ހުލުމާލޭގައި ގޯތި ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް ހުއްދަ ނުނަގާ ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމާލެއިން ވިއްކައިފައިވާ, ކުއްޔަށް ހިފައިފައިވާ ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރާއިރު އެ ކޯޕަރޭޝަންގެ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއް ނެތި އަދި އިމާރާތްކުރުމާ ގުޅޭ ހުއްދަތައް ނުނަގައި ގޯތިތެރޭގައި މަސައްކަތް ކުރަމުން ގެންދާކަން މިހާރަކަށް އައިސް ފާހަގަކުރެވިފައިވާ ކަަމަށެވެ.
"ހުޅުމާލޭގައި ދޫކޮށްފައިވާ ގޯއްޗެއްގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން އިމާރާތް ކުރާނެ ގޮތުގެ ކުރެހުމެއް މި ކޯޕަރޭޝަނަށް ހުށަހަޅާ ފާސްކުރުމަށްފަހު، އިމާރާތް ކުރުމާ ގުޅޭ އެހެނިހެން ހުއްދަތައް ނަގަންވާނެ،" އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި އިމާރާތްކުރުމާ ބެހޭ އުސޫލުތައް އެ ކޯޕަރޭޝަންގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށެވެ.
"މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިފާލަށް ގޯތިތެރޭގައި މަސައްކަތް ކުރަމުން ގެންދާނަމަ ނުވަތަ އުސޫލާ ހިލާފަށް އިމާރާތް ކުރަމުން ގެންދާނަމަ އަދި އިމާރާތްކޮށްފައިވާ ނަމަ އެ ގޯއްޗެއްގެ ވެރިފަރާތާ މެދު ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅު އެޅޭނެ،" އެޗްޑީސީން ބުނެފައިވެ އެވެ.
ހުޅުމާލޭގައި އަމިއްލަ އެކިއެކި ކުންފުނިތަކާއި ސަރުކާރުގެ ހައުސިން އެކިއެކި ޕްރޮޖެކްޓްތަކުގެ ދަށުން އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ލިބިފައިވާ ފަރާތްތަކަށް ވެސް މިހާރު ގެންދަނީ އެ ފަރާތްތަކަށް ލިބިފައިިވާ ގޯތިތަކުގައި އިމާރާކުރުމަށް ހަވާލުކުރަން ފަށައިފަ އެވެ.



advertisment

