"މިއަދަކީ ހުކުރު ދުވަހެވެ. އަހަރެންގެ މަސައްކަތް ނިންމާލާފައި ގެއަށް އައިސް ޓީ.ވީ. ހުޅުވާލީމެވެ. އެ ވަގުތު އިއްތިފާގަކުން ހުޅުވާލެވުނީ މެދުއިރުމަތީ ކޮންމެ ވެސް ގައުމެއްގައި ހުކުރު ޚުތުބާ ވަގުތުން ފޮނުވަމުން ދިޔަ ޗެނަލް އަކަށެވެ. ދެ ގައުމުގެ ވަގުތުގެ ތަފާތު ހުރުމުން، އަހަރުމެންގެ ހުކުރު މާކުރީގައި ނިމިއްޖެއެވެ. ދެން، އަހަރެން ހިތަށް އެރީ ޓީ.ވީ. އިން އެ ފެންނަ ޚުތުބާގެ އަޑާއި މަންޒަރު ބަލައި އަޑުއަހާލާށެވެ.
ޚުތުބާގައި އަހަރެން އަޅައިގަތީ ޚުތުބާ ނިންމާލަމުން، ރަސްގެފާނަށް ދުއާކުރާ މަންޒަރާއި އަޑެވެ. އޭގައި އެ ރަސްގެފާނާއި އޭނާގެ އާއިލާއަށް ނަސްރު ދެއްވައި، އެ މީހުންގެ ވެރިކަން ދެމެހެއްޓުމަށް ބާރު އެޅިފައި ވެއެވެ. އެ މީހުންނަށް ދުނިޔޭގައްޔާއި ވެސް ހުރިހާ ހެވަކާއި މޮޅެއް އަދި އާޚިރަތުގައި ވެސް ހުރިހާ ހެވަކާއި މޮޅެއް ދެއްވުމަށް އެދި ރޮއިރޮއިފައި އިމާމު މީހާ ދުއާކުރިއެވެ. އަދި، އެއަށް ފަހު، މިސްކިތުގައި އެއްވެ ތިބި އެންމެން ވެސް، އަދި އޭގެ ތެރެއިން ބައެއް މީހުން، ފެންކަޅިވެ ތިބެ، އާމީންއޭ ކިޔައި އެ މީހުންގެ އަޑުން މިސްކިތުގެ ތެރެ ގުގުމާލިއެވެ.
ދެން، އަހަރެންގެ ހަނދާނުގެ އަސް ވަރަށް ބާރަށް ދުއްވާފައި ދިޔައީ މާ ދުރު ނޫން މާޒީއެއްގައި އަހަރެން އެ މީހެއްގެ ގެއަށް ޒިޔާރަތްކޮށް ބެލި ބަލި މީހެއްގެ ގާތަށެވެ. އެ މީހާގެ ބޭހާއި އެމީހާގެ ބަލީގެ ވާހަކަތަކަށެވެ.
އެ މީހާގެ ބޭސްތަކަށް ބަލާލުމުން، އެ މީހަކީ އެއިޑްސް ބަލީގެ މީހެއްކަން އެނގުނެވެ. ދެން، އެކަމުގެ ވާހަކަ ނުދައްކައި، އޭނައަށް ދޭން ޖެހުނު ފަރުވާ އެދުވަހު ދިނީމެވެ. ނިންމާލައިފައި ނިކުންނަށް އުޅެނިކޮށް އޭނަ ކޮންމެ ވެސް އެއްޗެއް ބުނަން ބޭނުންވިހެން ހީވުމުން އޭނަ ކައިރިއަށް ޖެހިލީމެވެ. ދެން އޭނަގެ ވާހަކަ އޭނަ ކިޔައިދިނެވެ.
އޭނަ ބުނީ އޭނަގެ ޒުވާން ދުވަސް ވަރު، ޔުނިވަރސިޓީ ނިންމުމަށް ފަހު މެދުއިރުމަތީގެ ގަލްފުގެ ގައުމަކުން ވަޒީފާއެއް ލިބުމުން އެ ގައުމަށް ބަދަލުވި ވާހަކައެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ، ޝާހީ އާއިލާގެ 'ބޭފުޅަކަށް' އޭނަ ފެނި އޭނައާ ގަޔާވެ، ޝާހީ ގަނޑުވަރުން އޭނައަށް ވަޒީފާއެއް ލިބުނު ވާހަކައެވެ. ދެން، އޭނަ ބަދަލުވީ ޝާހީ ގަނޑުވަރުގެ 'ބޯއި’އަކަށެވެ. އޭނަގެ 'ވަޒީފާ’އަކަށްވީ ޝާހީ ގަނޑުވަރުގެ ބައެއް ބޭފުޅުންގެ ޝަހުވަތުގެ އެދުން ފުއްދައިދިނުމެވެ. އަދިވެސް، ގަނޑުވަރުގެ ބަޛަޚް ދިރިއުޅުން ފެނުނު ވާހަކަ އޭނަ ކިޔައިދިނެވެ. ހަމަގައިމުވެސް ދުނިޔޭގެ މޮޅާއި، ދުނިޔޭގެ ހެވާއި ދުނިޔޭގައި އެ މީހުން ބޭނުންވި އަރާމެއް އެ 'ބޭފުޅުންނަށް' ލިބިފައި އޮތް ކަމުގެ ވާހަކަ އޭނަ ކިޔައިދިނެވެ. ދެން، ޗުއްޓީއެއްގައި ޔޫރަޕަށް ދިޔަ ދަތުރެއްގައި ލޭގެ ޓެސްޓެއް ހަދާލަން ގަސްދުކޮށް އެކަން ކުރުމުން އެނގުނީ އޭނަ އެއިޑްސް ބަލީގެ ޝިކާރައަކަށް ވެފައިވާ ކަމެވެ. އާދެ، އީމާމު މީހާ ޚުތުބައިގައި ރޮއިރޮއިފައި އެ މީހުންގެ ފާފަތައް ފުއްސެވުމަށާއި ދުނިޔޭގެ ހެޔޮކަން އެ މީހުންނަށް ދެއްވުމަށް އެދި ދުއާ ކުރާ މީހުންނަކީ ދުނިޔޭގެ ހުރިހާ މޮޅެއް ލިބިފައިވާ ބައެކެވެ. އަދި، އެކަން ނިޔާކުރީ، ދުނިޔޭގެ އަރާމާއި ލައްޒަތު ހޯދުމުގެ މަސައްކަތުގައި އެހެން ޒުވާނުންގެ ހަޔާތް ބަރުބާދުކޮށްލައި ފުނޑުފުނޑުކޮށްލުން ވެސް އެންމެ ރަނގަޅު ކަމެވެ. މިފަދަ 'ބޭބޭފުޅުންގެ ރަސްކަމާއި ބާރު ދެމެހެއްޓުމަށް ދުއާކުރަނީ އެ ބޭފުޅުންގެ އައްޔާޝީ ދިރިއުޅުން ދެމެހެއްޓުމަށް ބާވައެވެ! އަދި، މިސްކިތުގައި އެއްވެފައި ތިބި މީހުން ހަމަ އެހާ ވެސް ޖާހިލީ ބާވައެވެ. ނޫނީ ހަމަ އެވާސް އެމީހުންގެ މުނާފިގުކަން ބޮޑީބާވައެވެ! ރޮއިރޮއިފައި އާމީން ކިޔަމުން އެދަނީ އެހެންވެތާއެވެ! ކޮންމެ އަކަސް މިއީ އަހަރެންގެ ހިތަށް އެރި ގޯސް އެއްޗަކަށް ވެދާނެއެވެ. އެކަމަށްޓަކައި މާތްﷲގެ ހަޟުރަތުން މާފަށް އެދެމެވެ!" މިއީ ޑަކްޓަރުގެ ޑައިރީން ނެގުނު ވާހަކައެކެވެ. ހަމަ ހަގީގީ ވާހަކައެކެވެ. ހިނގައިދިޔަ ހާދިސާއެކެވެ.
ޑަކްޓަރުގެ ޑައިރީން މި ވާހަކަ ކިޔާލައިފައި އަޅުގަނޑުގެ ޚިޔާލުގެ އަސް ދުވެފައި ދިޔައީ ރާއްޖޭގައި ކިޔާ ހުކުރު ޚުތުބާއާ ދިމާއަށެވެ. އެ ޚުތުބާގައި ވެސް މަތީގައި ޑޮކްޓަރު އަޑުއެއްސެވި ޚުތުބާ ކަހަލަ ޚުތުބާތަކުގެ ހަނދާން އާވެގެން ދިޔައެވެ. ޚުތުބާ ނިންމާލަމުން، ވެރިކަން ކުރުމަށްޓަކައި، މާތް ﷲ އިރާދަކުރައްވައި ހޮއްވަވާފައިވާ، ވެރިންނަށް ނަސްރާއި ކާމިޔާބު ދެއްވައި ދުނިޔޭގެ ވެސް އަދި އާޚިރަތުގެ މޮޅު ވެސް އެ މީހުންނަށް ދެއްވުމަށް އެދި ދުއާކުރާ ކުރުމާއެވެ.
މިއީ ގޯސް ކަމެއް ހެއްޔެވެ؟ އެއްވެސް ޝައްކެއްނެތް ގޮތެއްގައި، ހެޔޮ އެދިގެން، މީހެއްގެ މައްޗަށް، އެއީ ރަސްކަލަކަށް ވިޔަސް ނޫނީ ކަސްކަލަކަށް ވިޔަސް، ހަމަ އެންމެ ރަނގަޅު ކަމެވެ. ރަން އިލޮށިން ނޫނީ ފީ އިލޮށިން ކަދުރު ފަރިއްކުޅުއްވައި ނޫނީ ކާ ބޭފުޅަކަށް ނޫނީ މީހަކަށް ވިޔަސް ވެހެވެ. ނަމަވެސް، އީމާމު އެ ބުނާ 'މާތްﷲ އިރާދަކުރައްވައި ހޮއްވަވާފައި' ތިއްބެވި ވެރިންގެ ސިޔަރަށް ބަލާލާށެވެ. ހަމަގައިމުވެސް، ރާއްޖޭގެ ތާރީޚުގައި ވޭތުވެދިޔަ އަށްޑިހަ އަހަރު ވެރިކަން ކުރި އެންމެން ހެން ވެސް ދުށީ ދައުލަތުގެ ޚަޒާނާއަކީ އެ މީހުންގެ އަމިއްލަ އެއްޗެއްގެ ގޮތުގައެވެ. ބަނޑަށް ޖެހި ބައެއް ރަށްރަށުގެ އާބާދީގެ ތިންބައި ކުޅަ ދެބައި މަރުވީ އިރު ވެސް އެއީ މައްސަލައަކަށް ނުވި ވެރިން ވެސް އުޅުނެވެ. ދައުލަތަށް ވަން ބޭރު ފައިސާ އޭނަ ބޭނުން އަގެއްގައި އޭނައަށް ގަނެވޭނޭ ގޮތަށް ހަމަޖެއްސި ވެރިންވެސް ވެރިކަމުގެ އިސްޓޭޖުން ފެނުނެވެ. ޖަލުތަކުގައި، ކުށެއް ނެތް އެތައް ބަޔަކަށް އަނިޔާކޮށް މެރި ވެރިން ވެސް ހަމަ މި އިސްޓޭޖުން ފެނުނެވެ. ދީނުގެ ނަމުގައި ވެރިކަމުގެ ޝަރުއިއްޔަތު ހޯދި ބައެއް މީސްމީހުން، މުޅި އުއްމަތަކީ އޭނަ ކަމުގައި ބަލައި، ވަރަށް ވެސް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ދައުލަތުގެ ޚަޒާނާ ހުސްކޮށްލައި، އިތުރު ފައިސާ ނެތިގެން ދައުލަތުގެ ހަރުމުދާ ވިއްކުމުގެ ސަގާފަތް ގާއިމު ކުރި މީސް މީހުން ވެސް ހަމަ އެ އިސްޓޭޖުން ދެއްކި ވެރިކަމުގެ ތަމްސީލުން ފެނުނެވެ. ދެން، މީގެ ބަދަލުގައި ރައްޔިތުންނަށް ލިބުނު ފައިދާއަކީ ކޮބައި ހެއްޔެވެ؟ ޑުރަގާއި އައްޔާޝީ ދިރިއުޅުން ޚިޔާރުކޮށް އެއްވެސް ބިރަކާ ނުލައި މަޖާކުރުމުގެ ހުއްދައެވެ. ވެރިކަމާ ނުބެހޭ ކަމަށް ވަންޏާ ހުރިހާ ކަމެއް ވެސް ކުރުމުގެ ލައިސަންސެވެ.
ދެން، އަޅުގަނޑުމެންގެ ކައިރި މާޒީއާ ހަމައަށް އާދެވުނު އިރު މި ސަގާފަތް އޮތީ ތަނުގައި އަށަގަނެ އޭގެ ވިހަ ވަކިތައް ވަރުގަދައަށް ހިއްޕާލާފައެވެ. މީހުން މެރުމުގެ ސަގާފަތެވެ. ވައްކަން ކުރުމާއި ފަސާދަ ހިންގާލުމުގެ ސަގާފަތެވެ. އައްޔާޝީ ދިރިއުޅުން ޚިޔާރުކޮށް، މީހާގެ ދުނިޔަވީ ނަޒަރަކީ ހަމައެކަނި ދުނިޔަވީ ހަޔާތުގެ ހިއްސީ އުފަލާއި ލައްޒަތު ހާސިލުކުރުން ކަމުގައިވެ، އައްޔާޝީ ދިރިއުޅުމުގެ ސަގާފަތެވެ. އަޑުގަދަ މީހާގެ ރުއް ގިނަވާ ސަގާފަތާ އެއްގޮތަށް އެންމެ ހަޑިހުތުރު އެއްޗެހި ގޮވައި އަޑުގަދަ ކުރާ ބަޔަކަށ ވެރިކަމުގެ ގޮނޑި ލިބި، ކުރިން މި ނަންގަތް ދުނިޔަވީ ނަޒަރު ހިންގާލުމުގެ ސަގާފަތެވެ. މަދުވެގެން ފަސްއަހަރު ތެރޭގައި ނެގެން އެންމެ ބޮޑު އަދަދަކަށ ދައުލަތުގެ ޚަޒާނާގެ މެޓާ ޖާޑިން މެތާ ނަގަންވީއެވެ. މި ސަގާފަތުގެ ތެރެއިން އެއްބަޔަކު ފައިސާނަގައި އަމިއްލަ ގެތަކާއި ހޮޓާތަކާއި އުޅަނދުތަކާއި އަދިވެސް ހޯދެން އޮތް އެއްޗެއް ހޯދީއެވެ. މީދާތައް ކުދިކުދި ބާކޮޅުތަކުން ދެމިގަންނަ ގޮތަށް، ގާނޫނީ ދާނގަނޑުން ބާގަނޑު ބާގަނޑު ހޯދައިގެން ނުވަތަ އެފަދަ ބާގަނޑުތައް ހަދައިގެން އެ މީހުންނަށް ދެމިގަނެވެއެވެ. މީގެ އިތުރުން އަނެއް ބަޔަކު ތިމަންމެންގެ ހޮބީއަކީ ދަތުރު ކުރުމޭ ކިޔަފައި ދުނިޔޭގެ އެކިއެކި ތަންތަނަށް ރައްޔިތުންގެ ފައިސާ ޚަރަދުކޮށްފައި ދަތުރުކުރީއެވެ. އަނެއް ބަޔަކު ރައްޔިތުންގެ ފައިސާއިން ބޮޑެތި އަދަދުތައް ދައްކާފައި ދެތިން ރެއަށް ބޮޑެތި އަގުގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްލަނީއެވެ.
އާދެ، ދެންވެސް، އަޅުގަނޑުމެންވީ ނޭނގޭ ކަމަށް ހަދައިގެން ނޫނީ މުނާފިގުވެ ތިބެ، "މާތްﷲ އިރާދަކުރައްވައި ހޮއްވަވާފައިވާ ވެރިންނަށް' ދުނިޔޭގެ ވެސް ހެޔޮކަމާއި އަދި އާޚިރަތުގެ ހެޔޮކަން އެދި ދުއާކުރާށެވެ. އަދި، އެ ދުއާ އިޖާބަކުރައްވާތޯ ރޮއިރޮއިފައި އާމީން ކިޔާށެވެ! މާތްﷲ އިރާދަކުރައްވައި އެ މީހުން ހޮއްވަވާފައި އެތިބީ ވައްކަމާއި ފަސާދައިގެ އަމަލު ހިންގަން ބާވައެވެ؟ ޑޮކްޓަރުގެ ޑައިރީގައި ލިޔެވިފައިވާ އެއިޑްސްގެ ޝިކާރައަކަށް ހެދި ޝާޙީ ބޭފުޅުންނަށްޓަކައި ދުއާކުރާ ކުރުމާއި އަޅުގަނޑުމެން އަޅުގަނޑުމެންގެ މަތީގައި ނަންގަނެވުނު ސިޔަރަތުގެ އަހުލުވެރި ވެރިން ދުއާކުރާ ކުރުމުގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ އަނެއްކާވެސް ބުނަން ޖެހެނީ އަޅުގަނޑުމެން ހަމަ އެހާ ވެސް ޖާހިލުވެފައި ތަންދޮރު ނޭނގެނީ ހެއްޔެވެ؟ ނޫނީ މުނާފިގުކަމުގައި ވެސް، މީސް މީހުން ނުދާ މަތީ ދަރަޖައަކަށް މުނާފިގު ވެވެނީ ބާވައެވެ! މިހެން، ޖާހިލުވެގެން، ނޫނީ މުނާފިގު ވެގެން ތިބޭ އިރު، މިއިން އެއްވެސް ކަމެއް ޚާލިގު ވަންތަ، އަލީމުވަންތަ މާތް ﷲ ދެނެވޮޑިގެން ވާނޭ ކަމަށް ނުބަލަނީ ހެއްޔެވެ؟ ނޫނީ ކަލާނގެއަކީ ވެސް ސިޔާސީވެރިންގެ ސިޔާސީ މަގާމެއްގައި ހުންނެވި ފަރާތެއްގެ ގޮތުގައި ނޭނގި ނަމަވެސް ބެލެވެނީ ހެއްޔެވެ؟