުމުގެ މައްޗަށެވެ. ފައިސާ، އާންމު ގޮތެއްގައި، ލިބެން އޮންނަނީ ބޭންކުތަކުން ލޯނުގެ ގޮތުގައެވެ. ނަމަވެސް، ބޭންކުތަކުން ތަމްވީލު ކޮށްދެނީ ބޮޑެތި މަޝްރޫއުތަކަށެވެ. އާދެ، ބޭންކުތައް ފޯރުކޮށްދެނީ 'މެކްރޯ ފިނޭންސުގެ' ޚިދުމަތެވެ. ކުދިކުދި މަޝްރޫއުތަކަށް ތަމްވީލެއް ނުކުރެއެވެ. އާދެ، މައިކްރޯ ފިނޭންސްގެ ޚިދުމަތެއް ބޭންކުތަކެއް ނުދެއެވެ.

ބޭންކުތަކުގެ ޚިދުމަތްތަކަކީ މެކްރޯ ފިނޭންސިން (ބޮޑެތި މަޝްރޫއުތަކަށް ތަމްވީލުކުރުން) ކަމަށް ވުމުން، ބޭންކުތަކުން ކުރެޑިޓަށް ވެސް ދޫކުރެވެނީ ބޮޑެތި އަދަދުތަކުގެ ފައިސާއެވެ. ހާސް ހާހުންނާއި ލައްކައިންނާއި މިލިޔަނުންނެވެ. އާދެ، ބޭންކުތަކުން ދަރަންޏަށް ދެވެނީ މެކްރޯ ކްރެޑިޓްގެ ޚިދުމަތެވެ. މައިކްރޯ ކްރެޑިޓުގެ ޚިދުމަތް، އާދެ، ކުޑަކުޑަ އަދަދުތަކަށް ލޯނެއް ބޭންކަކުން ނުލިބެއެވެ. މިސާލަކަށް ފަންސާހަކަށް ރުފިޔާ ނޫނީ ސަތޭކަ ވަރަކަށް ރުފިޔާގެ މައިކްރޯ ކްރެޑިޓްގެ ޚިދުމަތެއް ބޭންކުތަކުން ނުދެއެވެ.

ޑރ. މުހައްމަދު ޔޫނުސްއަށް ވިސްނިވަޑައިގަތީ ކުޑަކުޑަ މަޝްރޫއުތައް ފެށުމަށް ފަގީރުންނަށް ކުޑަކުޑަ އަދަދުގެ ލޯނުތައް ދެވިއްޖެ ނަމަ، އެމީހުންގެ އިގުތިސާދީ ހާލަތަށް ހެޔޮ ބަދަލެއް އަންނާނޭ ކަމެވެ. މިސާލަކަށް އޮނުގަނެ އެއިން ސާމާނު ތައްޔާރުކުރުމަށް މާ ބޮޑު ލޯނެއް އެ މީހުން ބޭނުމެއް ނުވެއެވެ. އެހެންވެ، އެންމެ ފުރަތަމަ 27 ވަރަކަށް ޑޮލަރުގެ ލޯނު އެކި މީސްމީހުންނަށް އޭނަ ދިނެވެ. އޭގެ ޖުމްލަ އިންޓެރެސްޓަކަށް ޖެހުނީ ވަރަށް ކުޑަ އެއްޗެކެވެ. ގާތްގަނޑަކަށް 50 ސެންޓެވެ. މިއީ ފަގީރުންނަށް ވެސް ލިބިގަނެ، ތަހައްމުލު ކުރެވިދާނޭ ޚިދުމަތަކަށް ވިއެވެ. ޑރ. މުހައްމަދު ޔޫނުސްގެ ގުރަމީން ބޭންކް އުފެދެން ދިމާވީ މި ނަންގަތް ހުސްކަން ފޫބެއްދުމަށެވެ. ފަގީރުންނަށް، ކުޑަކުޑަ މަޝްރޫއުތައް ފެށުމަށްޓަކައި ކުޑަކުޑަ އަދަދަތަކުގެ ލޯނު ދިނުމަށްޓަކައެވެ.

ގުރަމީން ބޭންކުގެ ސަބަބުން، އެތައްއެތައް ފަގީރުންގެ އިގުތިސާދީ ހާލަތު ރަނގަޅުވެގެންދިޔައެވެ. މީގެ އިތުރުން، ގުރަމީން ބޭންކުގެ ދެ މަފްހޫމް– މައިކްރޯ ފިނޭންސްއާއި މައިކްރޯ ކްރެޑިޓް– އެއީ ރަނގަޅު ދެ މަފްހޫމަށްވެ، ދުނިޔޭގެ 100 ވަރަކަށް ގައުމުގައި މި ދެ މަފްހޫމަށް އަމަލުކުރެވި، އެތައް ބައެއްގެ ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެނެވުނެވެ. ޑރ. މުހައްމަދު ޔޫނުސްއަށް 2006 ގައި ނޯބެލްގެ އިނާމު ސުލްހަވެރިކަމަށް މަސައްކަތްކުރުމުގެ ދާއިރާއިން ދެވުނީ މި ނަންގަތް ސަބަބަށްޓަކައެވެ. ނޯބެލް އިނާމު އޭނައަށް ހައްގުވާކަން ބަޔާންކޮށްދެމުން، ނޯބެލް އިނާމުދޭ އިސް އިދާރާއިން، ޑރ. ޔޫނުސްއަކީ މުޖުތަމައުގެ އެންމެ ތިރީ ހަރުފަތުން ފެށިގެން އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ގެންނަން މަސައްކަތް ކުރެއްވި 'ފަގީރުންގެ ބޭންކަރު’ގެ ގޮތުގައި ފާހަގަކުރިއެވެ.

މިތާ ފާހަގަކޮށްލަން ޖެހޭ އެންމެ ފުރަތަމަ ކަމަކީ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ނެތިކޮށްލާ އެންމެ ބޮޑު އެއްކަމަކީ ފަގީރުކަމެވެ. އަސާސީ ބޭނުންތައް މުޖުތަމައުގެ އަފުރާދުންގެ ބޮޑުބައަކަށް ނުފުދިފައި އޮތުމެވެ. މުޖުތަމައުގެ ބައެއް އަފުރާދުންނަށް 'ހައެއްކަ މަހު ފޯއްކޮށައި ވިއްކައިގެން' މިލިޔަނުން ފައިސާދައްކާފައި ފުލެޓުތައް ގަނެވޭއިރު، ގިނަ ބަޔަކު އަތްވާއި ވާރޭގައި މުޅި އުމުރު މަސައްކަތް ކުރުމުގައި ހޭދަކުރާ އިރު އުޅެން ޖެހެނީ ދިހަ ފޫޓު ދިހަ ފޫޓު ގޮޅިއެއް ކުއްޔަށް ހިފައިގެންނެވެ. މިހެން ކަންކަން އޮންނަ މުޖުތަމައެއްގައި ހަމަޖެހުމާއި ސުލްހަވެރިކަން އޮންނާނެ ހެއްޔެވެ؟ މި ނިކުތާއަށް ވިސްނާލުމުން، ޑރ. ޔޫނުސަށް، އޭނާ މަސައްކަތް ކުރެއްވީ އިގުތިސާދީ ރޮނގުން ކަމުގައި ވިޔަސް، ސުލްހަވެރިކަމަށް މަސައްކަތްކުރުމުގެ އިނާމު އޭނައަށް އެރުވުނީ ކީއްވެގެންކަން ވިސްނި އެނގޭނެއެވެ.

މަތީ މި ނަންގަނެވުނު، ޑރ. މުހައްމަދު ޔޫނުސްގެ ހަޔާތުގެ ވަށަރޮނގުން އިބުރަތްތަކެއް ލިބިގަނެވިދާނެއެވެ. އަމިއްލަ ފަރުދުންނަށް ވެސް އާންމު އަފުރާދުންގެ ހަޔާތަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނޭ ކަމެވެ. ހެޔޮ ހިތެއްގެ ވެރިޔަކަށްވެ، އާންމުންގެ ހާލަތު ދެނެގަނެ، އެ ހާލަތު ބަދަލުކޮށްލުމުގެ އަޒުމު އުފެދި، އެކަމާ މެދު ފިޔަވަޅެއް އަޅަން މަސައްކަތް ކުރުމުންނެވެ.