ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ދާ ފްލައިޓުތަކުގައި ގެންދެވޭ އެއްޗެއްސާ ގުޅޭ ގަވައިދުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ގިނަ ފަހަރަށް ބޭރުގެ ގައުމުތަކަށް މަތިންދާބޯޓުން ދާއިރު، އެ ތަންތަނަށް ގެންދެވޭ އެއްޗެހީގެ މައުލޫމާތު އެނގިފައި ނުވާތީ ފަސިންޖަރުންނަށް ގާނޫނީ މައްސަލަތައް ކުރިމަތިވެއެވެ.
ދުބާއީއަށް ދަތުރު ކުރާ ފަސިންޖަރުންނަށް ނުގެންދެވޭ ގޮތަށް ހަމަޖެއްސި ތަކެތި ގެންގޮސްފި ނަމަ، ޖޫރިމަނާ ކުރާ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފައެވެ.
މިހާރު ހޭންޑް ލަގެޖްގައި ނުގެންދެވޭ ތަކެތީގެ ތެރޭގައި ބޯއަނބުރާ ޒާތުގެ އެއްވެސް ބޭހެއް ނުވަތަ ބައެއް ގައުމުތަކުގައި މަސްތުވާތަކެތީގެ ގޮތުގައި ބެލެވޭ ބައެއް މާއްދާ ހޭންޑް ލަގެޖްގައި ނުގެންދެވެއެވެ. މީގެ ތެރޭގައި ކޮކެއިން، ހެރޮއިން، އަދި އަފިހުމުގެ އޮށް ހިމެނެއެވެ.
ދުފަން ބޭނުން ކުރާ ތަކެއްޗާއި އަދި ފަތްޕިލާވެލިން އުފައްދައިފައިވާ ބައެއް ބޭސް ވެސް ހޭންޑް ލަގެޖްގައި ނުގެންދެވެއެވެ.
ރައިނޯސަރަސް އާއި އެތުގެ ދަޅު ނުވަތަ "އައިވަރީ"ގެ ތަކެއްޗާއި ޖުވާ ކުޅޭ އާލާތްތަކާއި ތިންފަށްކޮށް ހުންނަ މަސް ބާނާ ދާ ވެސް ނުގެންދެއެވެ. މީގެ އިތުރުން ޔޫ.އޭ.އީން ގުޅުން ކަނޑައިލައިފައިވާ ގައުމުތަކުގެ މުދާ ގެންދިއުމަކީ ޖިނާއީ ކުށެކެވެ.
ހޭންޑް ލަގެޖްގައި ނުގެންދެވޭ ތަކެތީގެ ތެރޭގައި ޗާޕުކޮށްފައިވާ ތަކެއްޗާއި، ތެޔޮ ކުލައިން ކުރަހާފައިވާ ކުރެހުންތަކާއި ފޮޓޯ އާއި ފޮތާއި އަދި ހިލައިން ކަނޑާނަގައިފައިވާ ބުދު އަދި އެހެނިހެން ތަކެތި ވެސް ހިމެނެއެވެ.
ގަވައިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި "ފޭކް" ނުވަތަ ވަގު ނޫޓާއި ގޭގައި ކައްކައިފައިވާ ކާބޯތަކެއްޗާއި މަސް އެޅި ބާވަތްތަކުގެ ކާބޯތަކެތި ވެސް ނުގެންދެވެއެވެ.
މި ފަދަ ތަކެތި ހޭންޑް ލަގެޖުން ފެނިއްޖެ ނަމަ އެ މީހަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅަން ހަމަޖައްސައިފައިވެއެވެ.
މިހާރު ހަމަޖައްސައިފައިވާ ގޮތުން ހޭންޑް ލަގެޖްގައި ނުގެންދެވޭ ތަކެތި ގެންދަން ބޭނުން ނަމަ، އެ އަށް އަގު ދައްކަން ޖެހެއެވެ. އަދި އެ ގޮތުން އެޑްވާންސްކޮށް ނުވަތަ ކުރިން ފައިސާ ދައްކަން ޖެހޭ ބާވަތްތަކެއް ވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ. މީގެ ތެރޭގައި ގަސްގަހާގެއްސާއި އެއަށް ބޭނުންވާ ފަޓިލައިޒަރު ހިމެނެއެވެ. މީގެ އިތުރުން ބޭހާއި ސިއްހީ އާލާތްތަކާއި ފޮތާއި ރީތިވުމަށް ބޭނުން ކުރާ ކޮސްމެޓިކްސް ސާމާނާއި ވަޔަލެސް އިލެކްޓްރޯނިކް އާލާތްތަކާއި ބަނގުރަލާއި އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕް ކުރާ އާލާތްތަކާއި އިލެކްޓްރޯނިކް ގުޑުގުޑާ ހިމެނެއެވެ.
އެއްގޮތަކަށް ވެސް ނުގެންދެވޭ، އަދި ބައެއް ގައުމުތަކުން މަސްތުވާތަކީގެ ގޮތުގައި ކަނޑައަޅައިފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ބެޓަމެތޮޑޮލް، އަލްފާ-މެތިލްފެނަނިލް، ކެނެބިސް، ކޮޑޮކްސައިމް، ފެންޓަނިލް، ޕޮޕީ ސްޓްރޯ ކޮންސެންޓްރޭޓް، މެތަޑޯން، އަފިހުން، އޮކްސިކޮޑޯން، ޓްރައިމްޕެރިޑައިން، ފެނޮޕެރިޑައިން، ކެތިނޯން، ކޮޑެއިން، އަދި އެމްފެޓަމައިންއެވެ.