މަނިކުބޭ: ޖުހާއެވެ! ތިޔަ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ކޮން ޚުތުބާއެކޭ ހެއްޔެވެ؟
ޖުހާ: މި ދައްކަނީ ހައްޖު ދުވަހުގެ ޚުތުބާގެ ވާހަކައެވެ. ނަމިރާ މިސްކިތުގައި ސައުދީ އިމާމު ދެއްވި ޚުތުބާގެ ވާހަކައެވެ!
މަނިކުބޭ: އެ ޚުތުބާގައި ކީ ކޮން ވާހަކައެއް ހެއްޔެވެ؟ ކީ ހުސް ރަނގަޅު ވާހަކަ ނޫން ހެއްޔެވެ؟ ދެން، އެހެން ނޫނަސް އެ މާތް ބިމުގައި، އެ މާތް ދުވަހު، އެ މާތް މަގާމުގައި ދައްކާނީ ހުސް ރަނގަޅު މީހުން ހުސް ރަނގަޅު ވާހަކަ ނޫން ހެއްޔެވެ؟
ޖުހާ: ރަނގަޅު މީހުން ނުމީހުން ކަނޑައަޅަން އަހަންނަކަށް ނޭނގެއެވެ. އެހެން ނޫނަސް އެއީ އަހަރެންގެ އިޚްތިސާސުގެ ދަށުގައިވާ ކަމެއް ނޫނެވެ. އެހެންވެ، އެއީ އަހަންނާ ބެހޭ ކަމެއް ނޫނެވެ. ދެން، އެ ބިމާއި އެ މަގާމަކީ، އެއްވެސް، ޝައްކެއް ނެތް ގޮތުގައި މާތް ބިމަކާއި މާތް މަގާމެކެވެ. ދެން، އޭގެ މާނައަކީ އެ ބިމުގައި އެ މަގާމުގައި ދައްކާ ކޮންމެ ވާހަކައެއް ހަމަޖެހޭ ވާހަކައަކަށް ވުމެއް ނޫނެވެ. އެކަން ބިނާވަނީކީ ބިމާއި މަގާމުގެ މައްޗަކަށް ނޫނެވެ. އަދި އެ ވާހަކަ އެ ދުލަކުން ނިކުންނަ ދުލެއްގެ މައްޗަކަށް ވެސް ނޫނެވެ. އެކަން ބިނާ ވަނީ ސީދާ އެ ވާހަކައިގެ މައްޗަށެވެ. އެ ވާހަކައިގެ ނިޔަތުގެ މައްޗަށެވެ!
މަނިކުބޭ: ދެން، އެހެންވެއްޖިއްޔާ އެ ވާހަކަ ކިޔައިދީބަލާށެވެ!
ޖުހާ: މައްސަލައަކީ ތިއެވެ. މަނިކުބޭ އަހަރެން ކުރެން އެ ވާހަކަ އޮޅުންފިލުވާކަން ނުޖެހޭނެ ނޫން ހެއްޔެވެ؟ މަނިކުބެގެ ވެސް ހުރިހާ ހިއްސުތައް އަދި ސަލާމަތުން އެބަ ހުއްޓެއް ނޫން ހެއްޔެވެ؟ އަދި މަނިކުބެއަށް ވެސް އިވި ފެނޭ ނޫން ހެއްޔެވެ؟ ބުއްދި ސަލާމަތުން އެބަ އޮތް ނޫން ހެއްޔެވެ؟ އެހެން ވިޔަސް، މަނިކުބޭ މެން އެއްޗެއް ކިޔައި އަޑެއް ވެސް ނާހާނެއެވެ. ދެން، ދުލާއި ބިމާއި މަގާމަށް ބިނާކޮށް ރަނގަޅު ނުރަނގަޅު ކަނޑައަޅައި ނިންމަނީ ވިއްޔާއެވެ!
މަނިކުބޭ: ދެން، ހާސަރު ދިގުނުކޮށް އެ ޚުތުބާގެ ޚުލާސާ ބުނެދީބަލާށެވެ! އަދި، އޭގައި މައްސަލައެއް އޮތް ނަމަ، އެކަން ވެސް ބަޔާންކޮށްދީބަލާށެވެ!
ޖުހާ: އެންމެ ރަނގަޅެވެ. އަޑު އަހާށެވެ! ޚުތުބާގެ ޚުލާސާއަކީ މިއެވެ. ދުނިޔެއީވީ ކަންތައްތަކާއި ސިޔާސީ ކަންކަން ދީނީކަންކަމުގެ ތެރެއަށް ނުވައްދަން ޚުތުބާގައި ބާރުއަޅާ ގޮވާލިއެވެ. އެއީ އެއް މައްސަލައެވެ.
މަނިކުބޭ: ތިކަމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟
ޖުހާ: އޭގެ ދެ ފޮޅުވަތް ދޭތެރޭ އޮތް މައްސަލައެވެ. މުސްލިމުން ދުނިޔޭގެ ކަންކޮޅުތަކުގައި، ވަކިން ޚާއްސަ ގޮތެއްގައި ފަލަސްތީނުގައި މި ދުވަސްކޮޅު އަނިޔާ ލިބި، މަރައި ހުސްކުރަމުންދާ އިރު، އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނުމަށް ބުނާ ވާހަކައެވެ. މީގެ ކުރީގައި ޚާއްސަ ގޮތެއްގައި 90ގެ އަހަރުތަކާ ޖެހެންދެން، ކޮންމެ އަހަރަކު ދެ އީދުގައި ވެސް ޚުތުބާތަކުގައި ފަލަސްތީނު މިނިވަން ކުރުމުގެ ވާހަކަ ދައްކައެވެ. ކުރިއަށް އޮތް އަހަރު އަގުސާ މިސްކިތުގައި ނަމާދު ކުރާނޭ ވާހަކަ ދައްކައެވެ. އޭރު އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް، މިހާރު އެވާހަކަ ދުލު ކުރިން ނަންގަތުން ވެސް މަނާވީއެވެ.
ދެން، އެހެން ނޫނަސް، ދުނިޔަވީ ކަންކަން ވެސް، އަދި ސިޔާސީ ކަންކަން ވެސް އިންތިޒާމު ކުރަން ޖެހޭ އުސޫލުތައް ދީނުގައި ކަނޑައެޅިފައި އޮވޭ ނޫން ހެއްޔެވެ؟ މިކަންކަމާ މެދު އިހުމާލުވެގެން ދީން ގާއިމުކުރެވުނީ ކަމުގައި ބެލެވިދާނެ ހެއްޔެވެ؟ މި އުސޫލުތައް ގުޅެނީ ހަމަހަމަކަމާއި އަދުލު އިންސާފު އޮތް މުޖުތަމައެއް ބިނާ ކުރުމާއެވެ. މިވާހަކަތައް ނުދައްކާ މިކަން ކުރެވިދާނެ ހެއްޔެވެ؟ އެހެންވީމާ، އެ މާތް ބިމުގައި އެ މާތް ދުވަހު، އެ މާތް މަގާމުގައި ހުރި ކަމުގައި ވިޔަސް، އެ ދުލުން އެ ނުކުތީކީ ރަނގަޅު ވާހަކައެއް ނޫނެވެ. ތެދު ވާހަކައެއް ވެސް ނޫނެވެ. ހައްގު ވާހަކައެއް ވެސް ނޫނެވެ. ޚުތުބާގެ ފުރަތަމަ މައްސަލައަކީ މިއެވެ!
މަނިކުބޭ: ދެން، ޚުތުބާގެ އެހެން މައްސަލަތަކަކީ ކޮބައި ހެއްޔެވެ؟
ޖުހާ: ދެން އަދި އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. ޚުތުބާގެ ދުއާގެ މައްސަލައެވެ. ޚުތުބާގެ ދުއާގައި މިކިޔަނީ ރަސްގެފާނާއި ވަލީ އަހުދުގެ ކަންކަން ފުރިހަމަ ކޮށްދެްއްވުމުގެ ވާހަކައެވެ. އެ ދެބޭކަލުންގެ އުމުރު ދިގު ކޮށްދެއްވުމުގެ ވާހަކައެވެ!
މަނިކުބޭ: އެކަމުގައި އޮތީ ކޮންމައްސަލައެއް ހެއްޔެވެ؟
ޖުހާ: ދެ މައްސަލައެކެވެ! އެ ދެބޭކަލުންގެ ފުރިހަމަ ނުވެފައި އޮތީ ކޮން ކަމެއް ހެއްޔެވެ؟ ހިތުހުރި ވަރަކަށް މުދަލާއި ފައިސާ ލިބެން އެބަ އޮތެވެ. ހިތު ހުރި ވަރަކަށް ދުނިޔޭގެ އުފަލާއި އަރާމު ލިބެން އެބައޮތެވެ. ނަމަވެސް، މުޅި އިސްލާމި އުއްމަތް ތަމްސީލު ކުރާ މަގާމެއްގައި އެމީހުންގެ ކަންކަން ފުރިހަމަކުރުމަށް އިސްކަން ދެވެން ޖެހޭ ހެއްޔެވެ؟ އެތައް އެތައް ބަޔެއްގެ ގެދޮރު ހަލާކުކޮށް ފުނޑުކޮށްލައި، އެތައް ބަޔެއް ކަތިލައި ނައްތާލެވޭ ދުވަސް ވަރެއްގައެވެ.
ދެން އަދިވެސް އެހެން މައްސަލައެކެވެ. މި ދުއާ ކުރަމުންދާ އިރު، ރޮއި ރޮއިފައި ހައްޖާޖީން އާމީން ކިޔަމުން ދެއެވެ. އަޑު އިވޭ އެއްޗެއްގެ މާނައަކީ ކޮބައިކަމާ މެދު ވިސްމާލުމެއް ނެތިއެވެ. އަދި، އެކަމުގެ ބޭނުމެއް ވެސް އޮތް ކަމަކަށް ނުފެނެއެވެ! ކޮންމެ ފަދަ އެއްޗެއް މީހަކު ކިޔައި، އާމީން ކިޔުމުން، އާމީން ކިޔާ މީހާގެ ވާޖިބު އަދާވެ، އެ މީހުންގެ ހިތުގެ އެދުންތައް ފިުދިގެންދާ ކަހަލައެވެ!
މަނިކުބޭ: ތިވާގޮތެއް ހަމަ ނޭނގުނެވެ!
ޖުހާ: ނޭނގެން އޮތީ ކޮން ކަމެއް ހެއްޔެވެ؟ ދީނުގެ ހުރިހާ ކަމަކީ ވެސް ބޭރު ފުށް ކަމުގައި ބެލެވުމުްންވާ ގޮތެވެ. ހައްޖަށް ދަނީކީ ވެސް ނުވަތަ އެހެން އަޅުކަންކަން ކުރަނީކީ ވެސް ތަގުވާވެރިވެ، ހެޔޮލަފާ މީހަކަށް ވުމުގެ ދީނީ މަގުސަދު ހާސިލުކުރުމަށްޓަކައެއް ނޫނެވެ. ބަގަރާ ސޫރަތުގައި އޮންނަ ހެން، ހެއްދެވި ފަރާތަށް ވެސް އޮޅުވާލައި ބޭރު ފުށުން ކަންކަން ދައްކާލައި މަތި އޮމާންކޮށްލުމަށެވެ. يخادعون الله والذين آمنوا وما يخدعون إلا أنفسهم وما يشعرون (މާތްﷲއަށާއި އަދި އީމާންވި މީސްތަކުންނަށް އެ މީހުން(ގެ ހަގީގަތް) އެ މީހުންޮ އޮޅުވާލައެވެ. ނަމަވެސް، އެ މީހުން އެ މީހުންގެ އަމިއްލަ ނަފްސަށް ނޫން ބަޔަކަށް (ކަމެއް) އޮޅުވައެއް ނުލެވެއެވެ. ޚުދް މިކަން ވެސް އެމީހުންނަކަށް އިހުސާސެއް ނުކުރެވެއެވެ.)
މިހެން ބޭރު ފުރަށް އަހައްމިއްޔަތުކަން ދެވެނީ މިފަދަ ގޮތަކަށް ކަންކަން ކުރުމަށް ނަމިރާގެ ޚަތީބުގެ ދޫ ފަދަ ދޫތަކުން ދެކެވޭ ވާހަކަތަކުގެ ސަބަބުންނެވެ. މިވެނި ދުވަހަކު ރޯދަ ހިފައިފި ނަމަ، ވޭތުވެ ދިޔަ އަހަރާއި ކުރިއަށް އޮތް އަހަރު ދުވަހުގެ ފާފަތައް ވެސް ފޮހެވުނީއޭ ބުނާ ފަދަ ވާހަކަތަކެވެ. މިވެނި އަޅުކަމެއް ކުރުމުން އިހުގެ ހުރިހާ ފާފަތެކެއް ފޮހެވުނީއޭ ބުނެ ނިންމާލާ ނިންމާލުމުންނެވެ. ދެން، އެ ގޮތަށް ހިސާބުކޮށްލުމުން، އެ ބުނާ ދުވަހަކު ރޯދަ ހިފާފައި ނޫނީ އެ ބުނާ އަޅުކަމެއް ކޮށްފައި ހިތު ހުރި ގޮތަކަށް އުޅެންވީ ނޫން ހެއްޔެވެ؟ އެކަން ނިންމާފައި ކޭބަލްތައް ކަނޑައި ވައްކަން ކުރަންވީއެވެ. ފަސާދައިގެ އަމަލުތަކުގައި ބައިވެރިވާންވީއެވެ. ފާހިޝްކަންކަމުގެ ތެރެއަށް ގެނބިގަންނަންވީއެވެ. އަނެއް އަހަރު އަޅުކަން ތަކުރާރުކޮށް، ރޯދައެއް ހިފައި އެ ހުރިހާ ކަމެއް ފޮހެލެވޭނެތީީއެވެ! މަނިކުބޭ އެވެ! ޚުތުބާގެ މައްސަލައަކީ މިއެވެ. ބުއްދި ހަމަ ނުޖެހޭ ވާހަކަ ވެސް، ވަކި މީހަކު، ނުވަތަ ވަކި ބިމެއްގައި، ވަކި ތަނެއްގައި ވަކި މަގާމެއްގައި ދީނުގެ ނަމުގައި ދެއްކުމުން އެއީ ދީނުގައި ކަން އޮތް ކަމަށް ބަލައި، މާތްﷲ ތިމާއަށް ދެއްވި ހެޔޮ ބުއްދީގެ ބޭނުން ކުރުން، އެކަން ކުރުމަށް ކީރިތި ގުރުއާނުގައި ކިތަންމެ ވަރަކަށް ބާރު އަޅައި ގޮވާލެވިފައި އޮތް އިރު ވެސް، ދޫކޮށްލައި، ކަނު ސިފައެއްގައި ބުއްދި ނުވާ މަކުނުނުތަކެއް ފަދައިން، އެކަންކަން ބަލައިގަންނާތީއެވެ! އަމިއްލަ ބުއްދިއާއި ވިސްނުން ބޭނުން ނުކުރާ ބައެއް ކުރިއަރައި ބާރުވެރިވާނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ބުއްދި ބޭނުން ނުކުރުމަށް ކޮންމެ ދުވަހަކުމެ، ކޮންމެ ދުވަހަކުމެ، ތަކުރާރުކޮށް ގޮވާ ލީޑަރުންނަށް އުއްމަތަށް ހެޔޮ މަގު ދެއްކޭނީ ކިހިނެއް ހެއްޔެވެ؟ ޚުތުބާގެ ވާހަކަތަކުގެ މައްސަލައަކީ މިއެވެ!
