ރާއްޖޭގައި ބިމާބެހޭ ސިޔާސަތެއް އެބައޮތް ތޯއެވެ؟ އެބައޮތެވެ. ޢާއްމު ގޮތެއްގައި ރާއްޖޭގައި ގިނަ ކަންކަމުގައި ޤައުމީ ސިޔާސަތު އޮންނަ ގޮތަށެވެ. އެއިރެއްގައި ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ސިކުނޑިފުޅުގައި އެކަމަކާ ބެހޭގޮތުން އޮންނަ އެއްޗެކެވެ. ދެކެވަޑައިގަންނަވާ ގޮތެވެ. ޤަބޫލުފުޅުކުރައްވާ ގޮތެވެ. ނުވަތަ ތަފާތު ނުފޫޒުތަކުގެ އޮއިވަރުގައި ޖެހިވަޑައިގަންނަވައިގެން ޤަބޫލުފުޅުކުރައްވަން ޙާލަތު މަޖުބޫރުކުރުވާ ގޮތެވެ.
މިއީ މައްސަލައެއް ނޫނެވެ. މައްސަލައެއްކަމަށް ބައެއް މީހުންނަށް ފެންނަނީ ކުއްލިކުއްލި އަށް ބޮޑެތި ނިންމުންތައް ނިންމެވުމުންނެވެ. ދިރާސާކުރުމެއް ނެތި ނިންމަވާ ނިންމުންތަކެއްހެން ހީކުރެވިގެންނެވެ. އެއްވެސް ދިރާސާ އަކުން އެކަމުގެ ސަބަބުން ޤައުމަށް ލިބިދާނެ ލާބައެއް ޢާއްމުކޮށް ހާމަވެފައި ނުއޮންނާތީވެއެވެ. މިފަދަ ކޮންމެ ނިންމުމެއްގެ ފަހަތުގައި މައިގަނޑު މަޤްސަދަކަށް ވެފައި އޮންނަނީ އެތަނަކުން ނުވަތަ އެ ސަރަހައްދަކުން ވޯޓު ހޯދުން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެެވެ.
ގިނަ ފަހަރު މިފަދަ ނިންމުންތައް ނިންމެނީ މުހިއްމު އިންތިޚާބަކާ ކުރިމަތިވެފައި އޮންނަ އިރުއެވެ. ނުވަތަ އިންތިޚާބެއްގެ ތެރޭގައެވެ. ވަރަށް ގިނަފަހަރު ނުވަތަ ބައެއްފަހަރު މާސްޓަރޕުލޭނޭ ކިޔާފައި ބޮޑު ޚަރަދުކޮށްގެން ބައެއް މަސައްކަތްތައް ކުރާނެ ގޮތުގެ ފޮތްތައް ޗާޕް ކުރެއެވެ. ޙަޤީޤަތުގައި އެ ފޮތުގައި ލަފާދީފައި އޮންނަ ގޮތަށް ހިނގަނީ މަދު ކަމެކެވެ. ކަންކަން ހިނގާ ގޮތަށް ބަލާލާއިރު އެފަދަ ފޮތްފޮތް ލިއުމުގެ މައިގަނޑު ބޭނުމަކީ ބައިނުލްއަޤްވާމީ މުޖުތަމަޢަށާއި ބައިނުލްއަޤްވާމީ މާލީ އިދާރާތަކަށް ކަންކަން ހިނގަނީ ދިރާސާކޮށްގެން ރޭވިގެންކަން ދެއްކުމެވެ. އެހީ ހޯދަން ފަސޭހައަކަށެވެ. މީގެ އެންމެ ރީތި މިސާލަކީ ފަތުރުވެރިކަމުގެ މާސްޓަރޕުލޭނެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާވެހިކަމެއް ހޯއްދަވައިދެއްވުމުގެ ބޭނުންފުޅުގައި އެއިރު ރަނގަޅަށް ހިނގަމުންދިޔަ ރިޒޯޓެއް ކަމުގައިވި ވިލިނގިލި މާލޭގެ އަވަށަކަށް ހައްދަވަން ނިންމެވިއެވެ. މާލޭގައި ގޯއްޗަށް ބޭނުންވެފައިވާ މީހުންނަށް ބޯހިޔާވެހިކަމެއް ހޯއްދައިދެއްވުމުގެ ބޭނުންފުޅުގައެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ފަހުން އާބާދުވާ ރަށްރަށް ތަރައްޤީ ކުރަނީ ވަރަށް ބޮޑަށް ރާވައިގެން ރައްޔިތުންގެ ފަސޭހަަތަކަށާއި އިތުރުވަމުންދާނެ އާބާދީ އާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ވެސް ރިޢާޔަތް ކޮށްގެންނެވެ. އަދި އެރަށެއްގެ މަލަމަތިވެސް ރީތިވާނެ ގޮތަކަށެވެ. ރަށުގެ ތިމާވެއްޓާއި ދިރިއުޅޭ މީހުންގެ ދުޅަހެޔޮކަމަށް ވެސް ރިޢާޔަތް ކުރެވިގެންނެވެ. ރަގަޅަށް ޒޯނުކުރެވިގެންނެވެ. ވިލިގިލީގެ އާބާދީގެ ބިންގާ އެޅުނީ ވެސް އެގޮތަށެވެ. މިހާރު؟ ސުބްޙާނަﷲ!!

މާލޭގެ ގެދޮރު ނެތް ރައްޔިތުންނަށް ގެދޮރު ހޯދައިދިނުމުގެ މަޤްޞަދު ވިލިގިލިން ފުރިހަމަނުވުމުން، ރައީސް މައުމޫނު ހުޅުލޭގެ ބިންހިއްކަވަން ނިންމެވިއެވެ. ރަނގަޅަށް ރާވައިގެން ރައްޔިތުންނަށް ގެދޮރުދިނުމާއި އެހެނިހެން ބޭނުންތަކުގެ އިމާރާތްތައް ވެސް ވަކި ސަރަހައްދެއްގައި ހެދޭ ގޮތަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޒޯނު ކުރެވިގެންނެވެ. އެންމެފަހުން ހުޅުލޭ ކައިރީގައި އޮތް ކުލަބްމެޑް/ފަރުކޮޅުފުށިވެސް ހުޅުމާލޭގެ މަޝްރޫއުގެ ތެރެއަށް ވެއްދިއެވެ. ޚަބަރު ލިބޭގޮތުގައި މިހާރު ރިޒޯޓެއް ހިންގަމުންގެންދާ ފުރަނަފުށި ވެސް ބޮޑުމާލޭގެ ތަރައްޤީގެ ތެރެއަށް ފަހުގެ ތާރީޚެއްގައި ވަންނާނެއެވެ. (ނޭނގުމެއްގެ ތެރޭގައި ތިބެ ނަމަވެސް މިހާރު މިދެވެނީ އައްޑިހައިގެ އަހަރުތަކުގައި އާރކިޓެކްޓް ޔުނިޓުން ރިފްޢަތު ޢަފީފް ބޮޑުމާލެ ތަރައްޤީ ކުރެއްވުމަށް ދެއްކެވި ތަޞައްވުރަށެވެ. މިހާރުގެ ހުޅުމާލެ އަކީ އޭނާގެ އެެއިރުގެ ތަޞައްވުރެކެވެ. ކައިރި އެކިއެކި ރިޒޯޓްތައްވެސް ބޮޑުމާލޭގެ ބޭނުމަށް ނެގޭގޮތަށް އޭނާގެ ތަޞައްވަރުގައި އޮތެވެ. އެ ތަޞައްވަރުގައި ފުޓްބޯޅަ ކުޅޭ ހުރިހާ ދަނޑުތައް ހަދާގޮތަށް އޮތީ ބަނޑޮހުގައެވެ.)
ހުޅުމާލޭން ބިން ދޫކުރަމުން ގެންދިޔައީ ތިން ގޮތަކަށެވެ. ގެދޮރުއެޅުމަށް ބިން ދޫކޮށްގެންނާއި، އުސް އިމާރާތްކޮށްގެން ފުލެޓް ހަދަން ބިން ދޫކޮށްގެންނާއި، ބީލަމުން ބިން ވިއްކައިގެންނެވެ. ހުޅުމާލޭ ގައި ރޭވުމެއްގެ ތެރޭަގައި ތަރައްޤީކުރެވެމުން ދިޔަ މަސައްކަތުގައި ރެނދުލާން ފެށީ (އަޅުގަނޑުގެ ނަޒަރުގައި) ރައީސް ޔާމީނުގެ ވެރިކަމުގައެވެ. ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވުމާއި އެކު ކުރިން ވަކި މިންވަރަކަށް ވުރެ އުސްކޮށް އިމާރާތްކުރުން މަނާކޮށްފައި އޮތް ސަރަހައްދެއްގައި އިމާރާތް އުސްކުރަން ހުއްދަ ދެއްވިއެވެ. ޙަޤީޤަތުގައި އެގޮތަށް ހަދާފައި އޮތީ އެ އިމާރާތްތަކުގެ ފަހަތު ގައި އުސްކޮށް ކުރެވޭ އިމާރާތްތަކަށް ވެސް މޫދާއެކު ރީތި މަންޒަރު ފެންނަ ގޮތަށް ހެދުމަށެވެ. ރައީސް ޔާމީން ރާއްޖޭގެ އެންމެން ހުޅުމާލެ އަށް އައުމުގެ ދަޢުވަތު ދެއްވިއެވެ. ލަފާ ކުރެވޭ ގޮތުގައި ޔާމީންގެ ވިސްނުންފުޅު އެއިރު މައިގަނޑު ގޮތެއްގައި އޮތީ ބޯހިޔާވައްސެއް ދެއްވުމަށެވެ. އެތަނުގައި ދިރިއުޅޭ މީހުންގެ ބޭނުންތަކާއި މެދު މާބޮޑަށް ވިސްނަވާފައި އޮތްހެނެއް ހީއެއް ނުވެއެެވެ. މުނިފޫހިފިލުވާނެ ތަންތަން ތަނާއި ކައިރިން ސްކޫލަށް ކުދިން ފޮނުވޭނެ ގޮތަކާއި، ބޭސްފަރުވާ ކުރެވޭނެ ނިޒާމަކާ މެދު ވިސްނަވާފައި އޮތަސް އެކަންކަން އެކިއެކީ ކުރެވިފައި ނެތުމުން ހުޅުމާލޭ ގައި އަލަށް ދިރިއުޅެންފެށި މީހުން އިންތިހާ ދަރަޖައިގެ އުދަގުލާއި ކުރިމަތިލާން ޖެހުނެވެ.ވެރިކަމުގައި ކުރެވިފައި ހުރި ކަންކަމަށް ބަލާލާއިރު އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ ޔާމީނުގެ ވެރިކަމުގަައި ގެދޮރުވެރިކަމާ ބެހޭގޮތުން ގެންގުޅުއްވި ސިޔާސަތަކީ މާލޭގެ ގެދޮރު ނެތް މީހުންނަށް ގެދޮރު ހޯއްދަވައިދެއްވުމަށް ވުރެ ބޮޑަށް މާލެ ތޮއްޖެއްސެވުމުގެ ސިޔާސަތެކެވެ.
ގެދޮރުއެޅުމަށް ބިންހިއްކެނީ ވަރަށް ބޮޑު ޚަރަދެއް ކުރެވިގެންނެެވެ. ތެލުންނެވެ. ރަނގަޅެވެ. އަޅަނީ ވެއްޔެވެ. އެ ވެލި އަންނަނީ ތެލުގެ ޒަރީއާއިންނެވެ. ބިންހިއްކުމަށް ވަރަށް ބޮޑު ޤުރުބާނީއެއްވެސް ކުރެވެއެެވެ. އަޅުގަނޑުމެންގެ ނާޒުކު ތިމާވެއްޓަށް ލިބޭ ގެއްލުމެވެ. ތިމާވެއްޓާ ބެހޭ އޮފީހުގައި މަސައްކަތްކުރައްވާ އިސް ސިޔާސީ ބޭފުޅުންނާއި ތަޖުރިބާކާރުން އެ ވަޒީފާގައި ދެމިތިއްބަވާހާ ހިނދަކު މިކަމަށް އެއްބަސްވެވަޑައި ނުގަންނަވާނެއެވެ. ވަޒީފާ ގެއްލުމާ އެކު ތިމާވެއްޓަށް ހުރި ނުރައްކަލުގެ ވާހަކަ ދައްކަވަން ފައްޓަވައެވެ. މިފަދަ ބޮޑު ހޭދަ އަކާއި ޤުރުބާނީއެއްވެގެން އަޅުގަނޑުމެން އުފައްދާ ބިން ދިގު މުސްތަޤްބަލްގައި ޤައުމުގެ ގިނަ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް، ބޭނުންކުރެވޭ ގޮތަށް ހެދުން ބޭނުންތެރިއެވެ. އެންމެ ފައިދާވާނީ ގެދޮރުއެޅުމަށް ކުދިކުދި ގޯތި ދޫކޮށްގެންތޯއެވެ؟ ނޫންނަމަ ގިނަ ބަޔަކަށް ބޯހިޔާވަހިކަމެއް ލިބޭނެ ގޮތަށް ތަފާތު ފެންވަރުގައި ސަރުކާރުން ބޯހިޔާވަހިކަން ދިނުމަށް އިމާރާތްތަކެއް ހަދައިގެންތޯއެވެ؟ ގޯތި ލިބޭ މީހުންގެ ތެރެއިން ހުޅުމާލޭ ކަހަލަތަނެއްގައި ކުޑަ އިމާރާތެއް ވެސް ކުރެވޭނީ ކިތައް މީހުންނަށްތޯއެވެ؟ ހިއްކާ ބިމާއި ޤުދްރަތީ ގޮތުން ރަށްރަށުން ލިބޭ ބިން ވިއްކުމާއި ބޭނުންކުރުމުގައި ތަފާތެއް އޮންނަންޖެހެއެވެ. ހިއްކާ ބިމަކީ ގިނަފަހަރަށް އަޅުގަނޑުމެން ޓެކްސްއަށް ދައްކާ ފައިސާ ޚަރަދުކޮށްގެން ހިއްކޭ ބިމެވެ. ބިން ދޫކުރެވެނީ ގެދޮރު އެޅުމަށެވެ. ފަތުރުވެރިކަމުގެ ޞިނާޢަތް މޫހިފާ ފައިވާ ރަށްރަށުގައި އެފަދަ ބިން ވިޔަފާރި އަށް ބޭނުންކުރެވޭނަމަ އެ ބިމަށް އަގުދައްކަންޖެހޭނެއެެވެ. އަދި އެފަދަ ބިމެއް ވިއްކާލެވޭނަމަ ޤުދުރަތީ ގޮތުން ރަށްރަށް އުފެދުމުގައި ލިބިފައި ހުންނަ ބިން ވިއްކުމަށް ކަނޑައެޅިފައި އޮންނަ އަގަށް ވުރެ މަތީ އަގެއް ކަނޑައެޅިފައި އޮންނަންވާނެއެވެ.
ބިމާއި ބެހޭ ކަންކަން ކުރާ ހުރިހާ އޮފީހަކުން ވެސް ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅެންވެއްޖެއެވެ. ޚާއްޞަކޮށް އެޗް.ޑީ.ސީ. އިންނެވެ. އެބޭފުޅުންގެ ލިޔެކިޔުންތައް ވަރަށް ފުރިހަމައެވެ. އެކަމަކު އަމަލުކުރައްވާ ގޮތާއި މެދު އެހެން ދެންނެވޭކަށް ނެތެވެ. ލިޔެކިއުންތައް ބުނާގޮތުން ބީލަން ކާމިޔާބުކޮށްގެން ބިން ލިބޭ ފަރާތުން ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި އަގުނުދައްކާނަމަ،އެ ބިން ބީލަމުގައި ބައިވެރިވި މީހުންގެ ތެރެއިން، ކާމިޔާބުނުވާ މީހުންގެ އިންތިޒާރީ ލިސްޓުގައި އެންމެ ކުރިއަށް އޮންނަ ނަމަކަށް ދެވޭނެއެވެ. އެކަން ހިނގަނީ އެހެންތޯއެވެ؟ އެޗް.ޑީ.ސީ.ން ކަނޑައަޅާފައި އޮންނަ މުއްދަތު ގައި ފައިސާ ދައްކާ މީހުންގެ ނަން ވެސް ޢާއްމު ކުރެވެންވީއެވެ. ފައިސާ ނުދައްކާ މީހުންގެ ނަން ވެސް ޢާއްމު ކުރެވެންވީއެވެ. ނާޖާއިޒު ފައިދާ ނެގުމާއި ސަރުކާރުގެ ތެރެއިން ވައްކަންކުރުން ހުއްޓުވޭނީ ހުރިހާ ކަމެއް އެއްވެސް ފޮރުވުމެއް ނެތި ހާމަކުރެވޭގޮތަށް އޮވެގެންނެވެ. މާލިއްޔަތާއި ބެހޭ ވުޒާރާ އިންނާއި އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރާއި ބެހޭ ވުޒާރާ އިންނާއި ފުލުހުންނާއި ޖަލުގެ ކަންތައްތައް ބަލަހައްޓާ ވުޒާރާއިން އުނދަގޫ ކަންތައްތަކެއް އެއްވެސް ފޮރުވުމެއް ނެތި ހާމަކުރައްވަމުން އެގެންދަވަނީއެވެ. ހުރަސްތައް ނައްތާލަން ކެރިގެން ފިޔަވަޅު އަޅުއްވާނެކަމަށް ވެސް ވިދާޅުވެއެވެ. ތެދު ހާމަކުރަން، ކަން އޮތްގޮތް ތެދުވެރިކަމާ އެކު ކިޔައިދޭން ބިރުގަންނަންވީ ކޮންކަމަކާތޯއެވެ؟ "ބިރުގަންނަނީ ކުށްވެރިން"ނެެވެ.
