Support Us

ޖަލުގައި މަރުވި މީހާއަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ދީފައިވާ ކަމަކަށް ނުބެލެވޭ: ފުލުހުން

މާފުށީ ޖަލުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑަށް އެއްވެސް ފަރާތަކުން ޖިސްމާނީ އަނިޔާއެއް ދީފައިވާ ކަމަކަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓައިފައި ހުރި ށ. ފުނަދޫ، ޒަމާނީވިލާ، މުހައްމަދު ޖަމީލް، 45، ނިޔާވެފައި އޮއްވާ ފެނިފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ޖަމީލްގެ މަރަށް ފަހު އޭނާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތަކެއް ފެންނަ ފޮޓޯތަކެއް އާއްމު ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށް އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

މި މައްސަލާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ ޖަމީލު މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ އޮތް ގޮޅީގެ ތެރޭގައި ސަޖިދައިގައި އޮއްވާ ކަމަށާއި މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށެވެ. އަދި އޭނާ ނިޔާވެފައިވާކަން ޑޮކްޓަރުން ނިންމީ އެ ދުވަހުގެ 12:45 ހާއިރު ކަމަށް ސާމިހު ވިދާޅުވި އެވެ.

"މުހައްމަދު ޖަމީލްގެ ހަށިގަނޑަށް ލިބިފައިވަނީ އެއްވެސް ފަރާތަކުން ޖިސްމާނީ ގޮތުން ދީފައިވާ އަނިޔާތަކެެއް ކަމަށް ގަބޫލެއް ނުކުރެވޭ،" ސާމިހު ވިދާޅުވި އެވެ.

ފުލުހުން ވަނީ މާފުށީ ޖަލުގައި ޖަމީލް އޮތް ގޮޅީގައި ހުރި ސީސީޓީވީ ފުޓޭޖް ވެސް އާއްމުކޮށްފަ އެވެ. އެ ފުޓޭޖުން ފެންނަނީ ޖަމީލް ނަމާދުގައި ސަޖިދަ އަށް ގޮސް އޮންނަ ތަނެވެ.

"ޖަމީލް ބަންދު ކުރެވިފައިވާ ގޮޅީގައި ސަޖިދައަށް ގޮސް އޮތުމުގައި އެެއްވެސް ހަރަކާތެއް ނެތި އެ އޮތްގޮތަށް އޮއްވާ ޕްރިޒަންސް އޮފިސަރުންނަށް ފެނިފައިވަނީ،" ސާމިހު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާގެ އަނގައިންނާއި ނޭފަތުން ފޮނު ނުވަތަ ހޮޑުފާޑުގެ އެއްޗެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި ކުޑަކަމުދެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ސަމީހު ވިދާޅުވި އެވެ.

ޖަމީލަށް އެއްވެސް ފަރާތަކުން ގޯނާއެއް ކޮށްފައިވާ ކަމުގެ އަލާމާތެއް ފެނިފައިނުވާ ކަމަށާއި އޭނާ އެންމެ ފަހުން ގޮޅިއަށް ވަދެފައިވަނީ 9:30 ހާއިރު ކަމަށާއި އޭގެ ފަހުން އިތުރު ފަރާތެއް އެ ގޮޅިއަށް ވަދެފައިނުވާ ކަމަށް ވެސް ސަމީހު ވިދާޅުވި އެވެ.

އާއްމު އުސޫލުން ޖަލުގެ އޮފިސަރުން ގޮޅިތަކަށް ހެނދުުނު ޒިޔާރަތްކުރާ އުސޫލުން އެ ގޮޅިއަށް ޒިޔާރަތްކުރިއިރު ޖަމީލު ނަމާދުގައި އޮތީމާ ގޮޅިއަށް ވަދެފައިނުވާ ކަމަށް ސީސީޓީވީ ފުޓޭޖުން ދެނެގަނެވިފައިވާ ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ.

"ހަށިގަނޑުން ބައެއް ކަހަލަ ނިޝާންތަކެއް ހުރި ކަމުގައި ވީނަމަވެސް އެއްވެސް ފަރާތެއްގެ ޖިސްމާނީ އަދި ފައުލް ޕްލޭއެއް އޮތް ކަމަކަށް ނުބެލެވޭ،" ސަމީހު ވިދާޅުވި އެވެ.

މީގެ އިތުރުން ޖަމީލް އައިޖީއެމްއެޗަށް ގެންގޮސް ސީޓީ ސްކޭން ހަދައިފައިވާ ކަމަށާއި އޭގެ ތަފްސީލް ލިބުމުން އެކަން ވެސް ހާމަކުރައްްވާނެ ކަމަށް ސަމީހު ވިދާޅުވި އެވެ. އަދި ޖަމީލްގެ ހަށިގަނޑު ވަޅުނުލާ އިތުރަށް ބާއްވަންޖެހޭ ސަބަބެއް ނެތް ކަމަށާއި ކަމާ ގުޅުން ހުރި ފަރާތްތަކުގެ ލަފައާ އެކު ވަޅުލުމުގެ ހުއްދަދީ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ސަމީހު ވިދާޅުވި އެވެ.

ސަމީހު ވިދާޅުވީ އާއިލާއާ ހަށިގަނޑު ހަވާލުކުރުމުގެ ފަހުން ޖިސްމާނީ ގޮތުން ޖަމީލްގެ ހަށިގަނޑަށް އަނިޔާތަކެއް ކޮށްފައި ހުރި ކަމަށް ބުނެ އެކިއެކި ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާތީ ހިތާމަކުރައްވާ ކަމަށެވެ.

ޖަމީލްގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ފޮނުވަން ރޭ ދަންވަރު ފުލުހުން އާއިލާއާ އެކު މަޝްވަރާކުރި ނަމަވެސް އެކަމާ އައިލާއިން އިންކާރުކޮށްފައިވާ ކަމަށާއި އާއިލާއިން އެކަމާ ދެކޮޅު ހަދައިފައިވާތީ ފަތިސް ނަމާދަށްފަހު ހަށިގަނޑު ވަޅުލުމުގެ ހުއްދަދިނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *