Support Us

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ރައްޔިތުންގެ ވޯޓަކަށް ހުށަހަޅާނަން: ރައީސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް ޤާނޫނަށް ގެންނަށްޖެހޭ އިސްލާޙުތައް ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ޕީއެންސީ ހައުސްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ރާއްޖޭގެ އިގުތިސާދު ވައްޓާލައިފައިވާ އަނދަވަޅުން އަރައިގަތުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމުގެ ވާހަކަ ވިދާޅުވި ފަދައިން އެ މަސައްކަތްތައް ކުރަމުން އަަންނަ ކަަމަށެވެ.

ރައީސް ވިދާޅުވީ ޕީއެންސީގެ މެނިފެސްޓޯގައި ރާއްޖޭގެ ކުރިއަށް އޮތް މުސްތަގުބަލަށް ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކުރާނެ ގޮތް ކަނޑައަޅާފައިވާއިރު ހަރަދު ކުޑަކުރާ ވާހަކަ ނުވަތަ ގައުމަށް ކަތާވަރުގެ ގޮތަކަށް މިގައުުމުގެ ނިޒާމު ބައްޓަން ކުރަންޖެހޭ ކަމަށެވެ.

ރައީސް ޑރ. މުުއިއްޒު ވިދާޅުވީ ރާއްޖޭގެ ސީޔާސީ ދުސްތޫރީ ނިޒާމު ކަނޑައެޅިފައި އޮންނަ ގޮތުން އިންތިހާބުތައް އެއީ ބާއްވަން ޖެހޭ އެއްޗެއް ކަމަށާއި ގައުމުގެ ކަންކަން ކުރަންޖެހޭނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްގޮތަށް ކަމަށެެވެ.

އެހެންނަމަވެސް އެކަންކަން ކުރަން ޖެހޭނީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އަދި ހަރަދު އެންމެ ދޮކޮޅުޖެހޭ ޒިންމާދާރު ގޮތަކަށް ކަަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމިގެން ދިޔައިރު 120 މިލިއަން އަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށާއި ރިޔާސި އިންތިހާބަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ދެ އިންތިހާބަކީ ހައެއްކަ މަސް ދުވަހުގެ ތަފާތެއް އެއް އިންތިހާބާއި އަނެއް އިންތިހާބާ ދެމެދުގައި އޮންނަ ދެ އިންތިހާބު ކަމުގައިވާއިރު އެންމެ ހަރަދު ކުޑަގޮތަކަށްވާނީ ވެސް އެ ދެ އިންތިހާބު އެކުއެކީގައި ބޭއްވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބް އެކުއެކީގައި ބޭއްވުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމުން އެ 120 މިލިއަން ރުފިޔާ ރައްޔިތުންގެ ފައިސާއިން ސަލާމަތްކުރެވި، އެފައިސާއިން ނިކަމެތި އެތައް އާއިލާއެއްގެ އެތައް ކަމެއް ސަރުކާރަށް ނިންމާދެވޭ ކަމަށެވެ. އަދި ކުޑަ ރަށެއްގެ މީހުން ދާއިމަށް ބޮޑު ރަަށަކަށް ބަދަލުކުރަން ބެލި ނަމަވެސް އެ ފަައިސާއިން އެކަންތައް ކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަރަދުގެ ގޮތުން ބެލި ނަމަވެސް އެންމެ ރަނގަޅު ގޮތަކީ މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުން ކަމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ވާނީ ވެސް އެގޮތަށް ކަމަށެވެ.

"އެހެންވީމަ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު އެބަ އޮތް، ގާނޫނު އަސާސީ އަށް މި އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް ނަގަންޖެހޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމާ ބެހޭ އިސްލާހު މި އަހަރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުން އެގޮތަށް ނިންމައިފިނަމަ 2028 ގައި މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *